އަޅުގަނޑުގެ ހަނދާނަށް ބުރަވެ ލިޔާ މިި ލިޔުމުގައި އޮޅުމެއް ވާނަމަ މަޢާފުކުރެއްވުމާ އެކު ރަނގަޅުކޮށް އިޞްލާހުކޮށްދެއްވުމަށް މި ލިޔުން ކިޔުއްވާ ކިޔުންތެރިންގެ އަރިހުން އެދެމެވެ. އަޅުގަނޑު ހަނދާނަށް ގެނެވޭތޯ މި މަސައްކަތްކުރަނީ ދާދި ފަހުން އަވަހާރަވި ޑީސީޕީ (ރިޓަޔާޑް) ޢަބްދުއްޝުކޫރު ޢަބްދުﷲގެ ހަނދާންތަކެވެ.
އެމަނިކުފާނު ސިފައިން ތެރެއަށް ގުޅިވަޑައިގަތީ މަޖީދިއްޔާ ސްކޫލުންނެވެ. 1964ވަނަ އަހަރު ޖަނަވަރީ މަހު މަޖީދިއްޔާ ސްކޫލުގެ ސީނިއަރ ކެޑޭޓުންގެ ތެރެއިން ސިފައިންގެ ތެރެއަށް ގެނައި ކުދިން ގެނައިތާ (ހަނދާންވާ ގޮތުގައި) އަހަރެއް، ދޮޅުއަހަރެއްހާ ދުވަސް ފަހުންނެވެ.
ޢަބްދުއްޝުކޫރު ޢަބްދުﷲ ފުރަތަމަ މަސައްކަތްކުރެއްވި ހަނދާން ވަނީ އޭރުގެ ތަހުގީގު އޮފީހުގެ ވައްކަމާ ބެހޭ ބައިގައެވެ. އެ ދުވަސްވަރު އެބައިގެ ވެރިޔަކަށް ހުންނެވީ (ހަނދާންވާ ގޮތުގައި) ސިފައިންގެ 3 ނަންބަރު ސަރުދާރު (ފަހުން ކެޕްޓަން) މަރުޙޫމް ހައިވަކަރު އަޙްމަދު ފުޅެވެ.
އެ ދުވަސްވަރު ވައްކަމާ ބެހޭ ބައިގައި މަސައްކަތްކުރާ މީހުންނަށް، ވައްކަމުގެ މައްސަލަ ބެލުމުގެ އިތުރުން، ޚާއްޞަކޮށް ރޭގަނޑު 11އިން ފަތިހު 5އަށް ބާޒާރާއި ރަށުތެރެ ބެލެހެއްޓުމުގެ އިތުރުން ޢާންމުކޮށް ރަށުތެރެ ބަލަހައްޓަން ޖެހެއެވެ. އަދި އެމްޖީބީއެސްގެ މުދާ ގުދަންކޮށްފައި ހުންނަ ބައެއް ތަންތަނުގައި ފަށްގަމީހުގައި ފޯރިމަރަން ޖެހެއެވެ. މީގެ އިތުރުން ވެސް ވަކިވަކި މީހުންނާ ޙަވާލުކުރެވޭ ޚާއްޞަ ބައެއް މަސައްކަތްހުރެއެވެ.
މަރުޙޫމް ޢަބްދުއްޝުކޫރު ޢަބްދުﷲ ސްރީލަންކާގައި ލައިފް ސޭވިންގ ކޯހެއް ހެއްދެވި ހަނދާންވެއެވެ. މި ކޯސް ޢަބްދުއްޝުކޫރު ޢަބްދުﷲއާ އެކު ހެއްދެވި ހަނދާންވާ ދެވަނަ ބޭފުޅަކީ ކާނަލް (ރިޓަޔާޑް) އަޙްމަދު ޒާހިރެވެ.
