ވަޠަނީ ޚިދުމަތް ނުވަތަ ’ނޭޝަނަލް ސަރވިސް’އަކީ ޤައުމެއްގެ ރައްޔިތުން، ޚާއްޞަކޮށް ޒުވާނުން، ވަކި މުއްދަތަކަށް ދައުލަތަށް ޚިދުމަތްކުރުމަށް ޓަކައި އެކުލަވާލެވިފައި އޮންނަ ނިޒާމެކެވެ. މިއީ ހަމައެކަނި އަސްކަރީ ތަމްރީނުތަކެއް ނޫނެވެ. މިއީ ޤައުމުގެ ސަލާމަތާއި، އިޖުތިމާޢީ ވަރުގަދަކަމާއި، އަދި ކޮންމެ ފަރުދެއްގެ ކިބައިގައި ދީނީ ލޯތްބާއި ޤައުމީ ރޫޙު އިތުރުކުރުމަށް ޓަކައި ބިނާކުރެވޭ މުހިންމު ބިންގަލެކެވެ.
ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ވަޠަނީ ޚިދުމަތް ކުރިއަށްގެންދާ ގޮތްތަކަށް ބަލާ އިރު، ބައެއް ޤައުމުތަކުގައި މިއީ މަޖުބޫރު ކަމެކެވެ. އަނެއްބައި ޤައުމުތަކުގައި މިއީ އިޚްތިޔާރީ ކަމެކެވެ. ވަޠަނީ ޚިދުމަތް ކާމިޔާބުކަމާ އެކު ކުރިއަށްގެންދާ ޤައުމުތަކުގެ ތެރޭގައި ސިންގަޕޫރު، ދެކުނު ކޮރެއާ، ރަޝިޔާ، ނޯވޭ، ސްވިޑުން، ފިންލޭންޑް، ގްރީސް، ޑެންމާކް، ކިއުބާ، އެރިޓްރިއާ، އީރާން، ތައިލެންޑް، ތުރުކީ، ލެޓްވިއާ، ލުތުއޭނިއާ، މިޞްރު، އޮސްޓްރިއާ، ޓައިވާން ހިމެނެއެވެ. ދުނިޔޭގައި ވަޠަނީ ޚިދުމަތް ފެށިގެން އައީ ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އަސްކަރިއްޔާގައި ޚިދުމަތްކުރުން ލާޒިމު ޚިދުމަތެއްގެ ގޮތުގައެވެ. ނަމަވެސް ޒަމާނާ އެއްގޮތަށް މި ނިޒާމަށް ބަދަލުތަކެއް އައިސް، މިހާރު މަދަނީ ޚިދުމަތްތަކާއި، އިޖުތިމާޢީ އެކިއެކި ދާއިރާތަކުން ޤައުމަށް ޚިދުމަތްކުރުމުގެ ފުރުޞަތު ގިނަ ޤައުމުތަކެއްގައި ވަނީ ހުޅުވާލެވިފައެވެ.
ސްކޫލު ނިންމުމަށްފަހު، މަތީ ތަޢުލީމަށް ދިއުމުގެ ކުރިން ނުވަތަ ވަޒީފާގެ މައިދާނަށް ނުކުތުމުގެ ކުރިން ވަޠަނީ ޚިދުމަތުގެ ތެރެއަށް ޒުވާނުން ވެއްދުމަކީ އޭގެ ފައިދާ ނުހަނު ބޮޑު ކަމެކެވެ. އަސްކަރިއްޔާގައި ޚިދުމަތްކުރުމުން ލިބޭ އަދަބު އަޚްލާޤާއި، ވަގުތަށް ކަމޭހިތުމާއި، އަދި ކެތްތެރިކަމަކީ އިންސާނާގެ މުޅި ދިރިއުޅުމަށް އޭގެ އަސަރު ފޯރާނެ ކަންކަމެވެ. އަދި އަސްކަރިއްޔާ ނޫން އެހެން ދާއިރާއެއްގައި މަސައްކަތްކުރަން ޖެހުނުކަމުގައި ވިޔަސް ވަޠަނީ ޚިދުމަތުގައި ތަޢުލީމާއި ތަމްރީނު ލިބިފައިވާ ޒުވާނަކަށް އެދާއިރާއަކުން ވެސް ކުރިއަށް ދިއުމަށް ވަޠަނީ ޚިދުމަތަކީ މަންފާކުރާނެ ކަމެކެވެ. މިގޮތުން ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާ ނުވަތަ އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާތަކުގައި ޚިދުމަތް ކުރުމުން، މުޖުތަމަޢުގެ ބޭނުންތަކަށް ޒުވާނުންގެ ލޯހުޅުވި، އަމިއްލަ އެދުމަށް ވުރެ ޤައުމީ މަޞްލަޙަތު އިސްކުރުމުގެ ސިފަ އެ ކުދީންގެ ކިބައިގައި އަށަގަނެއެވެ.