ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ އިސްލާމީ މަތިވެރި ހިދާޔަތުން އަލިވެ، އަމާންކަމާއި އުފާވެރިކަމުގެ ބަހާރު މޫސުމެއްގައި ފަރިވެފައިވާ ގައުމެކެވެ. ކާބަފައިން އަޅުގަނޑުމެންނަށް ދޫކޮށްފައިވަނީ ހަމައެކަނި ބިމެއް ނޫނެވެ. އެއީ މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ޢަޤީދާއާއި، އަޚްލާޤީ ގޮތުން ފުރިހަމަވެގެންވާ އިޖުތިމާޢީ ނިޒާމެކެވެ. ނަމަވެސް، މިއަދުގެ މުޖުތަމައަށް ނަޒަރު ހިންގާލާ އިރު ފެންނަމުންދާ މަންޒަރުތަކަކީ ހިތާމަވެރި މަންޒަރުތަކެކެވެ. އިޖުތިމާޢީ ފޭރާން ވީދި، ވީރާނާވެ، ކާބަފައިންގެ ރިވެތި އާދަކާދަތަކާ މިއަދުގެ ޖީލު މިވަނީ ދުރަށް ޖެހިފައެވެ. މިއީ ދީނާއި ޤައުމު ދެކެ ލޯބިވާ ކޮންމެ ދަރިއަކު ހިތާމަކުރާނެ ޤައުމީ މައްސަލައެކެވެ.
ދިވެހި އުންމަތުގެ ހިތުގެ އެންމެ ފުންމިނުން އެދެމުންދަނީ އަލުން އަނބުރާ އެ ރިވެތި ”ދުރޫސުލް އަޚްލާޤު“ގެ ސިފަތައް މި ދިވެހި ފަސްގަނޑުން ފެނިގެން ދިޔުމަށެވެ. ދީނަށް ލޯބިކުރާ، ޤައުމަށް ވަފާތެރި، އަދި މައިންބަފައިންނަށް ކަމޭހިތާ އޯގާތެރި ދަރިންތަކެއް މި މުޖުތަމައުން ބޮޑެތިވަމުން ދިއުމެވެ. ބޮޑެތި މީހުންނަށް އިޚްތިރާމާއި ޤަދަރުކުރާ، އަދި ކުޑަކުދިންނަށް އޯގާތެރިކަމާ އެކު އަޅާލައި، އުފެއްދުންތެރި، މަސައްކަތްތެރި ޒުވާނުންތަކެއް ބިނާވެގެން ދިއުމެވެ. މިއަދު އޮތް ހާލަތުން އަރައިގަތުމަށް ކުރަން ޖެހިފައިވަނީ ވަރަށް ބުރަ އަދި އެހާމެ ބޮޑު މަސައްކަތެކެވެ. މިއީ މި ހިނދަށް ކުރަން ޖެހިފައިވާ އެންމެ މުހިންމު ޤައުމީ އެއް މަސައްކަތެވެ. މި މުހިންމު މަސައްކަތުގެ ބިންގާ ދިވެހި ވަޠަނީ ޚިދުމަތް ފެށުމާ އެކު އެޅިގެން ހިނގައްޖެއެވެ.
ކާބަފައިންގެ ޒަމާނުގައި ރަށްރަށުން ފެނުނު އެންމެ ހިތްގައިމު އެއް މަންޒަރަކީ ދެ ނަމާދު ދޭތެރޭގެ ވަގުތެވެ. ކޮންމެ ގެއަކުންހެން އިވެމުންދާ ކީރިތި ޤުރުއާނުގެ މޫރިތި އަޑުން މުޅި ރަށުތެރެ ގުގުމާލާފައި އޮންނަ އޮތުމެވެ. އެއީ މުޅި މާހައުލަށް ބަރަކާތާއި ހަމަޖެހުން ގެނުވައިދިން މާތް ވަގުތުކޮޅެކެވެ. ދިވެހި މުޖުތަމަޢުގައި ބޮޑުވާ ކޮންމެ ދަރިއަކީ ކީރިތި ޤުރުއާން ކިޔަވަން އެނގޭ ކުއްޖެކެވެ. މިއަދުގެ މުޖުތަމަޢުގައި ކީރިތި ޤުރުއާން ބަލައިގެން ކިޔަން ނޭނގޭ ޒުވާނުންނާއި ނަމާދުގައި ކިޔާ އެއްޗެހި ކިޔައިގެން ނަމާދުކުރަން ރަނގަޅަށް ނޭނގޭ ކުދިންތަކެއް ބޮޑެތިވަމުން ދިއުމަކީ ކޮޅުނެތްކޮޅަށް ހިތާމަހުރި ކަމެކެވެ. ދަރިން ތަރުބިއްޔަތުކުރުމުގައި ދީނީ އަސާސްތަކަށް އިސްކަންދޭން ޖެހިފައިވާ މިންވަރު މިއަދުގެ ހާލަތުން ފާހަގަކުރެވެއެވެ. އަދި އެ ކުދިން ދޫކޮށްނުލައި މުޖުތަމަޢަށް ރަނގަޅު ކުދިންތަކެއްގެ ގޮތުގައި ނެރެވޭތޯ މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ދީނީ އަޤީދާ ހަރުދަނާ، ޒުވާން ޖީލެއް ބިނާވެގެން ދިއުމަކީ މުޅި ޤައުމަށް އެކަމުގެ އުފާވެރިކަން ލިބިގެންދާނެ ކަމެކެވެ.
