ޤައުމީ ބަޠަލުންނަކީ ހަމައެކަނި ތާރީޚީ ލިޔުންތަކެއްގައި ހިމެނޭ ނަންތަކެއް ނޫނެވެ. އެއީ ކޮންމެ ޤައުމެއްގެ ވެސް ފަޚުރުވެރި މާޒީއާއި އުޖާލާ މުސްތަގްބަލު ގުޅުވައިދޭ މައިގަނޑު ވިންދެވެ. ޤައުމީ ބަޠަލުން ވެވަޑައިގެންފައިވާ މަތިވެރި ގުރުބާނީއަކީ ހަމައެކަނި ލިޔެވިފައިވާ ވާހަކަތަކެއް ނޫނެވެ. އެއީ މުޅި ގައުމިއްޔަތުގެ ވިންދާ ލާމެހިފައިވާ، ދިވެހިވަންތަކަމުގެ އަސްލެވެ.

ޤައުމީ ބަޠަލުން ޤައުމަށް ޓަކައި ވެވަޑައިގެންފައިވާ ފުން ގުރުބާނީއަކީ ވަގުތީ ޖޯޝެއްގެ ނަތީޖާއެއް ނޫނެވެ. އެއީ ޖީލުތަކަށް ދެމިގެންދާނޭހެން ބިނާކުރެވިފައިވާ ޤައުމީ ލޯބީގެ ވަރުގަދަ ބިންގަލެވެ. މި ބަޠަލުންގެ ހިތްޕުޅުތަކުގައި ޤައުމީ ރޫޙު އާލާވެފައިވަނީ ހަމައެކަނި އަދާކުރަންޖެހޭ މަސްއޫލިއްޔަތެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ޤައުމީ ލޯބީގެ މަތިވެރި ޝަރަފެކެވެ.

މި ލޮބުވެތި ވަޠަނުގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤުލާލު ދެމެހެއްޓުމަށް ޓަކައި މި ޤައުމުގެ ބަޠަލުން ވަނީ ނުގުޑާފަދަ އަޒުމެއް ދައްކަވާފައެވެ. އިސްލާމްދީނުގެ މަތިވެރި ނޫރު މި ފަސްގަނޑުން ފަނޑުވިޔަނުދީ ހިފެހެއްޓުމަށް ޓަކައި، އެ މުޖާހިދުން ޖިހާދުކުރެއްވީ އަމިއްލަ ފުރާނައާއި ހަށިގަނޑުގެ އެންމެ ފަހު ނޭވާޔާ ޖެހެންދެންނެވެ. މިއީ ގައުމިއްޔަތަށް ޓަކައި ވެވަޑައިގެންނެވި އިޚްލާޞްތެރި ލޯބީގެ އެންމެ މަތިވެރި މިސާލެވެ.

ދިވެހިރާއްޖެ މިއަދު މިނިވަންކަމުގެ އުފާވެރި މާހައުލެއްގައި އޮތް އިރު، މި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ޓަކައި ޤުރުބާންވެވަޑައިގެންނެވި ބަޠަލުންގެ ޒިކުރާ އައުކޮށް، އެ ބަޠަލުންގެ މަތިވެރި ޚިދުމަތްތައް ދިރުވައި އާލާކުރުމަކީ އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ޤައުމީ ވާޖިބެކެވެ. އެ ބަޠަލުން ޤައުމަށް ޓަކައި ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ ތާރީޚީ ފިލާވަޅުތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިފަދަ އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބަޠަލުންގެ އަގުވަޒަންކުރުމުގެ މައިގަނޑު މަޤުޞަދަކީ، އެ ބޭފުޅުންގެ ހަޔާތްޕުޅުން ފެންނަން އޮތް ކެރުމާއި، ހިތްވަރުގަދަކަމާއި، އަދި ޤައުމީ ލޯބީގެ މަތިވެރި ސިފަތައް އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގުމެވެ. އެހެންކަމުން، މިއަދުގެ ކޮންމެ ދިވެހި ދަރިއަކީ ވެސް، ކާބަފައިން ދެއްކެވި ފަދަ ސާބިތުކަމާ އެކު، ޤައުމުގެ ދިފާޢުގައި ކޮންމެފަދަ ގުރުބާނީއެއް ވާންވެސް ތައްޔާރަށް ހުރި ކެރޭ، ހިތްވަރުގަދަ ދަރިއަކަށް ވާންޖެހެއެވެ.

