ދެވަނަ ބޮޑުހަނގުރާމައިގައި ދިވެހިރާއްޖޭގެ އައްޑުއަތޮޅު، އިއްތިހާދީންގެ މުހިންމު އަސްކަރީ ދައުރެއް އޮތް ތަނަކަށް ވީ ޖަޕާނު ސިފައިން ސިލޯނަށް ހަމަލާއެއް ދީފި ނަމަ ސިލޯނުގައި މަރުކަޒުކޮށްފައި އޮތް އިނގިރޭސި ދައުލަތުގެ އިރުމަތީ އަރުމާޒަށް ސަލާމަތްތެރިކަން ދެވޭނީ ސިލޯނު ދޫކޮށް އިންޑިއާ ކަނޑުގެ ހުޅަނގުދެކުނަށް އުޅަނދުފަހަރު ގެންދެވިގެންކަން އިނގިރޭސި އެޑްމިރަލުންގެ ވިސްނުމުގެ ރާޑަރަށް އެރި ހިސާބުންނެވެ. 1942ވަނަ އަހަރުގެ ފެބުރުވަރީ މަހު، ސިންގަޕޫރު، ޖަޕާނުގެ ދަށަށް ދިއުމާއި، އެ އަހަރުގެ އެޕްރީލުގައި ސިލޯނަށް ބޮން އެޅި ހިސާބުން، ކެންޔާގެ ކިލިންޑީއަށާއި، ދިވެހިރާއްޖެއިން އައްޑުއަށް އިނގިރޭސީންގެ އުޅަނދުތައް ބަދަލުކުރެވުނެވެ. އިންޑިއާ ކަނޑުގައި، އޮސްޓްރޭލިއާއާއި އިއްތިހާދީންގެ ބޯޓުފަހަރާ ގުޅުވާލަދޭ އެންމެ މުހިންމު އިސްތިރާޖީ ލިންކަކަށް އައްޑުއަތޮޅު ވިއެވެ. މީގެ ނަތީޖާއަކީ، ދިވެހީންގެ ހިތްތަކަށް، ވިސްނުމަށް، ޚިޔާލަށް ވެސް ނުގެނެވޭނެ ފަދަ ކާރޫބާރު ބޮޑު، ވަރުގަދަ އަސްކަރީ މަރުކަޒަކަށް މުޅި އައްޑޫ ބަދަލުވެގެން ދިއުމެވެ.

ގަމުގައި ހުރި އޭރުގެ ސިފައިންގެ ޝަރަފުގައި ހަދާފައިވާ ”ވޯރ މެމޯރިއަލް“ ނުވަތަ އަސްކަރީ ހަނދާނީ ބިނާ

އައްޑުއަތޮޅު، އޭރު އޮތް ގޮތް ސިފަކުރައްވަމުން މުޙައްމަދު އަމީން ދީދީ ”ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި“ މި ފޮތުގައި ލިޔުއްވާފައިވެއެވެ: ”… ބަނދަރުތެރެ ފަޅުފިލާފައިވަނީ މަނަވަރުތަކާއި، އާގުބޯޓުތަކުންނެވެ. މަތިންދާބޯޓު ގެންދާ ބޯޓުތަކާއި، ސަބުމެރީންތަކުންނެވެ. ފަޅުތެރޭގައި އޮޔާއި ވައިގެ ސަބަބުން، ޙަރަކާތްތެރިކަން ލިބިލިބި ހުރީ، ވަރުވަރުގެ މަތިންދާބޯޓުތަކެވެ. ދޭދޭ ރަށް ގުޅުވާލާފައި ވާ ތަން އެ ފެންނަނީ، ވަރުގަދަ ދަގަނޑު ފާލަމުންނެވެ. ފާލަން ހުރަސްކޮށް އެއް ރަށުން އަނެއް ރަށަށް އެ ދުއްވަނީ، ލޮރީތަކާއި، މޯޓޯކާރުތަކާއި، ބައިސިކަލުތަކެވެ. ފެކްޓަރީތަކާއި، އިންޖީނުތަކުން، އަރައިގެންދާ ދުންތައް ވިލާތަކާއި، އެކުވެގެންދެއެވެ. ދުރުބެލުމަށް ޓަކައި، ހަދާފައިވާ އުސްއިމާރާތްތައް، ގަސްކަރައާ ހިސާބުން ފެނެއެވެ. އަރަމުންދާ މަތިންދާ ބޯޓުތަކުގެ އަޑާއި، އިންޖީނުތަކުގެ އަޑުތައް ވަނީ، ވަޔާއި އެކުލަވާފައެވެ….. ކާކީ ހެދުންލައިގެން ތިބި، ސިފައިންތަކަކާއި، ހުދުހެދުން އަޅައިގެން ތިބި މަނަވަރު ސިފައިންތަކެކެވެ. ވަރުވަރުގެ، ސިފަސިފައިގެ ބަޑިތަކެވެ….. އަޅުގަނޑުގެ މި ބަޔާނުގެ އަޞްލަކީ، އިންޑިޔާގެ، ނުވަތަ، ސިލޯނުގެ ރަށްތަކެއް ނޫނެވެ. ޤަބޫލުކުރައްވާން ދަތިފުޅުކަމުގައި ވިޔަސް….. އޮޅުދޫކަރައިގެ ހުޅަނގު ފަރާތުން، ޚައްޠުލް އިސްތަވާ މަތީގައި، އުތުރުން ދެކުނަށް އޮންނަ ރާއްޖޭގެ އަތޮޅެއްގެ ރަށްތަކެކެވެ. ދިވެހިރާއްޖޭގެ އައްޑުއަތޮޅުގެ ރަށްތަކެވެ….“

