ޤައުމީ ޚިދުމަތަށް ފިސާރި ރަނގަޅަށް ތައްޔާރުވުމަށް އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ތާރީޚު އުނގެނި ދަސްކުރުމެވެ. އެހެނީ ތާރީޚަކީ މުސްތަގުބަލުގެ މޫނުބަލާ ލޯގަނޑެވެ. އެ ލޯގަނޑުން ބަލައިގެން މުސްތަގުބަލު އުޖާލާކުރުމަށް ހިނގާންވީ ސީދާ މަގު އިޚްތިޔާރު ކުރެވެއެވެ. އެއީ ތާރީޚީ ފިލާވަޅުތަކުން ޢިބްރަތް ލިބިގަނެގެންނެވެ. އެހެންކަމުން، އެކިއެކި ދާއިރާތަކުން އުނގެނޭ ޢިލްމު، ވިސްނުންތެރިކަމާއި ފަރުވާތެރިކަމާ އެކު ބޭނުންކުރުމަށް މާޒީގެ ހާލަތު ކޮންމެހެން އެނގެންޖެހެއެވެ. ދުނިޔޭގެ ތާރީޚު އެނގިގެން މެނުވީ މުސްތަގުބަލުގެ ރާސްތާ ކޮށާން ދަތިވާނެތީއެވެ. ވަކި ކަމަކާ ގުޅިގެން ނިންމި ކަމެއްގެ ސަބަބުން ނުކުތް ނަތީޖާއާއި ލިބުނު މަންފާއަކާއި ކުރިމަތިވި ގޮންޖެހުންތައް އުނގެނި ދަސްކޮށްގެން މެނުވީ އަޅުގަނޑުމެންގެ ދިރިއުޅުން ބާއްޖަވެރިކުރުމަށް ނެރޭންޖެހޭ ބުއްދިއާއި އެކަށައަޅާންޖެހޭ އުޞޫލުތަކާއި ހަދާންޖެހޭ ގަވާއިދުތަކާއި ގާނޫނުތައް ހެދުމަށް ކޮށާން ޖެހޭ މަގު ސީދާކޮށް ކޮށުން ވަރަށް ދަތިވާނެތީއާ ވެސް އެކުގައެވެ.

އަޅުގަނޑުމެންގެ އަދުގެ ތާރީޚުގެ ފިލާވަޅުތަކާއި، މާޒީވެ ދިޔަ ތާރީޚުގެ ތަޖުރިބާތަކުން ހާޞިލުކުޅަ ޢިބުރަތްތަކާއި ދަރުސްތަކުގެ ވާހަކަތައް އަދުގެ ދަރީންނަށް ކިޔައިދިނުމަކާ ނުލައި ހަމައެކަނި ސައިންސާއި ވިޔަފާރި އުނގަންނައި ދީގެން ޤައުމީ ޚިދުމަތަށް ދަރީން ނެރުމަށް ކުރެވޭ މަސައްކަތަކީ ފޫނެތް ފަޔަށް ފެންފުރުން ފަދަ ކަމެކެވެ. ތިމާއާއި ތިމާގެ އާއިލާއާއި ތިމާގެ ރަށާއި ތިމާގެ ޤައުމާއި ތިމާގެ ބަހާއި ދީނާއި ދީނުގެ މަޤްޞަދުތައް ނޭނގި ދިރިއުޅުން ބާއްޖަވެރިކޮށް ކުރިއަރުވައި ތަރައްޤީއެއް ނުކުރެވޭނެއެވެ. ދިރިއުޅުން ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ އުފެއްދުންތެރި ވިސްނުމާއި ހެޔޮ ބުއްދި ލިބެނީ ތާރީޚީ ހާދިސާތަކުން ލިބޭ ޢިބުރަތްތަކުންނެވެ. 