ހަނދާންވާ ގޮތުގަައި ޢަބްދުއްޝުކޫރު ޢަބްދުﷲ ޓީސީޑީގައި މަސައްކަތްކުރެއްވިއެވެ. އެ ތަނުގައި، މަރުޙޫމް ޢަބްދުއްޝުކޫރު ޢަބްދުﷲއާ އެކު އިތުރު ބައެއް ބޭފުޅުން ޑިއުޓީ އަދާކުރެއްވިއެވެ. އެ ބޭފުޅުން ތެރޭގައި މަރުޙޫމް ސަޢީދު އާދަމާއި (ރޭންކް ހަނދާން ނެތް) އިބްރާހީމް ޚަލީލު ’ގިއްސާ‘ ހިމެނިވަޑައިގަންނަވާ ހަނދާންވެއެވެ.

ހަނދާންވާ ގޮތުގައި މަރުޙޫމް ޢަބްދުއްޝުކޫރު ޢަބްދުﷲ، 1978ގެ ފަހުން ފުލުހުންނާ ގުޅިވަޑައިގަތީ، ފުލުހުންނަށް ސިފައިންގެ އޮފީހުގެ މައްސަލަ ބަލާބައި، އަދި ތަޙުގީގު އޮފީސް، ފެހިއޮފީސް މި ނަންނަމުން ކިޔުން ނިމި، ފުލުސް އޮފީސް ކިޔަން ފެށުނު ފަހުންނެވެ.
ޢަބްދުއްޝުކޫރު ޢަބްދުﷲ ފުލުސް އޮފީހާ ގުޅިވަޑައިގަތީ ބަނޑޭރިގޭ އައު ޢިމާރާތުގެ ދެވަނަ ބުރީގެ ހުޅަނގު ބަޔަށް ފުލުސް އޮފީސް ބަދަލުވި ފަހުންނެވެ. އެއިރު، ފުލުސް އޮފީހުގައި އެންމެ އިސްކޮށް ހުންނެވީ އޭރުގެ ސިފައިންގެ 2 ނަންބަރު ސަރުދާރު (ފަހުން) ރިޓަޔާޑް ބްރިގޭޑިއަރ މަރުޙޫމް ޝައުކަތު އިބްރާހީމެވެ. އޭރު ފުލުސް އޮފީހުގައި ސެކްޝަނެއް ނުހުރެއެވެ. ހުންނަނީ ’ބައި‘ އެވެ. އެއީ، ސިޔާސީ، އެހެނިހެން މައްސަލަ ބަލާބައި، ވައްކަމާ ބެހޭ ބައި، އަދި މާރާމާރީއާ ބެހޭ ބައެވެ. ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ގިނަވުމާއި ފައިސާއާއި ދަރަންޏާ ބެހޭ މައްސަލަތައް ސިޔާސީ އެހެނިހެން މައްސަލަބަލާ ބައިން ބަލަން ފެށުމާ ގުޅިގެން ސިޔާސީ އެހެނިހެން މައްސަލަ ބަލާ ބައިން ’އެހެނިހެން މައްސަލަ‘ ވަކިކޮށް، ފުލުހުން ތެރޭ ޒަމާނުއްސުރެ ކިޔަމުން އައި ’ބައި‘ ނަން ކިޔުން ހުއްޓާލައި، ’ސެކްޝަން‘ ކިޔަން ފެށުނީއެވެ. ދެން އުފެދުނީ އޭ ސެކްޝަން، ބީ ސެކްޝަނެވެ. އޭ ސެކްޝަނާ ހަވާލުވީ ފަައިސާއާއި ދަރަންޏާއި، ޝަރުޢީ މަނާ ދީނާ ޚިލާފު ކިޔާފައި އެތައް މައްސަލަތަކެއް ބެލުމަށެވެ. ބީ ސެކްޝަނާ ޙަވާލުވީ ވައްކަމާ ބެހޭ މައްސަލަތަކާއި ކުރިން ވައްކަމާ ބެހޭ ބައިން ބަލަހައްޓަމުން އައި ކަންތައްތަކެވެ.

