ދުނިޔޭގެ ތަހުޒީބީ ޙަޟާރާތްތަކުގެ ތާރީޚީ ސަފުހާތައް ފުރޮޅަމުންދާ އިރު، ފެންނަން ހުރި ބައެއް އާސާރީ ހޯދުންތަކަކީ މިއަދުގެ އިންސާނީ މުޖުތަމަޢު ބައްޓަންކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ހޯދުންތަކެކެވެ. މިގޮތުން، މީލާދީ ސަނަތުން 539ވަނަ އަހަރު، ފާރިސްކަރައިގައި ރައްކާކޮށްފައި އޮތް ”ސައިރަސް ސިލިންޑަރ“އަކީ އިންސާނީ ޙައްޤުތައް ރަމްޒުކޮށްދޭ ވަރަށް މުހިންމު އާސާރެކެވެ.

ސައިރަސް ސިލިންޑަރަކީ ފިހެފައިވާ މަށީން ތައްޔާރުކޮށްފައިވާ، ގާތްގަނޑަކަށް ނުވަ އިންޗި ހުންނަ، ފީފާއެއްގެ ބައްޓަމަށް އޮންނަ އާސާރީ ތަރިކައެކެވެ. މިއީ ފާރިސްކަރައިގެ އާކިމިނިޑް އެމްޕަޔަރގެ ބާނީ، އާދެ، މަޝްހޫރު ސައިރަސް  ދަ ގްރޭޓް (ސައިރަސް ރަސްގެފާނު)، ބާބުލް ފަތަހަކުރެއްވުމަށްފަހު، އެކަމުގެ ހަނދާނުގައި ބެބިލޯނިއަން ކިއުނީފޯމް އަކުރުން ލިޔުއްވާފައިވާ ބަޔާނެކެވެ.

މި ސިލިންޑަރު، މިއަދުގެ ޖީލަށް ފެނިފައިވަނީ 1879ވަނަ އަހަރު، އިރާގުގެ ބާބުލްގެ ބިމުގެ އަޑިން ބްރިޓިޝް މިއުޒިއަމްގެ ޓީމަކަށެވެ. ބާބުލް ފަދަ އިހުގެ ޙަޟާރަތްތަކުގައި، ފައްޅިއާއި، ގަނޑުވަރު ނުވަތަ ނުވަތަ ދިފާޢީ ފާރުތައް ފަދަ މުހިންމު ބިނާތަކުގެ ބިންގާ އަޅާއިރު، އޭގެ ދަށުގައި ނުވަތަ ފާރުގެ ތެރޭގައި ތަފާތު ތަކެތި ވަޅުލުމަކީ އޮންނަ އާދައެއް ކަމަށް ވެއެވެ. މި ސިލިންޑަރުގެ އަސްލަކީ ވެސް އެފަދަ ބިނާއެއްގެ ދަށުގައި ’ވަޅުލި‘ ”ފައުންޑޭޝަން ޑިޕޮސިޓެއް“ ގެ ގޮތުގައި ބެލެވެއެވެ.

އެ ޒަމާނުގެ މީހުން ޤަބޫލުކުރާ ގޮތުގައި، މިފަދަ ’ލިޔުންތައް‘ ބިންގަލެއްގެ ގޮތުގައި ވަޅުލުމުން ނުވަތަ ފޮރުވުމުން، އެ ބިނާއަކަށް އެމީހުންގެ ކަލާންގެ ފަރާތުން ރައްކާތެރިކަން ލިބެނީއެވެ. ސައިރަސް ސިލިންޑަރު ވަޅުލާފައި އޮތީ ބާބުލްގެ އެންމެ މުހިންމު އެއް ފާރު ކަމަށްވާ ”އިމްގުރް-އެންލިލް“ ގައެވެ.

މި ސިލިންޑަރު، ފީފާއެއް ނުވަތަ ”ބެރަލް“އެއްގެ ބައްޓަމަށް އޮންނަނީ ވެސް ބިންގަލުގައި ވަޅުލަން ފަސޭހައަކަށެވެ. އެ ޒަމާނުގެ ބާބުލްގެ ރަސްރަސްކަލުން މިފަދަ އެތައް ސިލިންޑަރެއް ވަޅުލާފައިވެއެވެ. މި ފަދަ ސިލިންޑަރުތައް ވަޅުލަނީ އާންމުކޮށް ފެންނާނެ ގޮތަކަށް ނޫނެވެ. އޭގެ ބޭނުމަކީ އެތައް ގަރުނެއް ފަހުން އެ ބިނާއެއް ވީރާނާވެގެން ނުވަތަ ހަލާކުވެގެން އަލުން ބިނާކުރާ ބަޔަކަށް، ކުރިން އެތަން ބިނާކުރި ރަސްރަސްކަލުންގެ ކާމިޔާބީތައް އަންގައިދިނުމެވެ.

