ޤައުމެއް ތަހުޒީބާއި ތަމައްދުންގެ ރޮނގުގައި ކުރިއަރައިދާނީ އެ ޤައުމު ދެކެ ލޯބިވާ، އެ ޤައުމަށް ޓަކައި ފަޚުރުވެރިވާ މުޖުތަމައެއް ބިނާކުރެވިގެންނެވެ. ދިވެހި ޤައުމިއްޔަތުގެ ބަހާތައް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިބަހާއި، ދިވެހި އާދަކާދައާއި ސަގާފަތާއި ތަރިކައަށް ލޯބިކުރާ، މުޖުތަމައެއް ލިބިފައިވުމަކީ އެ ޤައުމަކަށް ލިބޭނެ ވަރަށް ބޮޑު ހެވަކާއި ނަސީބެކެވެ. ހަމަ އެހެންމެ އެ ޤައުމުގެ ކަންކަން ކުރިއަރުވަން މަސައްކަތްކުރާނެ ހުނަރުވެރިންތަކެއް ލިބިފައިވާ ނަމަ އެއީ އެ ޤައުމަކަށް އޮންނާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ޤައުމުގެ ރައްޔިތުންނަކީ، ޤައުމީ ކަންކަމާ މެދު ފުންކޮށް ވިސްނައި، އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކު ޤައުމުގެ ކަންކަން ހައްލުކުރަން ވިސްނާ ބަޔަކަށް ވެއްޖެ ނަމަ އެ ޤައުމު ވާނީ ޞުލްޙަވެރިކަމާއި އަމާންކަންމަތީ ކުރިއަށްދާނެ ޤައުމަކަށެވެ. އަދުގެ ދުނިޔެއަކީ ބަވަނަވެފައިވާ ދުނިޔެއަކަށް ވުމާއެކު އަޅުގަނޑުމެންގެ އާދަކާދައާއި ސަގާފަތާއި މި ލޮބުވެތި އިސްލާމްދީނުގެ ހަމަތަކާ އުޞޫލުތަކާ ޚިލާފަށް އަންނަ އެކި އޮއިވަރުތަކާއި، އެ އޮއިވަރުގެ ތެރެއިން އަންނަ ފިކުރީ ހަނގުރާމައިގެ އުދަބާނިތަކުގައި ޣަރަގު ނުވެ މި ޤައުމާއިގެން ކުރިއަށް ދިއުމަކީ ވަރަށް މުހިންމުކަމެކެވެ. މި ފަދަ ހުރިހާ ކަމަކަށް ލޯހުޅުވިފައިވާ މުޖުތަމައެއް ބިނާކުރުން ވެގެންދާނީ ޤައުމުގެ މުސްތަގުބަލު ހެޔޮ މިސްރާބަށް އަމާޒުހިފުމަށް އެޅޭނެ ވަރަށް ބޮޑު ބާރަކަށެވެ.
ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނެވެ. ޤައުމު ކުރިއަށްދާނީ ޒުވާނުން ބާރުވެރިކޮށްގެންނެވެ. އެހެންކަމުން ޒުވާނުންނަށް މި ރޮނގުން ހުރި ފުރުޞަތުތައް އިތުރުކުރުމަކީ މުހިންމު ކަމެކެވެ. ޢަމަލީ މައިދާނަށް ނުކުމެ ދިރިއުޅުމާ ކުރިމަތިލުމަށް އެ ޒުވާނުން ނުކުންނަ އިރު ވަޒީފާއެއް އަދާކުރުމަށް ބޭނުންވާނޭ މަސައްކަތުގެ އަޚުލާޤާއި ހުނަރު ލިއްބައިދޭންޖެހެއެވެ. ވަޒީފާއެއް އަދާކުރުމަށް ބޭނުން ނުވެފައި ތިބި ފަރާތްތައް ވަޒީފާއަށް ޝައުޤުވެރިކަން އުފައްދައި އުފެއްދުންތެރި ޒުވާނުންގެ ގޮތުގައި ތައްޔާރުކުރުމަކީ، ޒުވާނުންނަކީ ހަރުދަނާ ބައެއްގެ ގޮތުގައި ބިނާކުރުމަށް ކުރިއަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމުގައި ދެކެމެވެ. ހަރުދަނާ ގޮތެއްގައި ތަރުބިއްޔަތުކުރެވޭ ޒުވާނުންނަކީ ޤައުމަށް ލާބައާއި މަންފާ ހޯދައިދޭނެ ޒުވާނުންނެވެ. އެހެންކަމުން، އަދުގެ ސަރުކާރުގެ ސިޔާސަތަކީ ވެސް ޒުވާނުން ތަރައްޤީކުރުމުގެ ވަރަށްބޮޑު އެޖެންޑާއެއް އޮތް ސިޔާސަތެކެވެ. އެއީ ޒުވާނުން ތަރައްޤީކުރުމަށާއި، ޒުވާނުން އިޤުތިޞާދީ އެކިއެކި ދާއިރާތަކުގައި ޙަރަކާތްތެރިވާ މިންވަރު އިތުރުކުރުމުގެ ސިޔާސަތެވެ. ޒުވާނުން ބާރުވެރިކޮށް ޤައުމަށް ފައިދާހުރި މަސައްކަތްތަކުގައި އިސްނަގައި ހަރަކާތްތެރިވާނެ ބަޔަކަށް ހެދުމުގެ ސިޔާސަތެވެ. އެހެންކަމުން މި އަމާޒަށް ވާސިލުވުމަށް ޓަކައި ޤައުމީ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަން ވަނީ ފެށިފައެވެ.
ދިވެހިރާއްޖޭގެ އާބާދީގެ 30 އިންސައްތައަކީ 15 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނެވެ. ވޭތުވެދިޔަ ފަސް އަހަރަށް ބަލާއިރު ދިވެހިރާއްޖޭގައި ކޮންމެ އަހަރަކު މަދުވެގެން 5000 (ފަސް ހާސް) ދަރިވަރުން ސާނަވީ ތަޢުލީމް ފުރިހަމަކުރެއެވެ. އަދި ކޮންމެ އަހަރަކު 1500 (ފަނަރަ ސަތޭކަ) އެއްހާ ދަރިވަރުން މަތީ ސާނަވީ ތަޢުލީމް ފުރިހަމަކުރެއެވެ. މި ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަޚުލާޤާއި ސުލޫކު އަދި ހުނަރު ލައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އޭރުން، ސުކޫލު ނިންމުމަށްފަހު ވަޒީފާގެ ބާޒާރަށް ނުކުންނަން ފަށާ އުމުރުފުރާ ކަމުގައިވާ 15 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ މެދުގައި ”ލޭބަރ ފޯސް ޕަރޓިސިޕޭޝަން ރޭޓް“ އެހެން އުމުރުފުރާތަކާ އަޅާބަލާ އިރު ދަށްވަމުން އަންނަ މައްސަލައަށް ވެސް ހައްލުތަކެއް އަންނާނެކަމަށް ބެލެވެއެވެ. ރާއްޖޭގެ އާބާދީގައި، މަސައްކަތްތަކުގައި އެކަށީގެންވާގޮތަށް ބޭނުން ނުހިފިވާ ގާތްގަނޑަކަށް 30000 (ތިރީސް ހާސް) މީހުން އެބަތިއްްބެވެ. މިއީ ރަނގަޅު ތަޢުލީމާއި، ތަމްރީނާއި، ހުނަރު އަދި މަސައްކަތުގެ ތަޖުރިބާ ނެތުމުގެ ސަބަބުން މަސައްކަތް