ދިވެހިރާއްޖޭގެ ދިގު ތާރީޚަށް ބަލާ އިރު، މި ލޮބުވެތި ވަޠަނުގެ މިނިވަންކަން ބީވެ، ބޭރުގެ އިސްތިއުމާރީ ބާރުތަކުގެ ދަށަށް ރާއްޖެ ގޮސްފައިވާ ދުވަސްތަކެއް ފެންނަން އެބައޮތެވެ. މިގޮތުން ޕޯޗުގީޒުންގެ އަޅުވެތިކަމުގައި މި ރާއްޖެ ހޭދަކުރި 15 އަހަރާއި 6 މަސްދުވަހުގެ އިތުރުން، މަލާބާރީން ނުވަތަ ހޮޅިންގެ އަތްދަށުގައި ހޭދަވި 4 މަހެއްހާ ދުވަހަކީ ދިވެހި ތާރީޚުގެ ކަޅު ސަފުހާތަކެކެވެ. މިއީ ކޮންމެ ދިވެއްސަކު ވެސް ހިތާމަޔާ އެކު ހަނދާންކުރާ، އަދި ހަނދާނުން ފޮހެލަން ބޭނުންވާނެ ދުވަސްތަކެކެވެ. 1887ވަނަ އަހަރު އިނގިރޭސީންނާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ރާއްޖެ އިނގިރޭސި ހިމާޔަތުގައި އޮތް ނަމަވެސް، ރާއްޖެއަކީ ދުވަހަކު ވެސް އެމީހުންގެ ސީދާ އަޅުވެތިކަމުގެ ދަށަށް ދިޔަ ޤައުމެއް ނޫންކަން ތާރީޚީ ހެކިތަކުން ސާބިތުވެއެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް އަމާޒުކޮށް އެންމެ ފަހުން ދެވުނު ނުރައްކާތެރި ޢުދުވާނަކީ 1988ވަނަ އަހަރުގެ ނޮވެންބަރު ތިނެއްގެ ހަމަލާއެވެ. މީގެ 37 އަހަރު ކުރިން ހިނގި އެ ބިރުވެރި ހާދިސާގައި 19 ދިވެހިން ޝަހީދުވެފައި ވާއިރު، އެއީ މުޅި ޤައުމު ސިއްސުވާލި ހިތާމަވެރި ދުވަހެކެވެ. މި ފަސްގަނޑުގެ މިނިވަންކަން ނަގާލައި، މާތްވެގެންވާ އިސްލާމްދީން މި ފަސްގަނޑުން ފޮހެލަން މަސައްކަތްކުރި ކޮންމެ ދަނޑިވަޅެއްގައި، މި ޤައުމުގެ ވަފާތެރި ދަރިން ވަނީ ދީނާއި މި ލޮބުވެތި ވަޠަނުގެ ޙައްޤުގައި ނުކުމެފައެވެ. އެބައިމީހުންގެ މަތިވެރި ޖިހާދާއި ގުރުބާނީން ދުޝްމަނުން ބަލިކޮށް، ޤައުމުގެ މިނިވަންކަން ދިފާޢުކޮށްފައިވުމަކީ، މި ފަސްގަނޑަށް އުފަންވި އިޚުލާޞްތެރި ދަރިންގެ ހިތްތަކުގައި ޤައުމީ ލޯބި ބަދަހިކަމާ އެކު އޮތްކަމުގެ އަލިގަދަ ހެކިތަކެވެ.

ދިވެހި ތާރީޚުގެ ސަފުހާތަކުން ފެންނަން އޮތް އެންމެ އުޖާލާ އެއް ނަމަކީ، ޕޯޗުގީޒުންގެ އަނިޔާވެރި އިސްތިޢުމާރުން ދިވެހި ފަސްގަނޑު ސަލާމަތްކޮށްދެއްވި ބަޠަލު، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އުތީމު ބޮޑުތަކުރުފާނު)އެވެ. 1558ވަނަ އަހަރު ޕޯޗުގީޒުން ރާއްޖެ ހިފައި، ދިވެހިން ނިކަމެތިކޮށްލާފައި ވަނިކޮށް، އެ ބިޔަ ލަޝްކަރާ ދެކޮޅަށް ތެދުވެވަޑައިގަތީ ތިލަދުންމަތީ އުތުރުބުރީ އަލްޚަތީބު ޙުސައިން ތަކުރުފާނުގެ މި ދަރިކަލުންނެވެ.