ދެވަނަ ބޮޑުހަނގުރާމައިގެ އެންމެ ގިނަ، ދިރިހުރި ހަނދާންތައް އަޅުގަނޑުމެންނާ ހަމަޔަށް، މިއަދު ވެސް، ވާސިލުކޮށްދޭ ދިވެހި މަސްދަރަކީ އައްޑުއަތޮޅެވެ. ނުވަތަ، ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު، އިނގިރޭސީންގެ ކޯޑުނަމުން ނަން ދީފައިވާ ”ޕޯޓް ޓީ“އެވެ. އައްޑޫގެ މުޖުތަމައުގެ ތެރެއިން، ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރުގެ ”ރަށުތެރޭ“ ގިނަ ހަނދާންތައް، އަޅުގަނޑުމެންނާ ހަމަޔަށް އައިސްފައިވަނީ، އިނގިރޭސީންގެ ކަންކަމުގައި އުޅުނު އައްޑޫ ރައްޔިތުންގެ ފަރާތުންނެވެ. އެ ދުވަސްވަރުގެ ހަނދާންތަކާއި އަމަލީގޮތުން ކުރި ތަޖުރިބާތަކުގެ ވާހަކަތައް އޭރުގެ ބައެއް މީހުން ވަނީ ގާތް މީހުންނަށާއި ރައްޓެހީންނަށް ކިޔައިދީފައެވެ. އެ ފަދަ ބައެއް މީހުންގެ ވާހަކަތައް ކޮންމެވެސް ވަރަކަށް އަޑުއަހާލުމުގެ ނަސީބު އަޅުގަނޑަށް ވެސް ލިބުނެވެ.

މާމެންދޫ ވިލަށް ޖައްސާފައި އޮތް އާރުއޭއެފް ސިފައިންގެ އުދުހޭ ބޯޓެއް

މި ލިޔުން އެކުލާވާލާފައި ވަނީ، އެ މީހުންގެ ބައެއް ހަނދާންތަކަށް ރިއާޔަތްކޮށްގެންނެވެ. އޭރުގެ މީހުންގެ އެންމެ ވަރުގަދަ ހަނދާންތައް ގުޅިފައި ވަނީ އެ މީހުން ދިރިއުޅެމުން އައި ރަށްރަށުގައި ހިނގަމުން ދިޔަ ކަންތައްތަކާއެވެ. އެހެންކަމުން، އެ ހަނދާންތައް މި ތަނުގައި ބަޔާންކޮށްފައިވާނީ، ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރާއި، މިއަދުގެ އައްޑުއަށް އައިސްފައިވާ ބަދަލުތަކާ ކޮންމެވެސް ވަރަކަށް ގުޅުވާލައިގެންނެވެ. މިގޮތަށް ހެދުމުން، މިއަދު، އައްޑުއަށް އައިސްފައިވާ އުމުރާނީ ތަރައްޤީގެ ތެރެއިން އެ ހަނދާންތައް އައުކުރުމުން، މިއަދުގެ ތަސައްވުރާއި، އޭރުގެ ހަނދާންތަކާ ގުޅުވާލެވޭނެ ކަމަށް ޤަބޫލުކުރެވޭތީއެވެ.