ލިބުމުގައި ގޮންޖެހުން ކުރިމަތިވާ ޒުވާނުންނެވެ. އެހެންކަމުން އެ ޒުވާނުންނަކީ ބޭނުންތެރި، ޤައުމަށް ފައިދާ ހުރި ބަޔަކަށް ހަދާނެ ގޮތްތަކެއް އޮތީ ހޯދަންޖެހިފައެވެ. އެގޮތުން ފެށުނު އެންމެ މުހިންމު ޕްރޮގްރާމަކީ ދިވެހި ވަޠަނީ ޚިދުމަތެވެ. މި ޕްރޮގްރާމުގެ ސަބަބުން، ޒުވާނުންގެ ނަފުސު ތަރައްޤީވެ ހުނަރާއި ޤާބިލުކަމުގެ ރޮނގުން އިތުރު ފުރިހަމަކަމެއް ލިބޭނެއެވެ. އެހެންކަމުން މިއީ ޤައުމަށް ވެސް ލިބޭނެ ކުރިއެރުމަކަށް ވާނެއެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން ވެސް ޤައުމަށް ދިމާވެފައިވާ މި ބޮޑު މައްސަލަ ހައްލުކުރެއްވުމުގެ ގޮތުން ފައިދާހުރި ބިނާކުރަނިވި ޖީލެއް ބިނާކުރެއްވުމުގެ މަސައްކަތްޕުޅު ވަނީ ފައްޓަވާފައެވެ. އެ މަނިކުފާނުގެ ދުރުވިސްނޭ ސިޔާސަތުގެ ތެރެއިން ހަރުދަނާ ފިޔަވަޅުތައް ވަނީ އަޅުއްވަން ފައްޓަވާފައެވެ. ދިވެހި ޤައުމު ދެކެ ލޯބިވާ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ހަރުދަނާ ޖީލެއް ބިނާކުރެއްވުމުގެ ތަޞައްވަރު އެމަނިކުފާނު ރައީސްކަމަށް ކެމްޕެއިންކުރެއްވި ހިސާބުން ވެސް ވަނީ ހާމަކުރައްވާފައެވެ. އެ ތަސައްވުރުގައި ހަޤީގީ ކުލަޖެހުމުގެ ފެށުން ކަމުގައި ވެފައި މިވަނީ ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމްތަކެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ދިވެހި ޒުވާނުންނަށް ނުވަތަ ސުކޫލުތަކުން ކިޔަވައިގެން ނުކުންނަ ޒުވާނުންނަށް އަމާޒުކޮށްގެން 3 މަސްދުވަހުގެ ކެޑޭޓް ޕްރޮގްރާމެއް ހިންގަވާނެކަމުގެ ވަޢުދުފުޅާ އެކުގައެވެ. ޒުވާނުންނަކީ ޒިންމާދާރު ހަރުދަނާ، އިސްލާމީ ރިވެތި އަޚުލާޤުގެ މަތީގައި ޤާއިމްވެފައިވާ ބަޔަކަށް ހެއްދެވުމަށް ޓަކައެވެ. އެހެންކަމުން އެ މަނިކުފާނުގެ މި ތަސައްވުރު ފުރިހަމަކުރެއްވުމުގެ މަސައްކަތް ވެރިކަމަށް ވަޑައިގެންނެވި ހިސާބުން ވެސް އޮތީ ފައްޓަވާފައެވެ. މި މުހިންމު ހަރަކާތުގެ ސިޔާސަތު އެމަނިކުފާނު ހާމަކުރެއްވީ 2024ވަނަ އަހަރު ބޭއްވި ނަޞްރުގެ ދުވަހުގެ ޚާއްޞަ ޖަލްސާގައެވެ. ކުރިން ކެޑޭޓް ޕްރޮގްރާމެއްގެ ގޮތުގައި ފައްޓަވަން ހަމަޖެއްސެވި ޕްރޮގްރާމް އެއަށް ވުރެ ފުޅާ އަދި ހަރުދަނާ ސިޔާސަތުތަކާ އެކު ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސްގެ ނަމުގައި ފައްޓަވާނެކަން ހާމަކުރެއްވިއެވެ. އަދި މި ޕްރޮގްރާމާ ގުޅޭ އިތުރު ތަފްޞީލު، މިހާތަނަށް ދުނިޔޭގައި ޤައުމެއްގެ ވެރިއަކު ބޭއްވެވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރެއްވިއެވެ. އެގޮތުން މި ޕްރޮގްރާމަކީ ސުކޫލު ނިންމާ ދަރިވަރުން ފުރިހަމަކުރަންޖެހޭ ޕްރޮގްރާމެއްކަމުގައި ހާމަކުރެއްވިއެވެ. ޤައުމު ބިނާކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން ޒުވާނުން ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މިކަމަށް ބޭނުންވާނޭ ބަޖެޓް ހަމަޖައްސަވާނެކަން ވެސް ހާމަކުރެއްވިއެވެ. ނޭޝަނަލް ސަރވިސްގެ ތަމްރީނުތަކުގެ ތެރެއިން ޓެކްނިކަލް ހުނަރާއި ވަޒީފާގެ އަޚުލާގާއި ސުލޫކު އުނގަންނައިދެވޭނެކަން ވެސް ހާމަކުރެއްވިއެވެ. އެހެންކަމުން ދާދިއަވަހަށް ދިވެހިރާއްޖޭގެ ވަޠަނީ ޚިދުމަތުގެ ކަންކަން ފުރިހަމަކުރުމަށް ބޭނުންވާނޭ ބަޖެޓު ހަމަޖައްސަވައި ދެއްވައި ވަރަށް ހަލުއި ދުވެލީގައި މިކަމާ ގުޅުން ހުރި އެންމެހައި ކަންތައްތައް ކުރިއަށް ގެންދެވޭނެ މަގު ރައީސުލްޖުމްހޫރިއްޔާ ތަނަވަސްކޮށްދެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސްގެ ތަމްރީނުތަކާ ގުޅޭ އެންމެހައި ކަންކަން ކުރުމަށް ޒިންމާވާ ފަރާތަކީ ދިވެހިރާއްޖޭގެ ދިފާޢީ ވުޒާރާކަމަށް ރަސްމީކޮށް ހަމަޖެއްސެވިއެވެ. އެ ހިނދުން ފެށިގެން ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް ނުވަތަ ދިވެހި ވަޠަނީ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދަންފެށުނެވެ. އެގޮތުން ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް އެކުލަވައިލައި ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން މި އޮނިގަނޑު ފާސްކުރެވުނެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ؛ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމް ދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުމާއި، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާ އެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުމެވެ. އަދި ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ނެޝަނަލް ސަރވިސްގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓް ކުރެވޭނެ މަގު ފަހިކޮށްދިނުމާއި ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާ އެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމްކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމެވެ. މީގެ އިތުރުން ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ހުނަރުތައް ދަސްވެފައިވާ، އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ބައްޓަންކުރުމާއި، ރޫހާނީ، ނަފުސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ހެދުން ވެސް ހިމެނެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ތަޞައްވުރަކީ ”ދިވެހި ވަޠަނީ ޚިދުމަތަކީ ދިވެހިން ބަލައިގަންނަ، ދިވެހި ޒުވާނުންގެ މެދުގައި މަޤުބޫލު، ނަމޫނާ ހަރަކާތެއްގެ ގޮތުގައި ތަރައްޤީކުރުމެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ މިޝަންއަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫޙާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމެވެ.
