ޒަމާނުންސުރެ ސިފައިންނަކީ ވަކި ކަހަލަ މަސައްކަތްތަކެއް ކުރަމުން އަންނަ ބައެކެވެ. ތަނާއި، ހާލަތާއި، ވަގުތާ ގުޅޭގޮތުން ސިފައިންނަކީ އަބަދުވެސް އެ ކުރާ މަސައްކަތަކަށް ފުރިހަމައަށް ތައްޔާރުވެ، ލިބިފައިވާ އާލާތްތައް ބޭނުންކޮށްގެން މަސައްކަތުގެ އަޚުލާޤާއި ސުލޫކު އެންމެ މަތީ ދަރަޖައިގައި ބަހައްޓައިގެން މަޤުސަދު ހާސިލުކުރުމަށް މަސައްކަތްކުރާ ބައެއްކަން އަބަދުވެސް އޮންނަނީ ފާހަގަވެފައެވެ. އެ މަސައްކަތަކީ ޖައްވާއި ކަނޑާއި އެއްގަމުގައި ކުރާ މަސައްކަތަކަށް ވިއަސް މިކަން އޮންނަނީ ހަމަ މިހެންނެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި އުފެދިފައި އޮތް ޤައުމެއް ކަމުގައި ވިއަސް، އެ ޤައުމަކަށް ސިފައިންގެ މުހިންމުކަން އިންތިހާއަށް ބޮޑެވެ. ޤައުމެއްގައި އުފެދިފައި އޮންނަ ސިފައިންގެ ފައުޖަކީ އެ ޤައުމެއްގެ ދިފާޢީ ހިތެވެ. ޤައުމުގެ ދިފާޢީ އައްޑަނައެވެ. އަދި ޤައުމަށް ދިމާވާ ތަފާތު އެކިއެކި ހައްސާސް ހާލަތްތަކުގައި އެންމެ ހަރަކާތްތެރި ބަޔަކީ ވެސް ސިފައިންނެވެ. އާންމުންނަށް ދަތި އުނދަގޫވާ ހާލަތްތަކުގައި ކޮންމެ ކަމެއްގައި ވެސް އެންމެ ކުރީސަފުގައި މަސައްކަތްކުރާ ބަޔަކީ ވެސް ސިފައިންނެވެ. މިއީ ދުނިޔެ ހެކިދޭ ޙަޤީޤަތެކެވެ.
އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިރާއްޖޭގައި ވެސް ސިފައިންނަކީ މުހިންމު، ޤައުމީ ޒިންމާއެއް މަތިކޮށްފައިވާ ބައެކެވެ. ދިވެހި ތާރީޚު ދިރާސާކުރައްވާ ފަރާތްތަކާއި ތާރީޚީ ލިޔުންތަކުން އެނގެން އޮތް ޙަޤީޤަތަކީ ރާއްޖޭގައި މީހުން އުޅެމުން އަންނަތާ އެތައް ޒަމާނެއް ވެފައިވާ ކަމެވެ. ހަމަ މި ބީދައިން ވަރަށް ކުރީއްސުރެ، ކޮންމެވެސް ސިފައެއްގައި ރާއްޖޭގައި ސިފައިންގެ ގޮތުގައި ބަޔަކު އަބަދުވެސް މަސައްކަތްކުރަމުން އަންނަކަން ލިޔުންތަކުން އެނގެން އެބަ އޮތެވެ. އެހެންކަމުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ސިފައިންގެ ނަމުން ނަން ނުކީނަމަވެސް، ސިފައިންގެ ދައުރު އަބަދުވެސް ކޮންމެވެސް ބަޔަކު އަދާކުރަމުން ދިޔަކަން އެނގެން އެބައޮތެވެ.
ކޮންމެ ޤައުމެއްގައި ވެސް ސިފައިންނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކަކީ ވަރަށް އާދަޔާ ޚިލާފު މަސްއޫލިއްޔަތުތަކެކެވެ. މި މަސްއޫލިއްޔަތުތައް ފުރިހަމަކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތަކަކީ އެހެން މުއައްސަސާތަކާއި އެހެން މީހުންނަށް ކުރަން އުދަނގޫ ނުވަތަ ވަކި ގޮތަކަށް ކަންކަން ކޮށްގެން މެނުވީ ނުކުރެވޭނެ ކަންކަމެވެ. އެހެންނަމަވެސް ސިފައިންނަށް މި މަސްއޫލިއްޔަތުތައް އަދާކުރެވެއެވެ. ސަބަބަކީތޯއެވެ. ސިފައިންނަކީ އެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޓަކައި ހަށިގަނޑާއި ވިސްނުން ވަކިގޮތަކަށް ބައްޓަންކޮށް، ކަމުގެ ހުނަރާއި ޢިލްމު ލިއްބައިދީ އަބަދުވެސް ތައްޔާރަށް ތިބޭ ބަޔަކަށް ވާތީއެވެ. މި ދެންނެވި ކަންކަމުގެ ތެރެއިން ފުރިހަމަކުރާ ހުރިހާ ކަމަކާއެކު ވެސް ސިފައިންގެ ޙަޤީޤީ ތައްޔާރުވުމަކީ އަސްކަރީ އަޚުލާޤެވެ. އަސްކަރީ އަޚުލާޤުގެ މަތިވެރި އުސޫލުތަކާއި ހަމަތަކުގެ ސަބަބުން ސިފައިންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އިންތިހާއަށް މަގުފަހިކޮށްދެއެވެ.