އައްޑޫގައި އޭރު ދިރިއުޅުނު މީހުންނަށް އެންމެ ބޮޑު ސިހުމެއް ގެނުވި އެންމެ ވަރުގަދަ ހަނދާނަކީ، އެ މީހުން ދިރިއުޅެމުން ދިޔަ ބައެއް ރަށްރަށުގައި ގޮނޑުދޮށާ ކައިރީގައި، ހޭޅިފަށުގެ ގަސްތަކުން ނިވައިކަން ލިބޭ ހިސާބުގައި، ބޮޑެތި ބަޑިތައް ބެހެއްޓުމެވެ. އެ ބަޑިތަކުގެ ބޮޑުކަމާއި، ބަހައްޓަން ކުރި މަސައްކަތާއި، ބަޑި ކެލިބަރޭޓްކުރުމަށް ބަޑި ގޮއްވާލުމުން ދެފައި ކޮއްޅަށް ޖެހޭ ވަރުގެ ސިހުން ގެނުވާ ވަރުގަދަ އަޑަކީ، އޭރުގެ ބައެއް މީހުންގެ، އެންމެ ބޮޑަށް ހަރުލާފައިވާ ހަނދާނެވެ. އިނގިރޭސީންގެ އަސްކަރީ ލިޔުންތަކުން އެނގޭގޮތުގައި އައްޑޫ ރަށްތަކުގެ އަތިރިމަތީގައި ބެހެއްޓީ ”6 އިންޗި“ ބަޑިއެވެ. ނުވަތަ، ބީއެލް 06 އިންޗި މާކް 07ގެ ބަޑިއެވެ. މާނައަކީ، އުންޑަ ނުކުންނަ ހޮޅީގައި 06 އިންޗި ޑައިމީޓަރު ހުރުމެވެ. އެއިން ފޮނުވާލާ ވަޒަނުގެ ބަރުދަނުގައި 60 ވަރަކަށް ކިލޯ ހުންނަ އިރު، އެއިން ވަޒަނެއް 1.3 ކިލޯމީޓަރުގެ ރާސްތާއަކަށް ފޮނުވާލެވޭކަމަށް ވެއެވެ.