ދިވެހި ވަޠަނީ ޚިދުމަތުން އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ މަސައްކަތުގެ ބާޒާރަށް މިހިނދުން މިހިނދަށް އެންމެ ބޮޑަށް ބޭނުންވާ މަސައްކަތުގެ ހުނަރުތައް ދަސްކޮށްދީ، އެ ދާއިރާތަކުން ޤާބިލު ޒުވާނުންތަކެއް ބިނާކުރުން ހިމެނެއެވެ. މިގޮތުން ވަޠަނީ ޚިދުމަތުގެ ފުރަތަމަ ތިން މަސްދުވަހުގެ ތަމްރީނުތައް ނިންމުމަށް ފަހު ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް މުހިންމުވާ ދާއިރާތަކުން އިލްމާއި ހުނަރާއި އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ދަރިވަރުންނަށް ދެވޭނެއެވެ. މިކަން ކުރެވެމުންދާނީ، ކަމުގެ ތަޖުރިބާ ހުރި މުދައްރިބުންނާއި ފަންނީ މީހުންގެ ފުރިހަމަ ބެލުމުގެ ދަށުންނެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ އިނީޝަލް ތަމްރީނުތައް ހިނގަމުންދާނީ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރ، ޅ.މާފިލާފުށީގައެވެ. ރައީސުލްޖުމްހޫރިއްޔާ ދިވެހި ވަޠަނީ ޚިދުމަތް އިފްތިތާޙުކޮށްދެއްވީ 1 އޮކްޓޫބަރު 2025 ގައެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ކޯސްތަކުގެ ފުރަތަމަ ބެޗު ބ.ކިހާދޫ ޓްރެއިނިންގ މަރުކަޒުގައި މިހާރު އަންނަނީ ކުރިއަށް ގެންދަމުންނެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ އިނީޝަލް ތަމްރީނުގެ 2 ވަނަ ބެޗު، ޅ.މާފިލާފުށީ ކޮމްޕްސިޓް ޓްރޭނިންގ ސެންޓަރުގައި މިހާރު އަންނަނީ ހިނގަމުންނެވެ. އަދި ތިންވަނަ ބެޗުގެ ތަމްރީނުތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
ދިވެހި ވަޠަނީ ޚިދުމަތުން ހިންގާ ކޯސްތަކުގައި، މަސައްކަތުގެ އަޚުލާޤާއި ދީނީ އަދި ދުނިޔަވީ އަޚުލާޤާއި ސުލޫކުގެ މަތީގައި މި ދަރިވަރުން ބައްޓަންކުރުމަށް ވަރަށް ޚާއްޞަ އިސްކަމެއް އަންނަނީ ދެމުންނެވެ. މި ތަމްރީނުތައް ފުރިހަމަކުރާ ދަރިވަރުންނަކީ އިތުރަށް އެ ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާނޭ ޢިލްމާއި ހުނަރު ހުރި ބަޔަކަށް ހެދޭނެއެވެ. އެހެންކަމުން މިއީ ރާއްޖޭގެ އެހެނިހެން ތަޢުލީމީ މުއައްސަސާތަކަށާއި ސްކިލްޑް ކޯސްތައް ހިންގާ ފަރާތްތަކަށް، މަތީތަޢުލީމަށް ޝަރުތުހަމަވާ ކެނޑިޑޭޓުން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެސް ވެގެންދާނެއެވެ. ދިވެހި ނޭޝަނަލް ސަރވިސް ވެގެންދާނީ ޤައުމުގެ މަސައްކަތުގެ އިންޖީނު ހިންގުމަށް ބޭނުންވާނޭ ހުނަރުވެރިން ތައްޔާރުކުރުމުގެ ބިންގާ އަޅައިދޭ ތަނަކަށެވެ. އެއީ ކައްޗަށް އެޅުމުގެ ބަދަލުގައި ކެއްޗާހަމައަށް ވެސް ސީދަލަށް އެޅޭ ބިންގަލެކެވެ. ޤައުމުގެ މުސްތަގުބަލުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ އަމާޒުތަކަށް ވާސިލުވާނޭހެން އެޅޭ ބިންގަލެކެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ އިނީޝަލް ތަމްރީނު ނިންމާ ދަރިވަރުންނަށް ޙާސިލުވާނެ މުހިންމު އެއް ކަމަކީ، މި ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ސަނަދުގެ އިތުރުން، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ވާޞިލުވެވޭ ބައިވެރިންނަށް މި ތަމްރީނުގެ ތެރެއިން ސެޓްފިކެޓް ލެވެލް 3 އިން ސިވިކް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރފައިޓަރ ޕްރޮގްރާމްގެ ސަނަދު އަދި ބޭސިކް ފަސްޓް އެއިޑް ޓްރޭނިންގގެ ސަނަދު ލިބުމެވެ.
