1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހު ތަމަޅަ ޓައިގަރުން، ދިވެހީންގެ މަދު ބަޔަކާ ގުޅިގެން ރާއްޖޭގެ ވެރިރަށް މާލެއަށް އަރައި ދިން އުދުވާނީ ހަމަލާއަށް މިވަނީ 37 އަހަރު ފުރިފައެވެ. ނަމަވެސް އެ ހަނދާންތައް ހަމަ ދެންމެ ވީ ކަމެއް ފަދައިން ބައެއް މީހުންގެ ހިތުގައި ބިންވަޅު ނެގިފައި އެބަ ހުއްޓެވެ. އެ ޒިކުރާތަކާ އެކު ހިތުން ފިލުވާލަން އުނދަގޫ އެތައް ތަސްވީރެއް ޒަމާނުގެ ލޯތަކަށް މިއަދު ވެސް ފެންނާން އެބަ ހުއްޓެވެ. އެފަދަ އެއް ތަސްވީރަކީ އެ ބިރުވެރި ދުވަހު ޝަހީދުވި، ތުޅާދޫ ޝަހީދު ޙުސައިން މުޙައްމަދުގެ ތަސްވީރެވެ. އެއީ ތާއަބަދުމެ މި ޤައުމުން އެ ހަނދާން ދިރުވާނެ ތަސްވީރެކެވެ.

1950ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ކޯޕްރަލް ޙުސައިން މުޙައްމަދަކީ ތުޅާދޫ މަބުސްތާނުގޭ މުޙައްމަދު ޙުސައިންއާއި ޙައްވާ ޔޫސުފަށް ލިބިވަޑައިގެންނެވި ހަތަރު ބޭފުޅުންގެ ތެރެއިން އެންމެ ހަގު ބޭފުޅާއެވެ. ޙުސައިންގެ މުޙައްމަދާ އެއްބަނޑުއެއްބަފާ އަނެއް 3 ބޭފުޅުންނަކީ ބ. ތުޅާދޫ ރަންހަދާގޭ އަލްމަރުޙޫމް އަޙްމަދު މުޙައްމަދާއި، ސާދާގޭ އަލްމަރުޙޫމް ޢަބްދުލްޤާދިރު މުޙައްމަދާއި، ދަހަރާގޭ އަލްމަރުޙޫމް ޢަބްދުލްކަރީމް މުޙައްމަދެވެ. 5 ފޫޓް 6 އިންޗީގެ އިސްކޮޅެއް ލިބިވަޑައިގެން ހުންނެވި ޙުސައިން މުޙައްމަދު، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ ޢުމުރުފުޅުން އެންމެ 21 އަހަރުގައި 1971ވަނަ އަހަރުގެ ޖުލައި މަހުގެ 15ވަނަ ދުވަހުއެވެ. ދިވެހި ޤައުމުގެ ދިފާޢީ ޚިދުމަތާ ގުޅިވަޑައިގަތް ތުޅާދޫގެ ފުރަތަމަ ދަރިއަކީ ޙުސައިން މުޙައްމަދެވެ.

1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހު ރާއްޖޭގެ ވެރިރަށް މާލެއަށް އަރައި ދިން އުދުވާނީ ހަމަލާގައި ކޯޕްރަލް ޙުސައިން މުޙައްމަދު ޝަހީދުވެގެން ވެއްޓިފައި.

ޝަހީދު ޙުސައިން މުޙައްމަދު، ސިފައިންގެ ޚިދުމަތުގައި އެންމެ ފުރަތަމަ ވެސް މަސައްކަތްކުރެއްވީ ޑިއުޓީ ސެކްޝަނުގައެވެ. އެ ޝެކްޝަނުގައި 8 އަހަރު މަސައްކަތް ކުރެއްވިއެވެ. އެ ދުވަސްތަކުގައި ޙުސައިން މުޙައްމަދު ފާހަގަކުރެވުނީ ޚިދުމަތަށް ފަރުވާތެރި ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ. ޙުސައިން މުޙައްމަދުގެ އެ ޚިދުމަތާ މެދު އެ ދުވަސްވަރު އެ ސެކްޝަނުގައި މަސައްކަތްކުރެއްވި ތުޅާދޫ މުރަނގަމާގޭ މުޙައްމަދު ޞާދިޤު ވިދާޅުވީ ޙުސައިން މުޙައްމަދުގެ ކިބައިން ދެ ކަމެއް ފާހަގަކުރެއްވުނު ކަމަށެވެ.

