މުސްލިމުންނާ މުޝްރިކުންނާ ދެމެދު އެންމެ ފުރަތަމަ ފަހަރަށް ހިނގާދިޔަ ކުރިމަތިލުމަކީ ބަދުރު ހަނގުރާމައެވެ. އެހެންވެ ﷲ ތަޢާލާ މި ހަނގުރާމައަށް ނަންދެއްވަނީ ޙައްޤާއި ބާޠިލު ވަކިކުރުމުގެ ހަނގުރާމައިގެ ނަމުންނެވެ. ﷲ ތަޢާލާ މުސްލިމުންގެ މައްޗަށް ޖިހާދު ފަރުޟުކުރެއްވީ އެކަމުގެ ޤާބިލުކަމާއި ކުޅަދާނަކަން މުސްލިމުންނަށް ލިބުމަށް ފަހުއެވެ. އެގޮތުން ފާހަގަކުރެވޭ ކަންކަމުގެ ތެރޭގައި ﷲ ތަޢާލާ ޙައްޤު މަގު ބަޔާންކުރައްވައި ޙިކުމަތާއި އޯގާތެރިކަމާ އެކު އެ މަގަށް ގޮވާލެއްވުމަށް އެންގެވުން ހިމެނެއެވެ. ދެވަނަ ކަމަކީ ﷲގެ މަގަށް ދަޢުވަތު ދޭ ފަރާތްތަކަށް ކުރިމަތިވާ އިމްތިޙާނުތަކާއި އެކަމުގައި ކެތްތެރިވެ އުޅުމުގެ މުހިންމުކަން ހާމަވުމެވެ. ތިންވަނަ ކަމެއްގެ ގޮތުން ފާހަގަވަނީ ބާޠިލުގައި ތިބި  މީހުންގެ އުޞޫލުތައް  ފާޅުވުމެވެ. މި ތިން ހާލަތަށް ފަހު ދެން ކަން ހިނގާދިޔަ ގޮތް ﷲ ތަޢާލާ ވަނީ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވައި ހާމަކޮށްދެއްވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ﴿ ثُمَّ إِنَّ رَبَّكَ لِلَّذِينَ هَاجَرُوا مِنْ بَعْدِ مَا فُتِنُوا ثُمَّ جَاهَدُوا وَصَبَرُوا إِنَّ رَبَّكَ مِنْ بَعْدِهَا لَغَفُورٌ رَحِيمٌ ﴾ މާނައީ: ”ދެން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (އެހީތެރިވެ) ވޮޑިގަތުން ވަނީ، އެއުރެންނަށް އަނިޔާލިބި، އިމްތިހާނު ވެވުމަށްފަހު، ހިޖުރަކޮށް، ދެން ޖިހާދުކޮށް، ކެތްތެރިވީ މީހުންނަށެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެއަށްފަހު ވެސް ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.“

ބަދުރު ހަނގުރާމައިން ފެނުނު އެންމެ ބޮޑު ހުނަރުވެރިކަމަކީ  މުސްލިމުން އެ ހަނގުރާމައަށް  ނުކުތުމުގެ ކުރިން ޤައުމުވެރިޔާ ނުވަތަ އުއްމަތުގެ ވެރިޔާ އެކަމުގައި އަޅުއްވާނެ ފިޔަވަޅަކާ މެދު ރައްޔިތުންނާ ކުރެއްވި މަޝްވަރާއެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ ކިބައިގައި އޮތް ހަމަޖެހުން ފެނިގެން ދިޔައެވެ. އަދި ހަމަ އެހެންމެ  އަމަންއަމާންކަން ޤާއިމުކުރުމުގެ އުނދަގޫކަމާއި އުއްމަތުގެ މަޞްލަޙަތު ހާމަވެ އެނގިގެން ދިޔައެވެ. އަދި ﷲ ތަޢާލާގެ އަމުރުފުޅު އެކަމުގައި އޮތް ގޮތް ވެސް ހާމަވިއެވެ. ފަހެ މާތް ﷲ ވަޙީކުރެއްވިއެވެ. ﴿ وَشَاوِرْهُمْ فِي الأَمْرِ﴾  މާނައީ: ”އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ މަޝްވަރާކުރައްވާށެވެ!“