އައްޑޫ ރަށްތަކުގެ އަތިރިމަތީގައި ބެހެއްޓީ ބީއެލް 06 އިންޗި މާކް 07 ގެ ބަޑި

އައްޑު އަތޮޅުގެ މީދުއާއި ހިތަދުއާއި ގަމުގައި، އަތޮޅުން ބޭރަށް ވާގޮތަށް، ކޮންމެ ރަށެއްގައި ބޮޑު ދެ ބަޑި ބަހައްޓާފައި ހުއްޓެވެ. ދެ ބަޑިއާ ވަކިން، އެހެނަސް ކައިރީގައި ބަންކަރު ހަދާފައި ހުރެއެވެ. ބަންކަރުތައް ހަދާފައިހުރީ، ގަސްތަކުގެ އޮފިތަކާއި ފަތްތަކުން ނިވައިކަން ލިބޭ ގޮތަށެވެ. ބަންކަރުގެ ގޮނޑުދޮށާ ވީ ކޮޅުގެ ބިތުގެ މަތީ ކައިރީގައި ހަނިދިގު އާނގައެއް ކަނޑާފައި ހުރެއެވެ. އޭރުގެ މީހުންގެ ހަނދާނުން ބުނެދިނީ، އެ ތަންތަނަކީ، ބޭރުކަނޑުން އަންނަ އުޅަނދުފަހަރު ބަލަން ސިފައިން ވަދެ ފިލައި ތިބޭ ތަންތަން ކަމަށެވެ. އެހެނަސް، އިނގިރޭސި ސިފައިން ހަރުކުރާ ބޮޑުބަޑިތަކުގެ ކައިރީގައި ހަދާ ބަންކަރުތައް ދެ ގޮތަކަށް ބޭނުންކުރި ކަމަށް އެ މީހުންގެ ލިޔުންތަކުން އެނގެން އޮވެއެވެ. އެގޮތުން، އެއް ބަންކަރު ބޭނުންކުރަނީ، ބޭރުން އަތުވެދާނެ އުޅަނދުފަހަރު ބެލުމަށާއި ބޮޑުބަޑިން ހަމަލާއެއް ދޭންޖެހޭ ދަނޑިވަޅުގައި، ގަނޭރަށް ބަޑީގެ އުންޑަ ފޮނުވާލަން ޖެހޭ އަމާޒުގެ ކޯޑިނޭޓްސްތައް ކިޔައި ދިނުމަށެވެ. އަނެއް ބަންކަރު ބޭނުންކުރީ، ބޮޑުބަޑިއާ ކައިރީގައި އުންޑަ، ގުދަންކޮށްފައި ބެހެއްޓުމަށެވެ. ފޭލިގެތަކާއި ގަނޭރާއި ބަންކަރުތަކާ ދެމެދުގައި މުވާސަލާތުކުރެވެނީ ފޯނުން ކަމަށްވެއެވެ. ބޮޑު ދެ ބަޑީގެ އިތުރަށް، މަތިންދާބޯޓަށް ޖަހާ ބަޑި ވެސް ރަށްތަކުގެ ބޭރުމަތީގައި ދުއްދާފައި ހުރިކަމަށް ވެއެވެ.

ބަޑިހަރުތައް ހަދައި ބަޑި ހަރުކުރުމުގައި ހަރަކާތްތެރި ވީ، އިނގިރޭސި ރޯޔަލް މެރިން ސިފައިންގެ ”ފަސްޓް ކޯސްޓަލް ރެޖިމަންޓް“ ގެ ފަންނީ ޓީމެކެވެ. ބަޑިތައް ހަރުކޮށް ނިމުމުން ބަޑިތަކާއި ސިފައިންގެ ފޭލިގެ ޖަހާފައި ހުރި ސަރަހައްދު ބެލެހެއްޓުމާ ހަވާލުވީ، އިންޑިއާގެ އާޓިލަރީ ސިފައިންގެ ”8ވަނަ ބެޓެރީ“އާއެވެ. ދޮންއިނގިރޭސި ސިފައިންގެ ބަދަލުގައި، ފަހުން އައި އިންޑިއާ ސިފައިންގެ ލަސްކަރީންނަށް އައްޑޫ މީހުން އޭރު ދީފައި އޮންނަ ވަނަމަކީ ”ކަޅުއިނގިރޭސީން“ ކަމަށް އޭރުގެ ބައެއް މީހުންގެ ކިބައިން އެނގުނެވެ. ”ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި“ މި ފޮތުގައި، މުޙައްމަދު އަމީން ލިޔުއްވާފައިވެއެވެ. ”ހަނގުރާމައިގެ ފުރަތަމަ ކޮޅުގައި…. މުޅީންމެ އިނގިރޭސީންނެވެ. ފަހުން އައިސް ތިބި މީހުންގެ ތެރޭގައި، އިންޑިއާގެ މީހުން ހިމެނިގެންވީ، ވަރަށް މަތިވެރި މިންވަރަކަށެވެ“. ކަޅުއިނގިރޭސީންގެ އަދަދު ގިނަޔަސް، އެ މީހުންގެ ކޮމާންޑަރުންނަށް ތިބީ ދޮންއިނގިރޭސި ސިފައިން ކަމަށާއި، މި މީހުން ތިބީ، އޮފިސަރުންނަށް ޚާއްޞަ ފޭލިގެއެއްގައި ކަމަށް އެ ޒަމާން ދުށް އައްޑޫ މީހުން ބުނެއެވެ.