ޤައުމީ މިނިވަންކަމުގެ މި މަތިވެރި ޖިހާދުގައި ބޮޑުތަކުރުފާނު ގެންގުޅުއްވި ބުއްދިވެރި އުކުޅުތަކާއި، ބެންނެވި މަޝްހޫރު ”ކަޅުއޮއްފުންމީ“އަކީ ދިވެހި ތާރީޚުގައި ފަނޑުވުމެއް ނެތް ރަމްޒެކެވެ. ދިގު 15 އަހަރުގެ އަޅުވެތިކަމަށްފަހު، 1573ވަނަ އަހަރު ރާއްޖެއަށް ފަޚުރުވެރި ނަޞްރާއި މިނިވަންކަން ހޯއްދަވައިދެއްވީ އެ ތަކުރުފާނުގެ ވަރުގަދަ ޢަޒުމާއި މަތިވެރި ޤުރުބާނީންނެވެ. މިނިވަންކަމަށްފަހު ވެސް ދިވެހި އުންމަތުގެ ކުރިއެރުމަށާއި، ދީނީ އަދި އިޖުތިމާޢީ އެތައް ދާއިރާއަކުން އެ ތަކުރުފާނު ކުރެއްވި އަގުނުކުރެވޭ ފަދަ ޚިދުމަތްތަކުގެ ސަބަބުން، މިއަދު ވެސް އެއީ ކޮންމެ ދިވެއްސެއްގެ ހިތުގައި އެންމެ މަތިވެރި ޤަދަރެއް ދެވިފައިވާ ޤައުމީ ބަޠަލެވެ.

މިގޮތުން، ތާނަ އަކުރު ތަޢާރަފުކުރެއްވުމާއި، ބޮލީގެ ބަދަލުގައި ފައިސާގެ ނިޒާމު ހަމަޖެއްސެވުމުގެ އިތުރުން، ވާދޫ ދަންނަކަލޭފާނު މެދުވެރިކުރައްވައި ރާއްޖޭގައި އިސްލާމީ ތަޢުލީމު ފެތުރުއްވުމަކީ އެ ތަކުރުފާނުގެ ޤައުމީ ޚިދުމަތްތަކުގެ ތެރެއިން މިއަދުގެ ޖީލުތަކަށް ފެންނަންހުރި ފާހަގަކޮށްލެވޭ މުހިންމު ކަންކަމެވެ. ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1ވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރާ ޤައުމީ ދުވަސް ނިސްބަތްވަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމަށެވެ. މި ދުވަހަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި މަތިވެރި ޒިކުރާ އައުކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ވަކި ޚާއްޞަ ދުވަހެއްގެ ގޮތުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ހަމައެކަނި ދުވަހަކީ ވެސް ޤައުމީ ދުވަހެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމުގެ ތާރީޚަށް ނަޒަރު ހިންގާލާ އިރު، މީލާދީން 1752ވަނަ އަހަރަކީ ފާހަގަކޮށްލެވޭ މުހިންމު އަހަރެކެވެ. އެ އަހަރު ކަންނަންނޫރުގެ މަލާބާރީން (ނުވަތަ ހޮޅިން) ރާއްޖެ ހިފައި، ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ ވަގުތީ އިސްތިޢުމާރެއް ގާއިމުކުރިއެވެ. ތާރީޚީ ލިޔުންތަކުން ހެކިދޭ ގޮތުގައި، މިއީ ދިވެހިން ތަހައްމަލުކުރި ނުހަނު ދަތި އަދި ހިތްދަތި ދުވަސްވަރެކެވެ. މި އަނިޔާވެރިކަމުން ޤައުމު ސަލާމަތްކުރެއްވުމަށް އިސްނެންގެވީ، ހުރަވީ ދަރިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ، އަމިއްލަ އެދުމެއްނެތް، އޯގާތެރި ލީޑަރެކެވެ. އެއީ ދިވެހި ތާރީޚު ދުށް އެންމެ ޚިކުމަތްތެރި އަދި އެހާމެ ހިތްވަރުގަދަ ޤައުމީ ބަޠަލެވެ.

