ޒަމާންތައް ފަސްދީދަނީއެވެ. އިހަށްދުވަހާއި، އޭގެ ކުރީގެ ދުވަސްތަކުގެ ހަނދާންތައް މިހާރު އަތުޖެހޭކަށް ނެތޭވެސް ހީވެއެވެ. އިއްޔެގެ ހަނދާންތައް ކޮންމެވެސް ވަރަކަށް ބައެއްމީހުންގައި އަދި އެބަހުރިކަންނޭނގެއެވެ. ހަމައެފަދައިން ”މިއަދު“ އަދި މި އޮތީ އަހަރެމެންގެ އަތްމަތީގައެވެ. އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކާ އެކު މުޅިން އައު ވާހަކަތަކެއް ކިޔައިދެމުން، އައު މަންޒަރުތަކެއް ކުރަހަމުން، ދުނިޔެ ޤުދުރަތީ ޤާނޫނާ އެއްގޮތަށް ހިނގަމުން ދަނީއެވެ. ޖީލުތަކުގެ ދަރީންނަށް ސުވާލުތަކެއް ކުރިމަތި ކުރުވަމުންނެވެ. އެ ސުވާލުތަކަށް ޖަވާބުދާރީ ވެވޭފަހަރާއި ނުވެވޭފަހަރާ ވެސް ކުރިމަތިލާން ޖެހެއެވެ.
އަޅުގަނޑުމެންނަކީ ދިވެހީންނެވެ. ދިވެހީންގައި ޒަމާނުއްސުރެ ހަރުލާފައިހުރި ރިވެތި ހަރުދަނާ ސިފަތަކެއް އެބަހުރިކަމުގައި އަބަދުވެސް ފަޚުރުވެރިކަމާ އެކު އަޅުގަނޑުމެން ބުނަމުއެވެ. އެ ރިވެތި ހަރުދަނާ ސިފަތައް އަޅުގަނޑުމެންގައި އެއްވެސްވަރަކަށް އެބަހުރިކަމުގައި ޤަބޫލުކުރެވޭ ނަމަ، އަނެއްކާ ވެސް އޮތީ ސުވާލެކެވެ. އެއީ ހަމަ މިއަދު ކުއްލިއަކަށް އަޅުގަނޑުމެންގައި ހަރުލި ސިފަތަކެއްބާވައެވެ. ނޫނެކެވެ. އެއީ މާޒީގެ ތެރޭން ވާރުތަވަމުންއައި ސިފަތަކެކެވެ. އަދި ބަޔަކު ދަސްކޮށްދިން ރިވެތި އަދި ހަރުދަނާ ގޮތްތަކެކެވެ. އެއަށް އަހަރުމެން މި ޒަމާނުގައި ”ދިވެހި އައިޑެންޓިޓީއޭ“ ކިޔަމުއެވެ. ހަމައެކަނި ދިވެހީންނަށް ޚާއްޞަ ދިވެހި ގޮތްތަކެކޭ، ނޫންނަމަ ކަންތައްތަކެކޭ، ނޫން ނަމަ ސިފަތަކެކޭ ބުނަމުއެވެ. އެކަމަކު ސުވާލަކީ މިއަދު އަޅުގަނޑުމެންގެ ހާލަކީ ކޮބައިތޯއެވެ. ދިވެހީންނަށް ޚާއްޞަކަމަށް ބުނި މި ދެންނެވި ސިފަތަކާއި ކަންތައްތައް ކޮބައިތޯއެވެ. އަމިއްލަފުޅަށް ވިސްނާވަޑައިގަތުމަށް ފަހު އަމިއްލަފުޅު ޖަވާބެއް ދެއްވާށެވެ.