ދިވެހިރާއްޖޭގެ ވަޠަނީ ޚިދުމަތް ބިނާވެގެންވަނީ ދިވެހި މުޖުތަމަޢުގެ އިޖުތިމާޢީ އަގުތަކުގެމައްޗަށެވެ. އެގޮތުން ދިވެހި ވަޠަނީ ޚިދުމަތުގެ އަގުތަކުގެ ގޮތުގައި ހިމެނެނީ އިސްލާމީ އަޤީދާއާއި ދިވެހި ޤައުމިއްޔަތާއި ޒިންމާދާރު ޚިދުމަތެވެ. މި އަގުތައް ހިފަހައްޓައިގެން ދެވޭ ތަމްރީނުތަކުގެ ނަތީޖާއަކަށް ވާނީ ތަޤްވާވެރިކަމާއި ތެދުވެރިކަމާއި އިޚްލާސްތެރިކަންމަތީ ދެމިތިބޭ ޖީލެއް ބިނާވުމެވެ. މީގެ އިތުރުން ވަފާތެރިކަމާއި، އިންސާފުވެރިކަމާއި، ހިތްވަރާއި ކެރުމާއި، ކެތްތެރިކަމަށް އިސްކަންދޭ މުޖުތަމަޢެއް ބިނާވުމެވެ. ނޭޝަނަލް ސަރވިސްގެ ތަމްރީންތަކުގެ ތެރެއިންނާއި އަދި ނޭޝަނަލް ސަރވިސްގެ މެންބަރުން ބެލެހެއްޓުމުގެ ތެރެއިން އެ މެންބަރުންނަށް އަޚްލާޤީ ރިވެތި ސިފަތައް ލައިދެވޭނެއެވެ. އެގޮތުން ދީނީ ވާޖިބުތަކަށް ސަމާލުކަން ދިނުމަށް ދަސްކޮށްދިނުމާއި އަދަބު އަޚުލާޤުގެ މަތީގައި ނަފުސު ބައްޓަންކުރުމާއި ދިވެހިތާރީޚާއި އާދަކާދައާއި ސަގާފަތާއި ދިވެހި ތަރިކައަށް ލޯބިކުރުމަށާއި ފަޚުރުވެރިވުމަށް ދަސްކޮށްދެވޭނެއެވެ. ދިވެހި ބަހަށް ލޯބިކުރުމާއި ދިވެހި އަބްޠާލުންނަށް އިޙުތިރާމްކުރުމާއި ޤަދަރުކުރުމާއި އެ އަބްޠާލުންގެ ހިތްވަރުން ހިތްވަރު ލިބިގަނެ ދިރިއުޅުން ބައްޓަން ކުރުމަށް ވެސް ދަސްކޮށްދެވޭނެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުތައް ހިނގަމުންދަނީ ޅ.މާފިލާފުށީގައެވެ. މިކަމަށް ޓަކައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއާއި އެމްއެންޑީއެފުން ވަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ވަރަށް ކުރުމުއްދަތެއްގައި ކޮށްފައެވެ. މި މަސައްކަތަށް ބޭނުންވާނޭ ބަޖެޓާއި އެހެނިހެން އެހީތެރިކަން ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ފުރިހަމައަށް ހަމަޖައްސަވައިދެއްވައިފައެވެ. އެ މަނިކުފާނުގެ ފުރިހަމަ އިރުޝާދާއި ދިފާޢީ ވަޒީރުގެ ފުރިހަމަ ބެއްލެވުމުގެ ދަށުން އެމްއެންޑީއެފުން ވަނީ ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. 350 ދަރިވަރުންގެ ބެޗެއް ކުރިއަށް ގެންދެވޭ ވަރަށް ތަނުގެ އިންފްރާސްޓްރަކްޗަރ ވަނީ ތަރައްޤީކުރެވިފައެވެ. ލޮޖިސްޓިކް އެންމެހައި ވަޞީލަތްތައް ވަނީ ޤާއިމްކުރެވިފައެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ ތަމްރީނުތައް ވެސް ފެށިގެން ދިޔައީ، ތަމްރީނު ދޭނެ ސިޔާސަތުތައް ކަނޑައަޅައި، މުޤައްރަރުތައް އެކުލަވައިލައި އެ މާއްދާތައް ކިޔަވައިދޭނެ މުދައްރިބުން ވެސް ތަމްރީނުކޮށް ނިންމުމަށް ފަހު ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. މި ތަމްރީނު ޕްރޮގްރާމްތަކަކީ ދިވެހި ޒުވާނުންގެ މުސްތަޤުބަލު ބިނާކުރުމަށް އެޅޭ ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. އެހެންކަމުން މި ފުރުޞަތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ދިވެހި ޤައުމު، ޤައުމިއްޔަތުގެ ބިންގަލުގެ މަތީގައި ބިނާކުރައްވަން، ކުރައްވާ އެންމެހައި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށް ހިތްތަކުގެ އެންމެ ފުންމިނުން އެމަނިކުފާނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަނަވަމެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ކޯސްތައް ކުރިއަށް ގެންދެވެނީ ދައުލަތުގެ އެކި މިނިސްޓްރީތަކާއި އެހެނިހެން ވުޒާރާތަކުގެ ވެސް ވަރަށް ބޮޑު އެއްބާރުލުމާ އެކުގައެވެ. އެގޮތުން ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުތަކުގައި ”ދިވެހި ޤައުމިއްޔަތު“ މޮޑިއުލްގެ ބޮޑުބައެއް ކުރިއަށް ގެންގޮސްދެއްވަނީ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިންނެވެ. ދީނީ ތަޢުލީމުގެ ބައި ކުރިއަށް ގެންގޮސްދެއްވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންނެވެ. ތިމާވެށި ޙިމާޔަތްކުރުމާއި ތިމާވެށްޓާ ރަޙުމަތްތެރި ދިރިއުޅުމުގެ އާދަތަކާ ގުޅޭ ބައިތައް ކުރިއަށް ގެންދަވަނީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިންނެވެ. ދުޅަހެޔޮ ގުޅުން ބަދަހިކޮށް، ރައްކާތެރި މުޖުތަމަޢެއް ޤާއިމްކުރުމުގެ ހުނަރު ޒުވާނުންގެ މެދުގައި އަށަގެންނެވުމާ ގުޅޭ ބައިތައް ކުރިއަށް ގެންދަވަނީ އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިންނެވެ. އަދި، ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުތަކުގައި ދަރިވަރުންގެ ނަފުސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ޓަކައި އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރައްވާ މަސައްކަތްތަކާއި އަދާކުރައްވާ ދައުރަކީ މި ތަމްރީނުގެ ވަރަށް މުހިންމު ޙިއްސާއެކެވެ.
ޤައުމު ރަނގަޅު މިސްރާބަށް ގެންދިއުމަށް ޓަކައި ހަމަ ޔަޤީނުން ވެސް ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ އެ ޤައުމެއްގައި ހަރުދަނާ ޒުވާނުންތަކެއް ބިނާކުރުމެވެ. ޤައުމު ދެކެ ލޯބިވާނެ ދަރިންތަކެއް އުފެއްދުމެވެ. މާދަމާ ޤައުމުގެ ޒިންމާތައް ކޮނޑުއަޅައިގެން ނުކުންނާނެ ހަރުދަނާ ރައްޔިތެއް ބިނާކުރުމެވެ. އިސްލާމީ ރިވެތި އުޞޫލުތަކާއި މަތިވެރި އަޚުލާޤުގެ މަތީގައި ތަރުބިއްޔަތު ވެގެން ނުކުންނަ ޖީލެއް އެކުލެވޭ، މުޖުތަމައެއް ބިނާކުރުމެވެ. މާތް ﷲގެ ހެޔޮ ރަޙުމަތްފުޅުން މިއަދު އަޅުގަނޑުމެން މިތިބީ މި މަތިވެރި މަސައްކަތްކުރުމަށް ފަށައި، އެ މަސައްކަތާއިގެން ކުރިއަށް ދިއުމުގެ މަތިވެރި ޢަޒުމުގައެވެ.
