ލޯމާފާނުތަކަކީ ދިވެހިރާއްޖޭގެ ތާރީޚީ ތަރިކައާއި އާޘާރުތަކުގެ ތެރޭގައި ޚާއްޞަ މަގާމެއް ދެވިފައިވާ، ތާރީޚު ދިރާސާކުރުމަށް ބޭނުންކުރެވޭ އަސާސީ މަސްދަރުތަކެކެވެ. މިފަދަ ލޯމާފާނުތައް ދިވެހިރާއްޖޭގެ އިތުރުން، އަވައްޓެރި ސްރީލަންކާ އަދި އިންޑިއާގެ އެކި ސަރަޙައްދުތަކުގައި ވެސް ބޭނުންކުރެވުނެވެ. މިއީ ރަސްރަސްކަލުންގެ އެންގެވުންތަކާއި، އަމުރުފުޅުތައް، އަދި ވަކިން ޚާއްޞަކޮށް، ބިމާއި މުދަލާ ބެހޭ ނިންމެވުންތައް ’ލިޔެ‘ ޢާންމުކުރުމަށް ބޭނުންކުރެވުނު، ލޯ ނުވަތަ އެ ފަދަ މަޢުދަންތަކުން ހެދިފައިވާ ’ފަތް’ތަކެވެ.

މި މަޒުމޫނުގައި އަލިއަޅުވާލަން ޤަސްދުކޮށްފައިވާ ’ކުޑަހުވަދޫ ލޯމާފާނަކީ‘ ދިވެހިރާއްޖެ އިސްލާމް ދީން ޤަބޫލުކުރުމުގެ ގާތްގަނޑަކަށް 80 އަހަރު ފަހުން، މީލާދުން 1237އާއި 1238އާ ދެމެދު، ސުލްޠާން ވައްލާ ދިޔޯގެ (ރާއަރާ ދެސްވާރަ / ސްރީ ރާދަ ސުވަރަ މަހާރަދުން) ރަސްކަމުގައި ޢާންމުކުރެވުނު ލޯމާފާނެކެވެ.

މި ލޯމާފާނުގެ ޒަރީޢާއިން، އިސްލާމްދީނުގެ ކުރިން ރާއްޖޭގައި ބުދު ދީން މޫލާފައިވާ މިންވަރާއި، އެ ދީނުގެ ’ސަންގަ‘ (ޖަމާޢަތް) އަދި އިސް ވޭރުމާނުން / ހާމުދުރުންގެ ސިޔާސީ ނުފޫޒާއި ވޭރު ނުވަތަ ވިހާރަ / ފައްޅިތަކުން ކޮންޓްރޯލްކުރަމުންދިޔަ އިޤުތިޞާދީ މުއްސަނދިކަން ހާމަވެއެވެ. މިފަދަ ޙުޠޫރަތްތެރި ޙާލަތެއްގައި، އިސްލާމްދީނުގެ ހިދާޔަތް ރާއްޖޭގެ ކަންކޮޅުތަކަށް ފަތުރުއްވައި، އިސްލާމްދީން ޤާއިމްކުރުމަށް ދިވެހި ރަސްރަސްކަލުން، އަދި ކުޑަހުވަދޫ ލޯމާފާނުގެ ޒަރީޢާއިން ޚާއްޞަކޮށް ސުލްޠާން ވައްލާ ދިޔޯ، ކުރެއްވި މަސައްކަތްޕުޅުތަކާއި އެ ކަންކަމުގައި ގެންގުޅުއްވި ވިސްނުންފުޅާއި ޙިކްމަތުޢަމަލީ ފެނިގެންދެއެވެ.

ޢިލްމީ ދިރާސީ ނަޒަރަކުން ވިސްނާ އިރު، ކުޑަހުވަދޫ ލޯމާފާނަކީ ދިވެހިރާއްޖޭގެ ޤައުމިއްޔަތާއި ސިޔާސަތާއި އިޤުތިޞާދަށް މިހާތަނަށް އައި އެންމެ ބޮޑެތި އިންގިލާބީ ބަދަލުތައް އަންނަމުންދިޔަ ދުވަސްވަރުގެ ކަންކަން ދެނެގަތުމަށް އޮތް ’ކިޑިކީ’އެކެވެ. މިއާ އެކުއެކީގައި، ’ކޮމްޕެރެޓިވް‘ ވިސްނުމަކުން، އެ ދުވަސްވަރު މި ސަރަޙައްދުގައި އޮތް ދީނީ މާޙައުލާއި އާދަކާދަތަކާއި އިންތިޒާމުތައް އަޅާކިޔުމުން، މި ބަދަލުތަކުގެ ބުރަދަން ތަޞައްވުރުކުރެވެއެވެ. މިއަދުގެ ދިވެހިރާއްޖެއާއި ދިވެހި މުޖުތަމަޢު އަދި ދިވެހި ޤައުމިއްޔަތަކީ މި ޙައްޞާސް ދަނޑިވަޅުގައި ފަރުމާކުރެވި، ބައްޓަންކުރެވި، އަދާހަމައަށް ވާޞިލުކޮށްދެވިފައިވާ މަތިވެރި އަމާނާތެއްކަމުގެ ތަޞައްވުރު ވެސް ކުރެވެމެއެވެ.