ކީރިތި ރަސޫލާ، 313 ބޭކަލުންނާއިގެން  މަދީނާއިން ނުކުމެވަޑައިގަތީ ޤުރައިޝުންގެ 950 މީހުންނާ ހަނގުރާމަކުރުމަށް ރާވައިގެންނެއް ނޫނެވެ. ނުވަތަ އެއްގޮތަކަށް ވެސް ހަނގުރާމަކުރުމަކަށް ނޫނެވެ. އެހެންނަމަވެސް މައްކާގެ ވިޔަފާރިވެރިންގެ މުދާ ހިމެނޭ ވިޔަފާރި ޤާފިލާއަކާ ކުރިމަތި ލެއްވެވުމަށެވެ.  ﷲ ތަޢާލާގެ ރޭއްވެވުމުގައި ވަނީ މިފަހަރު މުސްލިމުންނާ މުޝްރިކުންނާ ދެމެދު ހަނގުރާމައެއް ހިނގުމަށެވެ. އެޔާއެކު އެކަލޭގެފާނު ރޭއްވެވި ރޭއްވެވުމުގައި އިސްލާމީ ލަޝްކަރު ތަފާތު ބައިތަކަކަށް ބައިކުރައްވައި އެއިން ކޮންމެ ބަޔަކަށް ޚާއްޞަ ދިދަ ދެއްވުން ވެސް ހިމެނެއެވެ.  މައްކާގެ މީހުން މި ވިޔަފާރި ޤާފިލާ ސަލާމަތްކުރުމަށް މައްކާއިން ނުކުމެ އެބައިމީހުން ދަތުރުކުރީ އެންމެ ފަހުން ބަދުރަށެވެ. އޭގެ ފަހުން އިސްލާމީ ލަޝްކަރު ވެސް ޖަމާވީ ބަދުރަށެވެ.

އިސްލާމީ ލަޝްކަރާ އެކު ބަދުރަށް ރަސޫލާ ވަޑައިގަތީ އަޞްޙާބުންނާ މަޝްވަރާކުރައްވައި އޭގެ ނަތީޖާއެއްގެ ގޮތުންނެވެ. މައްކާގެ ކާފިރުންގެ ފަހުން މި ލަޝްކަރު ބަދުރުގެ މައިދާނަށް ވާޞިލުވި ނަމަވެސް ހަމަ ވާޞިލުވުމަށް ފަހު ދެން ފެނިގެން ދިޔައީ އިސްތިރާޖީ ގޮތުން މުހިންމު ފިޔަވަޅެއް އެޅުއްވި ތަނެވެ. އެގޮތުން އެ މައިދާނުގައިވާ ހުރިހާ ފެންވަޅުތަކެއްގެ މައްޗަށް ބާރު ހިންގޭ ފަދަ ތަނެއްގައި އިސްލާމީ ލަޝްކަރު ރުކުރުވާލައި، އެތާގެ ވަޅުތަކުގައިވާ ފެން މުޝްރިކުންނަށް ނުލިބޭނެ ގޮތަށް ފެންވަޅުތަކުގެ މައްޗަށް މުސްލިމުންނަށް ލިބުނު އެ ބާރަކީ އަސްކަރީ ގޮތުން ބަދުރު ހަނގުރާމައިން ފެނުނު ވަރުގަދަ ރޭވުމެކެވެ. އަދި އެޔާ އެކު މައިދާނުގައި ފަސޭހައިން ހަރަކާތްތެރިވެވޭ ފަދަ ތަނަކަށް ލަޝްކަރު ބަދަލު ކުރިކުރުމަކީ ވެސް ބަދުރު ހަނގުރާމައިން ފެނިގެންދާ އާދަޔާ ޚިލާފު ރޭވުމެކެވެ.