އެހެންކަމުން މި ދެންނެވި ޢިބުރަތްތަކާ މެދު ފުން ވިސްނުމަކުން ވިސްނާން ޖެހެއެވެ. އެ ޢިބުރަތްތަކުން ލިބުނު މަޢުލޫމާތު ތިމާގެ އަމިއްލަ ސިކުނޑީން ތަޙުޤީޤު ކުރާން ޖެހެއެވެ. ތަހުލީލު ކުރާން ޖެހެއެވެ. ކިރައި ވަޒަން ކުރާން ޖެހެއެވެ. އެއީ ދިރިއުޅުމުގެ މައިދާނަށް އެންމެ ފަހި، ފާގަތި ގޮތަކީ ކޮބައިތޯ ވިސްނައިފި ނަމަ އެ މަޢުލޫމާތު ބޭނުންކޮށްގެން ދިރިއުޅުމުގެ ތަރައްޤީއާއި ހަމަޖެހުން ގެނެވޭނޭ މަގު ދެނެގަތުން މާ ބޮޑަށް ވެސް ފަސޭހަވާނެތީއެވެ. އަދި އޭގެ ނަތީޖާ ފޮނިވާނެކަން ކަށަވަރުވާނެތީއެވެ.

އަޅުގަނޑުމެން ތާރީޚް ދިރާސާކޮށް އުނގެނި ދަސްކުރާ އިރު މި ކުރެވޭ ކަމަކީ ނުވަތަ މަސައްކަތަކީ އިންސާނާގެ އާންމު ތަޖުރިބާތައް ދެނެގަތުމުގެ މަސައްކަތެވެ. އަޅުގަނޑުމެންނަކީ ކޮން ބައެއްކަމާއި އަޅުގަނޑުމެން އެކަކު އަނެކަކާ އޮންނަ ގުޅުންތަކަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތެވެ. އެކިއެކި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތަކާއި ނުގުޅުންތައް ދެނެގަތުމުގެ މަސައްކަތެވެ. މިއީ ތާރީޚް އަޅުގަނޑުމެންނަށް އުނގަންނައިދޭ އަގުނުކުރެވޭނޭ އުނގަންނައިދިނުމެކެވެ. ދިރިއުޅުމަށް ކޮންމެހެން ބޭނުން އުނގަންނައިދިނުމެކެވެ. އެހެނީ މި ދެންނެވި ގުޅުންތަކާއި ނުގުޅުންތައް އުނގެނި ދަސްކުރުމުގެ ޝަރުޠަކީ އަޅުގަނޑުމެންގެ ޤައުމާއި ޤައުމުގެ އަމިއްލަވަންތަކަމާއި ތިމާވަންތަކަން ކުރިއަރައި ތަރައްޤީވުމަށް ޓަކައި، ދޫކޮށް ނުލެވޭނޭ މުހިންމު ޤައުމީ ޝަރުތެކެވެ. އަދި ދިވެހި ދަރީންގެ ހިތްތައް ޤައުމީ ލޯތްބަށާއި ޤައުމީ ވަޙުދަތަށް ލެންބުމަށް ޓަކައި ކޮންމެހެން ބޭނުން ޤައުމީ ރުކުނެއް ވެސް މެއެވެ. 

ބަހާއި ސަގާފަތާއި އާދަކާދައާއި ޖޯގުރަފީގެ ސަބަބުން އަޅުގަނޑުމެން މިތިބީ އެހެން ޤައުމުތަކާ ވަކިވެފައެވެ. ބައެއް ޒާތުގެ ގުޅުންތަކަށް ހުރަސްއެޅިފައެވެ. ލިޔެވި ޖަމާކުރެވިފައިވާ އަޅުގަނޑުމެންގެ ތާރީޚީ ހޯދުންތައް އުނގެނި އެ ހޯދުންތަކާ އަޅުގަނޑުމެން ގުޅިލާމެހެން ދަސްކުރާން ވީއެވެ. އޭރުން ޤުދުރަތީ ދުރު ގާތްކަން ހުރި މިންވަރުގެ ސަބަބުން، ލެއްޕިފައިވާ ދޮރުތައް ހުޅުވާނެ ގޮތާއި ހުޅުވާންވީ މިންވަރު ރަނގަޅަށް އެނގޭނެއެވެ. އަދި އެހެނިހެން އާދަކާދަތަކާއި ސަގާފަތްތަކުގެ ސަބަބުން ކެނޑިފައިވާ ގުޅުންތައް ބަދަހިކުރާނޭ ގޮތާއި މިންވަރާއި ޙާލަތުތައް ވެސް ދެނެގަނެވޭނެއެވެ. އަޅުގަނޑުމެންނާ ނުގުޅޭ އާދަކާދަތަކަކީ ކޮބައިކަން ވަކިކުރެވޭނެއެވެ.  ބާތިލު ޢަޤީދާތަކާއި އަޅުގަނޑުމެން ދުރުވާންވީ ސަބަބުތަކުގައި ހިފެހެއްޓޭނެއެވެ. ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރާނެ ބުއްދިޔާއި، ހެޔޮކޮށް ވިސްނާންވީ މަގު ހޯދޭނެއެވެ. ހަމައެހެންމެ އަޅުގަނޑުމެންގެ ދީނާއި ސަގާފަތާއި އާދަކާދަތަކާ ދުރު މީހުންނަށް ވެސް އިޙްތިރާމާ އެކު މުއާމަލާތުކުރާންވީ ގޮތާއިފޮތުގައި ހިފާން އެނގޭނެއެވެ. އަދި ތިލަފަތް ހަމަ ވިސްނުމަކުން ވިސްނައި ގާތްކުރާންވީ ކަންކަމާއި ދުރުހެލިވާންވީ ކަންކަން ދެނެގަތުމުގެ ފަސޭހަ މަގު ކަށަވަރުކުރެވޭނެއެވެ.