ކުޑަހުވަދޫ ލޯމާފާނުގެ ތައާރަފު

ކުޑަހުވަދޫ ލޯމާފާނުގައި ހިމެނެނީ ޖުމްލަކޮށް އަށް (8) ފޮއްޗެވެ. ކޮންމެ ފޮއްޗެއްގެ ދެ ފުށުގައި، 28 ބަހުގެ 7 ފޮޅުވަތް ކަނޑައިނެގިފައިވެއެވެ. މިއަދާ ހަމައަށް އައިއިރު، މި ލޯމާފާނުގެ ބައެއް ފޮތިތައް ގެއްލިފައިވާކަން ފާހަގަކުރެވެއެވެ. ކުޑަހުވަދޫ ލޯމާފާނު ލިޔެވިފައިވަނީ އެވޭލާ އަކުރުންނެވެ. މި ލޯމާފާނު އެވޭލާ އަކުރުން އިނގިރޭސި ބަހަށް ތަރުޖަމާކުރެއްވީ ޕްރޮފެސަރ ޖޯސް ގިޕަރޓެވެ. މި މަޒުމޫނުގައި ޙަވާލާދެވިފައި މި ވަނީ، ދިވެހި އަދި އިނގިރޭސި ބަހުގެ ތަރުޖަމާއެކުލެވޭ ގޮތަށް ތައްޔާރުކޮށް، 2021ވަނަ އަހަރު ’ދިވެހިބަހުގެ އެކެޑަމީން‘ ޝާޢިއުކޮށްފައިވާ ދިރާސީ ކަރުދާސް ނުވަތަ ލިޔުމަށެވެ. މި ލިޔުމަކީ ދިވެހި ތާރީޚާއި އަދަބިއްޔާތަށް ޝައުޤުވެރިވާ ފަރާތްތައް ކިޔުއްވުން މުހިންމު ލިޔުމެއްކަމުގައި ދެކެމެވެ.

ކުޑަހުވަދޫ ލޯމާފާނުގައި އެކުލެވޭ ޙާދިޘާއަކީ، ދ.އަތޮޅު ކުޑަހުވަދޫގައި ހުރި ބުދު ދީނުގެ ބޮޑު ވޭރެއް (ސިފަކުރެވޭގޮތުން މޮނާސްޓަރީއެއް) އަދި އެ ރަށާ ކައިރީގައިވާ އެހެން ރަށްރަށުގައި (ދ.ނިލަންދޫއާ ހަމައަށް) ހުރި ބުދު ދީނުގެ ފައްޅިތަކާއި އެހެން ޢިމާރާތްތައް ނައްތަވާލައްވައި، ހާމުދުރުންނާއި ބުދިސްޓް ސަންގަ އިސްލާމްކުރައްވައި، އެ ރަށުގައި މިސްކިތެއް ބިނާކުރެއްވި ޙާދިޘާއެވެ. މި މަސައްކަތުގެ އެންމެ މުހިންމު އެއް ބަޔަކީ، ވޭރު އަދި ބުދިސްޓް ސަންގާއިން ކޮންޓްރޯލްކުރަމުން ގެންދިޔަ ރަށްތަކާއި، ފަރުފަރާއި، ދަނޑުބިންތަކާއި، ރުށްގަނޑުތަކާއި، ވޭރަށް ހަދިޔާކުރެވޭ މާވަހަރާއި، ވޮށް ދިއްލަން ބޭނުންކުރާ ތެލާއި، ފުރާޅުގައި ޖަހާ ފަން އަދި ފަންގިއާއި، ކާބޯތަކެތީގެ ބޯގަ ނުވަތަ ހަދިޔާތައް ވޭރުން އުނިކޮށް، އެ ތަކެތި އަލުން ބައްސަވައި، މިސްކިތުގެ ބޯގައަށް ބަޔެއް ކަނޑައެޅުއްވުމެވެ.

މި ލޯމާފާނު ފެށޭ އިރު، ރަސްގެފާނުގެ ނަސަބުގެ މަތިވެރިކަމާއި، ސޫރަފުޅުގެ ރިވެތިކަމާއި، ޚުލްޤުފުޅު ހެޔޮކަމާއި، ހިތްވަރުފުޅު ގަދަކަމާއި، މިފަދަ އެތައް ޘަނާތަކެއް އެކުލެވިގެންވެއެވެ. އެއަށްފަހު، ލޯމާފާނުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، މަތީ ދެންނެވިފައިވާ ފަދައިން، ބިމާއި، މުދަލާއި، މުއްސަނދިކަން ބެއްސެވިގޮތުގެ ތަފުސީލެވެ. މީގެ ފަހުގައި، އަލަށް ބިނާކުރެވުނު މިސްކިތަށް ގެއްލުންދޭ ފަރާތްތަކަށާއި، މިސްކިތުގެ ބިންތަކާއި، މުދަލާއި، ބޯގައިގެ ގޮތުގައި ކަނޑައެޅިފައިވާ ތަކެއްޗަށް ޚިޔާނާތްތެރިވާ ފަރާތްތަކަށް ދެއްވާނެ އަދަބު ލިޔެވިފައިވެއެވެ. ލޯމާފާނުގެ އެންމެ ފަހު ފޮޅުވަތްތަކުގައި، ރަސްގެފާނު ނެރުއްވި އަމުރުފުޅު ލިޔުއްވި ބޭފުޅާއާއި، ހެކިކުރެއްވި ބޭބޭކަލުންގެ ތަފުސީލު ހިމެނެއެވެ.