މީގެ އިތުރަށް  ދެން ފާހަގަކުރެވެނީ ހަނގުރާމަ ހިނގަމުންދާ ހުރިހާ ވަގުތެއްގައި ވެސް އިސްލާމީ ލަޝްކަރުގެ އެންމެ އިސްކޮމާންޑަރު ރަސޫލާއަށް މުޅި މައިދާން ސާފުކޮށް ފެންނާނެ ފަދަ ތަނެއްގައި އެކަލޭގެފާނު މަޑުކުރައްވައިގެން އިންނެވުމަށް ޓަކައި މައިދާނުގައި ތަންކޮޅެއް އުސްކޮށް ހެދިގެން ދިޔަ ޢަރީޝް ހެދިގެން ދިޔަ ތަނެވެ. މިއީވެސް ލަޝްކަރަށް ދޭންޖެހޭ އޯޑަރު ދިނުމާއި ލަޝްކަރުގެ ޙާލަތާއި މައިދާނުގެ ޙާލަތު ވަރަށް ފަސޭހައިން ފެނިގެންދާނެ ޢަމަލެކެވެ. އަދި މިއީ ވެސް މި ހަނގުރާމައިން ފެނުނު މުހިންމު އުކުޅެކެވެ. އަދި ހަމަ އެފަދައިން އެގޮތަށް މުޅި ލަޝްކަރާ ކުޑަކޮށް ވަކިން، އެކަމަކު މައިދާން ފުރިހަމައަށް ފެންނާނެ ފަދައިން އުސްތަނެއްގައި އިންނެވުމަށް އެ ހެއްދެވި ޢަރީޝާއި އެތާގެ ވަށައިގެން އެކަލޭގެފާނު ޙިމާޔަތްކުރަން ހަށިފާރަވެރިން ތިބޭ ގޮތަށް ހަމަޖެއްސުމަކީ ވެސް އެ ޒަމާނުގެ ހަނގުރާމައިގެ ޢަމަލުތަކާ ޚިލާފު އެހެނަސް އިސްތިރާޖީ މުހިންމު  ފިޔަވަޅެކެވެ.

ބަދުރު ހަނގުރާމައިގެ ކުރިން މުޝްރިކުންނަށް ނަފުސާނީ ގޮތުން ބިރުގެންނެވުން ކުރިމަތިވިއެވެ. އިސްލާމީ ލަޝްކަރުން ކުރިމަތިކުރި މި ކަމަކީ ވެސް އެ ހަނގުރާމައިން މުސްލިމުންނަށް ކާމިޔާބުލިބުމާއި ހަނގުރާމައިގައި އިސްތިރާޖީ ގޮތުން މިއަދު ވެސް ކުރާ ކަމެކެވެ. އެގޮތުން މުސްލިމުންގެ ޤާބިލުކަން ހުރިވަރު އިތުރަށް ފެންނާނެ ގޮތަށް ދެއްކުމާއި ހަތިޔާރާއި އަދަދުގެ ގޮތުން މުސްލިމުންގެ ލަޝްކަރު މަދު ނަމަވެސް އިދިކޮޅު މީހުން ބިރުގެންނެވުމަށް ކުރެއްވި ކަންކަމާއި އެޅުއްވި ފިޔަވަޅުތައް ފާހަގަކުރެވެއެވެ. ހަނގުރާމައެއްގައި ދުޝްމަނުންނަށް ސިހުން އަންނާނެ ގޮތަށް ކަންކަން ބެހެއްޓުމަކީ ހަނގުރާމަ ކާމިޔާބުކުރުމަށް މުހިންމު ފިޔަވަޅެއްކަން މި ޒަމާނުގެ ހަނގުރާމަތަކުން ވެސް ފެނިގެންދެއެވެ. ދާދިފަހުން ހިނގައިދިޔަ އިންޑިޔާ ޕާކިސްތާނު ހަނގުރާމައާއި މިހާރު ހިނގަމުންދާ އީރާން އިސްރާއީލު އެމެރިކާގެ ކުރިމަތިލުމާއި،  ހިނގާ ނިމިފައިވާ ޔަމަނާއި ސަޢޫދީގެ ކުރިމަތިލުމާއި ޢިރާޤު ކުވޭތު ހަނގުރާމައިން  މި ޒަމާނުގައި ވެސް އެކަން ވަނީ ދުނިޔެއަށް ދައްކައިދީފައެވެ.