”ޝަހީދު ޙުސައިން މުޙައްމަދު، (އަޅުގަނޑު ކިޔާގޮތުން ނަމަ ހުސޭންބެ)އަކީ ވަރަށް ގިނަގިނައިން ބައްދަލުވެ އުޅެން ޖެހުނު ބޭކަލެއް. އޭރު އަޅުގަނޑު މަސައްކަތްކުރަމުން ދިޔައީ ޑިއުޓީ ސެކްޝަނުގައި. އެ ތަނުގައި ޑިއުޓީއަށް މީހުން ފޮނުވުމާއި އެކަމާ ގުޅުން ހުރި ކަންކަމުގައި އުޅެންޖެހުނު. އެހެންވެ އެކި ފަހަރު މަތިން ޙުސޭންބެއާ ދިމާވި. ޙުސޭންބެގެ ކިބައިން އެންމެ ބޮޑަށް ފާހަގަކުރެވުނީ ފަރުވާތެރިކަން. ބަރާބަރަށް ގަޑިއަށް ޑިއުޓީއަށް ވަޑައިގަންނަވާކަން. އަދި ޑިއުޓީއަށް ވަޑައިގަންނަވާންޖެހޭ ތަނެއްގެ ގޮތުން ނުވަތަ ގިނަ ވަގުތު ޑިއުޓީގައި ހުންނަވަން ޖެހިވަޑައިގަތުމުގެ ސަބަބުން ހިތްޕުޅުހަމަޖެހިވަޑައިނުގެން ޝަކުވާކުރެއްވުން ފަދަ ކަމެއް ޙުސޭނުބެގެ ކިބައިން ދުވަހަކު ވެސް ފާހަގަކުރެވިފައެއް ނުވޭ.“ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު ވިދާޅުވިއެވެ.

”އަބަދުވެސް ހުންނަވާނީ ވަރަށް ޑީސެންޓްކޮށް. ހެދުން ތުރުކުރައްވާ އިރު ވެސް ވަރަށް ނަލަކޮށް ހުންނަވަނީ. އަބަދުވެސް ހުންނަވާނީ ދަށަށް ޖައްސަވައިގެން. މީހުންނާ މުއާމަލާތުކުރައްވާ އިރު ވެސް ވަރަށް އަދަބުވެރިކޮށް އެކަން ކުރައްވަނީ.“ މިހާރު ވެސް ޕޮލިސް ބޯޑުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޞާދިޤު ވިދާޅުވިއެވެ.

ބަންގުލަދޭޝްގެ ރައީސް، ޖެނެރަލް ޙުސައިން މުޙައްމަދު އިރުޝާދު، 1980ގެ ކުރީކޮޅު ރާއްޖެ ވަޑައިގެންނެވި ދުވަހު، ދިވެހި ސިފައިންގެ ފަރާތުން އެރުވި ގާޑް އޮފް އޮނަރގައި ކޯޕްރަލް ޙުސައިން މުޙައްމަދު (ދެވަނަ ސަފުގެ ކަނާތްފަރާތުގައި) ބައިވެރިވެވަޑައިގަންނަވަނީ.

ޝަހީދު ޙުސައިން މުޙައްމަދަކީ 1980ވަނަ އަހަރު އެންމެ ފުރަތަމަ ހަތިޔާރާ އެކު ޑިއުޓީ މެރުމަށް އުފެއްދި ސިފައިންގެ ”ޓާސްކް ފޯސް“ ގައި ހިމެނިވަޑައިގެންނެވި ބޭކަލެކެވެ.