ބުދިސްޓް ސަންގާގެ ސިޔާސީ ނުފޫޒު

މަތީ ބަޔާންކުރެވިފައިވާ ފަދައިން، ދިވެހިރާއްޖެ އިސްލާމް ވީ އިރު، އަދި އޭގެ ފަހުން އެތައް އަހަރުތަކެއް ވަންދެން ބުދު ދީނުގެ ބާރާއި ނުފޫޒު ރާއްޖޭގައި އޮތެވެ. ބުދު ދީނުގެ އަޞްލަކީ ދުނިޔަވީ ކަންކަމާއި، މުދާވެރިކަމާއި ސިޔާސީ ބާރުން އެއްކިބާވުން ކަމުގައި ވީނަމަވެސް، އެ ދީން ފެތުރި ފުޅާވެގެން ދިޔަދިޔުމުގައި،  މި ސަރަޙައްދުގެ ގިނަ ރަސްކަންތަކުގައި، އެ ދީނާއި ވެރިކަމުގެ ބާރާ ގުޅިލާމެހި ފައިވެއެވެ. މި ނިޒާމުގައި، ރަސްގެފާނުގެ ޒިންމާއަކީ ހެޔޮވެރިކަމެއް ޤާއިމްކޮށް، ’ދައްމަ / ދަރްމަ‘ ދެމެހެއްޓުމެވެ. އިސް ހާމުދުރުންގެ ފަރާތުން ލަފާ ހޯދައި، ބުދު ދީން ކުރިއެރުވުމެވެ. ސަންގާގެ އެތޭރެގައި ޖެހޭ މައްސަލަތައް ރަމަތަކޮށް، ބޭރުގެ ޢަދާވާތްތެރިންގެ ކިބައިން ސަންގަ ޙިމާޔަތްކުރުމަކީ ވެސް ރަސްގެފާނުގެ ވާޖިބެކެވެ. މިގޮތަށް ކަންތައް ކުރައްވާ ނަމަ، މި ދީނުގެ ތާޢީދު އަބަދުމެ ރަސްގެފާނަށް ލިބިގެންދެއެވެ. ލޯމާފާނުގެ ’ދެ ފޮޅުވަތް ދޭތެރެއިން‘ ކިޔައިލުމުން، އިސްލާމްވުމުގެ ކުރިން، ބުދު ދީނާއި، ދިވެހިރާއްޖޭގެ ވެރިކަމާ ވެސް މިފަދަ ގާތްގުޅުމެއް އޮތްކަމަށް ބެލެވެއެވެ.

މީގެ އެއް ހެއްކަކީ، ދިވެހިރާއްޖެ އިސްލާމްވުމުގެ ގާތްގަނޑަކަށް 80 އަހަރު ފަހުން ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޭރުތަކާއި، ބުދިސްޓުންގެ ޖަމާޢަތްތައް އޮތްއޮތުމެވެ. އަނެއް ހެއްހަކީ، މި ވޭރުތަކާއި ފައްޅިތައް ބިނާކުރައްވައި، އެ ތަންތަނަށް ބޯގަތައް ކަނޑައަޅުއްވާފައި ވަނީ، އިސްލާމްވުމުގެ ކުރިން ދިވެހިރާއްޖޭގައި ވެރިކަންކުރެއްވި ބުދު ދީނުގެ ރަސްރަސްކަލުންނާއި، ޝާހީ ޢާއިލާގެ ބޭބޭފުޅުންނެވެ. މީގެ މާނައަކީ، އެ ތަންތަނަކީ ޝާހީ ޙިމާޔަތާއި، ރައްކާތެރިކަން ލިބިގެންވާ ތަންތަނެވެ.

އިހުގެ ރަސްރަސްކަލުންގެ މިފަދަ މަސައްކަތްޕުޅުތައް ނިގުޅާލައި، އެ އަމުރުފުޅުތައް ނަފީކުރެއްވޭނީ ސިޔާސީގޮތުން ބާރުގަދަ، ޚިކްމަތްތެރި ރަސްކަލަކަށެވެ. އެފަދަ ފިޔަވަޅުތައް އެޅުއްވުމުގައި، ބާރުވެރިކަމާއި، ޙިކްމަތްތެރިކަމާ އެކު ޢަމަލު ނުކުރައްވައިފި ނަމަ، ސިޔާސީގޮތުން ހައިޖާނު އުފެދި، އިންޤިލާބު އުފެދުން ގާތެވެ.  ލޯމާފާނުން އެނގޭގޮތުގައި، ވޭރު ނަގާ، މިސްކިތް ބިނާކުރުމުގެ އަމުރުމަޢުރޫފް ނެރުއްވީ، ބޮޑު ވަޒީރާއި، ރަނިކަމަނާއާއި، ޝާހީ ޢާއިލާގެ އިސްފަރާތްތަކާއި، ލަޝްކަރުތަކުގެ ވެރިންނާއި، ޚަޒާނާގެ ބަނޑޭރި ހާޟިރުކުރައްވާފައެވެ. އަދި، މި އަމުރު ތަންފީޒުކުރެއްވުމަށް ޚުދު ރަސްގެފާނު ބަންޑާރަ އޮޑިކޮޅުގައި ދަތުރުފުޅު ކުރައްވާފައިވާކަމަށް ބެލެވޭނެ ޖާގަ އެބައޮތެވެ.