ދިވެހީން އެކިއެކި ޙާލަތްތަކުގައި ކަންކޮށްފައިވާ ގޮތާއި އެ ގޮތަށް ކަންތައް ކުރުމުގައި މާޒީގެ ދިވެހީން ގެންގުޅުނު ވިސްނުންތަކާއި އެ ކަންތައްތަކުގެ ނަތީޖާތައް ތާރީޚުގެ ތެރެއިން ދިރާސާ ކުރެވިދާނެއެވެ. ކުރާން ވެސް ޖެހޭނެއެވެ. އެއީ އަޅުގަނޑުމެން މިހާރު ވިސްނާންވީ ގޮތްތަކާއި ދައްކާންވީ ވާހަކަތަކާއި ނުދައްކާންވީ ވާހަކަތައް ދެނެގަތުމަށް ޓަކައެވެ.  އަދު ޢަމަލުކުރަންވީ ގޮތްތަކާ ބެހޭގޮތުން މަންފާ ހުރި ނިންމުތަކެއް ނިންމުމުގެ ޔަޤީންކަން ލިބިގަތުމަށް ޓަކައެވެ. އަދުގެ ދިވެހިރާއްޖޭގެ ހަ ފަރާތުގައި  މި ހިނގާ ނުވަތަ މި ހިންގާ އެތައް ކަމެއްގެ އަސްލާއި ސަބަބުތައް ދެނެގަތުމަށް ޓަކައެވެ. އެކިއެކި ސިޔާސީ މައްސަލަތަކާއި އިޖުތިމާޢީ އެކިއެކި މައްސަލަތައް އުފެދި ބޮޑުވަމުން މިދާ ސަބަބު ދެނެގަތުމަށް ޓަކައެވެ. އަދި އެ ފަދަ މައްސަލަތަކަށް ދެވޭނޭ އެންމެ ފައިދާ ހުރި ހައްލު ދެނެގަތުމަށް ޓަކައެވެ. ހަމަހިމޭން ބަދަހި މުޖުތަމަޢެއް  ދުށުމަށް ޓަކައި ކުރެވޭ ފޮނި އުއްމީދަށް ޓަކައި ވެސް މެއެވެ.    

