އަސްކަރީ އަޚުލާޤަކީ އަސްކަރީ އުސޫލުތަކާއި، ގަވާއިދުތަކާއި، އަދި އިސްވެރިން (ކޮމާންޑަރުންނާއި ލީޑަރުން)ގެ އަމުރުތަކަށް އެއްވެސް ފަސްޖެހުމެއްނެތި، ފުރިހަމައަށް ކިޔަމަންވުމެވެ. މިއީ ހަމައެކަނި ބޭރުފުށުން ދައްކާ ކިޔަމަންތެރިކަމެއް ނޫނެވެ. މިއީ ކޮންމެ ސިފައިންގެ މީހެއްގެ ނަފުސުގައި އުފެދިފައިވާ، އަމިއްލަ އިޚުތިޔާރުގައި ކަންކަން ތަރުތީބުކޮށް، މަސްއޫލިއްޔަތު އަދާކުރުމުގެ މަތިވެރި ސިފައެވެ. މިއީ މީހަކު ބަލަން ހުއްޓަސް ނެތަސް، އަމިއްލަ ނަފުސު ކޮންޓްރޯލްކޮށް، އޮންނަ އުސޫލުގެ ތެރެއިން ކަންކަން ކުރުމެވެ.
އަސްކަރީ އަޚުލާޤުގެ މައިގަނޑު މަޤްޞަދަކީ، ނުރައްކާތެރި އަދި ބިރުވެރި ހާލަތްތަކުގައި ވެސް، އިތުބާރާ އެކު އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެ، ތަރުބަވީ އަދި ތަރުތީބީ ލަޝްކަރެއް ބިނާކުރުމެވެ. މިއީ ހަމައެކަނި އަމުރަށް ކިޔަމަންތެރިވުމެއް ނޫނެވެ. މިއީ އަމިއްލަ ނަފުސުގެ މައްޗަށް އޮންނަ ކޮންޓްރޯލާއި، ތަމްރީނުގެ ޒަރީޢާއިން އުފައްދާ ފަރުދީ އަދި ޖަމާޢަތީ ސިފައެކެވެ. އަސްކަރީ އަޚުލާޤުގެ ސަބަބުން، އަމިއްލަ ނަފުސުގެ ކުރިއަށް ޤައުމީ މަޞްލަޙަތާއި ޤައުމީ ވާޖިބު އިސްކޮށް، ހަނގުރާމައިގެ މައިދާނުގައި ކުރިމަތިވާ ހާސްކަމާއި ނުތަނަވަސްކަމުގެ ތެރޭގައި ވެސް ސާބިތުކަމާ އެކު ދެމިހުރުމުގެ ބާރު ސިފައިންނަށް ލިބިގެންދެއެވެ.
އަސްކަރީ އަޚުލާޤުގެ މުހިންމުކަން
ތާރީޚީ ގޮތުން ބަލާއިރު، ރޯމަނުންގެ ލަޝްކަރުތަކުގައި ގެންގުޅުނު ހަރުކަށި އަސްކަރީ ތަމުރީނުތަކާއި އަދަބު ދިނުމުގެ ނިޒާމުން ފެށިގެން، މި ޒަމާނުގެ އަސްކަރީ ޤާނޫނުތަކާ ހަމައަށް އަސްކަރީ އަޚުލާޤުގެ މަފްހޫމު ވަނީ ތަރައްޤީވެފައެވެ. އަސްކަރީ އަޚުލާޤުގެ ސަބަބުން ހަނގުރާމައިގެ މައިދާނުގައި ނަތީޖާ ނެރުމުގެ ޤާބިލުކަން އިތުރުވެ، ނިޒާމެއް ނެތް ލަޝްކަރުތަކަށް ކުރިމަތިވާ ފަދަ ބަލިކަށިކަމުން ސަލާމަތްކޮށްދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، އަޚުލާޤީ ގޮތުން ވަރުގަދަ ލަޝްކަރުތަކުގެ ރޫޙު ވަރުގަދަވެ، ކުށްތަކަށް އަރައިގަތުން މަދުވެ، އަދި އޮޕަރޭޝަންތަކުގައި ދެމިތިބުމުގެ ބާރު ގަދަވެއެވެ.