ދިވެހީންގެ ދިވެހިވަންތަ ސިފަތަކާ ދޭތެރޭގައި މިއަދު ވިސްނަނީ ކިތައް ދިވެހީން ބާވައޭ ހިތަށް އަރައެވެ. އަޅުގަނޑު ވެސް އިސްތިސްނާއެއް ނުވަމެވެ. ހަމައެކަނި ސިފަތަކޭ ކިޔައިފައި ނިންމާލެވޭކަށް ވެސް ނެތެވެ. ދިވެހިވަންތަ ގޮތްތަކާއި ސިފަތަކެވެ. މި ކަންކަމަށް ވިސްނާލާ އިރު، ކުރިން ދެންނެވި ”އިހަށްދުވަހާއި، އިއްޔެއާއި އަދި މިއަދުގެ“ ތަފާތަކީ ކޮބައިތޯ ވިސްނާލާކަށް ނުވޭބާވައެވެ. ވިސްނަންވެއްޖެއެވެ. މާބޮޑަށް ވެސް ވިސްނަންވެއްޖެއެވެ. ކޮންމެ ދިވެހި ފަރުދަކު މި ކަންކަމަށް ޚިޔާލު ނުކޮށްފި ނަމަ، މާދަމާ…..! އާދެ! މާދަމާ އަޅުގަނޑުމެންގެ ދަރީން ބުނާނީ ކީކޭބާވައެވެ. ”ދިވެހިރާއްޖެ އުފެދުނީ ވެސް“ އެމީހުންނާ ހިސާބުން ކަމުގައި ނޫންބާވައެވެ. ދިވެހި ތާރީޚަކީ ވެސް ދިވެހި ސަގާފަތަކީ ވެސް އެމީހުންގެ ދިރިއުޅުމާއި ތަކެއްޗާއި ގޮތްތަކޭ ނޫންބާވައެވެ. އެހެން ނޫންނަމަ، ދެން ބުނަން އޮންނާނީ އަހަރެމެންގެ ކާބަފައިން އަހަރެމެންނަށް ޚިޔާނާތްތެރިވީއޭ ނޫންތޯއެވެ. ”ދިވެހިވަންތަ ރަނގަޅު ރިވެތި ސިފަތަކެއް އަހަރެމެންނާ ހަމައަކަށް ގެނަސްދީފައެއް ނެތެވެ. އެމީހުންގެ ދަންފަޅި ހަމަކޮށްފައި އެމީހުން ދިޔައީއެވެ. އަހަރެމެންގެ މަތިން ހަނދާނެއް ނުކުރެއެވެ. އެމީހުންނާ ހިސާބުން އަހަރެމެންގެ ތަރިކަތައް ވެސް ގެއްލި ދިޔައީއެވެ. އާދަކާދަތަކާއި ސަގާފަތާއި އޭގެ އަސްލުތައް ވެސް ގެއްލި ދިޔައީއެވެ. އަހަރެމެންނަށް ލިބުނު އެކައްޗެއް ވެސް ނެތެވެ. އަހަރެމެން އައިސް މިތިބީ ހުސްއަތާއެވެ.“ މިހެންނޫންބާވައެވެ.
ވިސްނާލަމާތޯއެވެ. ދިވެހީންނަކީ ހައުދަހާވާ ރިވެތި ސިފަތަކަކާއި، އަޚުލާޤީ މިންގަނޑުތަކެއްގެ މަތީގައި ދިރިއުޅެމުން އައި ބަޔަކީމުއެވެ. ރާއްޖެ އިސްލާމްވިފަހުން މި ހިނގައިދާ ނުވަސަތޭކައެއްހައި އަހަރުގެ ތެރޭގައި ކާބަފައިން ދިރިއުޅެމުން އައީ ހައުދަހައިވާ އުފަލުގައި އެކުވެރި ކޮށެވެ. ގުޅިގެން އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަމާ އެކުގައެވެ. އެކަމަކު މިއަދު އެ ހުރިހައި ކަމެއް ”ކީހައި ޅެން ފަރިއްސަށްވެ“ ނިމި ދަނީއެވެ. ދިވެހީންގެ ރިވެތި ދިރިއުޅުމެވެ. ދިވެހީން އަޚުލާޤީ ރިވެތި އުޞޫލުތަކެވެ. އާދަކާދަތަކެވެ. ދިވެހި ރަހަތަކެވެ. ދިވެހީންގެ ދިރިއުޅުން ބައްޓަންކުރަމުން އައިގޮތްތަކެވެ. ހެދުންއަޅައިއުޅުނު ގޮތްތަކާއި ތަރުތީބުކަމެވެ. އަނެކުންނަށް ކުރި އިޙުތިރާމާއި، އަނެކުންގެ އަބުރަށް ރައްކައުތެރިވި ގޮތްތަކެވެ. މިހެންގޮސް ކިޔާފައި ނުކިޔާނެ އެކައްޗެއް ވެސް އެބައޮތްތޯއެވެ. ނެތެވެ. އިއްޔެ ބައެއް ޤައުމުތަކާ ދިމާއަށް މަލާމާތާ އެކު ދިއްކުރި އަތްތައް މިއަދު އުފުލާލަން ކެރޭވަރަށް ވުރެ އަޅުގަނޑުމެންގެ ޙާލަތު ދަށަށް ހިނގައްޖެ ނޫންބާވައެވެ.