”ސިފައިންގެއިން ބޭނުންފުޅުވީ ޓާސްކް ފޯސް ޑިއުޓީއަށް ސިފައިންގެ ތެރެއިން ބޭކަލުންތަކެއް ނަންގަވަން. އެކަމަށް ނެންގެވީ އެ ވަގުތު އެކަމަށް އެންމެ އެކަށީގެންވާ އެފަދަ ކަމަކަށް އެންމެ ކުޅަދާނަހެން ހީވާ ބޭކަލުން. ދެ ޝިފްޓަށް ބޭކަލުން ނެންގެވި. އެންމެ ފުރަތަމަ ނެންގެވި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭކަލެއް މަސްތަކާ ޙުސައިން މުޙައްމަދަކީ.“ ޙުސައިން މުޙައްމަދާ އެއްދުވަސްވަރެއްގައި ސިފައިންގެ ޚިދުމަތުގައި މަސައްކަތްކުރެއްވި ވޮރަންޓް އޮފިސަރ3 ރިޓަޔަރޑް ޖަޢުފަރު ޢަބްދުއްރަޙުމާން ވިދާޅުވިއެވެ.

ޖަޢުފަރު ވިދާޅުވީ ޙުސައިން މުޙައްމަދާ އެކުގައި މަސައްކަތް ކުރެއްވުނު ކަމަށާއި އެއީ ސިފައިންގެ ތެރޭގައި އެ ދުވަސްވަރު މަޝްހޫރު ބޭކަލެއް ކަމަށެވެ.

”ޙުސައިން މުޙައްމަދު (މަސްތަކާ)އާ އެކު އެ ދުވަސްވަރު ބޮޑު ގުރޫޕެއް އޮވޭ. ތިނަދޫ ނަސީމް، ދޮންތުއްތު ސަމަރޭ، އަބްދުލްޤައްޔޫމް، ޝާކިރު، ޙަސަން ޙުސައިން (ޗެރީ)، ފޭވަރިޓް އިބްރާހީމްފުޅު ފަދަ ބޭކަލުން ތިއްބެވި. އެ ބޭކަލުންނަކީ ސިފައިންގެ ފުރަގަހުގައި އަމިއްލަފުޅަށް ބޮޑީބިލްޑް ކުރައްވަންވެގެން ކޮންކްރީޓުން ތަކެތި އުފައްދަވައިގެން އެކަން ކުރެއްވި ބޭކަލުން. އެ ބޭފުޅުންގެ ހަށިގަނޑު ހުންނާނީ ވަރަށް ނަލަކޮށް. ޓާސްކް ފޯސް ތެރޭން ވެސް ކަމަކަށް ބަޔަކު ނަގާ ނަމަ ނުވަތަ ކުއްލިއަކަށް ކަމަކަށް ގޮވާލާ ނަމަ ގޮވާލައްވާ ފެންވަރުގެ ބޭކަލެއް މަސްތަކާއަކީ.“ ސިފައިންގެ ތާރީޚު ކޮމެޓީގައި ވެސް މަސައްކަތްކުރެއްވި ޖަޢުފަރު ވިދާޅުވިއެވެ.

ޝަހީދު ޙުސައިން މުޙައްމަދަކީ ސިފައިންގެ ޕެރޭޑްގެ އޭ ގުރޫޕްގެ ޕެރޭޑްގައި ހިމެނިވަޑައިގެންނެވި ބޭކަލެކެވެ.

”އޭރު ސިފައިންގެ އޮންނަނީ ދެ ނަންބަރަށް. އެއީ އެއް ނަންބަރާއި ދެ ނަންބަރު. ކޮންމެ ނަންބަރެއްގައި ވެސް ރީއްޗަށް ޕެރޭޑްކުރާ ބޭކަލުން މި ތިބެނީ އޭ ގުރޫޕްގައި. އޭ ގުރޫޕްގެ ޕެރޭޑްގައި ތިއްބަވާނީ ސިފައިންގޭގައި ތިއްބަވާ އެންމެ ސްމާޓް ބޭކަލުން. ރައީސުލްޖުމްހޫރިއްޔާ ތަންތަނަށް ވަޑައިގަންނަވާ އިރު އަދި ބޭރުގެ ބޭފުޅުން ވަޑައިގަންނަވާ އިރު ގާޑް އޮފް އޮނަރ އެރުވުމުގައި ވެސް އުޅުއްވާނީ ވެސް އެ ބޭފުޅުން. ރީއްޗަށް ޕެރޭޑްކުރައްވާ މޫވްމަންޓްތައް ވެސް ރީތިކޮށް ގެންގުޅުއްވާ ބޭފުޅުން. އަދި ޑްރިލް މުބާރާތްތަކަށް އެރޭނީ ވެސް އޭ ގުރޫޕްގައި ތިއްބަވާ ބޭކަލުންނަށް. އޭގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ބޭކަލެއް މަސްތަކާއަކީ.“ ޙުސައިން މުޙައްމަދާ ގުޅޭ އިތުރު ތަފުސީލު ދެއްވަމުން ޖަޢުފަރު ފާހަގަ ކުރެއްވިއެވެ.