ރާއްޖޭގެ މިނިވަންކަމުގެ ތާރީޚުން ފެންނަން އޮތް ހިތާމަވެރި ހަގީގަތަކީ، ކޮންމެ ފަހަރަކު ވެސް ޤައުމުގެ މިނިވަންކަން ބީވެގެން ގޮސްފައިވަނީ ޤައުމަށް ޚާއިނުވި ބައެއް ދިވެހީންގެ ސަބަބުން ކަމެވެ. މަލާބާރީންގެ މި އިސްތިޢުމާރުގައި ވެސް މިފަދަ ޚާއިނުން ހިމެނެއެވެ. އެހެން ނަމަވެސް، ފެންނަން އޮތް އަނެއް ހަގީގަތަކީ، ޤައުމުގެ މިނިވަންކަން ނުރައްކަލަށް ހުށަހެޅޭ ކޮންމެ ހިނދެއްގައި، އެ މިނިވަންކަން އިއާދަކުރެއްވުމަށް މާތް ﷲ ދިވެހި ދަރިންގެ ތެރެއިން ޤައުމީ ބަޠަލަކު މެދުވެރިކުރައްވާ ކަމެވެ. އެގޮތުން، ހިޖުރައިން 1166ވަނަ އަހަރު، މަލާބާރީންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވީ މާލެއަތޮޅު ހުރާ އަލްވަޒީރު ޙުސައިން ދަހަރާ ތަކުރުފާނުގެ އަލްވަޒީރު މުޙައްމަދު ފާމުލަދޭރި މަނިކުފާނުގެ ދަރިކަލުން، އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ސިރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (ދޮންބަންޑާރަ)އެވެ.

ދިވެހިރާއްޖެ ބޭރުގެ އިސްތިޢުމާރީ ބާރުތަކުން ސަލާމަތްކުރެއްވުމަށްފަހު، އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ކަންތައްކުރެއްވި ގޮތަކީ މުޅި ދިވެހި އުއްމަތަށް ޢިބުރަތުން ފުރިގެންވާ ފިލާވަޅުތަކެކެވެ. އެގޮތުން، ދިވެހި ތަޚުތު އެ މަނިކުފާނަށް ހުށަހެޅުނު ހިނދު، އެކަން ޤަބޫލުފުޅު ނުކުރައްވައި ދެއްކެވި ސާބިތުކަމަކީ، އެމަނިކުފާނުގެ ކިބައިގައި އަމިއްލަ އެދުމެއް ނެތްކަމާއި، މަތިވެރި އަޚްލާޤީ ސިފަތަކެއް ހުރިކަމުގެ ދިރިހުރި ހެއްކެކެވެ. ދޮންބަންޑާރައިން ޤައުމަށް ޚިދުމަތްކުރެއްވީ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޤައުމީ ވާޖިބެއްގެ ގޮތުގައެވެ.

ތާރީޚީ ހެކިތަކުން ކަށަވަރުވާ ގޮތުގައި، އެ މަނިކުފާނަކީ އޯގާވެރިކަމާއި، ކެތްތެރިކަމުގެ ނަމޫނާއެކެވެ. އަދި ރައްޔިތުންގެ އިޙުސާސްތަކަށް އިޙްތިރާމްކުރެއްވި، މަތިވެރި ސިފަތަކުން ޒީނަތްތެރިވެފައިވާ ވެރިއެކެވެ. މިފަދަ މަތިވެރި ސިފަތަކެއް ލިބިވަޑައިގެންފައިވާ ޤައުމީ ބަޠަލުން ދުނިޔޭގެ ތާރީޚުން ވެސް، ފެންނަނީ ވަރަށް މަދުންނެވެ. ދިވެހިރާއްޖޭގައި ކޮންމެ އަހަރަކު ފާހަގަކުރާ ހުރަވީ ދުވަހުގެ ބަޠަލަކީ، އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން)އެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމުގެ ތާރީޚުން ފެންނަން އޮތް އެންމެ ނުރައްކާތެރި އެއް ހާދިސާއަކީ، 1988 ނޮވެންބަރު 3ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާއެވެ. މާތް ﷲގެ މިންވަރުފުޅާ އެކު އެ ދުވަހު ދިވެހީންނަށް ނަޞްރު ލިބިގެންދިޔައީ، ދިވެހި ސިފައިންނާއި ރައްޔިތުން ދެއްކެވި ނުގުޑާފަދަ އެއްބައިވަންތަކަމާއި މަތިވެރި ގުރުބާނީގެ ސަބަބުންނެވެ. މި ހަމަލާގައި 19 ދިވެހީން ޝަހީދުވެގެން ދިޔައިރު، އޭގެ ތެރޭގައި ދިވެހި ސިފައިންގެ ފަޚުރުވެރި 8 ބޭކަލުން ހިމެނެއެވެ.