ކުޑަހުވަދޫގައި އިސްލާމްދީން ޤަބޫލުކުރަން ދެކޮޅުހެދި މީސްތަކުންނާ ދެކޮޅަށް، ރަސްގެފާނުގެ އަމުރުފުޅުގެ ދަށުން، އެންމެ ހަރުކަށި ބާރު ބޭނުންކުރެވުނެވެ. މި ދަނޑިވަޅުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ރަސްގެފާނު ނުހަނު ކޯފާ އިސްކުރައްވައި، ބާރުގެ ބޭނުންކުރައްވަމުން ގެންދެވި ދަނޑިވަޅުގައި ވެސް، ކުޑަހުވަދޫ، ނިލަންދޫ އަދި އެހެން ރަށްރަށުގެ ވޭރުމާނުން އަދި ސަންގާގެ އިސްވެރިން ރަސްގެފާނުގެ އަރިހަށް އައިސް، ބައްދަލުކުރުމަށް އެދިފައިވާކަމެވެ. ފެންނަފެނުމަށް، އެމީހުންގެ އެދުމަކަށް ވާނީ، ސިޔާސީ ނުފޫޒުގެ ކުޑަ މިންވަރެއް ވެސް އޮތްނަމަ، އޭގެ ބޭނުން ހިފައި، ރަސްގެފާނަށް ހުށައެޅުންތަކެއް ހުށައެޅުމެވެ. ނަމަވެސް، ރަސްގެފާނު އެމީހުންނާ ބައްދަލު ނުކުރައްވާކަމާއި، މިކަމާ މި ވޭރުމާނުން ނުރުހުން ފާޅުކުރިކަމަށް ލޯމާފާނުން ދޭހަވެއެވެ.

ވޭރުތަކުގެ އިޤުތިޞާދީ ވަޞީލަތްތަކާއި، މުއްސަނދިކަން

ކުޑަހުވަދޫ ލޯމާފާނުގެ މައިގަނޑު ލިޔުމުން ދޭހަވާގޮތުގައި، އެ ރަށުގައި ހުރި ވޭރާއި، އެ ސަރަޙައްދުގައި އޮތް ބުދިސްޓް ސަންގާގެ ކޮންޓްރޯލްގެ ދަށުގައި ވަރަށްގިނަ ރަށްތަކާއި، ފަރުފަރާއި، ދަނޑުބިންތަކާއި، ހިންނަތަކާއި، ރުށްގަނޑުތައް އަދި އެހެންވެސް މުދާ އޮތެވެ. ވޭރަށް ދެވިފައިވާ ވަޞީލަތްތަކަށް ބަލާއިރު، ހިކި މަހާއި، ކާށްޓާއި، ދިވެހި ރޯނާއި، މާވަހަރާއި، މިނޫން ވެސް އެ ދުވަސްވަރުގެ ބާޒާރުތަކުގައި އަގުހިފޭ ދިވެހިރާއްޖޭގެ އުފެއްދުންތަކުގެ ކޮންޓްރޯލް އޮތްކަމަށް ފެނެއެވެ. ބިންތައް ދެވިފައި ވީއިރު، ތަފާތު ވޭރުތަކުގެ ބޯގަ ވަކިކުރަން އިންތަކެއް ކަނޑައެޅިފައިވާކަން ވެސް ދޭހަވެއެވެ.

ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ވޭރުތައް ހަދާ، ވަކި ތަނެއްގައި ޤާއިމްވެ، ބުދިސްޓް ސަންގާ އާބާދުވާން މެދުވެރިވި މައިގަނޑު އެއް ސަބަބަކީ ފަރުތަކުން ބޮލި ހިލާ، އޭގެ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ބޭނުމުގައެވެ. ދިވެހިރާއްޖޭގެ ފަރުތަކުން ލިބޭ ބޮއްޔަކީ ހިންދޫ އަދި ބުދު ދީނުގެ އެކި ކަންކަމުގައި ބޭނުންކުރެވެމުންދިޔަ އަގުހުރި އެއްޗެކެވެ. ފައިސާގެ ގޮތުގައި ވެސް މި ސަރަޙައްދުގައި މި ބޮލިތައް ބޭނުންކުރެވުނެވެ. މިފަދަ އަގުހުރި ޤުދުރަތީ ވަޞީލަތެއްގެ ކޮންޓްރޯލް އޮތުމުގެ ސަބަބުން މި ވޭރުތަކުގެ ކިބައިގައި އޮތް ދާޚިލީ ބާރުގެ އިތުރުން، މި ސަރަޙައްދުގައި ވެސް ނުފޫޒުގަދަ ބާރެއްގެގޮތުގައި ސަންގާ ހިމެނޭނެއެވެ.