އަސްކަރީ އަޚުލާޤަކީ ކޮބައިތޯއެވެ. އަސްކަރީ އަޚުލާޤަކީ ސިފައިންގެ މީހާގެ އަޚުލާޤާއި ސުލޫކު ހުންނަންޖެހޭ ގޮތެވެ. އަސްކަރީ އަޚުލާޤުގެ ތެރޭގައި ހިމެނެނީ އަޚުލާޤުގެ އެންމެ މާތް ސިފަތަކެވެ. އިސްލާމީ ރިވެތި އަޚުލާޤުގެ މޫރިތި ސިފަތަކާއި އިޖުތިމާޢީ އަޚުލާޤުގެ އަދަބުތަކާއި ނަފުސީ އަޚުލާޤުގައި ހިފަހައްޓަންޖެހޭ އިންތަކާއި މިންތަކުގެ އިތުރުން، ހަރުދަނާ ޝަހުޞިއްޔަތެއްގައި ހުންނަންޖެހޭ މުހިންމު ހުރިހާ ސިފަތަކެއް އެކުލެވޭ ސިފައެކެވެ. މި އަޚުލާޤުން ހާސިލުކޮށްދޭ އެންމެ މުހިންމު ކަމަކީ ޤައުމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ޓަކައި ތައްޔާރަށް ހުންނަކަމުގެ ޔަގީންކަމެވެ. ސިފައިންގެ މީހަކު އަސްކަރީ ހަނގުރާމަވެރިއަކަށް ހެދުމަށް ޓަކައި ފުރިހަމަކުރާ ފުރަތަމަ ތަމްރީނުގެ، ފުރަތަމަ ފިލާވަޅުން ފެށިގެން އަސްކަރީ ޚިދުމަތުން ޝަރަފުވެރިކަމާ އެކު ވަކިވަންދެން މި އަޚުލާޤުގެ މަތީގައި ޤާއިމުވެ ހުރުމަކީ ސިފައިންގެމީހާގެ މައްޗަށް ވާޖިބު ކަމެކެވެ. ސިފައިންގެމީހާ ދަސްކުރާ އަސްކަރީ ޢިލްމާއި ހުނަރާއި އުކުޅުތަކުގައި ވެސް އެކުލެވިގެންވަނީ އަސްކަރީ އަޚުލާޤުގެ ހަމަތަކާއި އުސޫލުތަކެވެ. މިސާލެއްގެ ގޮތުގައި ހެވިކަން ބައްލަވާލައްވާށެވެ. ހެވިކަމަކީ ސިފައިންގެ މީހެއްގެ އަޚުލާޤުގެ ބިންގާ އަޅައިދޭ ހަރަކާތެވެ. މި ހަރަކާތުގެ ތެރެއިން ގިނަ ފިލާވަޅުތަކެއް ލިއްބައި ދޭއިރު، އޭގެތެރެއިން ވެސް މުހިންމު އަދި ޚާއްޞަކަން ދީފައިވާ ފިލާވަޅުތަކެއް ހިމެނެއެވެ.
ހެވިކަމުގެ ތެރެއިން ދަސްކޮށްދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ ކިޔަމަންތެރި ސިފައިންގެ މީހަކު އުފެއްދުމެވެ. ކިޔަމަންތެރިކަމަކީ އަސްކަރީ އަޚުލާޤުގެ އަސާސީ ސިފައެކެވެ. އަދި ސިފައިންގެ މީހެއްގެ އަސްކަރީ ހަޔާތް ވޭތުކުރަނީ ކިޔަމަންތެރިކަމުގެ ތެރޭގައެވެ. ކިތަންމެ މަތީ ތަމްރީނެއް ހެދިއަސް، ކިތަންމެ މަތީ ރޭންކެއްގައި ހުއްޓަސް، ކިތަންމެ ގިނަ ދުވަހަކު ޚިދުމަތުގައި ދެމިހުއްޓަސް، ކިޔަމަންތެރިކަމަކީ ސިފައިންގެ މީހާގެ އެއް ބައެވެ. ހެވިކަމުގެ ތެރެއިން ލިއްބައިދޭ އަނެއް ޚާއްޞަ ފިލާވަޅަކީ ހުޝިޔާރު، ހަރުދަނާ ސިފައިންގެމީހަކު އުފެއްދުމެވެ. ޚިދުމަތުގައި އަމިއްލަ ނަފުސަށް ވުރެ ޤައުމު އިސްކޮށް، ޤައުމަށް ޓަކައި ތިމާގެ ފުރާނަ ޤުރުބާންކުރަން ހުވާކޮށްގެން ހުންނަ ސިފައިންގެ މީހަކު ހުޝިޔާރުވާންޖެހޭނެ ވަރު ވަޒަން ކޮށްލައްވާށެވެ. އަދި އޭނާގެ ކިބައިގައި ހަރުދަނާ ޝަޚުސީ ސިފަ ހަރުލެއްވުމުގެ މުހިންމުކަން ވަޒަންކޮށްލައްވާށެވެ. މި ސިފައަކީ ވެސް ސިފައިންގެމީހާގެ އެއް ބައެވެ. ހެވިކަމުގެ ތެރެއިން