މި މަތިވެރި ޖިހާދުގެ އެންމެ އިސްސަފުން ފެނިގެންދިޔަ ޤައުމީ ބަޠަލަކީ، އުމުރުން އެންމެ 20 އަހަރުގެ ކޯޕްރަލް ޝަހީދު ޙުސައިން އާދަމެވެ. ހދ.ކުޅުދުއްފުއްޓަށް އުފަން ކޯޕްރަލް ޝަހީދު ޙުސައިން އާދަމަކީ، ދުޝްމަނުން ސިފައިންގެ މައިމަރުކަޒަށް ދެމުންދިޔަ ވަރުގަދަ ހަމަލާތަކަށް ކުޅަދާނަކަމާ އެކު ރައްދުދީ، ދުޝްމަނުން ސިއްސުވާލި ހިތްވަރުގަދަ ފަހުލަވާނެކެވެ. ދިވެހި ފަސްގަނޑުގެ ދިފާޢުގައި، އަމިއްލަ ފުރާނައަށް ބެލުމެއްނެތި، ސިފައިންގެ މައި ދޮރުއަށި ހިމާޔަތްކުރެއްވުމުގައި އެންމެ ފަހު ނޭވާއާ ޖެހެންދެން ވެސް އެ ބަޠަލު ހުންނެވީ ސާބިތުކަމާއެކުގައެވެ. މުޅި ޤައުމު ސިއްސުވާލި ޢުދުވާނީ ހަމަލާގެ ދިފާޢުގައި ހަމަލާދެމުން ދަނިކޮށް، އެ މަތިވެރި ބަޠަލު ޝަހީދުވެގެން ވެއްޓުނީ ޤައުމީ ވާޖިބު އަދާކުރެއްވުމުގައި ދެގޮތެއްނުވެ ހުންނަވައެވެ.

ކޯޕްރަލް ޝަހީދު ޙުސައިން އާދަމަކީ މިއަދު މުޅި ދިވެހި އުންމަތް އެ ބަޠަލަކަށް ޓަކައި ނުހަނު ފަޚުރުވެރިވާ، ދިވެހި ތާރީޚު ދުށް އެންމެ ހިތްވަރުގަދަ އެއް ފަހުލަވާނެވެ. ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހު އަޅުގަނޑުމެން ފާހަގަކުރާ ނަޞްރުގެ ދުވަހަކީ، 1988ވަނަ އަހަރުގެ އެ ނާމާން ޢުދުވާނީ ހަމަލާއިން މާތް ﷲ މި ޤައުމަށް މިންވަރުކުރެއްވި މަތިވެރި ނަޞްރާއި ކާމިޔާބީގެ ރަމްޒެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމުގެ ތާރީޚު ރަންއަކުރުން ފަވައިލެވިފައި ވަނީ، ޤައުމީ ބަޠަލުންގެ ހިތްޕުޅުތަކުގައި ބަބުޅަމުންދިޔަ އިޚްލާޞްތެރި ޤައުމީ ލޯތްބާއި، ޤައުމަށް ކުރިމަތިވި ކޮންމެ ނުރައްކަލަކާ ސާބިތުކަމާ އެކު ކުރިމަތިލައްވައި، ޤައުމުގެ ދިފާޢުގައި ކުރެއްވި މަތިވެރި ޖިހާދުގެ ސަބަބުންނެވެ. އެ ބަޠަލުންގެ މަތިވެރި ގުރުބާނީއަކީ ދުނިޔަވީ ޝަރަފެއް ނުވަތަ ޢިއްޒަތެއް ހޯއްދެވުމުގެ މަޤުޞަދުގައި ވެވަޑައިގެންނެވި ގުރުބާނީއެއް ނޫނެވެ. އެއީ ހަމައެކަނި ޤައުމަށް ޓަކައި އެ ބަޠަލުންގެ ހިތްޕުޅުތަކުގައި އޮތް ވަޠަނީ ރޫޙާއި އިޚުލާޞްތެރިކަމުގެ ނަތީޖާއެވެ.

ޤައުމީ ބަޠަލުންގެ ނަޒަރުގައި ގައުމަކީ ހަމައެކަނި ވަކި ބިމެއް ނުވަތަ ދިދައެއް ނޫނެވެ. އެއީ މިނިވަންކަމާއި، އަމިއްލަވަންތަކަމާއި، އަދި ރައްޔިތުންގެ އަބުރާއި ޢިއްޒަތެވެ. މިއަދު އަޅުގަނޑުމެން މި ޤައުމުގައި މިނިވަންކަމުގެ ނޭވާ މިލަނީ، އެ ބަޠަލުން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ ސަބަބުންނެވެ. ދިވެހީންނަކީ މިނިވަންކަމުގެ ފަޚުރުވެރި މާޒީއެއް އޮތް، އަމިއްލަވަންތަ ބައެއްކަން ސާބިތުކޮށްދެނީ ޤައުމީ ބަޠަލުން ކޮށްދެއްވާފައިވާ އަގުނުކުރެވޭ ފަދަ މަތިވެރި ޚިދުމަތްތަކެވެ.

ޝެއަރކުރެއްވުމަށް