ޗޯޅާއިންގެ ރަސްކަމަކީ ދެކުނު އިންޑިއާގައި އުފެދުނު ކަނޑުގެ ބާރުގަދަ ތަމަޅަ އަންބަރާތޫރެކެވެ.  މިއީ ދުނިޔޭގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ދެމިއޮތް އެއް ރަސްކަމެވެ. ތަމަޅަ ސަރަޙައްދު (ތަމަޅަގަމް) ގެ ބާރުގަދަ ތިން ރަސްކަމުގެ ތެރޭގައި ހިމެނޭ ޗޯޅާ، ޗޭރާ އަދި ޕާންޑިއާ މި ތިން ދަރިކޮޅުން 13 ވަނަ ގަރުނާ ހަމައަށް ވެރިކަން ކުރިއެވެ. ޗޯޅާއިންގެ ބާރާއި ނުފޫޒު އެންމެ ގަދަކޮށް އޮތީ މީލާދުން 9-13 ގަރުނާ ދެމެދުގައެވެ.  ޗޯޅާއިންގެ ބާރުގަދަކަމުގެ ބިންގަލަކީ ރަސްގެފާނު ރާޖަރާޖާ1 (985-1014) ގެ ރަސްކަމެވެ. އެ ރަސްގެފާނު ފެށްޓެވި ކެމްޕޭނުގައި ދެކުނު އިންޑިޔާގެ ބޮޑު ބައެއް ފަތަހަކޮށް، ދިވެހިރާއްޖޭގެ އެންމެ އުތުރުގައި އޭރު އޮތް ދެ އަތޮޅާއި، ސްރީލަންކާގެ އުތުރުގެ ބައިތައް ވަނީ ހިފާފައެވެ. ޗޯޅާއިންގެ ކަނޑުގެ ލަޝްކަރަކީ އޭރުގެ އިންޑިއާގެ ކަނޑުގައި އޮތް އެންމެ ބާރުގަދަ ލަޝްކަރެވެ.

މީލާދީން 1010 އާއި 1153 އާ ދެމެދު، ޗޯޅާއިންގެ ސަރަޙައްދު ދެކުނުން ދިވެހިރާއްޖެއިން ފެށިގެން އުތުރުން އަންދްރަޕްރަދޭޝްގެ ގޯދާވަރީ ކޯރުގެ އައްސޭރިއާ ހަމައަށް ފެތުރިފައި އޮތެވެ. ރާޖަރާޖާ 1ގެ ރަސްކަމަށްފަހު އޭނާގެ ދަރިކަލުން ރާޖެންދުރާ1 (1014–1044) ގެ ރަސްކަމުގައި ސަރަޙައްދުތައް އިތުރަށް ހިފައި ބާރު އިތުރަށް ފުޅާކުރިއެވެ. 

ޗޯޅާއިންގެ ލިޔުންތަކުގައި ވަނީ ރަސްގެފާނު ރާޖަރާޖާ1 (985 -1014) ގެ ރަސްކަމުގެ 29 ވަނަ އަހަރު އޭނާގެ ވަރުގަދަ ކަނޑުގެ ލަޝްކަރެއް ދިވެހިރާއްޖެ ހިފުމަށް ފޮނުވިއެވެ. އެއީ އޭނާގެ ރަސްކަމުގެ ފަހު އަހަރު ނުވަތަ ފަހުކޮޅެވެ. ރާޖަރާޖާގެ ރަސްކަމުގައި ދިވެހިރާއްޖެ ހިފުމަށް ލަޝްކަރު ފޮނުވި ނަމަވެސް ޗޯޅާއިންނަށް ދިވެހިރާއްޖެ ހިފުނީ ކަނޑުމަތީގައި ކުރި ވަރުގަދަ ހަނގުރާމަ ތަކަކަށްފަހުގައި ރާޖެންދުރާ1 (1014–1044) ގެ ރަސްކަމުގައި ކަމަށް ބެލެވެއެވެ. ޗޯޅާއިންނަށް އެއްވެސް ދުވަސްވަރެއްގައި މުޅި ރާއްޖެ ހިފުނުކަމަކަށް ނުބެލެވެއެވެ. ޗޯޅާއިންގެ ބާރުގެ ދަށުގައި އޮތީ އޭރު ދިވެހިރާއްޖޭގެ އެންމެ އުތުރަށް އޮތް މަލިކު އަތޮޅާއި ތިލަދުންމައްޗެވެ. ޗޯޅާއިން ދިވެހިރާއްޖެ ހިފުމަށް މަސައްކަތްކުރި މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ އިގުތިސާދަށް ނުފޫޒު ފޯރުވުމާއި، ދިވެހިރާއްޖެ އޮތް ތަނުގެ ގޮތުން އިސްތިރާޖީގޮތުންނާއި ވިޔަފާރީގެ ގޮތުން ސަރަޙައްދުގެ މައްޗަށް ބާރު ހިންގުމެވެ. 