ވަޠަނީ ޚިދުމަތުގެ ސަބަބުން ޒުވާނުންގެ ކިބައިގައި ޤައުމީ ވަހުދަތާއި އެއްބައިވަންތަކަން އާލާވެއެވެ. ތަފާތު އާއިލާތަކާއި، ތަފާތު ފަންތީގެ ކުދިން އެކުގައި ޤައުމަށް ޓަކައި މަސައްކަތްކުރުމުން، އެކަކުއަނެކަކަށް އޮންނަ އިޙްތިރާމް އިތުރުވެ، ޤައުމީ ބަދަހިކަން ވަރުގަދަވެއެވެ. މީގެ އިތުރުން، ޤައުމަށް ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައާއި، ތަފާތު ކާރިސާތަކުގައި ޙަރަކާތްތެރިވާނެ ތަމްރީނު ލިބިފައިވާ ޒުވާން ޖީލެއް ބިނާވެގެންދެއެވެ.
ދިވެހިރާއްޖޭގެ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
މި ޕްރޮގްރާމަކީ، ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކޮށް، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާ އެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނުކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ދިވެހި ވަޠަނީ ޚިދުމަތުގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދީ، ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާ އެކު ގުޅިގެން މަސައްކަތްކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އެކަކުއަނެކަކަށް އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ހެދުމަށް ހިންގާ ޕްރޮގްރާމެކެވެ.
ޒުވާނުންނަކީ ޤައުމަށް ފައިދާހުރި ބަޔަކަށް ވުމަށް ޓަކައި ދައުލަތުގެ ޔުނިފޯމު އެޅި ޚިދުމަތެއްގައި ނުވަތަ އެ ނޫންވެސް މަސައްކަތުގެ ދާއިރާއެއްގައި ޚިދުމަތްކުރުމުގެ ފުރުޞަތު ފަހިވެފައި އޮތުމަކީ މުހިންމު ކަމެކެވެ. މިފަދަ ޚިދުމަތްތަކުގައި މަސައްކަތްކުރުމަށް ބޭނުންވާ އަސާސީ، ފަންނީ، ޖިސްމާނީ އަދި ފިކުރީ ޤާބިލުކަން އެ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ޓަކައި ތަޢާރަފު ކުރެވިފައި އޮންނަ ނިޒާމަކީ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމެވެ. މިއީ ތަޢުލީމާއި ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދިނުމުގެ ޕްރޮގްރާމެކެވެ. މިގޮތުން ދިވެހި ވަޠަނީ ޚިދުމަތް ވެސް ބައްޓަން ކުރެވިފައިވަނީ ދެ ބައެއްގެ މައްޗަށެވެ. އެއީ އަސާސީ ތަޢުލީމާއި ތަމްރީނުގެ ކޯހާއި، ދައުލަތުގެ ޔުނިފޯމް އެޅި ޚިދުމަތްތަކުގެ ތެރެއިން ކަނޑައެޅޭ ޚިދުމަތެއްގައި މަސައްކަތްކުރުމުގެ މައްޗަށެވެ.