ކުޑަހުވަދޫ ލޯމާފާނުން ފެންނާން އޮތް ކަމުގައި ނުވިނަމަވެސް، އެ ޒަމާނުގެ އާދަކާދަތަކަށް ބަލާ އިރު، ވޭރުތަކުގެ ބޯގައިގެ ގޮތުގައި މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ އަވަށްތައް ދެވޭއިރު، އެ ރަށްރަށުގެ އާބާދީގައި ހިމެނޭ ދަށުފަންތީގެ ޢާއިލާތަކަކީ ވޭރުގެ ނުވަތަ ފައްޅީގެ އަޅުން ނުވަތަ ނޯކަރުން (އިންޑެންޗަރޑް ސަރވަންޓްސް)އެވެ. މި މީސްމީހުންނަކީ ބޮލިހިލުމާއި، ދަނޑުވެރިކަންކުރުމުގެ އިތުރުން، ވޭރުގެ މަރާމާތުތައްކުރުމަށާއި، ހާމުދުރުންގެ ނޯކަރުންގެ ގޮތުގައި އެކި މަސައްކަތްތައް ކުރުމަށް ގެންގުޅޭ މީހުންނެވެ.

އިސްލާމްވުމަށްފަހު އެތައް އަހަރުތަކެއް ވީއިރު ވެސް، މިފަދަ ވޭރުތައް ދެމިއޮތުމުގެ އެއް ސަބަބަކީ އެމީހުންގެ މުއްސަނދިކަމާއި، އިޤުތިޞާދީ ބާރުވެރިކަން ކަމުގައި ބެލެވެއެވެ. މި ޙާލަތުގައި، ވޭރުތައް ނައްތާލައި، ރައްޔިތުން އިސްލާމްކޮށް، އަލުން ބިންތަކާއި މުދާ ބަހައި، ބޯގަތައް ކަނޑައަޅައި، ރަށްރަށުގެ އާބާދީއަށްވާ ބިންތަކާއި ދަނޑުތަކާއި ފަރުތައް ކަނޑައަޅައި، އަލަށް ބިނާކުރެވުނު މިސްކިތަށް މުދިމުންނާއި، މަސައްކަތްތެރިންނާއި، މިސްކިތް ބަލަހައްޓާނެ މީސްމީހުން ލައި، އެމީހުންގެ ޚަރަދުބަރަދު ހަމަޖައްސަން އެންގެވުންތައް އަންގައި، މިގޮތަށް މުޖުތަމަޢު އަލުން ރުކުރުވާލައި، ތަރުތީބު ކުރުމަކީ ނިޒާމީ އަދި އިންޤިލާބީ ބަދަލުތަކެއްކަން ޔަޤީނެވެ.

ވޭރުތަކުގެ މުއްސަނދިކަން މާއިތުރުވެ، އެކަމާ ރަދުން ކޯފާއިސްކުރެއްވިކަމަށް ބެލެވެން ލޯމާފާނުގެ ބައެއް ޢިބާރާތްތަކުގައި ޖާގައެބައޮތެވެ. މިގޮތުން މި ބިންތަކާއި، މުއްސަނދިކަން ހޯދާފައިވަނީ ”ޙީލަތްތެރި ރޭވުމުގެ ތެރެއިން“ ކަމުގައި ލޯމާފާނުގެ އެކި ހިސާބުތަކުގައި ލިޔެވިފައިވެއެވެ. ކޮންމެއަކަސް، ކުރީގެ ރަސްކަލުންގެ އަމުރުފުޅުގެ ދަށުން މި ވޭރުތަކަށް ދެވިފައިވާ ބޯގަތަކެއް ނިގުޅައިގަތުމަށް ޙުއްޖަތެއް ބޭނުންވާނެކަމަށް ބެލެވެއެވެ.

ވޭރުތަކާއި މުޖުތަމަޢު

ކުޑަހުވަދޫ ލޯމާފާނުގައި (އަދި އެހެން އެއްވެސް ލޯމާފާނެއްގައި) ސާފުކޮށް ބަޔާންވެފައި ނުވިނަމަވެސް، ކޮމްޕެރެޓިވް ނަޒަރަކުން ދިރާސާކުރާ އިރު، މި ވޭރުތަކަކީ އެ ރަށްރަށުގެ މުހިންމު އިޖުތިމާޢީ މަރުކަޒުތައް ކަމުގައި ބެލެވެއެވެ. ބުދު ދީނުގައި، ޢާންމު ފަރުދުން ވޭރަށް އަދި ހާމުދުރުންނަށް ތަފާތު ވެދުންތައް ކުރުމަކީ (ރިޗުއަލް ގިފްޓިންގ) ޢާންމު ކަމެކެވެ. މީގެ ސަބަބުން ޢާންމުންނާއި، ވޭރުތަކާ ދެމެދު އަބަދުވެސް ގުޅުން ދެމެހެއްޓެއެވެ. މީގެ އިތުރުން، ވޭރުތަކުގެ ހާމުދުރުންގެ ފަރާތުން ރައްޔިތުންނަށް އުނގަންނައިދިނުމާއި، ބޭސްވެރިކަމާއި، މި ނޫންވެސް އެހެނިހެން އިޖުތިމާޢީ ޚިދުމަތްތައް ދިނުމަކީ ޢާންމުކޮށް ކުރާ ކަމެކެވެ. ހާމުދުރުންނަށް ވުމަށްފަހު، ޢާއިލީ ހުރިހާ ގުޅުންތަކެއް ދޫކޮށްލާން ޖެހުނުކަމުގައި ވީނަމަވެސް، ކުދިކުދި މުޖުތަމަޢުތަކުގައި އުޅޭއިރު، ހާމުދުރުން، އެމީހުންގެ ކުރީގެ ޢާއިލާތަކާއި ގާތްމީހުންނާ ގުޅުންތައް ދެމެހެއްޓުމަކީ ތަބީޢީކަމެކެވެ.

