ދިވެހިބަހަށް އިސްކަން ދިނުމަކީ، ކޮންމެ ދިވެއްސެއްގެ މައްޗަށް ލާޒިމު ކަމެކެވެ. ދިވެހިބަހަށް ޓަކައި ފަޚުރުވެރި ނުވެވޭ ނަމަ، ދިވެއްސަކަށް ވީތީ ފަޚުރުވެރިއެއް ނުވެވޭނެއެވެ. އެއްވެސް ކަމަކަށް ފަޚުރުވެރި ކުރުވުމަކީ، ނުވަތަ ލޯބި ޖެއްސުމަކީ، ހަގީގަތުގައި ގާނޫނަކުން ކުރެވޭނޭ ކަމެއް ނޫނެވެ. ނަމަވެސް ބީވެ ނެތިގެންދާ ކަންކަން އިއާދަކުރުމަށް ޓަކައި އެ ނޫން ގޮތެއް ފެންނަމުން ނުދާ ހާލަތުގައި މަޖުބޫރުކޮށްގެން ވެސް އެ ކަމެއް ދަމަހައްޓައި ރައްކާތެރިކުރެވޭތޯ ބެލުމަކީ ކިފާޔަތުގެ ފަރުޟަކަށް ނުވެއެއް ނުދާނެއެވެ.
އެ ގޮތުން އަޅުގަނޑުމެން ދިވެހީންގެ އެންމެ ބޮޑު އެއް ޝަރަފުކަމުގައިވާ ދިވެހިބަސް ”ހިމާޔަތްކުރުމަށް“ ގާނޫނެއް އޮތުން ލާޖިމުވެއްޖެކަމަށް ފެނުނު ހިނދު މި ވަނީ، ގާނޫނަކުން ”ހިމާޔަތް ކުރެވޭތޯ“ މަސައްކަތް ފަށައިފައެވެ. އެ މަސައްކަތަށް މި އަހަރުގެ ތެރޭގައި 15 އަހަރު ފުރޭނެއެވެ. ކުރީން ދިވެހީން ބަލަމުން އަންނަ ގޮތުން ނަމަ، ތަސައްރަފު ފުދޭނެއެވެ.
ގާނޫނު ނަންބަރު: 2011/9 ”ދިވެހިރާއްޖޭގެ ޤައުމީބަހަށް އިސްކަންދިނުމުގެ ގާނޫނު“ ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވާފައިވަނީ، 11 މެއި 2011ގައެވެ. އަދި އެ ގާނޫނުގެ 2ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން މި ގާނޫނުގެ މައިގަނޑު މަގުޞަދެއްކަމުގައި ބަޔާންކުރައްވާފައިވަނީ، ”ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް އަސާސްކަމުގައިވާ، އަދި އެންމެ އަގުބޮޑު އެއް ތަރިކަކަމުގައިވާ ދިވެހިބަސް ހީނަރުވިޔަނުދީ ހިމާޔަތްކުރުމާ އެކު، ބަސް ތަރައްޤީކޮށް ކުރިއަރުވައި، އަންނަންއޮތް ޖީލުތަކަށް އަމަނާތްތެރިކަމާ އެކު ވާޞިލުކޮށްދިނުމެވެ.“ މަޤުޞަދު ކިތަންމެހައި ވެސް ބޭނުންތެރިއެވެ. މުހިންމެވެ.
މި ދެންނެވި މައިގަނޑު މަގުޞަދުގެ ތަފުސީލު އެ މާއްދާގެ (ށ)ގެ 1ގައި ބަޔާންކުރައްވައިފައިވެއެވެ. ”ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ އެއް އަސްލަކީ ދިވެހިބަސްކަމުގައި ވާތީއާއި، ދިވެހީންގެ މާދަރީ ބަހަކީ ދިވެހި ބަސްކަމުގައި ވާތީ، ދިވެހިރާއްޖޭގެ ރަސްމީ ބަސް، ދިވެހި މުއާމަލާތުތަކުގައި ބޭނުންކުރުން އިސްކުރުން“ ކަމުގައި ބަޔާންކުރައްވާފައިވެއެވެ.