ދިވެހި މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންކަމަކީ ދިވެހީންގެ ޚާއްޞަ ސިފައެކެވެ. ޢާއިލީ ގުޅުމާއި، ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ޒަމާނުއްސުރެ ދިވެހީން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދިން ކަންކަމެވެ. އަވައްޓެރިންގެ މެދުގައި އޮންނަ ބަދަހި ގުޅުމާއި، އެކަކުއަނެކަކަށް އިޙުތިރާމުކުރުމާއި އެހީތެރިވުމުގެ ރޫޙަކީ އަށަގަންނުވަން ޖެހޭ ރީތި ސިފަތަކެކެވެ. ނިކަމެތިންނަށް އަޅާލުމާއި، އޯގާތެރިކަމުގެ މާތް ސިފަ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ ކިބައިން ފެނުމަކީ އިޖުތިމާޢީ ފޭރާން ބަދަހިވާނެ ކަމެކެވެ. މުޖުތަމަޢުގައި އުޅެ ބޮޑެތި ވާއިރު މި ސިފަތައް ދަސްނުވާ ނަމަ މި ސިފަތަކަކީ ނިޒާމެއްގެ ތެރެއިން ޒުވާން ޖީލަށް ދަސްކޮށްދެންޖެހޭ ސިފަތަކެކެވެ. އެކަން މިއަދު މިވަނީ ފެށިފައެވެ.
ދިވެހިރާއްޖޭގެ ރަށްރަށުގައި ރަށުވަންތަކަމާއި ރަށުލޯބީގައި ކުރަމުންދިޔަ އިޖުތިމާޢީ މަސައްކަތްތަކުން ހާސިލުކޮށްފައިވާ ކާމިޔާބީތައް ގިނަގުނައެވެ. ދިވެހީންނަކީ ”އެއްބައެއްވަންތަ“ ބައެއްގެ ގޮތުގައި، އެކަކުއަނެކަކަށް ހިތްހެޔޮކަމާއި އިހުތިރާމާ އެކު ހިނިތުންވެތިބެ މުޚާޠަބުކުރަމުން އައި ބައެކެވެ. ދިވެހި ޤައުމިއްޔަތަށް ލޯބިކުރި ބައެކެވެ. ދިވެއްސަކަށް ވީތީ ފަޚުރުވެރިވި ބައެކެވެ. ދިވެހި ޤައުމިއްޔަތުގެ ބަހާތަކަށް ލޯބިކުރާ ޒުވާނުންތަކެއް ބިނާކުރެވިއްޖެ ނަމަ އެ ޒުވާނުން ވާނީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިބަހާއި ދިވެހީންގެ އާދަކާދައާއި ސަގާފަތާއި ތާރީޚަށް އަދި ދިވެހީންގެ މިނިވަންކަމަށް ވެސް އިޙުތިރާމުކުރާ އަދި މި ނިޢުމަތްތަކުގެ އަގުވަޒަންކުރާ ބަޔަކަށެވެ.
ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު ދެކެން ބޭނުންވަނީ ދީނުގެ މަތިވެރި އުޞޫލުތަކުން ޒީނަތްތެރިވެފައިވާ، އަދި ކާބަފައިންގެ ރިވެތި އާދަކާދަތަކަށް ފަޚުރުވެރިވާ ޖީލެކެވެ. ކޮންމެ ދިވެހި ދަރިއަކީ ޤައުމަށް ވަފާތެރި، އިސްލާމީ އަދަބު އަޚްލާޤުގެ ނަމޫނާ ދައްކާ ފަރުދަކަށް ވުމެވެ. އޭރުން، މި ކުޑަކުޑަ ދިވެހިރާއްޖެއަކީ ދުނިޔެއަށް ދައްކާލެވޭނެ އެންމެ ފުރިހަމަ، އެންމެ އަމާން، އަދި އެންމެ އުފާވެރި މުޖުތަމަޢުއަށް ވާނެކަން ކަށަވަރެވެ. އަޅުގަނޑުމެންގެ އިޖުތިމާޢީ ފޭރާން އަލުން ވިޔެ، ބަދަހިކުރުމުގެ ވަގުތު ޖެހިއްޖެއެވެ. އެ މަސައްކަތް ފެށިއްޖެއެވެ. ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫޙާނީ އަދި ނަފުސާނީގޮތުން ދުޅަހެޔޮ ދިވެހިރައްޔިތެއް ބިނާކުރުމުގެ މަތިވެރި މަސައްކަތް ދިވެހި ވަޠަނީ ޚިދުމަތާ އެކު ފެށިގެން ހިނގައްޖެއެވެ.