އިންޤިލާބީ ބަދަލު

އިސްލާމްދީން ދިވެހިރާއްޖެއަށް ތައާރަފުވެ ފެތުރިގެން ދިޔަ ދުވަސްވަރަކީ ސްރީލަންކާ އަދި ދެކުނު އިންޑިއާގެ ސަރަޙައްދުތަކުގައި އޮތް ބުދު ދީނުގެ ރަސްކަންތަކާއި ބޮޑެތި ސަންގާތަކުގެ ބާރުކެނޑި، ބަލިކަށިވެފައިވާ ދުވަސްވަރެކެވެ. މީގެ ސަބަބުތަކުގެ ތެރޭގައި، ހިންދޫ ޗޯޅާ ރަސްރަސްކަލުން ދެމުންގެންދިޔަ ޙަމަލާތަކާއި، ތަފާތު ބަލިމަޑުކަން ހިމެނެއެވެ. އިންޑިއާ، އިންޑޯ-ޗައިނާ، މަލާޔާ، އަދި ސްރީލަންކާގެ ވިޔަފާރި ބަނދަރުތަކަށް މުސްލިމް ވިޔަފާރިވެރިން ދިޔައީ އަތްގަދަކުރަމުންނެވެ. އުތުރު އެފްރިކާއާއި، މެދުއިރުމައްޗާއި، އުތުރު އިންޑިއާ ފަދަ ތަންތަނުގައި އިސްލާމީ ފުޠޫޙާތުގެ ކާމިޔާބީތައް އިތުރުވެ، އިސްލާމީ ރަސްކަންތައް ފުޅާވެ، ބާރުގަދަ ވެގެންދިޔައެވެ. 

އިސްލާމްވުމުގެ ކުރިން ދިވެހިރާއްޖޭގައި ބުދު ދީން އޮތީ ވަރަށް ބޮޑަށް ޤާއިމްވެފައިކަން މަތީގައި ކުރެވިފައިވާ ބަޙުޘުން ދޭހަވެއެވެ. ޢިލްމީ ނަޒަރިއްޔާތަކުން ދަންނަވަނީ ނަމަ، ބުދު ދީން އޮތީ ’ޑޮމެސްޓިކޭޓް‘ ވެފައެވެ. މިގޮތުން، ވަކިތަނެއްގައި ޤާއިމްވެ، ބޮޑެތި ވޭރުތަކާއި ޢިމާރާތްތައް އެޅުމާއި، ބިންވެރިކަމާއި، ސިޔާސީ ނުފޫޒާއި، އިޤުތިޞާދީ ވަޞީލަތްތަކާއި، އިޖުތިމާޢީ ގުޅުންތަކާއި، ދީނީ ކަންކަމުގެ ބާރުވެރިކަން ވޭރުތަކަށް ލިބިފައިވިއެވެ.

މި ޙާލަތް ފުރޮޅާލައި، އިސްލާމް ދީން ރާއްޖޭގައި ޤާއިމްކުރުމުގެ މަސައްކަތުގެ ނަތީޖާއަކަށްވީ، އެހާރާހަމައަށް އޮތް ޤައުމިއްޔަތު އަދި ސިޔާސީ-އިޖުތިމާޢީ ނިޒާމު ރޫޅާލައި، މި ކަންކަމުގެ ތެރެއިން ބުދު ދީނުގެ ނުފޫޒު ނިއުޅުވުމެވެ. މީގެ ބަދަލުގައި، އިސްލާމް ދީނާއި، އިސްލާމީ ޝިޢާރުތަކާ އެކު ދިވެހިރާއްޖޭގެ އައު ޤައުމިއްޔަތެއް، އަދި ދިވެހިންގެ އައު މުޖުތަމަޢުތަކެއް ފަރުމާވެ، އެކުލަވާލެވި، ގެތިގެން ދިޔައެވެ. ރަސްކަމާއި ބުދު ދީނުގެ ސަންގާއާ އޮތް ގުޅުން ކަނޑާލައްވައި، ކުރިން ލިބެމުން އައި ޝާހީ މަދަދުވެރިކަމާއި ޙިމާޔަތުން ބޭރުކުރެއްވިއެވެ.

