އިންސާނީ ޤަބޫލުކުރުމަށް ބަލާއިރު، ގިނަ ފަހަރަށް ޤައުމީ ލޯތްބޭ ބުނެއުޅެނީ ތިމާ އުފަންވި ނުވަތަ ނިސްބަތްވާ ޤައުމާ މެދު ތިމާގެ ހިތުގައި އޮންނަ ލޯތްބާއި އިޙްސާސަށެވެ. އެކަން އޭނާގެ ފުށުން ފާޅުވަނީ އެ މީހަކު ނިސްބަތްވި ޤައުމަށް ކުރިމަތިވާ މުސީބާތްތަކާއި، ހިތާމަވެރި ދަނޑިވަޅުތަކުގައި އެމީހެއްގެ ހިތަށް ވެރިކުރުވާ އަސަރުގެ މައްޗަށެވެ. ލިބޭ ކާމިޔާބާއި ފަޚުރަށް ޓަކައި ހިތުގައި އުފަންވާ ލޯބިވެތި އިހުސާސްތަކުގެ މައްޗަށެވެ. އެފަދަ މީހުން ޤައުމީ ދިދައަށް އިޙްތިރާމްކުރާނެއެވެ. ޤައުމުގެ ފަރުދުން ދެކެ ލޯބިވާނެއެވެ. ޤައުމަށް ދެރައެއް ލިބޭކަން ނޭދޭނެއެވެ. ލިޔުންތެރިޔާ އަޑްލައި ސްޓީވަންސަން ލިޔުއްވާފައިވާ ފަދައިން، ”ޤައުމީ ލޯތްބަކީ މޮޔަ ޖަޒުބާތުތަކެއް ނޫނެވެ. އެއީ މުޅި ޙަޔާތުގެ ވަރުގަދަ ޚިދުމަތްތެރިކަމެކެވެ.“
ޤައުމިއްޔަތަކީ ދިރުންހުންނަ އެއްޗެކެވެ. އެ ލޯބީގައި އަސާސްތަކެއް ވާނެކަން ކަށަވަރެވެ. މި ފަންނުގެ ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ތިމާގެ ޤައުމު ދެކެ ތިމާ ލޯބިވާ ނަމަ ދެ ޒިންމާއެއް އެ މީހަކު އަދާކުރާނެއެވެ. ފުރަތަމަ ޒިންމާއަކީ އަގުވަޒަންކުރުމެވެ. އޭގެ މަފްހޫމަކީ، ޤައުމު ބައްޓަންކުރި ސަޤާފަތާއި ތަރިކައާއި ތާރީޚަށް ޝަރަފުވެރިކަން ދިނުމެވެ. މިއަދު ލިބެމުންދާ މިނިވަންކަން ކަށަވަރުކުރުމަށް ކުރީގެ ޖީލުތަކުން ވެވުނު ގުރުބާނީތަކަށް އިޙްތިރާމް އަދާކުރުމެވެ. އެއީ ފަނޑުނުވާނެ ޚިދުމަތްތަކެއްގެ ގޮތުގައި ދިރުވައި އާލާކުރުމެވެ. ޤައުމުގެ އަރަމުން އަންނަ ޖީލުތަކަށް އެކަން ވާޞިލުކޮށްދިނުމެވެ. އެ ވާހަކަތައް ކިޔައިދީ އޮޅުން ފިލުވައިދިނުމެވެ.
ދެވަނަ ކަމަކީ ކުރިއެރުމާއި ރަނގަޅުކުރުމެވެ. ޤައުމު ދެކެ ޙަޤީޤީ ލޯބިވާ ބައެއްގެ ތެރޭގައި އެ ޤައުމެއްގެ އުނި ކަންތައްތައް ދެނެގަނެ އެ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރުމުގެ ހިތްވަރާއި ރޫހު ހުންނާނެއެވެ. ތިމާ އެ ޤައުމަކަށް ނިސްބަތްވާ ޤައުމުގައި ވެސް އުނިކަންކަން ހުންނާނެކަން ޤަބޫލުކޮށް އަބަދުމެ މަސައްކަތްކުރާނީ އެ އުނިކަން ފިލުވުމަށެވެ. ފުރިހަމަ ޤައުމަކަށް ހެދުމަށް ޓަކައެވެ. އެކަމަށް ޓަކައި ވަރުބަލިވުމެއް ފޫހިކަމެއް ނުދައްކާނެއެވެ. އެއީ ތިމާގެ ޒިންމާއެއްކަމަށް ދެކި އެކަމުގައި އުޅޭނެއެވެ. ޤައުމީ ޚިދުމަތްތެރިންނަށް ހިތްވަރުދީ ކުރިއަށް ދިއުމަށް އެހީތެރިވާނެއެވެ. އަމިއްލަ އެދުމާއި ތިމާގެ ޖީބު ބަރުކުރުމުގެ ވިސްނުން އެއްފަރާތް ކުރާނެއެވެ.