މި ހިސާބުން އަޅުގަނޑުގެ ހަނދާނަށް އަންނަނީ އިންޑިޔާގެ މަޝްހޫރު ޣަޒަލް ކިޔުންތެރިއެއްކަމަށްވާ ޕަންކަޖް އުދާސް ކިޔާފައިވާ ލަވައެއްގެ މަތީންނެވެ. އެއީ މިއަދު އަޅުގަނޑުމެންނަށް މި ތިބެވުނު ހާލަތާ ވަރަށް ގުޅޭ ލަވައެކެވެ. އެ ޅެމުގެ ކޮންމެ ބުނުމެއްގައި ބުނެދެނީ ހަމަ ކުރީން އަޅުގަނޑު ދަންނަވަމުން މިއައި ވާހަކައެވެ. ހުރިހައި ގޮތަކުންނެވެ. އެހެންކަމުން އެ ލަވައިގައި ޅެންވެރިޔާ ވިދާޅުވެފައިވާ ވާހަކަފުޅު، އަޅުގަނޑުމެންގެ ހާލަތާ ގުޅުވައިގެން ލިޔެލާނަމެވެ. އޭގެ ތަރުޖަމާއެއް ނޫނެވެ. އަދި އެ ޅެންވެރިޔާގެ ޢިބާރާތަކުން ވެސް ނޫނެވެ. އެކަމަކު އެ ޅެންވެރިއަކު ނެރުއްވައިފައި އެވާ ޚިޔާލުފުޅަށް ނުހަނު އިޙުތިރާމުކުރުމާ އެކު ތަޢުރީފު ވެސް ކުރަމުންނެވެ.
”އަހަރެމެންގެ ކާފަމެން، މާމަމެން އަދި އެމީހުންގެ މިރިމިނީންނަށް ދަންދެން އުޅުނީ ވަރަށް ފަޤީރުކޮށެވެ. އެމީހުން ގެދޮރުއަޅައި އުޅުނީ ފަނުންނެވެ. ނުވަތަ ތޮށަލި ޖަހައިގެންނެވެ. ނިދަން ލިބެނީ ރޯނުފުރި އެނދަކާއި ސާންތިގަނޑެކެވެ. އުނުއޮރިޔާން ނިވައިކޮށްލެވޭ ފަހަރާއި، ނުކުރެވޭފަހަރު ވެސް އައުދެއެވެ. އެކަމަކު އެ ހާލުގައި އުޅުނު އިރު ވެސް ގާތްމީހެކޭ ދުރުހިލޭމީހެކޭ ތަފާތެއް ނުކުރެއެވެ. ދިރިއުޅުމުގައި އެހައިމެ އެކުވެރިއެވެ. އެކަކަށް ލިބޭ ހިތާމައިގައި އަނެކަކު ވެސް ބައިވެރިވެއެވެ. އެއްގެއެއްގައި ލައިގެންކާއެއްޗެއް ނެތްނަމަ، ޖެހިގެންހުރިގޭން ގަރުދިޔަ ބޯތައްޓެއް ނަމަވެސް ނުލިބޭފަހަރެއް ނާދެއެވެ. ބުނެ އާދޭސްކޮށްގެނެއް ނޫނެވެ. ވައްކަންކުރުމާއި، ލޫޓުވުމާއި ފޭރުމެއް ނެތެވެ. އެއްވެސް މީހެއްގެ ކިބަޔަކު ބަދަލުހިފުމުގެ ރޫޙެއް ނެތެވެ. އޭރު އަތޮޅުތަކާއި، މާލޭގައި ވެސް އަހަރެމެން ދިރިއުޅުނީ ހައުދަހައި އުފަލުގައެވެ. އެކަމަކު މިހާރު އެ ދުވަސް ހިނގައްޖެއެވެ. އެ ޒަމާން ފަސްދީފިއެވެ. އެ އެންމެން މަރުވެ ހިނގައްޖެއެވެ. އަލުން އެނބުރި އައުމެއް ނެތް ދަތުރެއްގައެވެ.