”ދިވެހިރާއްޖޭގެ ޤައުމީބަހަށް އިސްކަންދިނުމުގެ ގާނޫނު“ގެ މުޅި މަފުހޫމު ގާނޫނުގެ މި ދެ ނުކުތާއިން އަޅުގަނޑަށް ވަރަށް ސާފުވެއެވެ. އަދި އެ ގާނޫނުގެ 3ވަނަ މާއްދާގެ (ހ)ގައި ”ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ އަދި ރަސްމީ ބަހަކީ ދިވެހިބަސްކަމަށްވުމާ އެކު، ދިވެހި ދައުލަތުގެ ރަސްމީ އެންމެހައި މުއާމަލާތުތައް ކުރަންޖެހޭނީ ދިވެހިބަހުންނެވެ.“ އޮތުމުން މުޅި ގާނޫނުގެ ބޭނުން އިތުރަށް އެނގި ހާމަވެގެންދެއެވެ.
އެހެންކަމުން މި ގާނޫނަކީ، އަޅުގަނޑުމެން އެންމެހައި ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވަންޖެހޭ ގާނޫނެކެވެ. މީގެ މުރާދަކީ، އެހެން ގާނޫނުތައް މުހިންމު ނޫނޭ ދެންނެވުމެއް ނޫނެވެ. ނަމަވެސް، ގިނަ ގާނޫނުތަކާ ޚިލާފަށް މި ގާނޫނަކީ މުޅި ދިވެހި ޤައުމިއްޔަތާ ގުޅި ލާމެހިފައިވާ ގާނޫނެކެވެ. މި ގާނޫނު ނަގަހައްޓައި ދެމެހެއްޓުމަކީ، ކޮންމެ ދިވެއްސަކަށް ލާޒިމުކަމެކެވެ.
އެކަމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް މަދެއް ނޫނެވެ. އަދި ފަސޭހައެއް ވެސް ނޫނެވެ. އެކަމަކު އައު ހިތްވަރަކާ އެކު އެ މަސައްކަތް މިއަދު މި ވަނީ ކުރަންޖެހިފައެވެ. ދިވެހިބަހާއި ދިވެހި ޤައުމިއްޔަތަށް ޓަކައެވެ. އަންނާން އޮތް ދިވެހި ޖީލުތަކުގެ ހައްޤަށް ޓަކައެވެ.
އެކަމަކު ވެސް އުފެދޭ ސުވާލަކީ، އަޅުގަނޑުމެންނަށް އަމަލުކުރެވެމުން މިދަނީ އެ ވިސްނުމުގައިތޯއެވެ؟ އަމިއްލަ ބައެއް ފަރާތްތަކާއި ދައުލަތުގެ ބައެއް މުއައްސަސާތަކުން މިކަމަށް ސަމާލުކަން ދެއްވަނީ، ކިހައި މިންވަރަކަށްތޯއެވެ؟ ރަސްމީ އަދި ނުރަސްމީ ލިޔެކިޔުންތަކުގައި ޤައުމީ ބަހަށް ދެވެނީ ކިހައިވަރެއްގެ އިސްކަމެއްތޯއެވެ؟ މިއީ ހަމަގައިމު ވެސް ދިވެހިބަސް ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައި އުފެދެންވާނެ ސުވާލެކެވެ. އެ ސުވާލުގެ ޖަވާބު ވަރަށް ފަސޭހައެވެ. ވަރަށް ހާމައެވެ.
އަމިއްލަ ވަރަށް ގިނަ ފަރާތްތަކުންނާއި ދައުލަތުގެ ބައެއް މުއައްސަސާތަކުން އާންމު މައްދިވެހީންނާ މުއާމަލާތުކުރުމުގައި ވެސް ދިވެހިބަހަށް އިސްކަން ނުދެއްވާކަން ހިތާމައާ އެކު ފާހަގަކުރަމެވެ. އެއީ، ”ޤައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނު“އާ ކަނޑައެޅިގެން ޚިލާފުކަމެކެވެ.
މީގެ އިތުރުން، އެ ގާނޫނުގެ 5ވަނަ މާއްދާގެ (ނ) ކިޔައިލުމަށް ފަހު، ނަޒަރު ހިންގައިލުމުން، އަޅުގަނޑުމެންގެ މުޖުތަމައުގައި ހާލަތު އޮތްގޮތް ވަރަށް ސާފުކޮށް ފެންނާނެއެވެ.