ކުޑަހުވަދޫ ލޯމާފާނުގެ ޙާދިޘާގެ ގާތްގަނޑަކަށް 40 އަހަރު ކުރިން، ސުލްޠާން ދިނެއި ކަލަމިންޖާ (ގަޑަނަދީއްތްޔަ މަހާރަދުން) ޢާންމުކުރެއްވި ދަނބިދޫ ލޯމާފާނުން ދޭހަވާގޮތުގައި، އެ ރަދުންގެ ރަސްކަމުގައި، ދަނބިދޫގައި ހުރި ވޭރު ނަންގަވައި، އަލަށް ބިނާކުރެވުނު ހުކުރު މިސްކިތުގެ ބޭރުގައި ރަދުން ދިދަކޮޅެއް ބެހެއްޓެވިއެވެ. މީގެ ސާފު ހެކި ކުޑަހުވަދޫ ލޯމާފާނުން ފެންނާން ނެތްނަމަވެސް، ކުޑަހުވަދޫގެ މިސްކިތް ބިނާކުރައްވާ ނިންމަވާ، ސުލްޠާން ވައްލާ ދިޔޯ ވެސް މިގޮތަށް ކަންކުރައްވާފައި ވާނެކަމަށް ޤަބޫލުކުރެވެއެވެ. ރަސްރަސްކަލުން މިގޮތުން ޖެއްސެވި ދިދަކޮޅުތަކަކީ، ދިވެހި ރަސްކަމުގެ ފަރާތުން އިސްލާމް ދީން ނަގަހައްޓާ، ކުރިއަރުވާނެކަމުގެ ޔަޤީންކަމެވެ. ޝާހީ މަދަދާއި، ޙިމާޔަތުގެ ދަލީލެވެ.

ނިންމުން

ދިވެހިރާއްޖެ އިސްލާމްވުމުގެ ހާދިޘާއާ ބެހޭގޮތުން ކުރެވޭ ގިނަ ބަޙުޘްތައް ޢަމާޒުކުރެވެނީ އިސްލާމްދީން ރާއްޖެއަށް ގެންނެވި ބޭކަލަކާއި، ރަދުން އިސްލާމްވި ގޮތާއި، ތަފާތު މިންވަރުގެ ހަގީގަތާ ޚިޔާލާތު އެކުލެވޭ އެހެނިހެން ވާހަކަތަކަށެވެ. މި މަޒުމޫނުގެ އަމާޒަކަށްވީ، މިފަދަ ބަޙުޘްތަކުން ދުރަށްޖެހި، އަސާސީ މަސްދަރަކުން ފެންނާން އޮތް ތާރީޚީ ހަގީގަތްތަކެއްގެ އެހީގައި، ދިރާސީ އަދި ޢިލްމީ ނަޒަރަކުން، ރާއްޖެ އިސްލާމްވުމުގެ ކުރީގެ ޙާލަތާއި، އިސްލާމްދީން ފެތުރުމަށް ކުރެވުނު މަސައްކަތްތަކާއި، އޭގެ ސަބަބުން އައި އިންޤިލާބީ ބަދަލުތައް ހުށައަޅައި ދިނުމެވެ.

މިއަދު ވިސްނައި ބަލާ އިރު، އިސްލާމް ދީނަކީ ދިވެހި ޤައުމިއްޔަތުގެ މަންބަޢުއެވެ. ޤައުމީ ޝަޚްޞްގެ އަސާސެވެ. އިޖުތިމާޢީ ހަމަޖެހުމާއި، އަމަންއަމާނާއި، ޞުލްޙަ މަސަލަސްކަމުގެ ނާރެހެވެ. ޝައްކެއްނެތް ގޮތުގައި، އިސްލާމް ދީނަކީ ދިވެހިރާއްޖެއަށް މާތް ﷲ މިންވަރު ކުރެއްވި އެންމެ މަތިވެރި ނިޢުމަތެވެ. އެކަން ބަލައިގަނެ، އެ ދީން ކުރިއަރުވައި، ޙިމާޔަތްކޮށް، އަދާހަމައަށް ރައްކާތެރި ކުރެވިގެން އައީ، ކުރީގެ ރަސްރަސްކަލުންނާއި، އިހުގެ ޖީލުތަކުގެ ދިވެހި މައިންނާއި ބަފައިންގެ ބުރަ މަސައްކަތާއި، ޤުރުބާނީއާއި، ޙިކްމަތުޢަމަލީންކަން ޔަޤީނެވެ. މިކަމުގެ ބިންގާ އެޅިގެންދިޔައީ މީގެ އެތައް ސަތޭކަ އަހަރުތަކެއް ކުރިންނެވެ. ކުޑަހުވަދޫ ލޯމާފާނަކީ އެ ދުވަހު އެޅުނު ބިންގަލުގެ ތާރީޚީ ރެކޯޑެކެވެ. ހަނި، ނަމަވެސް ފުޅާ މަނާޒިރެއް ދައްކުވައިދޭ ކިޑިކީއެކެވެ.