އަދު އަޅުގަނޑުމެން މިތިބީ މާއްދިއްޔަތާއި ޓެކްނޮލޮޖީގެ ޖާދޫގައި ޖެހި ކުޑަގޮޅިއަކަށް ލެވި އަމިއްލައަށް ބަންދުވެގެންނެވެ. މިއީ ”ތަރައްޤީއޭ“ ކިޔައި ނަންދީގެން މި އުޅެވޭ ޖާދޫއެވެ. ތަހުޒީބެއް ތަމައްދުނެއްގެ އަސަރެއް ނެތް ޖާދޫއެވެ. ދެކޮޅުހޯދުމެއް، ވިސްނައި ބެލުމެއްގެ ފިކުރެއް ނެތް ޖާދޫއެވެ. އަދަބެއް އަޚުލާޤެއްގެ ސިފަ ނެތް ޖާދޫއެވެ. ދޮގެއް ތެދެއް ވަކިނުވާ އަދި ތެދާ ދޮގު ވަކި ކުރާން ވެސް ބޭނުން ނުވާ ގޮތަށް ސިކުނޑި ބަދަލުކުޅަ ޖާދޫއެވެ. އެ ޖާދޫގައި ވިސްނުމާއި ހުނަރާއި ޤާބިލުކަމާއި އަމިއްލަވަންތަކަމާއި އިންސާންވަންތަކަން މިތިބީ ބައްސާލައިގެންނެވެ.  އިންސާނާގެ މި ދެންނެވި ހުރިހައި ގާބިލިއްޔަތެއް އޮޔާލައްވައިގެންނެވެ.  އެހެންކަމުން އަޅުގަނޑުމެން އަދު މި ތިބި ހާލަތުގައި ތިބޭ އިރު، ޓެކްނޮލޮޖީއޭ މިކިޔާ ”ދެމިޔަލީ ކަނޑީން“ ޒަޚަމުވަމުން ދާ ކަމުގެ އިހުސާސެއް ނެތެވެ. އޭއައިއިން އުފައްދާ އެކިއެކި އުފެއްދުންތަކުގެ ހަގީގަތް ދެނެގަނެވޭ ފަދަ ބުއްދިއެއް ނެތެވެ.  ދިމާ ކުރިމަތީ ހިނގަމުން މިދާ ކަންކަން، އެއް ކަމަކާއި އަނެއް ކަމެއް ގުޅުވައިލެވޭނެހައި ބުއްދިއެއް ނެތެވެ.  މީހާ ޒަމާނީ މީހަކަށް ވެއްޖެ ކަމުގެ ދައުވާ ހަރުއަޑުން ކުރަމުން ދާއިރު އަމިއްލަ އިހުސާސްތަކާއި ހުވަފެންތަކާއި އުންމީދުތަކުގައި ކުލަޖައްސާން އެޅޭނޭ ފިޔަވަޅެއް ނޭނގޭހައި ގަބުވެއްޖެ ކަމުގެ މޭރުން ވެސް ނުވެއެވެ. އެހެންކަމުން މި ދެންނެވި ހާލަތުން އަރައިގަތުމަށް އެންމެ ބޮޑަށް ބޭނުންވަނީ އަޅުގަނޑުމެންގެ މާޒީ ދަސްކުރުމެވެ. އަޅުގަނޑުމެންގެ ތާރީޚް އުނގެނި ދަސްކުރުމެވެ.

ތާރީޚް އުނގެނި ދަސްކުރާން ކޮންމެ އިންސާނަކަށް ލާޒިމުވާ ސަބަބުތައް ގިނަގުނައެވެ. ތާޜީޚުން ލިބިދޭ ފިލާވަޅުތައް ހަމަ ގިނަވެފައި މޮޅުކަމުންނެވެ. އެއީ އެތައް ޢިލްމެއްގެ ތެރެއަށް އިންސާނާގެ ސިކުނޑި ހާނުވައިދިނުމުގެ މަދަދުގާރެވެ. މި ދެންނެވި ޢިލްމުތައް  ހުޅުވައިދެނީ ދިރިއުޅުން ބާއްޖަވެރިކުރުމަށް ހުރި އެތައް ދޮރުތަކެކެވެ. މި ދޮރުތަކުން ވަދެވުމުން ފެންނާނީ، ދުނިޔެ މިހާތަނަށް ވެއަތުކުރި ދުވަސްތަކުގެ ކުލަތަކެވެ. އެތައް ޢިލްމުވެރީންނަކާއި އެތައް ބުއްދިވެރީންނެއްގެ މަސައްކަތްތަކެވެ.  އެ  މަސައްކަތްތަކުން އުފެއްދި އުފެއްދުންތަކެވެ. އުފެއްދި ހާލަތެވެ.