ދެންއައީ ދެވަނަ ދައުރެވެ. އެއީ އިއްޔެއެވެ. އަހަރެމެންގެ މައިންބަފައިންގެ ދުވަސްވަރެވެ. އެ ހިސާބުން އަހަރެމެން މިއަދު މި ކިޔާ ތަރައްޤީގެ ކުލަވަރު ފެންނަން ފަށައިފިއެވެ. ވޮށުފިލަޔާއި އެދުރުގޭގެ ދައުރުނިމި، ތަޢުލީމީ ހަޔާތެއްގެ ކުލަވަރު ފެންނަން ފަށައިފިއެވެ. ކުރިން ވިސްނަމުން އައި ގޮތްތައް ބަދަލުކޮށް އައުގޮތްތައް ހޯދަން ފަށައިފިއެވެ. މަދަރުސާތަކުގެ ދައުރަކާ ކުރިމަތި ލައިފިއެވެ. ކުރިން ފަން ޖިފުޓިގަނޑެއްހެން ހުރި ގެދޮރު މަޑުމަޑުން ދޫކުރަމުން، ނައްތައިލަމުން، ރާނައިގެން ގެދޮރުއަޅަން ފަށައިފިއެވެ. މުސްކުޅި އާދަކާދަތައް ދޫކޮށް، ތަހުޒީބީ އާދަތަކުގައި މަޑުމަޑުން ހިފަން ފަށައިފިއެވެ. ދެންވެސް މަސައްކަތްކުރީ ކާބަފައިން ދެއްކި މަގުން ހިނގޭތޯއެވެ. ދިވެހިވަންތަ ރިވެތި އުޞޫލުތައް ދޫކޮށް ނުލައި އެއާއެކު ދެވޭތޯއެވެ. އެކަމަކު އެއީވެސް އެހައި ފަސޭހަކަމަކަށް ނުވިއެވެ. އެއީ ބޯދާ ކަންކަންކަމުގައި ނަންދެވެން ފަށައިފިއެވެ.
އޮފީސްއޮފީހުގައި ވަޒީފާތައް އަދާކުރާން ފެށިއްޖެއެވެ. ކުޑަނަމަވެސް މުސާރައެއް ލިބެން ފަށައިފިއެވެ. އަދި އެ ލިބޭ ކުޑަކުޑަ މުސާރައިން ފުއްދާލައިގެން އުޅެން ދަސްކުރިއެވެ. މުސާރަ ލިބި، ތިމާގެ އަތްމަތި އިހުނަށް ވުރެ ތަނަވަސްވަމުން ދިޔަ ނަމަވެސް ”އިއްޔެ ގެންގުޅުނު ނާށިގަނޑު“ މުޅިން ދޫކޮށްނުލައި އުޅެވޭތޯ މަސައްކަތް ކުރިއެވެ. އޭރުވެސް އެކަކުއަނެކަކަށް އިތުބާރުކޮށް، ލިބޭއެއްޗަކާ މެދު ޝުކުރުވެރި ވިއެވެ. ކާބަފައިން ދޫކޮށްފައި ދިޔަ ރަނގަޅު ރިވެތި ސިފަތަކަކީ ދިވެހީންގެ ތަރިކަކަމުގައި އެމީހުން ދުށްޓެވެ. އެއީ ދިވެހީންގެ ”އައިޑެންޓިޓީ“ ކަމުގައި އެމީހުން ޤަބޫލުކުރިއެވެ. އެމީހުންގެ ގެދޮރަކީ ވެސް މާބޮޑެތި ފުރިހަމަ ތަންތަނެއް ނޫނެވެ. އެހެންކަމުގައި ވިޔަސް އުފާވެރިކަމާއި، ހިތްހަމަޖެހުން އޭރުވެސް އޮތެވެ.