އެ ޒަމާނުގައި ޢަރަބީން ހަނގުރާމަކުރަމުން ދިޔަ ގޮތާ މުޅިން ޚިލާފުކޮށް ސަފު ހަދައިގެން ހަނގުރާމަކުރުމަކީ ވެސް ބަދުރުގައި ކީރިތި ރަސޫލާގެ ކޮމާންޑަރުކަމުގެ ދަށުން ހިނގައިދިޔަ ކަމެކެވެ. އޭރު ހަނގުރާމައިގައި ޢަރަބީން ބޭނުންކުރަމުންދިޔަ އުސްލޫބަކީ އަހުގައި ނުވަތަ ސަވާރީއެއްގައި ނުވަތަ ފައިމަގުގައި ކަމަށް ވިޔަސް ޢަދުއްވުންނަށް ޙަމަލާދިނުމާ އެކު އެމީހުންގެ އަތުގައި ނުޖެހި ދުވެ ފިލުމެވެ. ނަމާދުގައި ހަދާ ފަދައިން ސަފު ހަދައިގެން ހަނގުރާމަކުރުމަކީ ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ބަޔާންކުރައްވާ ގޮތެކެވެ. އަދި އެގޮތަށް ހަނގުރާމައިގައި ޢަމަލުކުރާ ފަރާތްތަކަށް އެކަލާނގެ ޘަނާ ވަޙީކުރައްވާފައި ވެއެވެ.  ފަހެ އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ﴿ إِنَّ اللَّهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفّاً كَأَنَّهُمْ بُنيَانٌ مَرْصُوصٌ ﴾ މާނައީ: ”ހަމަކަށަވަރުން، ހަރުދަނާ ބިނާއެއް ފަދައިން ސަފުސަފަށް އެތުރިގެންތިބެ، އެކަލާނގެ މަގުގައި ހަނގުރާމަކުރާ މީހުންދެކެ، اللَّه ލޯބިވެވޮޑިގެންވެތެވެ.“ ހަގީގަތުގައި ބަދުރު ހަނގުރާމައިގެ ކާމިޔާބީގެ އެއް ސަބަބަކީ ވެސް މިގޮތަށް ވަކި ނިޒާމަކުން ހަނގުރާމަކުރުން ކަމަށް ސީރަތުފޮތްތަކުގައި ބަޔާން ވެފައި ވެއެވެ.

ސަފު ތަރުތީބުކޮށްގެން ޙަމަލާދިނުމުގައި މުސްލިމުން އެތުރިގެން ތިބީ އެންމެ ފުރަތަމަ ލޮންސީގެ އަހުލުވެރީންނެވެ. އެއީ ދުޝްމަނުންގެ އަސްވާރުން ބަލިކުރުމަށް އަވަހަށް ޙަމަލާދިނުމަށް ރޭވިރޭވުމެކެވެ. ދެން އޭގެ ފަހަތުގައި ދުނިއުކާ ފަރާތްތަކެވެ. އެއީ ޢަދުއްވުންނަށް ދޭ ޙަމަލާ އިތުރަށް ވަރުގަދަކޮށް ދުނިދަނޑީގެ ވާރޭ ވެއްސުމަށެވެ. ޢިލްމުވެރިން ބަޔާންކުރައްވަނީ މިކަމުގެ ސަބަބުން ޢަދުއްވުން ވަރަށް ބޮޑަށް ބިރުގެން ސިހިގެން ދިޔަ ކަމަށެވެ. އަދި މިގޮތަށް އެތުރުމުން އަބަދުވެސް ރިޒާވްގައި ނުވަތަ ތައްޔާރީ ޙާލަތުގައި ބަޔަކު ތިބޭތަން ފެނިގެން ދިޔައެވެ. އެހެންވުމުން މުޝްރިކުންގެ އަސްވާރުންނާއި ފައިމަގު ހަނގުރާމަވެރިން އިތުރަށް ނުރައްކަލާ ކުރިމަތިލާން ޖެހުނު ކަމަކަށް މިކަން ވެގެން ދިޔައެވެ.