އާދެ! އެ ނުކުތާގައިވެއެވެ. ”ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އާންމުންނަށް ފެންނަގޮތަށް ހަރުކުރެވިފައި ހުންނަ ކޮންމެ ނަންބޯޑެއްގައި ވެސް އެ ތަނެއްގެ ނަން، ކިޔަން އެނގޭނޭހެން ތާނައަކުރުން ލިޔެފައި އޮންނަން ވާނެއެވެ.“
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ނަންބޯޑުތަކުގެ ތެރެއިން މިކަން އަޅުގަނޑުމެންނަށް ފެންނަނީ ކިހައިވަރަކަށްތޯއެވެ؟ މި ކަމަށް ސަމާލުކަން ދެވިފައިވެއޭ ބުނެވިދާނެތޯއެވެ؟ މި ސުވާލުގެ ޖަވާބު ކޮންމެ ބޭފުޅަކު ވެސް އަމިއްލަފުޅު ނަޒަރުން ހޯއްދެވުން ކީއްތޯއެވެ؟
”ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުން“ ލާޒިމުކަމަށް އަޅުގަނޑު މި ދަންނަވާ ވާހަކަ މި ދެންނެވީ ވަރަށް ޚުލާސާ ގޮތެއްގައެވެ. އެކަމަކު އެ ގާނޫނުގެ އެންމެ މުހިންމު ދެތިންހަތަރު ނުކުތާއެއްގެ އަލީގައެވެ.
ދެން އޮތީ ވަރަށް ބޮޑަށް ވިސްނައިލަން ޖެހޭ އެހެންކަމެކެވެ. ހަމަ މި ގާނޫނުންނެވެ. އާދެ! އެއީ، މި ގާނޫނަށް އަމަލުނުކުރުމުން ވާނީ ކިހިނެއްތޯއެވެ؟ އެކަން އެބަވޭތޯއެވެ؟ މި ގާނޫނާ ޚިލާފަށް އަމަލުކުރާ ފަރާތްތަކުން ސަމާލުކަން ދޭން ޖެހޭ މުހިންމުކަމަކަށް މިކަން ނުވެއެއް ނުދާނެއެވެ.
ޤާނޫނުގެ 19ވަނަ މާއްދާގެ (ހ)ގައި ބުނަނީ، ”އެއްވެސް މީހަކު މި ގާނޫނާ ޚިލާފުވެއްޖެ ނަމަ، އެ މީހަކު އެ ކުރީ ކުށެކެވެ.“ ގާނޫނީ ކުށެއްކުރުމަކީ، އާދައިގެ ކަމެއް ނޫނެވެ. އެކަމަށް އަދަބު ލިބެންޖެހޭ ކަމެކެވެ. ނަމަވެސް ކުށްކުށަށް އަދަބު ލިބެނީ ބައެއް ފަހަރަށެވެ.
”ދިވެހިރާއްޖޭގެ ޤައުމީބަހަށް އިސްކަންދިނުމުގެ ގާނޫނު“އާ ޚިލާފުވުމުގެ ކުށުގެ އަދަބު މި މާއްދާގެ (ށ)ގައި ހުދާއިކަޅުން ލިޔެވިފައި އެބަ އޮތެވެ. އެއީ، ”މި މާއްދާގެ (ހ)ގައި ބަޔާންކުރާ ކުށުގެ އަދަބަކީ، -/500 (ފައްސަތޭކަ) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމެވެ.“ އެކަމަކު މި ގާނޫނަށް 15 އަހަރު ފުރެން ދާއިރު އަދި މިހާތަނަށް އެއްވެސް މީހަކު ވެސް އަދި އެއްވެސް ފަރާތަކުން ވެސް މި ގާނޫނާ ޚިލާފަށް އަމަލުކޮށްގެން ޖޫރިމަނާ ކުރެވުނުކަމުގެ މައުލޫމާތެއް ހަމަގައިމު ވެސް އަޅުގަނޑަށް ލިބިފައެއް ނެތެވެ. އޭގެ މާނައަކީ، އެއްވެސް ބަޔަކު މި ގާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރާތީކަމަށް ވާ ނަމަ، އުފަލުގެ ކޮޅެއް ނެތެވެ. އެކަމަކު، މި ގާނޫނާ ޚިލާފަށް ކިތަންމެ ބަޔަކު އަމަލުކުރި ނަމަވެސް ފިޔަވަޅެއް އެޅިފައިނުވަނީ ނަމަ، ހިތާމައިގެ ކޮޅެއް ނެތެވެ.
ނަމަވެސް ރާއްޖޭގެ ތަފާތު ކަންކޮޅުތަކުން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި މި ގާނޫނާ ޚިލާފު މަންޒަރުތައް ފެންނަމުން ދަނީ އިންތިހާއަށެވެ. އެކަން ރަނގަޅުކުރުމަށް މަސައްކަތް ކުރުމަކީ، އެންމެންގެ ވާޖިބެކެވެ. ކަމާ ބެހޭ އެންމެހައި މުއައްސަސާތަކުގެ ޒިންމާއެކެވެ.