ތާރީޚުން އަޅުގަނޑުމެންނަށް މިފަދަ އެތައް މިސާލެއް ފެންނާން އެބަހުއްޓެވެ. އެމީހުންގެ ޤައުމަށް ލޯބިކުރި ފަރުދުންގެ ފުން މިސާލުތަކެވެ. ގާންދީގެ ހިތުގައި އިންޑިއާއަށް އޮތް ލޯބި ބިނާވެފައިވަނީ ”ސަތުޔާގްރާހާ“ (ޙަޤީޤީ ބާރު) އަނިޔާވެރިކަމާ ދެކޮޅުހެދުމުގެ މައްޗަށެވެ. އޭނާ ބޭނުންވީ އިންޑިއާ މިނިވަންކޮށް ހަމައެކަނި އިނގިރޭސިން އިންޑިއާއިން ފައިބައިގެން ދާކަށް ނޫނެވެ. އިނގިރޭސީންގެ އަޅުވެރިކަމަށްފަހު މިނިވަންކަމާ އެކު ޤައުމީ ލޯބީގެ މުޑުވަށް އިންޑިޔާ މީހުންގެ ހިތްތަކުގައި އިންދުމަށެވެ. ޤައުމުގެ އެތެރޭގެ މައްސަލަތަކަށް ހައްލެއް ހޯދައިގެން އިންޑިއާގެ މުޖުތަމައު ބަދަލުކުރުމަށެވެ. ޤައުމުވަންތަ ބައެއްގެ ގޮތުގައެވެ. ގާންދީގެ މިސާލުން ހާމަވެގެންދިއައީ ޤައުމެއް ދެކެ ލޯބިވުމަކީ އެ ޤައުމެއްގެ އަޚްލާޤީ ފުރާނައަށް ޓަކައި ހަނގުރާމަކުރުން ކަމެކެވެ.
އެމެރިކާގެ ތާރީޚުން ތަފާތު އެހެން ދިމާލަކުން މިސާލެއް ދެއްކޭތޯ ބަލާނަމެވެ. ކަޅުނަސްލުގެ ދެ މީހުންކަމަށްވާ ކެތަރިން ޖޯންސަނާއި ޑޮރޮތީ ވޯގަންގެ ވާހަކައެވެ. ނާސާގެ ”ފޮރުވިފައިވާ އަދަދު“ގެ ގޮތުގައި މަޝްހޫރުވެފައިވާ، ކެތަރިން ޖޯންސަނާއި ޑޮރޮތީ ވޯގަން ފަދަ ސައިންސްވެރިން ދައްކައިދިނީ ނިޒާމީގޮތުން ނަސްލީ ތަފާތުކުރުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ޖައްވީ ރޭހުގައި އެމީހުންގެ ޤައުމަށް ޚިދުމަތްކުރުން މުހިންމުކަމެވެ. ޤައުމު ކުރިއެރުމަށް އެމީހުންގެ ޚިދުމަތަކީ، ޤައުމުން އެމީހުންގެ ޙައްޤުތައް ފުރިހަމައަށް އަދާ ނުކުރި ނަމަވެސް، ޤައުމީ ލޯތްބަށް ޓަކައި ކެތްތެރިކަން އިސްކުރުމުގެ ނަމޫނާ ރީތި މިސާލެކެވެ. ނަސްލީ ތަފާތުކުރުމުގެ ތެރެއިން އެމީހުން ”ފޮރުވި“ ނަމަވެސް ޤައުމަށް ޓަކައި އެމީހުން ޚިދުމަތްކުރީ ޤައުމީ ލޯބީގައެވެ. ޖައްވީ ރޭހުގައި ނާސާއަށް ހޯދެން އޮތް މޮޅެއް ހޯދަދިނުމުގައެވެ. ވަކި ނަސްލަކަށް ނިސްބަތްވާތީ އެ މީހުންނާ މެދު ޤައުމުން ކޮންމެ ގޮތަކަށް ކަންކުރި ނަމަވެސް އެކަމަށް އެއްވެސް ސަމާލުކަމެއް ދިނުމެއް ނެތިއެވެ.
ބޮޑުތަކުރުފާނަކީ ދިވެހި ރަށަކަށް އުފަން އާދައިގެ ޒުވާނެކެވެ. ނަމަވެސް ޕޯޗުގީޒުންނާ ކުރިމަތިލީ ހިތުގައި އޮތް ޤައުމީ ލޯބި ބޮޑުވުމުންނެވެ. ތިމާގެ ޤައުމަށް ކޮންމެ ގޮތެއްވާން ދޫކޮށްލުމަށް ހިތް ނޭދޭތީއެވެ. ޙުސައިން އާދަމަކީ މާ މަތީ މެޑެލިތަކެއް ލިބިފައިވާ ސިފައިންގެމީހެއް ނޫނެވެ. ނަމަވެސް ބާޣީންނާ ކުރިމަތިލައި ހަމަލާދީ ޤައުމުގެ މިނިވަންކަމަށް ޓަކައި ޝަހީދުވެގެންދިއައީ ޤައުމު މުހިންމު ވީމައެވެ. ޤައުމީ ލޯބި ހިތުގައި ގޮވާންކުރެވިފައި ވުމުންނެވެ. އެ ލޯބީގެ މުޑުވައް ހެޔޮގޮތުގައި އެ ހިތުގައި އިންދިފައިވާތީއެވެ.
މިއީ ތާރީޚުން ކިޔައިދިން ވާހަކަތަކެވެ. ޤައުމު ދެކެ ލޯބިވި ބައެއް މީހުންގެ މިސާލުތަކެވެ. އެފަދަ ލޯތްބަކަށް ބޭނުންވަނީ ހަމައެންމެ ކަމެކެވެ. އަމިއްލަ އެދުމެއްނެތި ޤައުމު ތިމާއަށް މުހިންމުވުމެވެ. ވަގުތީ ފައިދާއާ މަންފާއަށް ހިތުގައި އުފަންވާ ”ދަހިވެތި“ ޚިޔާލުތައް ދަފަރާކޮށް ޙަޤީޤީ މާނައިގައި ޤައުމުދެކެ ލޯބިވުމެވެ. އެފަދަ މީހަކަށްވުމަށް ޓަކައި ދުނިޔޭގެ ލީޑަރަކަށް ވާކަށް ނުޖެހެއެވެ. މާ މަޝްހޫރު ޝަހުޞިއްޔަތަކަށް ވުން ލާޒިމެއް ނޫނެވެ. އެއީ މަޑުމައިތިރި ހެޔޮ ސިފަތަކުން ފެންނަ އެއްޗެކެވެ. އެކަން ކުރުމަށް ބޭނުންވަނީ އާންމު ހަމަތަކާއި އުޞޫލުތައް ޤަބޫލުކުރުމެވެ. ޤައުމުގެ އާންމު މަސްލަހަތަށް ކުރެވޭ ކަންކަމުގައި ތިމާގެ ބައިވެރިވުން އިސްކުރުމެވެ. އިންތިޙާބުތަކާއި އިޖުތިމާއީ އެއްވުންތަކުގައި ބައިވެރިވުމެވެ. އިޖުތިމާއީ މައްސަލަތައް ޙައްލުކުރުމުގައި ފަރުދީގޮތުން ތިމާގެ ބައިވެރިވުން އިތުރުކުރުމެވެ. ޤައުމުގެ އާންމު އަޙްލާޤީ މިންގަނޑުތަކަށް ޤަދަރުކުރުމެވެ. ޤައުމުގެ މަސްލަހަތަށް ޓަކައި ހެދިފައިވާ ގަވާއިދުތަކާއި އުޞޫލުތަކަށް ތަބަޢަވުމެވެ. ޤައުމެއްގެ އިޖުތިމާއީ ފޭރާން ހެޔޮގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރުމެވެ.
ޤައުމުދެކެ ލޯބިވާ ނަމަ މާޒީއަށް ޝުކުރުވެރިވާން ދަސްކޮށްދޭށެވެ. މުސްތަގުބަލަށް ޒިންމާ އުފުލަން ބުނެދޭށެވެ. އޭރުން ތާރީޚުން ބުނެދިން ވާހަކަތައް އިޔާދަވާނެއެވެ. އެކަން ކުރެވޭނީ ރޭވުންތެރި، ހިކުމަތްތެރި ހިތަކުން އެކަން ކުރަން ބޭނުންވެގެންނެވެ. ހަމައެކަނި ވެރިކަމުގެ ޖާހާ ޢިއްޒަތް އެދިގެން ވެރިއަކަށް ވެގެންނެއް ނޫނެވެ. ތިމާގެ ޒިންމާއެއް ޤައުމަށް ޓަކައި އޮތްކަން ދަނެ ވެރިކަން ކޮށްދީގެންނެވެ.