ޙުސައިން މުޙައްމަދަކީ ބަނޑޭރި ކޮށިން ސިފައިންނަށް ގޯތި ދެއްވި އިރު އެންމެ ފުރަތަމަ ގޯތި ދެއްވި 16 ބޭކަލުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. ޙުސައިން މުޙައްމަދު ގިނަ ވަގުތުތައް ހޭދަކުރެއްވީ ސިފައިންގޭގައެވެ.

”މަސްތަކާ ގިނައިން އުޅުއްވީ ސިފައިންގޭގައި. ގެއަށް ވަޑައިގަންނަވާނީ ގޭދުވަސް ލިބިވަޑައިގަތުމުން ހަމައެކަނި އަވަހާރަފުޅުލައްޕަވާލެއްވުމަށް. އެނޫން ވަގުތުތަކުގައި އުޅުއްވަނީ ސިފައިންގޭގައި. އެއީ ޒޯން ޑިއުޓީއަށް ނަންގަވާފައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ވެސް ހުންނަވާ ދުވަސްވީ ޕްރައިވެޓެއް. އޭރު ކުރިއެރުން ހޯދުމަކީ ފަސޭހަކަމެއް ނޫން. ރޭންކެއް ލިބޭނީ ވަރަށް ދުވަހު މަސައްކަތްކޮށްގެން. އޭރު އެއީ ވަރަށް އުނދަގޫކަމެއް. ނަމަވެސް މަސްތަކާއާއި ނަންރީތި ޢަބްދުއްލަޠީފާއި ފަލްކަންއާއި ޚާލިދުމެން ފަދަ ބޭބޭފުޅުންނަކީ އޭރު ޕްރޮމޯޝަން ލިބޭނެކަމަށް އިނގިލި ދިއްކޮށްކޮށް ތިބި ބޭކަލުން. ހަމަ ވަރަށް އާދަޔާޚިލާފު ބޭކަލެއް އެއީ.“ ޖަޢުފަރު ވިދާޅުވިއެވެ.

ނޮވެންބަރު 3ގެ ބިރުވެރި ހާދިސާ ހިނގީ ޙުސައިން މުޙައްމަދު، ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާ 17 އަހަރު ފަހުން، 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހުއެވެ. އެއީ މި ދުނިޔޭގައި ޙުސައިން މުޙައްމަދު ހޭދަކުރެއްވި އެންމެ ފަހު ދުވަހެވެ.

އެ ދުވަހުގެ ފަތިސްދަމަށް އެޅުނު އިރު ޙުސައިން މުޙައްމަދު ހުންނެވީ ޒޯން ޑިއުޓީގައެވެ. ޒޯން ޑިއުޓީއަކީ ރޭގަނޑު 1ން ފަތިހު 5އާ ދެމެދު މާލެ ހަތަރު ބަޔަކަށް ބަހާލައިގެން މާލެތެރެ ބެލެހެއްޓުމަށް ފަށްގަމީހުގައި ސިފައިން އަދާކުރި ޑިއުޓީއެކެވެ. ޙުސައިން މުޙައްމަދު ހުންނެވީ 2 ނަންބަރު ޒޯން (މަޖީދީ މަގުން ދެކުނާއި ޗާނދަނީ މަގު އިރު ހިމެނޭ ޒޯން) ޑިއުޓީގައެވެ. ނިދިކުރެއްވުމެއް ނެތި ހޭފުޅުލައްވައި އުޅުއްވަމުން ގެންދެވި ޙުސައިން މުޙައްމަދަށް އަޑުފައްގަނޑެއް އިވިވަޑައިގަތުމާ އެކު އެއީ ބަޑީގެ އަޑުކަން ޔަޤީންކުރެއްވުނެވެ.