އަސްކަރީ އަޚުލާޤުގެ މުހިންމުކަން ބޮޑުވަނީ ހަނގުރާމައިގެ މައިދާނުގައެވެ. ހާސްކަމާއި ނުރައްކާތެރި ވަގުތުތަކުގައި، ކޮމާންޑަރުގެ އަމުރަށް ކިޔަމަންވެ، އެކަކު އަނެކަކަށް އެހީތެރިވެގެން މަސައްކަތް ކުރެވޭނީ ހަރުދަނާ އަޚުލާޤެއް ހުރެގެންނެވެ. މީގެ އިތުރުން، ރައްޔިތުންގެ އިތުބާރާއި ލޯބި އަސްކަރިއްޔާއަށް ލިބެނީ ވެސް ސިފައިންގެ ކިބައިގައި ހުންނަ ރިވެތި އަޚުލާޤުގެ ސަބަބުންނެވެ.
އަސްކަރީ އަޚުލާޤުގެ މައިގަނޑު ބައިތައް
އަސްކަރީ އަޚުލާޤުގެ ތެރޭގައި ހިމެނޭ މައިގަނޑު ބައިތަކަކީ ކިޔަމަންތެރިކަމާއި، އަމިއްލަ ނަފުސު ކޮންޓްރޯލްކުރުމާއި، ވަގުތަށް ފަރުވާތެރިވުމާއި، އިޙުތިރާމުކުރުމާއި، ތެދުވެރިކަމާއި އަމާނާތްތެރިކަމެވެ. މީގެ ތެރެއިން ކިޔަމަންތެރިކަމަކީ މަތިން ކުރާ އަމުރުތަކަށް އެއްވެސް ފަސްޖެހުމެއް ނެތި، ވަގުތުންވަގުތަށް ޢަމަލުކުރުމެވެ. އަމިއްލަ ނަފުސު ކޮންޓްރޯލްކުރުމަކީ ދަތި އުނދަގޫ ހާލަތްތަކުގައި ވެސް ކެތްތެރިކަން އިސްކޮށް، ޖަޒުބާތުގައި ނުޖެހި ބުއްދީގެ ބޭނުންކޮށްގެން ޢަމަލުކުރުމެވެ. ވަގުތަށް ފަރުވާތެރިވުމަކީ ކޮންމެ ކަމެއްގައި ވެސް ގަޑިއަށް ސަމާލުކަން ދިނުމެވެ. އިޙުތިރާމުކުރުމަކީ އެ މީހަކަށް ވުރެ އިސް މީހުންނާއި އެކުގައި މަސައްކަތްކުރާ މީހުންނަށާއި ސިފައިންގެ ޔުނީފޯމާއި، ޤައުމީ ދިދައާއި، ޤައުމީ ނިޝާންތަކަށް އިޙުތިރާމުކުރުމެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަން އަސްކަރީ އަޚުލާޤުގައި މާނަކުރަނީ ޤައުމަށް ވަފާތެރިވުމާއި، ދީނީ އަދި އަސްކަރީ ހުވަޔާ އެއްގޮތަށް ޢަމަލުކުރުމަށެވެ.
އަސްކަރީ އަޚުލާޤުގައި ދެ ބައެއް ހިމެނެއެވެ. އެއީ ފަރުދީ އަޚުލާޤާއި ޓީމެއްގެ ގޮތުގައި އެންމެން އެކުގައި އަމުރުތަކަށް ތަބާވުމުގައި ދައްކައިދޭ އަޚުލާޤެވެ. އަސްކަރީ އަޚުލާޤަކީ މަދަނީ މުއައްސަސާތަކާއި އަސްކަރިއްޔާއާ ދެމެދު އޮންނަ އެންމެ ބޮޑު ތަފާތެވެ. އަސްކަރިއްޔާގައި ފަރުދީ އިހުސާސްތަކަށް ވުރެ ބޮޑަށް އިސްކަންދެނީ މަތިންކުރީ އަމުރަށާއި، މުޅި ޔުނިޓު ނުވަތަ އަސްކަރިއްޔާގެ އެއްބައިވަންތަކަމަށެވެ.