މާޒީގެ މި ބޮޑު ފޮތުގެ ޞަފުހާތައް ކިޔައިދެނީ ދުނިޔޭގެ ހަޔާތުގެ މާޒީގެ ފަސާނާއެވެ. އެއީ އެތައް ވާހަކަތަކެކެވެ. ބުއްދިވެރި އެތައް ބަސްތަކެކެވެ. އެކި ހާލަތްތަކުގައި އެކި ގޮތްގޮތަށް މާނަކުރި ގޮތްތަކާ އެ ގޮތްތަކަށް މާނަ ބަދަލުވި ސަބަބުތަކެވެ. އަދި އެ ބަދަލުން ނުކުތް ހިތި ފޮނި ނަތީޖާތަކެވެ.

މާޒީ ކިޔައިދޭ މި ތާރީޚުގެ އަލްބަމް ހުޅުވާލުމުން ފެންނާނީ ބުނަން ނުކުޅޭދޭހައި ދުރު ރާސްތާއިން ފެށިގެން އަދާހަމައަށް ނިއުޅެމުންދާ ކުލަފީތާއެވެ. މި ފީތާއިން އަޅުގަނޑުމެންނަށް ފެންނާނީ، ކާބަފައިން ފަތައި ފީނައި ހެދި ޢިލްމާއި ޙިކުމަތުގެ ފުންކަނޑުތަކެވެ. އެ ކަނޑުތަކުގައި އުފެއްދި ބިޔަ ރާޅުތަކުން ކުރިމަތިކުރުވި ގޮންޖެހުންތަކާއި ހައިޖާނުތަކެވެ. އެ ހައިޖާނުތަކާ އެކު ހޭރިޔާކުރަމުން، ދަތުރުކުރި ގޮތެވެ. ކަނޑުމަތި އަމާންވެ ފައްސިޔައިގައި ބަނދަރު ހިފާން ލީ ބާރާއި އެ ބާރުން ހޯދި ކާމިޔާބެވެ.

މާޒީގެ ތާރީޚާ މެދު ހިތުގެ ލޮލުން ޝައުޤުވެރިކަމާ އެކު ބަލައިލުމުން ފެންނާނީ ކާބަފައިންގެ ލޯތައް ހުޅުވައިގެން ތިބި ގޮތެވެ. އެ ލޯތަކުން ދުށް ރާއްޖެއެވެ. އެ ލޯތަކުން އަޅުގަނޑުމެންގެ އަމިއްލަ ވަޒަނާއި އަމިއްލަވަންތަކަން ބެލި ގޮތެވެ. އެއްގަމާއި ޖައްވާ ވަޔާއި ކަނޑުގެ އުފާ ހޯދި ގޮތެވެ. ދަނޑުތަކާއި އެ ދަނޑުބިންތައް ވާ ނުކޮށް ބެލެހެއްޓި ބެލެހެއްޓުމެވެ. ކަނޑާއި ކަނޑުގެ އޮއިވަރާއި ކަނޑުފަޅުތަކާއި ފަރުފަރާއި ހާހަލާއި ގިރިގިރި، އަމިއްލަ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ބޭނުން ހިފި ގޮތެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ރާވެރިކަމުން ނަފާވެރިވީ ގޮތެވެ.  ތެދުއުއިވަޑާމާއި ކިއްސަރު ވަޑާމުގެ ޢިލްމާ މެދު ފަޚުރުވެރިވެ އިސްނަގައިގެން ތިބި ގޮތެވެ. ގަސްގަހާގެއްސާއި ވެޔޮވެލާވެއްޔާއި މާމެލާމެލީން ހިފި ބޭނުންތަކެވެ.  މަސްމަހާމެއްސާއި ދޫނިސޫފާސޫފި ދިރިއުޅުމުގެ މުހިންމު ބައެއްގެ ގޮތުގައި ބެލި ސަބަބުތަކެވެ. ތަރިތަކާއި ވިލާތަކާއި ކޮޅިގަނޑުގަނޑާއި ވަޔާއި ވާރެއާއި ވިއްސާރަ ދެނެގަނެ އޭގެ ބޭނުން  ނެވިނިޔަމިކަމުގައި ހިފިގޮތެވެ.  ނަކަތްތަކާއި އެކި މޫސުމުގެ ހާލަތްތަކަށް ބަރޯސާވެގެން ތިބެ އުފާވެރި ޚުލްޤު ހެޔޮ، އަޅައިލާ ރީތި މުޖުތަމައެއްގެ އުފާވެރި ދިރިއުޅުމެއް އުޅުނު ލޯބިވެތި މަންޒަރުތަކެވެ. މި މަންޒަރުތަކާއި ގޮތްފޮތް ދަސްކުރާން އޮތް މަގަކީ ތާރީޚު ޢިލްމެވެ. މި ޢިލްމާ ނުލައި އިންސާނީ ޙަޟާރަތެއް ބިނާކުރެވޭނޭ ވިސްނުމެއް، އަދި ތަހުޒީބު ރާސްތާއެއްގައި ހިނގޭނޭ ހުނަރެއް ލިބޭނެ ގޮތެއް ނެތެވެ. މިކަން ވިސްނައިލެވޭވަރަށް ވުރެ ވެސް،  ފުން އަނދަވަޅަކަށް އަޅުގަނޑުމެން މިތިބީ ވެއްޓިފައިކަން ޤަބޫލު ނުކުރެވޭހައި ވިސްނުން ކޮށި ނުވަމާތޯއެވެ.