އޭރު ބަޑިޖަހަމުންދާ ދުޝްމަނުންގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް އޭނާގެ އަތްޕުޅުގައި އޮތް ސެޓުން މީހަކު ގޮވަމުން ދިޔައަޑު އިވެމުން ދިޔައެވެ. އެކަން ޔަޤީންކޮށްދެއްވީ އެ ދުވަހުގެ ޤައުމީ ދިފާޢުގައި ޖީޕީއެމްޖީގައި އިންނެވި ޕްރައިވެޓް މުޙައްމަދު ނާޒިމް (ފަހުން ކޯޕްރަލް)އެވެ. ”އަސްލު“ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ނާޒިމް ވިދާޅުވީ އިސްލާމީ މަރުކަޒާ ދިމާއިން ހަމަލާދޭ މީހުން ދެނެގަތުމަށް ޓަކައި އެ ފަޅިން ހަރަކާތްތެރިވެ ވަޑައިގަތުމަށް ޙުސައިން މުޙައްމަދުގެ އަރިހުގައި އާދަމް ޒާހިރު އެދިވަޑައިގަތް ކަމަށެވެ.

”އޭރު ކޯސްޓްގާޑު ޑިއުޓީކުރާ ކުޑަ މޭޒުކައިރީ ހުންނާނެ ސެޓެއް. އެ މޭޒުކައިރީ އާދަމް ޒާހިރު އިންނެވި. ގޮވަމުން ދިޔައީ ބޭރުގައި ޑިއުޓީގައި ތިބި މީހުންނަށް. އޭނާ ގޮވަމުން ދިޔައީ އިސްލާމީ މަރުކަޒާ ދިމާއިން ކޭބަލްވައިލެސްއާ ދިމާ ކައިރިއަށް އައިސް ބަލާފައި މަޢުލޫމާތު ދީބަލާށޭ މި ކޮޅަށް ހަމަލާދޭ މީހުންނާ ބެހޭ ގޮތުން. އެގޮތަށް ގޮވީމާ އައި މީހެއް ކުޑައާދަމް ކުޑަމަނިކަކީ. މުންނާރު ކައިރިން އައިސް އެކަން ބެލީ މަސްތަކާ (ޙުސައިން މުޙައްމަދު). އޭނާއަށް ގޮވާލާފައި ބުނީ އެ ފަޅިން ހަމަލާދޭ މީހުން ބަލައިލާށޭ. ބުނީމާ އެ މީހުން އައީ. އެ އައި މަގުމަތީގައި މަސްތަކާ ވެސް ޝަހީދުވެގެން ވެއްޓުނީ.“ އަސްލު  ޓީވީއަށް ދެއްވި ބަސްދީގަތުމުގައި ނާޒިމް ވިދާޅުވިއެވެ.

”ބަޑީގެ އަޑުފަށްގަނޑު އިވެމުން ދިޔަ ވަގުތު މަސްތަކާ ގެންދެވީ ޓޯކީ ބޭނުންކުރައްވައި ޓާސްކް ފޯސް ކައުންޓަރާ ވާހަކަދައްކަވަމުންކަން ސިފައިންގެ އެކި ބޭކަލުންގެ ވާހަކަތަކުން އެނގޭ. މަސްތަކާ ސިފައިންގެއާ ދިމާއަށް ވަޑައިގަތީ މެދުޒިޔާރަތް މަގަށް. އެ ދުވަހު ޓާސްކް ފޯސް ކައުންޓަރު ޑިއުޓީއަށް ހުންނެވީ ފުއްކަފަ ދޮންތުއްތު. ސިފައިންގެއާ ކައިރި ސަރަހައްދުތަކުގައި ތިބި ދުޝްމަނުންގެ މަޢުލޫމާތު ދެއްވުމަށް އޭނާގެ އަތްޕުޅުގައި އޮތް ސެޓުން ވާހަކަދެއްކެވިކަން ޔަޤީންކުރެވޭ. އެއީ ހިތްވަރުގަދަ މަސައްކަތެއް.“ އެ ދުވަހުގެ ފަހު ނޭވާއާ ހަމައަށް އޭނާ ކުރެއްވި މަސައްކަތް ޖަޢުފަރު ފާހަގަކުރެއްވިއެވެ.