ދެން މި އައީ އަހަރެމެންގެ ދައުރެވެ. މިއަދެވެ. މި ޒަމާނަކު އެކަކު އަނެކަކަށް އަޅައެއް ނުލެވެއެވެ. ދަންނަ ގާތްމީހަކު ރައްޓެހި ރަޙުމަތްތެރިއަކު ނެތެވެ. ހައްތަހާ ވެސް ތިބީ ބީރައްޓެހީންނެވެ. އިއްޔެއާއި އިހަށްދުވަހު އަހަރުމެންގެ ކާބަފައިން ގެންގުޅުނު އަޚުލާގީ ރިވެތި ސިފަތައް، އެމީހުން މިލިއުޅުނު ގޮތްތައް، އެމީހުން ބޭނުންކުރަމުންއައި ކާނާގައި ހުރި މީރު ރަހަތައް، ދިވެހީންގެ އަގުހުރި ތަރިކަތައް ގެއްލި ދަނީއެވެ. އެކަމާ ކަންބޮޑުވާމީހުން އަމުދުން ނެތޭ ހީވެއެވެ. ކޮންމެ މީހަކު ވެސް އުޅެން ބޭނުންވަނީ އެކަންޏެވެ. އެކެއްގެ ހިތާމައިގައި އަނެކަކު ބައިވެރިވެ އުޅޭތީއެއް ނުފެނެއެވެ. މުދަލާއި ފައިސާގެ އަޅުންނަށްވެ ނިމިއްޖެއެވެ. ޢިއްޒަތާއި ޤަދަރުނޫން އެއްޗެއް ބޭނުމެއް ނޫނެވެ. ހަތަރެސްފަޔަށް ނޯކަރުން އެބަތިއްބެވެ. ބުރިބުރިއަށް އުސްކޮށް ހަދާފައިހުރި ގަނޑުވަރެއް ފަދަ ގޭގެ އެބަހުއްޓެވެ. އަގުބޮޑެތި ސައިކަލުތަކާއި ކާރު އެބަހުރިމެއެވެ. މުޅި ދުނިޔޭގައި އުދުހިލެވޭނޭ ފަދަ ތަނަވަސްކަން އެބަހުއްޓެވެ. އެކަމަކު ވެސް ހިތްހަމަޖެހުމެއް މިއަދަކު ނެތެވެ. ކޮންމެ ރެއަކާއި ކޮންމެ ދުވަހަކީ ފިކުރުތަކާއި ނުތަނަވަސްކަމުގެ ދުވަހަކާ ރެއެކެވެ. ނަފުސާނީ ބަލިތަކުގެ ޝިކާރައަކަށް ވާ މީހުން ދަނީ އިތުރުވަމުންނެވެ. ތިމާ މުޅިން އެކަނިވެރިވެއްޖެއެވެ.
އަޅުގަނޑުމެންގެ ފަހުން މި ރާއްޖޭގައި ދިރިއުޅޭން ތިބި ޒުވާނުންނަށާއި، އަންނާންއޮތް ޖީލުތަކަށް މިއަދު ބުނެލަންއޮތީ މި ވާހަކައެވެ. އޭ! ދަރީންނޭވެ، ވިސްނާތިބޭށެވެ. އަޅުގަނޑުމެންގެ ކާބަފައިން ހިފަހައްޓަމުން އައި ރިވެތި، އިސްލާމީ އަދި ދިވެހިވަންތަ ރިވެތި ސިފަތައް އަޅުގަނޑުމެންގެ އަތްމަތީން ބީވެގެން ދިޔަނުދީ އަލުން އިއާދަ ކުރެވޭތޯ ހިތްވަރުކުރާށެވެ. އަހަރެމެން މިއަދު މި އުޅެނީ ބޮޑު ހައިޖާނުގަނޑެއްގެ ތެރޭގައެވެ. އެތައް ބައެއްގެ ތެރޭގައި އަހަރެމެން ދިރިއުޅުނުކަމުގައި ވިޔަސް، އަހަރެމެން ދިރިއުޅެމުން މި ގެންދަނީ އެކަނިވެރިކަމުގައެވެ.
ބަވަނަވަމުންދާ ދުނިޔެއެއްގައި ދިރިއުޅެމުން ދާއިރު، ޤައުމުތަކުގެ މިނިވަން ފަސްގަނޑަށް ”ބިޔަ ރާޅުތައް“ ބިންދަމުންދާނެއެވެ. އެ ރާޅުތަކުގެ ހޮޅިދަށުނުވެ، ސަލާމަތުން ތިބެވޭނީ ވަރަށް ހިތްވަރުކޮށްގެންނެވެ. ބިޔަރާޅެއްގެ ހޮޅިދަށުވެއްޖެ ނަމަ، އެ ތަނެއްގެ ހުރިހައި ”ދިރުމެއް“ ނެތިހިނގައިދާނެއެވެ. މިފަދަގޮތެއް މި ރާއްޖެއަށް މެދުވެރި ނުވުމަކީ މިއަދު އަޅުގަނޑުމެންގެ ދުޢާއެވެ. އުފާވެރިކަމާއި ހިތްހަމަޖެހުން ތިޔަކުދީންގެ އަތްމަތީން ބީވެގެން ހިގައިދާނޭ ފަދަގޮތެއް ﷲ މިންވަރު ނުކުރައްވާށިއެވެ. ދިވެހިވަންތަ ހަމަތަކާއި އުޞޫލުތަކާއި އިސްލާމީ ރިވެތި ސިފަތައް އަބަދަށަ ދަމަހައްޓަވާށިއެވެ. އާމީން!