ލިއްބައިދޭ ޚާއްޞަ ފިލާވަޅުތަކުގެ ތެރެއިން ތިންވަނަ ފިލާވަޅަކީ ޓީމު މެންބަރެއްގެ ގޮތުގައި ތައްޔާރުކުރުމަށް ޓަކައި ލައިދޭ މުހިންމު ފިލާވަޅުތަކެވެ. މަގުސަދު ހާސިލުކުރުމަށް ޓަކައި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މުހިންމުކަމާއި ޓީމުގެ މެންބަރުންގެ މެދުގައި އިޙުތިރާމްކުރުމުގެ ސަގާފަތް ދިރުވައި އާލާކުރުމުގެ މުހިންމުކަން ވަޒަންކޮށްދީ ޓީމުގެ މެންބަރުންގެ ތެރޭގައި އިޙުތިރާމް ކަށަވަރުވެފައިވާ ޓީމެއްގެ އުފެދުމަށް ޓަކައި ލިއްބައިދޭ ފިލާވަޅަކީ ވަރަށް މުހިންމު ފިލާވަޅެކެވެ. ޝައްކެއްނެތް ގޮތުގައި ސިފައިންގެ ލަޝްކަރު އުފެދިފައިވަނީ އެކި ވަރުވަރުގެ ޓީމުތަކުގެ މައްޗަށެވެ. ކޮންމެ ކަހަލަ މަސައްކަތެއް ކުރަން ޖެހުނު ކަމުގައި ވިއަސް، އެ މަސައްކަތެއް ފުރިހަމަކޮށް، ކަނޑައެޅިފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ޓަކައި އެކުލަވާލެވޭ ޓީމުގެ ތެރޭގައި އެއް އަމާޒަކަށް މަސައްކަތްކުރުމުގެ ވަރުގަދަ ރޫޙު އޮންނަންޖެހެއެވެ. އެހެންކަމުން އަސްކަރީ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހެވިކަމުގެ ހަރަކާތުގެ ތެރެއިން ލިއްބައިދޭ މި މުހިންމު ގިނަ ފިލާވަޅުތަކަކީ ވެސް އަސްކަރީ އަޚުލާޤުގެ މުހިންމުކަން ދޭހަކޮށްދޭ އަގުހުރި މިސާލެކެވެ.
ސިފައިން ހަރަކާތްތެރިވަނީކީ ހަމައެކަނި އަސްކަރީ ކަންކަމުގައެއް ނޫނެވެ. ސިފައިންނަކީ ޤައުމަށް ދިމާވާ ތަފާތު ހާލަތްތަކުގައި ވެސް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ބައެކެވެ. ޤައުމަށް ދިމާވާ ބޮޑެތި ކާރިސާތަކާއި މި ނޫންވެސް ތަފާތު އެކިއެކި ޤައުމީ ކަންކަމުގައި ހަރަކާތްތެރިވެއެވެ. އަދި ޤައުމީ ފެންވަރުގެ އިޖުތިމާޢީ ކަންކަމުގައި ވެސް ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. މި ކަންކަމުގެ ތެރެއިން ވެސް އާންމުން ފާހަގަކުރާ ޚާއްޞަ ކަމެއް ވެއެވެ. އެއީތޯއެވެ. އާންމުންގެ ނަޒަރުގައި ސިފައިން ފާހަގަވެފައިވަނީ ސިފައިން ކުރާ ކޮންމެ ކަމެއްގައި ވެސް އަސްކަރީ އަޚުލާޤު އިސްކުރާ ބައެއްގެ ގޮތުގައެވެ. މިކަމުގެ ފައިދާ ސިފައިންނާ އެކު މަސައްކަތްކުރާ އެހެނިހެން ފަރާތްތަކަށް ވެސް ދަނީ ކުރަމުންނެވެ. ސިފައިންގެ ފަރާތުން ފެންނަ މި ކަހަލަ ހަރުދަނާ ކަންކަމުގެ ސަބަބުން ސިފައިންނަށް ލިބޭ އިޙުތިރާމް އެތައް ގުނައެއް އިތުރުވެގެންދެއެވެ. ރައްޔިތުން ސިފައިންނަށް ކުރާ އިތުބާރު ބޮޑުވެއެވެ. މުއައްސަސާގެ ކަރާމާތާއި ޢިއްޒަތް އިތުރުވެއެވެ. މުއައްސަސާގެ ހައިބަތާއި ލީޑަރޝިޕްގެ ހަރުދަނާކަން ހާމަވެގެން ދެއެވެ. އެހެންކަމުން އަސްކަރީ އަޚުލާޤަކީ ޙަޤީޤަތުގައި ވެސް ސިފައިންގެ ޝަރަފެވެ.