ސިފައިންގެ ޑްރިލް މުބާރާތެއްގެ ބައިވެރިވެވަޑައިގަތުމަށް ފަހު ބައެއް ބޭކަލުން ފޮޓޯއަކަށް ހުއްޓިވަޑައިގެން. ކޯޕްރަލް ޙުސައިން މުޙައްމަދު އެ ހުންނެވީ ދެވަނަ ސަފުގެ މެދުގައި.

އެ ދުވަހު ސިފައިންގެއިން ޙުސައިން މުޙައްމަދާ ހަވާލުކުރެއްވި ޒިންމާ (އިސްލާމީ މަރުކަޒާ ދިމާއިން ސިފައިންގެއަށް ހަމަލާދޭ މީހުންގެ މަޢުލޫމާތު ހޯދުން) ވަރަށް ފުރިހަމައަށް އޭނާ އުފުއްލެވިއެވެ. ދެ ނަންބަރު ޒޯން ހިމެނޭ ސަރަހައްދުން ސިފައިންގެއާ ދިމާއަށް ޙުސައިން މުޙައްމަދު ދަތުރުކުރެއްވީ ބައިސްކަލުގައެވެ. އޭނާ މިސްރާބު ޖެއްސެވީ މުލީއާގޭ ހުޅަނގުން އޮންނަ އަލިމަސްގޯޅިން މެދުޒިޔާރަތްމަގަށެވެ. ވީހާ ވެސް އަވަހަކަށް ސިފައިންގެއަށް ވަޑައިގަތުމަށެވެ. ނަމަވެސް އެ ދަތުރަކީ އޭނާގެ ފަހު ނޭވާއާ ދިމާއަށް ކުރެވޭ ދަތުރެއްކަން އެ ޤައުމީ ޚިދުމަތުގެ ބަޠަލަކަށް އެނގިވަޑައެއް ނުގަންނަވައެވެ. އެއްވެސް ވަރަކަށް ޖެހިލުންވެވަޑައިގަތުމެއް ނެތި އޭނާ ވަޑައިގަތީ ކުރިއަށެވެ.

އޭރު ސަލްޓަންޕާކު ކުރިމަތީގައި ތިބި ޓައިގަރުންގެ ގުރޫޕްތަކުގެ ތެރެއިން ސިވަމްގެ ގުރޫޕްގެ މީހުންނަށް ސިފައިންގެ ފަށްދެމި ހުދު ޔުނީފޯމުގައި ބެގީކުރައްވައިގެން އަޅިކުލައިގެ ފަޓްލޫނެއް ތުރުކުރައްވައިގެން ބައިސްކަލްގައި އިންނެވި ޙުސައިން މުޙައްމަދު ފެނުނެވެ. އެ މީހުންގެ އަމާޒަކަށްވީ އެ ޒުވާނާއެވެ. އެ ނިޔަތުގައި ދުޝްމަނުންގެ މީހަކު ޙުސައިން މުޙައްމަދާ ދިމާއަށް ބަޑިޖެއްސެވެ. އެ ބަޑީގެ ވަޒަން އެރުމާ އެކު އެ ވަގުތު އޭނާ ބައިސްކަލު އަނބުރާ ލެއްވީ މެދުޒިޔާރަތް މަގުން އިރަށެވެ. ނަމަވެސް ފުލުފުލުގައި އެ ވަގުތު ފޮނުވަމުން ދިޔަ ވަޒަންތަކުން ޙުސައިން މުޙައްމަދަކަށް އެ ހަމަލާތަކުން ރެކިވަޑައެއް ނުގެންނެވުނެވެ. އެ ވަޒަންތައް އޭގެ އަޑާއި ހަލި ދުވެލީގައި ޙުސައިން މުޙައްމަދުގެ އެ ހަށިކޮޅު ތޮރުފާލިއެވެ. ބައިސްކަލާ އެކު މުންނާރާ ދިމާއިން މަގު މެދަށް އޭނާ ވެއްޓި ޝަހީދުވިއެވެ. އެ އަތްޕުޅުން ދޫވި ޓޯކީ އެތާ އޮތެވެ. އޭނާ ދުއްވަމުން ގެންދެވި ރެލީ ބައިސްކަލު ވެސް ދެ ތިން ފޫޓް ދުރުގައި އޮތެވެ. އެ ހިތްވަރުގަދަ ތުޅާދޫ ބަޠަލު، ދިވެހި ޤައުމަށް ޓަކައި ޝަހީދުވީ އުމުރުން އެންމެ 38 އަހަރުގައެވެ. ލަފާކުރެވޭ ގޮތުގައި އޭނާ ޝަހީދުވީ އެ ދުވަހުގެ ފަތިހު 4:45 އެހާކަށްހާ އިރުއެވެ. ޝަހީދުވެގެން ވެއްޓިފައިވަނީ މުލީއާގެ މައިގޭޓާ ދިމާއިން މެދުޒިޔާރަތް މަގަށެވެ.