ފޭލިގެތަކުގައި ނިދައި، ކައިބޮއެ، ޑިއުޓީ އަދާކޮށް ހެދިޔަސް، ކެއުމުގެ ގަޑިޖެހުމުން، ސިފައިންނާ ވަކިން މާ ދުރުގައި އަޅާފައި ހުންނަ ބަދިގެއަކުން ކާނާ ތައްޔާރުކޮށްގެން ގަޑިންގަޑިއަށް ލޮރީއެއްގައި ގެންނަކަމަށް ވެއެވެ. އެ ދުވަސްވަރަކީ، އައްޑޫގައި ވެސް ކާޑުގެ ބާވަތްތައް ދަތި ދުވަސްވަރެކެވެ. އެހެންކަމުން ކަޅު އިނގިރޭސީން ކައި ނިމުމުން ބާކީ ވާ ’ރޮށިކޮޅާއި ރިހަފޮދާ‘ ނުވަތަ، އެ ތަނުން ލިބެންހުރި އެއްޗެއް ހޯދުމަށް އައްޑޫގެ ބައެއް ގޭގެއިން މީހުން ފޭލިގެ ސަރަހައްދަށް ޒިޔާރަތްކުރާ ކަމަށްވެއެވެ. ސިފައިންގެ ސަރަހައްދު އޮންނަނީ، ރަށުގެ އާއްމުން ދިރިއުޅޭ ހިސާބާ ވަކިން، ފުއްޓަރު ފަރާތުގެ އަތިރިމަތީގައެވެ.

އިނގިރޭސި ސިފައިން ތިބި ފޭލިގެތަކުގައި ފާހާނާ ނިޒާމު ގާއިމުކޮށްފައި ވާ ގޮތަކީ ވެސް އޭރުގެ ބައެއް މީހުންގެ މަޖާ ހަނދާނެކެވެ. އެ މީހުންގެ ކިބައިން އެނގުނު އެއް ކަމަކީ ފޭލިގެތަކާ ވަކީން، ގޮނޑުދޮށުގެ ރާޅުފަށަށް ވުރެ އުހުގައި، ދޮޅު ފޫޓެއް ވަރުގެ ލަކުޑި ފައިތަކެއް މަތީގައި، ދިގު ދެ ލަކުޑި ފިލާ ހަރުކޮށްފައި އޮންނަ ކަމަށެވެ. ދެ ފިލާ އަޅާފައި އޮންނަނީ ދެ ފިލާގެ ދޭތެރެއަށް 6 އިންޗި ވަރު ދޫކޮށްފައެވެ. އެ ދެ ފިލާގެ ދަށުގައި، ފިލާގެ ދިގުމިނަށް ބިންމަތީގައި، ބައިވަރު ބާލިދީ ބަހައްޓާފައި ހުރެއެވެ. ކޮންމެ ބާލިދީއަކާ ދިމާއަށް، ފިލާމަތީގައި، ބާލިދީ މެދަށް ވާގޮތަށް ދެ ފަރާތުން ކުޑަ ލަކުޑި ފިޔަފާޅިގަނޑެއް ހަރުކޮށްފައި ހުރެއެވެ. އެއީ ބާލިދީއާ ދިމާވާ ގޮތަށް، ފިލާމަތީގައި ’އަތިރިއަށް‘ ދާން އިންނަ މީހާ ނިވައިކުރުމަށެވެ. ބާލިދީތައް ފުރޭތޯ ބެލުމާއި، އެ ބާލިދީތައް ފުރުމުން، އެ ހިފައިގެން މޫދަށް އެރި ފަރުމައްޗަށް ހުސްކޮށް، މޫދުން ދޮވެގެން ގެނެސް ލަކުޑިފިލާގެ ދަށުގައި ބާލިދީ އަލުން ބެހެއްޓުމަކީ ދިވެހީންގެ ބުރަ މަސައްކަތެކެވެ. ބާލިދީތައް އުފުލަނީ ދަނޑިއެއްގައި ދެ ބާލިދީ އެލުވައިގެން ދެ މީހެއްގެ ކޮނޑުމަތީގައެވެ. މިއަދު، އުމުރުން 90 އަހަރުން މަތީގެ އަހަރުތައް ގުނަމުންދާ ބައެއް މީހުން، ބާލިދީ އުފުލުމަށް އޭރު އެ ދެއްކި ހިތްވަރަކީ، މިއަދު ވެސް، އެ މީހުންގެ ”ވަސްގަދަ“ ހަނދާނެކެވެ.