އޭރު އެކްސިޑެންޓް ބަލާ ސެކްޝަނެއް ފުލުހުން ތެރެއަކު ނޯވެއެވެ. އެކްސިޑެންޓް ސެކްޝަނެއް ފުލުހުން ތެރޭ އުފައްދައި، ޓްރެފިކް އެކްސިޑެންޓް ފުލުހުން ބަލަން ފަށަންދެން އެކްސިޑެންޓް މައްސަލަތައް ބަލަމުން ގެންދެވީ ފޯރިމޭޒުންނެވެ. ފުލުހުން އެކްސިޑެންޓް މައްސަލަތައް ބަލަން ޙަވާލުވުމާ ގުޅިގެން ސީ ސެކްޝަން އުފެދި، ސީ ސެކްޝަނުން އެކްސިޑެންޓް ބަލަން ފެށުނެވެ. އޭ ސެކްޝަނުން ބަލަންޖެހޭ މައްސަލަތައް ގިނަވެގެން ދިއުމުން ޑީ ސެކްޝަނެއް އުފައްދައި، އެ ސެކްޝަންގެ ވެރިޔަކަށް ޢަބްދުއްޝުކޫރު ޢަބްދުﷲ ހަމަޖައްސަވައި ޑީ ސެކްޝަނުން، ކުރިން އޭ ސެކްޝަނާ ބަލަން ޙަވާލުވެފައި ވާ ޝަރުޢީ މަނާ، ދީނާއި ޚިލާފު މައްސަލަތައް ބަލަން ޙަވާލުވީއެވެ.
ސިޔާސީ ބަޔަކީ ފުލުހުންގެ ތެރޭ އެންމެ އިސްކޮށް ހުންނަވާ ބޭފުޅަކު ބަލަހައްޓަވައި އަދި ފުލުހުންގެ އިދާރީ ހުރިހާ ކަމެއް ބަލަހައްޓަވައި ހިންގާ ފަރާތަށް ބަދަލުވީއެވެ. ޢަބްދުއްޝުކޫރު ޢަބްދުﷲ ފުލުހުން ތެރެއަށް ބަދަލުކުރެއްވީ އޭ ސެކްޝަންގެ ވެރިޔާގެ އެހީތެރިޔަކަށެވެ.
ޑީ ސެކްޝަނާ ޢަބްދުއްޝުކޫރު ޢަބްދުﷲ ޙަވާލުވެވަޑައިގެންނެވި ދުވަސްވަރަކީ ރާއްޖެއަށް ޓްއަރިޒަމާ އެކު ހާޑް ޑްރަގުގެ ވަބާ ތަޢާރަަފު ވާން ފެށި ދުވަސްވަރެވެެ.

ޑީސީޕީ ޢަބްދުއް ޝުކޫރު ޢަބްދުﷲ ރާއްޖެއިން ބޭރު ޤައުމުތަކުގައި ބޭއްވި ބައެއް ޑްރަގް ސެމިނަރ ވޯކްޝޮޕްތަކުގައި އެއްފަހަރަށް ވުރެ ގިނަަފަހަރު ބައިވެރިވެވަޑައިގަތެވެ. ސްކޫލު ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން، ޑްރަގުގެ ވަބާއަށް ހޭލުންތެރިކުރުމަށް ޕްރޮގުރާމްތައް ހިންގެވިއެވެ. އަދި ސިފައިންނާއި ފުލުހުން، މަސްތުވާތަކެއްޗަށް ހޭލުންތެރިކުރުވުމަށް ތަފާތު ގިނަ ޕްރޮގުރާމްތައް ހިންގެވިއެވެ. މީގެ އިތުރުން ފުލުސް އޮފީސް، ފަހުން ޕޮލިސް ހެޑްކްއޯޓަރޒް، ތަރައްޤީކޮށް ކުރިއެރުވުމަށް ޓަކައި ކޮމިޝަނަރ، ބްރިގޭޑިއަރ އާދަމް ޒާހިރު އަރިހުގައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި ފުލުހުންނަށް ހުށަހެޅޭ ބައެއް ޚާއްޞަ މައްސަލަތައް ބައްލަވައި ސުޕަވައިޒްކޮށް ހެއްދެވިއެވެ.
އެއް ދުވަސްވަރެއްގައި ދޫނިދޫއާ ހަވާލުވެވަޑައިގެން ހުންނެވިއެވެ. ހަމަ އެހެންމެ އެސްއީކޭއާ ހަވާލުވެވަޑައިގެން ވެސް ހުންނެވިއެވެ.