އަސްކަރީ އަޚުލާޤު އަށަގެންނުވުން
އަސްކަރީ އަޚުލާޤަކީ ކުއްލިއަކަށް އަށަގަންނަ އެއްޗެއް ނޫނެވެ. މިއީ ދިގުދެމިގެންދާ ތަމްރީނުތަކަކުން އަށަގަންނުވާ ސިފަތަކެކެވެ. އަސްކަރީ އަޚުލާޤު އަށަގެންނެވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ސިފައިންނަށް ފުރަތަމަ ދެވޭ އަސާސީ ތަމްރީނެވެ. މީގެ އިތުރުން، އިސްލާމީ ތަރުބިއްޔަތާއި، ޤައުމީ ލޯބި އާލާކުރުމާއި، އަދި އިސްވެރިންގެ ފަރާތުން ފެންނަ ނަމޫނާ ސިފަތަކަކީ އަސްކަރީ އަޚުލާޤު އަށަގެންނެވުމަށް ކޮންމެހެން ބޭނުންތެރި ކަންކަމެވެ. ކުދިކުދި ކަންކަމުން ފެށިގެން ބޮޑެތި ކަންކަމާ ހަމައަށް ގަވާއިދަށް ތަބާވުމަށް އާދަކުރުވުމަކީ މި ސިފަ ހަރުލެއްވުމަށް މަގުފަހިވާ ކަމެކެވެ.
ސިފައިންނަށް ދެވޭ އަސާސީ ތަމުރީނާއި އެހެނިހެން އަސްކަރީ ތަމްރީނުތަކުގައި އެންމެ ބޮޑަށް ބާރު އަޅާ އެއް ކަމަކީ ވަކިވަކި ފަރުދުންގެ ބަދަލުގައި ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ނަތީޖާނެރުމެވެ. މި ކަންތައްތައް ސިފައިންގެ ނަފުސުގައި ބިންވަޅު ނަގާ މައިދާނަކީ ހެވިކަމުގެ މައިދާނެވެ. އެހެންކަމުން އަސްކަރީ އަޚުލާޤަށް ވާސިލުވުމަށް އަސްކަރީ ހެވިކަމަކީ އެންމެ މުހިންމު އެއް ވަސީލަތެވެ.
އަސްކަރީ އަޚުލާޤުގެ އަސާސީ އުޞޫލުތައް ބިނާވެފައިވަނީ، އެންމެ ދަތިއުނދަގޫ ޙާލަތްތަކުގައި ވެސް ޖަމާޢަތުގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި ފަރުދީ މަސްލަހަތުތައް ދޫކޮށްލުމުގެ މައްޗަށެވެ. މިގޮތުން، ”ޗެއިން އޮފް ކޮމާންޑް“ ނުވަތަ އަމުރުމަރުޢޫފު ހިނގާ ތަރުތީބަށް ފުރިހަމައަށް އިޙުތިރާމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ސިފައިންގެ ތެރޭގައި އޮންނަ އަސްކަރީ ބަދަހިކަމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ކަންތައްތަކެއް ނޫނެވެ. އެއީ އެކަކުއަނެކަކަށް އޮންނަ އިތުބާރު ބަދަހިކޮށް، މުޅި ލަޝްކަރަކީ އެއް ހަށިގަނޑެއް ފަދައިން މަސައްކަތްކުރާ ބަޔަކަށް ހެދުމަށް ކުރެވޭ ކަމެކެވެ. މިފަދަ ވަރުގަދަ އަޚުލާޤީ ނިޒާމެއްގެ ސަބަބުން، އަސްކަރިއްޔާއަށް ރައްޔިތުންގެ އިތުބާރު ލިބި، ޤައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުވެގެންދެއެވެ.
އަސްކަރީ އަޚުލާޤު ދެމެހެއްޓުން
އަސްކަރީ އަޚުލާޤު ދަމަހައްޓަނީ އަދަބު ދިނުމާއި އިސްލާހީ ފިޔަވަޅުތައް އަޅައިގެންނެވެ. މިގޮތުން އަސްކަރީ އަޚުލާޤާ ޚިލާފުވާ މީހުންނަށް ޕްރޮފެޝަނަލް އަސްކަރިއްޔާތަކުގައި ދެވޭ އަދަބުތައް ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ އިދާރީ އަދަބުތަކާއި ކޯޓް-މާޝަލް މެދުވެރިކޮށް ދެވޭ އަދަބުތަކެވެ. މިހެން މިކަން އޮތަސް ކުދިކުދި ކުށްތަކަށް، ކޮމާންޑަރުންނަށް އަމިއްލައަށް ފިޔަވަޅު އެޅުމުގެ އިޚްތިޔާރު އޮވެއެވެ. އަސްކަރީ އަޚުލާޤު ދެމެހެއްޓުމުގައި އިސްލާހީ ފިޔަވަޅުތައް ނުވަތަ ”ކަރެކްޓިވް މެޝަރސް“އަކީ މުހިންމު އެއްޗެކެވެ. މިއީ އަދަބުދިނުމުގެ ބަދަލުގައި، ސިފައިންގެ ކިބައިގައި ހުންނަ އުނިސިފަތައް ރަނގަޅުކުރުމަށް އަޅާ ފިޔަވަޅުތަކެކެވެ. މީގެ ތެރޭގައި ނަޞޭޙަތްތެރިވުމާއި، އިތުރު ޑީއުޓީއާއި އިތުރު ތަމްރީނުތައް ދިނުން ހިމެނެއެވެ. ޒަމާނީ އަސްކަރިއްޔާތަކުގައި މިހާރު ބޮޑަށް އިސްކަންދެނީ މިފަދަ އިސްލާހީ ފިޔަވަޅުތަކަށެވެ.
ސިފަވަންތަ އަޚުލާޤު ދެމެހެއްޓުމަށް ޓަކައި އިނާމުދިނުމާއި ހިތްވަރުދިނުމުގެ ނިޒާމަކީ، ކަނޑައެޅިފައިވާ އުސޫލުތަކަށް ތަބާވުމާއި، އިސްނެގުމާއި، އަދި އާދަޔާޚިލާފު މޮޅު ހުނަރުތައް ދެއްކުމަށް ބާރުއެޅުމުގެ ގޮތުން ރޭވިފައިވާ އިންތިޒާމްތަކެކެވެ. މިއީ އެދެވޭ ޢަމަލުތަކަކާ ގުޅުވައިގެން ދެވޭ މާއްދީ ނުވަތަ މައުނަވީ މަންފާތަކެކެވެ. މިގޮތުން އަގުވަޒަން ކުރެވޭ އިރު، ގިނަ ބައެއްގެ ކުރިމަތީގައި އަގުވަޒަންކުރުމަކީ ސިފައިންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ، ލަޝްކަރުގެ ބަދަހިކަން އިތުރުވާ ކަމެކެވެ.
ހަނގުރާމައިގެ ކާމިޔާބީގައި އަސްކަރީ އަޚުލާޤު
އަސްކަރީ އަޚުލާޤާއި ހަނގުރާމައިގެ ކާމިޔާބީއާ ދެމެދު ވަރަށް ބޮޑު ގުޅުމެއް އޮވެއެވެ. ހަރުދަނާ އަޚުލާޤެއް އޮންނަ ލަޝްކަރުތަކަކީ ނުރައްކާތެރި ހާލަތްތަކުގައި ވެސް ބަދަހިކަމާ އެކު ސާބިތުވެ ތިބޭ ބައެކެވެ. ދިވެހި އަސްކަރިއްޔާއަށް ބަލާއިރު، 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމާލާއާ ހިތްވަރާއި ޢަޒުމާ އެކު ދިވެހި ސިފައިން ކުރިމަތިލީ ދިވެހި ލަޝްކަރުގައި އޮތް އަސްކަރީ އަޚުލާޤުގެ ސަބަބުންކަން ހާމަވެއެވެ. އޭރު އަސްކަރީ ތަމްރީނުތައް ފުރިހަމަކޮށްފައިވާ ސިފައިންގެ އަދަދު ވަރަށް މަދެވެ. ނަމަވެސް ގަވާއިދުން ކުރަމުން އައި އަސްކަރީ ހެވިކަމުގެ ސަބަބުން އަސްކަރީ އަޚުލާޤު ސިފައިންގެ މެދުގައި ވަރަށް ވަރުގަދައަށް އަށަގެންފައި އޮތެވެ.