ގަމުން ފޭދުއަށް އިނގިރޭސި ސިފައިން އެޅި ފާލަން. ދުރުން އެ ފެންނަނީ ފޭދޫ

އައްޑޫގެ ރަށްތަކުގައި ތިބި އިނގިރޭސީންގެ ކިބައިން ރަށުގެ މީހުންނަށް ލިބެމުން ދިޔަ އެހީތެރިކަމަކީ ވެސް، މިއަދު އެ މީހުންގެ އުމުރުގެ ފަހު ބައި ހޭދަކުރަމުންދާ، އޭރުގެ ބައެއް ޒުވާނުންގެ ހަޔާތުގައި އަރުޝީފުކުރެވިފައިވާ އުފާވެރި ހަނދާންތަކެކެވެ. ރަށުމީހުން ބަލިވުމުން ޑޮކްޓަރު އައިސް ބަލައިދިނުމާއި ބައްޕަގެ ކޮނޑުމަތީގައި އޭރުގެ ކުޑަކުދީން ފޭލިގޭ ހޮސްޕިޓަލަށް ފަރުވާއަށް ގެންދިއުމުގެ ހަނދާނެވެ. ކާނެ ބޭސް ހިލޭ ލިބުމާއި ވަލުތެރޭގައި އުޅޭ އިރު ލިބޭ އަނިޔާއިން އުފެދޭ ފާރުގަނޑުގައި ބޭސް އަޅައިދިނުން ފަދަ ހަނދާންތަކެވެ. ފޭލިގެތަކުން ބާކީވާ ރޮށިކޮޅާއި ރިހަފޮދު ހޯދަން އެ ސަރަހައްދަށް ދާ އަންހެންވެރީން، ’އިނގިރޭސިން‘ ވާހަކަދައްކާ ގޮތުގެ މަޖާ ހަނދާންތަކެވެ. ރަށު މީހުން ދިރިއުޅޭ އަވަށަށް އިނގިރޭސި ސިފައިން އެކި ކަންކަމުގައި ކުރާ ޒިޔާރަތްތަކުގައި، ކުޑަކުދީންނަށް ދިއްކޮށްލާ މެޓައާއި، މީރު ބިސްކޯދުތަކުގެ ހަނދާނެވެ. ހަވީރުގެ ވަގުތުގައި ރަށުތެރޭގައި ދުއްވާ ލޭންޑްރޯވަރު ބަލަން މަގުމައްޗަށް ނުކުތުމާއި އޭގެ އިންޖީނުން ގޮވާ އަޑުގެ ހަނދާންތަކެވެ. މި ފަދަ އެތައް ހަނދާންތަކެކެވެ.

އޭރުގެ ހަނދާންތަކުގެ އަލީގައި މިއަދުގެ އައްޑޫ ބަލާލުމުން ފެންނަ މަންޒަރު ވަރަށް ތަފާތެވެ. އޭރު، މަތިންދާބޯޓުފަހަރު ޖެއްސި މާމެންދޫވިލެއް މިއަދަކު އެ ގޮތަކަށް ފެންނާކަށް ނެތެވެ. ކެޓަލީނާ މަތިންދާބޯޓުތަކަށް ޚިދުމަތްދިނުމަށް، އިނގިރޭސީން އޭރު އަޅާފައި އޮތް ދިގު ފާލަން ވެސް ނެތެވެ. މިހާރު، އެ ސަރަހައްދަކީ ވިޔަފާރި ބަނދަރެކެވެ. ބަނދަރަށް ދިއުމަށް ވިލު ހުރަހަށް ދިގު ފާލަމެއް އަޅައި، މަސައްކަތްތެރި ބަނދަރު ސަރަހައްދަކަށް ވަނީ ބަދަލުވެފައެވެ. މީދޫގައި، ބޮޑުބަޑި ބަހައްޓާފައި ހުރި ހިސާބު އޮތީ މޫދަށް ވެފައެވެ. ދެ ބަޑީގެ ހަރު ހެދި ކޮންކްރިޓްގަނޑު މިއަދު އޮތީ، ރާޅާ ތަޅަތަޅައެވެ. ރަށްގިރުން ހުއްޓުވުމަށް، އެންމެ ފަހުން ލާފައިވާ އެއްގަމުތޮށި ތެރޭގައި، ހަލާކުވެ، ވީރާނާވެފައިވާ ބަންކަރު ވަނީ ފޮރުވިފައެވެ.