ދިވެހިރާއްޖޭގައި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމެއް ފެށީ މި ޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ ޒުވާނެއްގެ ކިބައިން ޚާއްޞަ ސިފަތަކަކަށް އުންމީދުކޮށްގެންނެވެ. މިގޮތުން އިސްލާމްދީނަށް ލޯބިކުރުމާއި ދީނީ ޝިޢާރުތަކަށް އިޙްތިރާމްކުރުމާއި، ޤައުމާ މެދު ފަޚުރުވެރިވުމާއި ޤައުމިއްޔަތަށް އިސްކަންދިނުން ހިމެނެއެވެ. އަދި މަސައްކަތުގެ ދާއިރާގައި ހީވާގިކަމާ އެކު ކެރިގެން މަސައްކަތްކުރުމުގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން ހުރުމާއި، މަސައްކަތްކުރުމަށް ކުރިމަތިލާ ފަރާތްތަކަށް ބޭނުންވާނެ އަސާސީ ޢިލްމާއި ހުނަރު ހުރުމާއި، މަސައްކަތުގެ މާހައުލުގައާއި އާންމު ދިރިއުޅުމުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ފުރިހަމަ އަޚްލާޤާއި ސުލޫކު އަށަގެންނެވުން ހިމެނެއެވެ. މީގެ އިތުރުން އެއްބައިވަންތަކަމާ އެކު ގުޅިގެން މަސައްކަތްކުރުމުގެ ރޫޙުހުރި އެކަކުއަނެކަކަށް އިޙުތިރާމްކުރުމާއި ޢަމަލާއި ބަހުގައި ކެތްތެރިކަންހުންނަ ޒުވާނަކަށް މި ޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ ޒުވާނެއްވުން ހިމެނެއެވެ.
ދިވެހި ވަޠަނީ ޚިދުމަތަކީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ކޮންމެ ދިވެހި ޒުވާނަކަށް ބައިވެރި ވެވޭގޮތަށް ފަރުމާ ކުރެވިފައިވާ ޕްރޮގްރާމެކެވެ. ނަމަވެސް ޢުމުރުން 16 އަހަރު ފުރި، 18 އަހަރު ނުފުރޭ ކުޑަކުދީންނަށް މި ޕްރޮގްރާމް ފުރިހަމަ ކުރެވޭނީ އެ ކުއްޖެއްގެ އިތުރުން އެ ކުއްޖެއްގެ ބެލެނިވެރިންގެ ހުއްދައާ އެކުގައެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ މެޑިކަލް އެސެސްމަންޓެއް ހެދުމަށްފަހު ފާސްވެގެންނެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ މީހަކު ވެސް އަސާސީ ތަޢުލީމާއި ތަމްރީނުގެ ކޯސް ފުރިހަމަކުރަން ޖެހެއެވެ. ޔުނިފޯމު އެޅި ޚިދުމަތެއްގައި މަސައްކަތްކުރުމުގެ މުއްދަތަކީ ކަނޑައެޅިފައިވާ ވަކި މުއްދަތެކެވެ. ދުނިޔޭގެ އާންމު ގިނަ ޤައުމުތަކެކޭ އެއްގޮތަށް ދިވެހިރާއްޖޭގައި ވެސް ޔުނިފޯމު އެޅި ޚިދުމަތެއްގައި މަސައްކަތްކުރަން ޖެހޭނީ އަހަރަކަށް ވުރެ ދިގު ނުވާ ވަރަށެވެ. ދިވެހިރާއްޖޭގެ ވަޠަނީ ޚިދުމަތުގައި މަސައްކަތްކުރަން ޖެހޭ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ޔުނިފޯމު އެޅި ޚިދުމަތްތަކަކީ ދިވެހިރާއްޖޭގެ އަސްކަރިއްޔާ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި އިމިގްރޭޝަނެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ބައްޓަން ކުރެވިފައި ވަނީ މިނޫން ޚިދުމަތްތަކާއި އިދާރާތަކުގައި ވެސް ވަޠަނީ ޚިދުމަތުން ބޭނުން ނަމަ މަސައްކަތްކުރެވޭ ގޮތަށެވެ.
ވަޠަނީ ޚިދުމަތަކީ ޤައުމަށް ޚިދުމަތްކުރަން އެދޭ ޒުވާނުންނަށް އެ ފުރުޞަތު ފަހިކޮށްދީ، ޒުވާނުން ބާރުވެރިކުރުވައި، ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ޒުވާން ޖީލެއް ބިނާކުރުމުގެ ގޮތުން އެ ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ، ނަފުސާނީ ޤާބިލުކަން އަށަގެންނެވުމަށް ޓަކައި ތަޢާރަފުކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޚިދުމަތް ވެގެންދާނީ ޤައުމީ ލޯތްބާއި ޒިންމާދާރުކަމުގެ ރޫޙުކަމުގައެވެ. ބިންގާކަމުގައެވެ.