އަސްކަރީ އަޚުލާޤު ބިނާވަނީ ސިލްސިލާކޮށް ނުވަތަ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ހަރުދަނާ ތަމްރީނުތަކެއްގެ މައްޗަށްކަމަށް ވާހިނދު، އެ ޒަމާނުގައި ގަވާއިދުން ކުރެވުނު އަސްކަރީ ހެވިކަމުގެ ފަރިތަކުރުންތަކުގެ ފައިދާ ހުރިހާ ގޮތަކުން ވެސް ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއާ ދެކޮޅަށް ޖިހާދުކުރުމުގައި ފެނިގެން ދިޔައެވެ. ސިފައިން އެ ދުވަހު އެކަކު އަނެކަކަށް އިތުބާރުކުރީ، ކޮންމެ މީހަކު ވެސް ކަނޑައެޅިފައިވާ މިންގަނޑުތަކަށް ތަބާވާނެކަމުގެ ޔަގީންކަން އޮތީތީއެވެ.
އަސްކަރީ އަޚުލާޤަކީ ގައުމީ ސަލާމަތާ ގުޅިފައިވާ ކަމެކެވެ. ބަދަހި އަދި އަޚުލާޤީ ގޮތުން ހަރުދަނާ ލަޝްކަރެއް އޮތުމަކީ ދުޝްމަނުން ޤައުމަށް ހަމަލާދިނުމަށް ފަސްޖެހޭ ކަމެކެވެ. އަސްކަރިއްޔާގެ ތެރޭގައި އޮންނަ ނިޒާމުތަކުގެ ސަބަބުން ޤައުމުގެ އެތެރޭގެ ހަމަޖެހުން ދެމެހެއްޓުމަށް އެހީތެރިވެދެއެވެ. ދިވެހި އަސްކަރިއްޔާގައި އަސްކަރީ އަދަބު އަޚުލާޤު ބިނާވެފައިވަނީ އިސްލާމީ ރިވެތި އަދަބުތަކާއި އުސޫލުތަކާއި، ދިވެހި ސަގާފަތާއި، އަދި ބައިނަލްއަގުވާމީ އަސްކަރީ މިންގަނޑުތަކުގެ މައްޗަށެވެ. މީގެ ސަބަބުން ސިފައިންނަކީ ރައްޔިތުން އިތުބާރުކުރާ، އަދި ޤައުމަށް ދިމާވާ ކޮންމެ ނުރައްކާތެރި ހާލަތެއްގައި ވެސް ސާބިތުކަމާ އެކު ފައިތިލަ ސާބިތުކުރާ ބަޔަކަށް ވެގެންދެއެވެ. އަސްކަރިއްޔާއަކީ ކޮންމެ ޤައުމެއްގެ ވެސް މިނިވަންކަމާއި ސިޔާދަތުގެ އައްޑަނައެވެ. ސިފައިންގެ ލަޝްކަރެއްގެ އެންމެ ވަރުގަދަ ހަތިޔާރަކީ އެ ބައެއްގެ އަތުގައި ހުންނަ ޒަމާނީ ބަޑިތަކާއި އާލާތްތަކެއް ނޫނެވެ. އޭގެ ބަދަލުގައި، އަސްކަރިއްޔާއެއްގެ އެންމެ ވަރުގަދަ ބާރަކީ އެ މުއައްސަސާއެއްގައި އޮންނަ ހަރުދަނާ ވަރުގަދަ އަސްކަރީ އަޚުލާޤެވެ.