ޢަބްދުއްޝުކޫރު ޢަބްދުﷲ, 2 އެމް 3 އެމް ސަރފޭސް ޓު ސަރފޭސް އަދި ސަރފޭސް ޓު އެއަރ، އެންޓި އެއަރ ކްރާފްޓް ބަޑީގެ ޓްރޭނިންގ ހެއްދެވިއެވެ. އަދި މި ބަޑި ބެހެއްޓި ބޯޓްފަހަރުގައި ޕެޓްރޯލް ދަތުރުތައް ކުރެއްވިއެވެ. މީގެ އިތުރުން ބޭރުގެ ބައެއް ޤައުމުތަކުން މިލިޓަރީ ޓްރޭނިންގއާއި ޕޮލިސް ޓްރޭނިންގއާއި ފިންގަރ ޕްރިންޓް ޓްރޭނިންގ ވެސް ހައްދަވާފައިވެއެވެ. މީގެ އިތުރުން އީރާނުގައި ފުރަތަމަ ފަހަރަށް ބޭއްވި ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ ފުލުހުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި ޢަބްދުއްޝުކޫރު ޢަބްދުﷲ އަރިހުގައި ބައިވެރިވުމުގެ ނަޞީބު އަޅުގަނޑަށް ވެސް ލިބުނެވެ.

ޢަބްދުއްޝުކޫރު ޢަބްދުﷲ، ޑްރަގާ ބެހޭ ގޮތުން އުފެއްދެވި ނާކޮޓިކް ކޮންޓްރޯލް ބޯޑްގެ ވެރިކަންކުރެއްވިއެވެ. މި ވަޒީފާ އަދާކުރެއްވީ ސިފައިންގެ ވަޒީފާއިން ވަކިވެ ވަޑައިގެން ހުންނަވައެވެ. އެ އޮފީހުގެ ތަރައްޤީއަށާއި ޑްރަގުގެ ވަބާގައި ޖެހިފައި ތިބި ކުދިން އިސްލާހުކުރެއްވުމަށް ޓަކައި ރިހިބެލިޓޭޝަން ސެންޓަރ އުފެއްދެވުން ފަދަ މުހިންމު އެތައް މަސައްކަތެއް އެ ދުވަސްވަރު އޭނާ ކުރެއްވިއެވެ.
ޢަބްދުއްޝުކޫރު ޢަބްދުﷲ ފަހުން ފުލުހުންނާ ގުޅިވަޑައިގަތީ ޑްރަގާ ބެހޭ އޮފީހުން ވަކިވެވަޑަގަތުމަށް ފަހު، ދިވެހިފުލުހުން ޑިފެންސް މިނިސްޓްރީ ދަށުން ވަކިވެ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ދަށަށް ބަދަލުވިފަހުން ކުރީގައި ހުންނެވި ޑީސީޕީގެ މަގާމުގައެވެ.
ޑީސީޕީ ޢަބްދުއްޝުކޫރު ޢަބްދުﷲގެ ޞިއްޙީ ޙާލުކޮޅު މެދުވެރިކުރައްވައި ފުލުހުން ތެރެއިން އިސްތިއުފާދެއްވައި ރިޓަޔަރވެ ވަޑައިގަތީ، 2008ވަނަ އަހަރުގެ ކުރީކޮޅެވެ.
ޑީސީޕީ ޢަބްދުއްޝުކޫރު ޢަބްދުﷲއަކީ، އަޚުލާޤު ރަނގަޅު ބަނިޔާދަން އުޅުމެއް އުޅުއްވި އަޅުގަނޑު އެކުވެރި ރަޙުމަތްތެރި ބޭފުޅެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުއްސެވުމާއި ފުއްސެވުން ޢަބްދުއްޝުކޫރު ޢަބްދުﷲގެ ފުރާނަފުޅަށް ލައްވައި ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ. ޢާއިލާއަށް ކެތްތެރިކަމާއި ހެޔޮ ނަޞީބު މިންވަރު ކުރައްވާށިއެވެ. އާމީން!