ޖާސޫސުން މެދުވެރިކޮށް ޢަދުއްވުންގެ މަޢުލޫމާތު ހޯދުމަކީ ބަދުރު ހަނގުރާމައިން ފެށިގެން އެނޫން ހަނގުރާމަތަކުގައި ވެސް ކީރިތި ރަސޫލާ ވަރަށް ބޮޑަށް އިސްކަމެއް ދެއްވި ކަމެކެވެ. މިގޮތުން ބަދުރު ހަނގުރާމައަށް ނުކުމެ ވަޑައިގަތުމުގެ ސަބަބު ކަމުގައިވި މައްކާގެ މުޝްރިކުންގެ ވިޔަފާރި ޤާފިލާގެ ޚަބަރު ބެއްލެވުމަށް ޓަކައި ދެ ބޭކަލަކު ޖާސޫސުންގެ ގޮތުގައި ރަތްކަނޑުގެ އައްސޭރީގައިވާ އަލްޙައުރާ ސަރަޙައްދަށް ފޮނުއްވިއެވެ. އެ ދެ ބޭކަލުންނަކީ ޠަލްޙާ ބިން ޢުބައިދިﷲ އާއި ސަޢީދު ބިން ޒައިދެވެ. އެ ބޭކަލުން އެ ފަހަރު އެއްކުރެއްވި މަޢުލޫމާތުން މައްކާގެ މުޝްރިކުންގެ ވިޔަފާރި ޤާފިލާގެ އެންމެހާ މަޢުލޫމާތެއް ޖަމާކުރެއްވިއެވެ. އަދި އެ ހިސާބުގެ އެހެނިހެން މަޢުލޫމާތުތައް ވެސް އެ ދެ ބޭކަލުން ޖަމާކުރެއްވިއެވެ. އަދި ހަމައެހެންމެ ބަދުރު ހަނގުރާމައަށް ނުކުމެ ވަޑައިގަންނަވަމުން  ބަސްބަސް ބިން ޢަމްރޫއާއި ޢަދިއްޔު ބުނު އައްޒަޣުބާ ފޮނުއްވައިގެން ސިއްރިޔާތުގައި މަޢުލޫމާތު ހޯއްދެވުމާއި އޭގެ ފަހުން ޢަލީގެފާނާއި ޒުބައިރުގެފާނާއި ސަޢުދު ބިން އަބީ ވައްޤާޞްގެފާނާ އެކު ޖަމާޢަތެއްގެ ބޭކަލުން ފޮނުއްވައިގެން ވެސް މުޝްރިކުންގެ ލަޝްކަރުގެ މަޢުލޫމާތު ހޯއްދެވިއެވެ.