”ކަޅުއިނގިރޭސީން އުޅުނު ސަރަހައްދު ފާހަގަކުރަން ކޮންކްރިޓްގަނޑެއްގައި ކުދި ’ރިހާކުރު‘ ބޮލިން އިނގިރޭސިބަހުން ”ޕޯޓް ޓީ. އެއިޓް ބެޓެރީ“ (ޕޯޓް ޓީ، އާޓިލަރީ ސިފައިންގެ 8ވަނަ ބެޓެރީ) ލިޔެފައި އޮތް ގަލެއް ވަރަށް ފަހަކާ ޖެހެންދެން އެ ސަރަހައްދުގައި އޮތްކަމަށް ބައެއް މީހުން ބުނެއެވެ. މިއަދު، އެ ގައު ފެންނާން ނެތަސް، އައްޑޫ ބަހުރުވައިގެ ބަސްކޮށާރު ތެރެއަށް ވަދެފައި އޮތް ”ކަޅުއިނގިރޭސީން“ މި ލަފުޒާ، ގަމުގައި ހުރި ހަނގުރާމައިގެ ހަނދާނީ ބިނާގައި ލިޔެފައިވާ، އިންޑިއާއަށް ނިސްބަތްވާ އެތަކެއް މީހުންގެ ނަންތަކުން ލިބިދޭ ހެއްކަކީ، ދެވަނަ ބޮޑުހަނގުރާމައިގައި ދޮން އިނގިރޭސި އޮފިސަރުންގެ ކޮމާންޑްކަމުގެ ދަށުގައި، އިނގިރޭސީންގެ ތަންތަން ދިފާއުކުރުމަށް ހަނގުރާމައިގެ އެކިއެކި މައިދާންތަކުގެ ކުރީ ސަފުގައި، ދިވެހިރާއްޖެ ވެސް ހިމެނޭ ގޮތަށް، ”ބްރިޓިޝް ރާޖު“ގެ ސިފައިން އަދާކުރި ދައުރު ބޮޑުކަމެވެ.

ބޮޑުހަނގުރާމައިގެ ދުވަސްވަރުގެ އައްޑުއެއް މިއަދަކު ނެތެވެ. އޭރުގެ މީހުންނެއް ވެސް ގާތްގަނޑަކަށް ނެތެވެ. އެ އައްޑޫގެ ބޮޑުބައި އޮތީ އޭރުގެ މީހުންގެ ހަނދާންތަކުގެ ތެރޭގައި ”ބިންވަޅު“ ނެގިފައެވެ. ތަރައްޤީގެ އެކި މަޝްރޫއުތަކުގެ ތެރޭގައި އަތޮޅު، ވަރަށް ބޮޑަށް ބަދަލުވެފައި ވިޔަސް، އަދިވެސް، ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައާއި ދިވެހިރާއްޖެއާ ގުޅުވާލަދޭ ގިނަ ހަނދާންތައް އައްޑުއަތޮޅާ ގުޅި ލާމެހިފައިވާކަން، ގަމުގައި ހުރި އޭރުގެ ސިފައިންގެ ޝަރަފުގައި ހަދާފައިވާ ”ވޯރ މެމޯރިއަލް“ ނުވަތަ އަސްކަރީ ހަނދާނީ ބިނާއިން ކިތަންމެ ރަނގަޅަކަށް ވެސް ދޭހަވެއެވެ.

  • ނޯޓް: މި ލިޔުން ތައްޔާރުކޮށްފައި ވަނީ، ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ދެކެފައިވާ އައްޑޫގެ ބައެއް މީހުންގެ ބަސްދީގަތުމުން ލިބުނު މައުލޫމާތާއި އެ ހަނގުރާމައަށް ޚާއްޞަ ވެބްސައިޓްތަކުން އެއްކުރި މައުލޫމާތު ހިމަނައިގެންނެވެ.
ޝެއަރކުރެއްވުމަށް