އަދުގެ ހަލަބޮލި ދުނިޔޭގައި ލާބައާއި މަންފާ ލިބެނިވިގޮތަށް ހަރަކާތްތެރިވެ އުޅުމަށް ތާރީޚް އުނގެނި ދަސްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ތާރީޚަކީ އިންސާނާގެ ދިރުއުޅުން ހެޔޮގޮތުގައި ކުރިޔަށް ގެންދިއުމަށް އިރުޝާދުދޭ މުރުޝިދެވެ. ހެޔޮމަގަށް މަގުދައްކައިދޭ އާރުކާޓީއެވެ. ރަނގަޅު ޢިބްރަތްތެރި ފިލާވަޅުތައް އުނގަންނައިދޭ އެދުރެވެ. މުދައްރިސެވެ. ޓީޗަރެވެ. ކޮންމެ އިންސާނެއްގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރުމަށް މުޅި އިންސާނީ ތާރީޚް އުނގެނި ދަސްކުރުމަކީ މި ދެންނެވި ފަދަ މުހިންމުކަމެއްކަން އެނގޭ ނަމަ އެކަން ނުކޮށް ދޫކޮށްލާނޭ މީހުން ވަރަށް މަދުވާނެކަން ކަށަވަރެވެ.

ތާރީޚަކީ އިންސާނީ މުޖުތަމަޢުތަކުގެ މެދުގައި ގުޅުންތައް ގުޅުވާލައިދޭ ވިއުގައެވެ. އެކަކު އަނެކަކާ އެއް ބަޔަކު އަނެއް ބަޔަކާ އޮންނަ ގުޅުން ދައްކައިދޭ އިންސާނީ ”އާއިލީ ޗާޓެވެ“. މާޒީއާއި އަދާ ދެމެދުގައި އަޅައިފައިވާ ”ފަހި ދަތުރުގެ ފާލަމެވެ“. މުޅި އިންސާނީ މުޖުތަމަޢަކީ އެއް ގަހެއްގެ ގޮފިތަކެއްކަން ބަޔާންކުރާ ”ޢާލިމެވެ“. މުޖުތަމަޢުތަކުގެ މެދުގައި އުފެދޭ އެކިއެކި މައްސަލަތަކާއި ފުށުއަރާ މަސްލަހަތުތައް އެ ގަހެއްގެ ހިޔަލުގައި ތިބެ ހައްލު ހޯދާ ”ގަހެވެ“. ރަނގަޅަށް އުފެދި އާރުލާފައިވާ ކޮންމެ ގޮތްޕެއްގެ ޙަޤީޤީ ބާރުގައި އެހެން ގޮފިތަކަށް ލިބޭ ހިމާޔަތާއި ރައްކާތެރިކަން އޮންނާނޭ މިންވަރު ކިޔައިދޭ ފިޠުރަތުގެ ”ހެކިވެރިޔާ“އެވެ. މިއިން ކޮންމެ ގޮތްޕެއް އަނެއް ގޮފީގެ ހިމާޔަތާއި ރައްކާތެރިކަމަށް އިޙުތިރާމުކުރާ ގޮތުގެ ދުރޫސުލް އަޚްލާގު ދައްކައިދޭ ދިރިހުރި ”ފޮތެވެ“. ދިރިއުޅުމުގެ އެކި ކަންކޮޅުތައް ގަތައި ބުގިސްކޮށްދޭ ތާރީޚޭ މި ކިޔާ ވިއުގައިގައި ޝާމިލުވެގެން ނޫނީ ގުޅި ލާމެހިފައިވާ ތަހުޒީބީ މުޖުތަމައެއް ބިނާކުރުމުގެ އުއްމީދު ކުރާނީ ކިހިނެއްތޯއެވެ؟ 