ޙުސައިން މުޙައްމަދަކީ ޚިދުމަތުގައި ތެދުވެރި ބޭފުޅެކެވެ. ޤައުމީ ޚިދުމަތުގައި ނަމޫނާ ބޭފުޅެކެވެ. ޝަހީދު ޙުސައިން މުޙައްމަދު، ޝަހީދުވީ އިރު މަސައްކަތްކުރައްވަމުން ގެންދެވީ ޓާސްކް ފޯސް ސެކްޝަނުގައެވެ. ޝަހީދުވި އިރު ހުންނެވީ ޕްރައިވެޓެއްގެ މަގާމުގައެވެ. ފަސްދާނުލެވިފައިވަނީ ހެންވޭރު ސަހަރާގައެވެ. އޭރު ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާ 17 އަހަރާއި 3 މަހާއި 18 ދުވަސްވަނީ ވެފައެވެ.

ޕްރައިވެޓް ޙުސައިން މުޙައްމަދުގެ ޤައުމީ ޚިދުމަތް ފާހަގަކުރައްވާ ދިވެހި ދައުލަތުން ވަނީ ޕްރައިވެޓެއްގެ މަގާމުން ކޯޕްރަލެއްގެ މަގާމަށް ކުރިއެރުން ދެއްވައި ހުރަވީ ރިހި މެޑެލި (މެޑަލް ފޮރ ބްރޭވަރީ) އާއި ތިނެއް ނޮވެންބަރު މެޑެލި (ތާޑް ނޮވެންބަރު މެޑަލް) އާއި ޖިހާދުގެ ރަތް މެޑެލި (ޕަރޕަލް ހާޓް) ދެއްވާފައެވެ.

ޝަހީދު ޙުސައިން މުޙައްމަދަކީ ތުޅާދުއަށް އުފަން، ތުޅާދޫގެ ފަޚުރުވެރި ދަރިއެކެވެ. ޤައުމީ ޚިދުމަތުގެ ސަފުން ފާހަގަކޮށްލެވުނު ހިތްވަރުގަދަ ޚިދުމަތްތެރިއެކެވެ. ޤައުމުގެ ދިފާޢުގެ ޑިއުޓީގައި ސިފައިންގެ ޔުނީފޯމުގައި ފިދާވެވަޑައިގެން، އެންމެ ފަހު ނޭވާ ޤައުމަށް ޓަކައި ދޫކޮށްލެއްވި ޝަހީދެކެވެ. އެ މާތް ޤައުމީ ބަތަލުގެ ފުރާނަފުޅު، ސުވަރުގޭގެ މަތިވެރި ނިއުމަތުގައި ދާއިމަށް ގާއިމުކުރައްވާށިއެވެ. އާމީން.

ޝެއަރކުރެއްވުމަށް