ޗޯޅާއިންގެ އަތްދަށަށް ގޮސްފައިވާ ދިވެހިރާއްޖޭގެ ދެ އަތޮޅު ދިވެހީން ހޯދާފައި ވަނީ އަނެއްކާ ވެސް ޗޯޅާއިންނާ ދެކޮޅަށް ކުރި ވަރުގަދަ ހަނގުރާމަތަކަކަށް ފަހުގައެވެ. މީލާދީން 12 ވަނަ ޤަރުނުގައި ދިވެހި ތަޚުތުގައި އިންނެވި ސިރީ މަހާބަރަނަ މަހާރަދުންގެ ރަސްކަމުގައި (1121-1142)، އެ ރަދުން ޗޯޅާއިންނާ ހަނގުރާމަކުރައްވައި އެމީހުން ބަލިކުރައްވައި އެމީހުން ހިފައިގެން ތިބި ދެ އަތޮޅު އަތުލެއްވި އެވެ. އެރަދުންނަށް ”ސާދަ އަތޮޅާއި ދުއިސައްތަ ޖަޒީރާގެ ރަސްގެފާނު“ ގެ ލަގަބުފުޅު އެ ހާދިސާއަށްފަހު އެރުވިއެވެ. އެވޭލާ ދިވެހިރާއްޖޭގެ ”ސާދަ އަތޮޅުގެ“ ތެރޭގައި މަލިކު އަތޮޅު ވެސް ހިމެނެ އެވެ.

ޗޯޅާއިންގެ އަތްދަށަށް ގެންގޮސްފައި އޮތް ދިވެހިރާއްޖޭ މަލިކު އަތޮޅާއި ތިލަދުންމަތި ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ގެނައި ކަމަށް ބެލެވެނީ މީލާދުން 1136 ވަނަ އަހަރުގައެވެ. ދިވެހިރާއްޖެއާ ޗޯޅާއިންނާ ހަނގުރާމަކުރި ވާހަކަ ޗޯޅާއިންގެ އެތައް ލިޔުމެއްގައިވެ އެވެ. މީގެތެރެއިން އެންމެ ފާހަގަކުރެވޭ ލިޔުމަކީ ރާޖަރާޖަ 1ގެ ރަސްކަމުގެ ދުވަސްވަރު ތަންޖަވުރު ފައްޅީގައި ކަނޑާނަގައިގެން ލިޔެފައިވާ ލިޔުމެކެވެ.  ”ރާޖަރާޖަގެ ރަސްކަމުން 29 ވަނަ އަހަރު ކަނޑުގައިވާ ގަދީމީ ބާރަހާސް ރަށްތަކާ ހަނގުރާމަކުޅައުމަށް އަރުމާޒެއް ފޮނުއްވިކަމުގައި“ އެ ލިޔުމުގައި ވެއެވެ.  މި ލިޔުމުގައިވާ ”ގަދީމީ“ ނުވަތަ “ މުސްކުޅި“ ބާރަހާސް ރަށްތަކަކީ ދިވެހިރާއްޖެއެވެ.

ޗޯޅާއިންގެ ރަސްކަމުގެ ބާރު ގަދަ ދުވަސްވަރަކީ މި ސަރަޙައްދުގައި ބުދު ދީނުގެ ބޮޑެތި ފައްޅިތައް ބިނާކޮށް އެ ދީން ފެތުރުމަށް ވެސް މަސައްކަތްތަކެއް ކޮށްފައިވާ ދުވަސްވަރެކެވެ. ނަމަވެސް މައިގަނޑު ސިޔާސަތަކަށް ހަދާފައިވަނީ އިގުތިސާދީ މަންފާ ހޯދިމެވެ.

ޝެއަރކުރެއްވުމަށް