އެހެންކަމުން އެ ޖާސޫސުން މުޅި އެ ހިސާބުގެ ޙާލަތު އޮތްގޮތާއި އެ ވަގުތު ހަނގުރާމައިގެ ކަންކަން ހިންގުމަށް ނުކުމެތިބި މުޝްރިކުންގެ ލަޝްކަރާ ބެހޭ މަޢުލޫމާތާއި އެ ނޫންވެސް އެ ހިނދުން ބޭނުންވާނެ އެންމެހާ މަޢުލޫމާތެއް މި ބޭކަލުން ޖަމާކުރައްވައި އެ މަޢުލޫމާތުތައް ރަސޫލާގެ އަރިއަހަށް ގެންދެވިއެވެ. އޭގެ ތެރޭގައި މުޝްރިކުންގެ ލަޝްކަރުގެ ޢަދަދާއި ބައިވެރިވާ ބޮޑުންނާއި ދަތުރު ކުރަމުންދާ މަގާއި އެބައިމީހުން ގެންގުޅޭ ހަތިޔާރާއި އެމީހުންގެ އަތުގައި ފެނާއި ކާބޯތަކެތި ހުރި މިންވަރާއި އަދި މިހާރު ފެން ހޯދާ ގޮތާއި ހަނގުރާމައަށް އެމީހުން ވިސްނާތޯއާއި މި ހުރިހާ ކަމެއް ހިމެނެއެވެ. މި ކަންކަމުގެ ތެރެއަށް ފުންކޮށް ވިސްނައި ބަލާލުމުން ބަދުރު ހަނގުރާމައިން އަޅުގަނޑުމެންނަށް އަސްކަރީ އެތައް ކަމެއްގެ މަޢުލޫމާތު ފެނިގެން ދެއެވެ. އެފަދަ މަޢުލޫމާތުތަކަކީ މި ޒަމާނުގައި ވެސް ހަނގުރާމަތަކުގައި ބޭނުންކުރާ އުކުޅުތަކެވެ.

ނަޞްރަކީ ﷲ ތަޢާލާ ދެއްވާ އެއްޗެއް ކަމަށް ޤަބޫލުކޮށްގެން ﷲއާ ވަކީލުކުރުމާ އެކު އެކަލާނގެ ޙަޟްރަތަށް ދުޢާކުރުމުގެ ކަންކަން ހިނގައިދިޔަ ނަމަވެސް އެކަލާނގެ މަދަދާއި ޢިނާޔަތު ބޮޑު މި ލަޝްކަރަށް ކާމިޔާބުވުމުގައި ހިތްވަރާ އެކު ޖިހާދުކުރުމުގެ ރޫޙު ލަޝްކަރުގައި އަށަގެންނެވުމާއި އެ ރޫޙު ދަމަހައްޓައިގެން ޖިހާދުކުރުމަކީ ވެސް ބަދުރުން ފާޅުވި އަސްކަރީ މުހިންމު ހުނަރެކެވެ.  ހަމަ މިފަދައިން އިސްލާމީ ލަޝްކަރުން އަލަށް ތަޢާރަފުވި ޣަނީމާމުދާ ބެހުމުގެ އުޞޫލަކީ ވެސް މި ހަނގުރާމައިން ފެނުނު އައު އުކުޅެކެވެ. އެގޮތުން ފައިމަގު ހަނގުރާމަވެރިޔަކަށް އެއްބައި ދިން އިރު ދުނިދަނޑީގެ އަހުލުވެރިންނާއި ލޮންސިވެރިންނާއި އެ ނޫންވެސް ތަފާތު ސިލޭހަތަކުގެ ވެރިންނަށް ދެބައި ދެއްވި އިރު އަސްވާރުންނަށް ތިންބައި ދެއްވިކަން ފާހަގަ ކުރެވެއެވެ. ހަމަ އެހެންމެ ހަނގުރާމައިގައި ޤަތުލުވި މީހުންނާއި ޝަހީދުން ވެސް ކުނިވާން ދޫކޮށް ނުލައްވައި ވަޅުލެއްވުމަށް އަންގަވައި ޢަމަލުކުރެއްވި އުޞޫލަކީ އިންސާނިއްޔަތު މިއަދު ވެސް އެކަމަށް ގޮވާލާ ބާރު އަޅާ ކަމެކެވެ.

ޝެއަރކުރެއްވުމަށް