ލިޔުމުގައި ބޭނުންކުރެވިފައިވާ މަސްދަރުތައް
  • އެޗް. ސީ. ޕީ. ބެލް (1940). ދަ މޯލްޑިވް އައިލެންޑްސް: މޮނޮގްރާފް އޮފް ދަ ހިސްޓްރީ، އާރކިއޮލޮޖީ އެންޑް އެޕިގްރަފީ. ސިލޯން: ސިލޯން ގަވަރމަންޓް ޕްރެސް.
  • އެން. ދަތް (1941). އާރލީ މޮނާސްޓިކް ބުދިޒަމް، ވޮލިއުމް 1. އިންޑިއާ: ކަލްކައްތާ އޮރިއެންޓަލް ބުކް އެޖެންސީ.
  • އޭ. ކަނިސެއްޓީ (2025). ލޯރޑްސް އޮފް އާރތް އެންޑް ސީ: އަ ހިސްޓްރީ އޮފް ދަ ޗޯލާ އެމްޕަޔަރ. އިންޑިއާ: ޖަގަރނޯޓް.
  • ހ. އ. މަނިކު (1982). ލޯމާފާނު: ޓްރާންސްލިޓަރޭޝަން، ޓްރާންސްލޭޝަން އެންޑް ނޯޓްސް އޮން ޕެލިއޮގްރަފީ، ވޮލިއުމް 1. މާލެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
  • ހ. އ. މަނިކު (1993) އާރކިއޮލޮޖީ އިން މޯލްޑިވްސް: އަ ހިސްޓޯރިކަލް ސާރވޭ: ރޯޔަލް ހިސްޓޯރިކަލް ސޮސައިޓީ އޮފް ސްރީލަންކާ
  • އީ. މިކެލްސެން (2000). އާރކިއޮލޮޖިކަލް އެކްސްކެވޭޝަން އޮފް އަ މޮނާސްޓްރީ އެޓް ކާށިދޫ: ކައުރީ ޝެލްސް އެންޑް ދެއަރ ބުދިސްޓް ކޮންޓެކްސްޓް އިން ދަ މޯލްޑިވްސް. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
  • އީ. މިކެލްސެން (2025). ދަ އާރކިއޮލޮޖީ އޮފް ބުދިޒްމް އިން ދަ މޯލްޑިވްސް. ނެދަރލެންޑްސް. (އީ-ޕަބް)
  • ނަސީމާ މުޙައްމަދު (2020).  ރަހުންނާއި ރަނިން. މާލެ: ދިވެހިބަހުގެ އެކެޑެމީ.
  • ނަސީމާ މުޙައްމަދު (2002). ”ޕްރީ އިސްލާމިކް މޯލްޑިވްސް.“ މޭން އެންޑް އެންވައިރަމަންޓް، އިންޑިއަން ސޮސައިޓީ ފޯރ ޕްރީހިސްޓޯރިކް އެންޑް ކުއާރޓަރނަރީ ސްޓަޑީޒް.
  • ނަސީމާ މުޙައްމަދު (2005). ”ނޯޓް އޮން ދަ އާރލީ ހިސްޓްރީ އޮފް ދަ މޯލްޑިވްސް.“ އާރކިޕެލް، 70، 7-14.
  • ޢަލީ ނަޖީބް (2001). ދަނބިދޫ ލޯމާފާނު: ދިވެހި ތަރުޖަމާ. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
  • ޑަބްލިއު. ރަހުލާ (1956). ދަ ހިސްޓްރީ އޮފް ބުދިޒަމް އިން ސިލޯން. ކޮލޮމްބޯ: ބުދިސްޓް ކަލްޗަރަލް ސެންޓަރ.
  • މެކްސް ވެބަރ (1958). ދަ ރިލިޖަން އޮފް އިންޑިއާ: ދަ ސޯޝިއޮލޮޖީ އޮފް ހިންދުއިޒަމް އެންޑް ބުދިޒަމް.
  • ޖޭ. ބީ. ޑިސަނައިކަ، ޖީ. ޑަބްލިއު ވިޖަރަވަރްދަނަ (1986). ސަމް އޮބްޒަރވޭޝަންސް އޮން ދަ މޯލްޑިވިއަން ލޯމާފާނު ކޮޕަރ ޕްލޭޓްސް އޮފް ދަ ޓްވެލްފްތް ސެންޗަރީ. ޖާރނަލް އޮފް ދަ ރޯޔަލް އޭޝިއަޓިކް ސޮސައިޓީ، ސްރީލަންކާ ބްރާންޗް.
  • އައި. ސްޓްރެންސްކީ (1983). ”އޮން ޖެނެރަލައިޒްޑް އެކްސްޗޭންޖް އެންޑް ދަ ޑޮމެސްޓިކޭޝަން އޮފް ދަ ސަންގާ.“ މޭން 18(3)، 463-477.
  • އެމް. ލިޓްސްޓަރ (2016). ކައުރީ ޝެލް މަނީ އެންޑް މޮންސޫން ޓްރޭޑް: ދަ މޯލްޑިވްސް އިން ޕާސްޓް ގްލޯބަލައިޒޭޝަން. އޭ.އެން.ޔޫ ތީސިސް ކަލެކްޝަން.
  • ދިވެހިބަހުގެ އެކެޑެމީ (2021). ކުޑަހުވަދޫ ލޯމާފާނު.
ޝެއަރކުރެއްވުމަށް