ތާރީޚް އިލްމުގެ އެއްވެސް މިންވަރެއް ނެތްމީހަކީ އަގުޅިނެތް ކަންނޭލެއްފަދަ މީހެކޭ ދަންނަވާ ހިތް ނުވިޔަސް ދަންނަވާން އޮތީ ހަމަ އެހެންނެވެ. ދީނާއި ސަގާފަތާއި އާދަކާދައާއި އަމިއްލަވަންތަކަމާއި ޤައުމާއި ދުނިޔޭގެ މަސްލަހަތަށް އެއްވެސް މަންފާއެއް ކުރާނޭ މީހެއް ނޫންކަމުގައެވެ. ތާރީޚް ޢިލްމު އުނގަންނައި ނުދެވުމުގެ ހިތި ނަތީޖާއަކީ މި ދެންނެވި ފަދަ ”ކަންނެޔޮތައް“ ގިނަ ޢަދަދަކަށް ”ސޭލް ބާޒާރަށް“ ނުކުތުމެވެ. އެއިން ”ކަންނޭލެއްގައި ބައްދައިލައިގެން އޮވެ ނުވަތަ ބޯއަޅައިލައިގެން، އަރާމު ތަންމައްޗެއްގައި އޮވެ ނިދާލާނޭ ހެޔޮ ފުރުޞަތެއް ޤައުމަަށް ނުލިބުމެވެ. އަދު ރާއްޖޭގައި ތާރީޚް ކިޔަވައިދޭ އެދުރުގެއެއް ނެތެވެ. މަދަރުސާއެއް ނެތެވެ. ސްކޫލެއް ނެތެވެ.

އަދު އަޅުގަނޑުމެން ކިޔަވައިދެނީ ސައިންސާއި ޓެކްނޮލޮޖީއާއި ވިޔާފާރިއެވެ. ތާރީޚެއް ނޭނގޭ ގޮތަށް، އަދި  އަޅުގަނޑުމެންނަކީ ކޮން ބައެއްކަން ވެސް ދެނެގަންނާން ނޭނގޭ ގޮތަށް ފަރުމާކޮށްފައިވާ މަންހަޖުތަކުން ކިޔަވައިދީގެން، ދިވެހި މި އުޑުދަށަށް ނެރޭ ދިވެހި ދަރީން މި ފެންނަނީ އެދުރުބެ (ޔޫސުފް މުޙައްމަދު ފުޅު 1988، ފަތްތޫރަ 109)ގެ 36ވަނަ ސަފުހާގައި ވިދާޅުވެފައި ވާ ފަދައިން އަޅުގަޑުމެންގެ ހިތް ދަމައިގަންނަ ”ބޭރު އުރަ ކަސީދާ ކުޅަ“ ރީތި ސޫރައެއްގައެވެ.  

”ސޫރައެއް މާ ރީތި ފެނުމުން ލޯ އަމާޒުވެ ދިޔަގޮތީ

      ސޫރަކޮށްލަން ނުކުޅެދޭ ކަމަކަށް ދުލަށް ވެވިފާ އޮތީ

ދުނިޔަވީ ތާކުން އިހަށް ދެކެފައިނުވާ މަޚްލޫގަކަށް

      ގުނި ޢަދަދު ނުވެވޭނެ ހޭދައެކޭ އެ ކުރެވުނު ޚިދުމަތީ

ހަރުދަނާ މޮޅު ތަޖުރިބާކާރުން އެކުރި ތަހުލީލަކުން

      ހަރުފައެއް އާދައިގެމީ ނޫނޭ ބުނަން ޖެހިފާއޮތީ“

ޝެއަރކުރެއްވުމަށް