މިއަދު ސައިރަސް ސިލިންޑަރަކީ ވަރަށް މުހިންމު ތާރީޚީ ’އައިކަން’އަކަށް ވެގެން ދަނީ އޭގެން ރަމްޒުކޮށްދޭ އިންސާނީ މިނިވަންކަމުގެ ފަލްސަފާގެ ސަބަބުންނެވެ. މިއީ މިއަދު އަޅުގަނޑުމެން މި ޢަމަލުކުރާ ”އިންސާނީ ޙައްޤުތަކުގެ ޢާންމު ޤަރާރު“ގެ އެންމެ ކުރީގެ ބިންގާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

1971ވަނަ އަހަރު، އދ.އިން ވަނީ ސައިރަސް ސިލިންޑަރަކީ ”އިންސާނީ ޙައްޤުތަކުގެ އެންމެ ފުރަތަމަ ގާނޫނު“ (ދަ ފަސްޓް ބިލް އޮފް ހިޔުމަން ރައިޓްސް) ކަމަށް އިޢުލާންކޮށްފައެވެ. މީގެ ނަކަލެއް، ނިއުޔޯކްގައި ހުންނަ އދ.ގެ މައިމަރުކަޒުގައި ބަހައްޓާފައި ހުރެއެވެ. އެކަމުން މުޅި ދުނިޔެއިން މިއަށް ދޭ ގަދަރު ރަމްޒުކޮށްދެއެވެ.

މި ސިލިންޑަރަކީ ”އިންސާނީ ޙައްޤުތަކުގެ ފުރަތަމަ ގާނޫނު“ގެ ގޮތުގައި މަޝްހޫރުވެފައިވަނީ، އޭގައި ހިމެނޭ ތަފާތު ދެ އުސޫލެއްގެ ސަބަބުންނެވެ. އެއީ ސައިރަސް ރަސްގެފާނު ފަތަހަކުރި ބާބުލްގެ ރައްޔިތުންނަށް އެމީހަކު ބޭނުންވާ ދީނަކަށް އުޅުމުގެ މިނިވަންކަން ދީ، އަޅުކަންކުރާ ތަންތަން މަރާމާތުކުރުމުގެ ހުއްދަ ދިނުމާއި، ބާބުލްގެ އަޅުވެތިކަމުގައި ތިބި މީހުން (ޚާއްޞަކޮށް ޔަހޫދީން) މިނިވަންކޮށް، އެމީހުންގެ އަމިއްލަ ވަޒަނަށް އެނބުރި ދިއުމަށް މަގުފަހިކޮށްދީފައި އޮތުމުންނެވެ. މި އުސޫލުތަކަކީ އެ ޒަމާނުގެ އިސްތިއުމާރީ ބާރުތަކުގެ މެދުގައި ވަރަށް ނާދިރު، އަދި އެހާމެ އޯގާތެރި އަމަލުތަކެކެވެ.

ބްރިޓިޝް މިއުޒިއަމްގެ ޑިރެކްޓަރު ނީލް މެކްގްރެގޯ ވިދާޅުވާ ފަދައިން، ސައިރަސް ސިލިންޑަރަކީ މެދުއިރުމަތީގެ ތާރީޚު އެންމެ އެއްޗަކުން ފެންނަން އޮތް އެންމެ މުހިންމު ލިޔުމެވެ. މިއީ މިއަދުގެ ދުނިޔޭގައި އަޅުގަނޑުމެން މި ދެކޭ ޑިމޮކްރެސީއާއި، މިނިވަންކަމާއި، އަދި އިންސާނީ ކަރާމާތުގެ އަސްލުކަމުގައި ދަނީ ބަލަމުންނެވެ. މި ކުޑަކުޑަ މަށީގެ ސިލިންޑަރުން ދަސްކޮށްދެނީ، ބާރުވެރިކަން ލިބުމުން އޯގާތެރިކަން އިސްކުރުމަކީ ތަހުޒީބީ ދައުލަތެއްގެ އެންމެ ވަރުގަދަ ސިފަ ކަމެވެ.

  • މަޢުލޫމާތު: އޭޝިއަން އާޓް މިޔުޒިއަމް ޕްރެސް އޮފީސް (2013)، ދަ ސައިރަސް ސިލިންޑަރ އެންޑް އެންޝޭންޓް ޕާސިއާ: އަ ނިއު ބިގިނިންގ.
ޝެއަރކުރެއްވުމަށް