ގްރީކުންގެ ޘަޤާފަތުގެ ތެރެއިން ފެށިގެންއައި ހަށި ރީތިކުރުމުގެ އާދަތަކަށް މިއަދު މި ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ހަށިގަނޑުގެ ބައްޓަށް ވަކި ހަމައެއްގައި ހިފެއްޓުމުގެ ގޮތުން އެކި ނަންނަމުގައި ކުރެވޭ ކަސްރަތުތަކުން ފެށިގެން އެންމެ ރީތި އަންހެނާ ހޮވުމަށް ދުނިޔޭގެ ފެންވަރުގައި އަހަރަކު އެއްފަހަރު ބޭއްވޭ މުބާރާތްތަކަށް މިވަނީ ބަދަލުވެފައެވެ. އެކަކަށް ވުރެ އަނެކަކު ރީތިވުމަށް ކުރެވޭ މަސައްކަތްތައް މިދަނީ ދުވަހެއްދުވަހަކަށް އިތުރުވަމުންނެވެ. އިންސާނާގެ ހަށިގަނޑުގެ ރީތިކަން ހިފެހެއްޓޭތޯ ހިނގާ ޚަރަދުތައް މިދަނީ އިތުރުވަމުންނެވެ. ރީތިވުމަށް ބޭނުންކުރެވޭ ސާމާނުތައް އުފައްދާ މައިދާން މިދަނީ ފުޅާވަމުންނެވެ. ކަސްރަތުކުރުމަށް ޓަކައި ”ޖިމް“ތަކުގައި އަދި ރީތިކަން ވަޒަންކުރުމަށް ޓަކައި މޫނުބަލާ ލޯގަޑުކައިރީ ހޭދަކުރެވޭ ވަގުތުތައް މިދަނީ އިތުރުވަމުންނެވެ. ހަށި ރީތިކުރުމަށް ޓަކައި ސަމާލުކަންދޭ މިންވަރު މި ކަންކަމުން ކިތަންމެ ރަނގަޅަކަށް ވެސް ހާމަވެގެންދެއެވެ.

ރީތިވުމުގެ މަފްހޫމަށް ނިސްބަތްކޮށް ޢާންމުގޮތެއްގައި ޝާމިލުކުރެވެނީ އަންހެނުންކަމުގައި ވިޔަސް، ދެ ޖިންސުގެ ރީތިވުމުގެ މަޤްޞަދެއްކަމުގައި ވެފައި އޮންނަނީ، އެއްބަޔަކު އަނެއްބަޔަކަށް ޖާޒުބީ ފުން އަސަރުތަކެއް ވެރިކުރުވުމެވެ. ނުވަތަ ތިމާގެ ރީތިކަމާ މެދު ހިތަށް އުފާވެރިކަން ގެނެސްގަތުމެވެ. އެހެންކަމާ އެކު، ތަފާތު އާދަކާދަތައް ފެތުރިފައިވާ އެކިއެކި މުޖުތަމަޢުތަކުގައި ރީތިވުމުގެ މިންގަނޑާއި ޖިސްމުގައި ރީތިކޮށް ބަހައްޓަން ބޭނުންވާ ތަންތަން ވެސް ތަފާތުވެއެވެ. ބައެއް މުޖުތަމަޢުތަކުގައި ކަރުދިގުވުމަކީ، އަންހެނާގެ ރީތިކަން ފުރިހަމަވެގެންދާ ކަމެކެވެ. ބައެއް ޤައުމުތަކުގައި ވަކި ޚާއްޞަ ބައްޓަމަކަށް ފައިތިލަ ހުރުން ރީތި ވާތީ ވަރަށް ކުޑައިރުންސުރެ ފައިތިލަ ހުންނަން ބޭނުންވާގޮތަށް ހާނުވާން ފަށައެވެ.

މި ޒަމާނުގެ ސައިކޮލޮޖީގެ ބާނީކަމުގައި ބެލެވޭ ސިގްމަންޑް ފްރޮއިޑްގެ ނަޒަރުގައި، ރީތިކަން ގުޅިފައިވަނީ ޖިންސީ އިހުސާސްތަކާއެވެ. އެހެންކަމާ އެކު، މި ޒަމާނުގައި ރީތިކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގެ އަމާޒަކީ ވެސް މިއީއެވެ. އަންހެނާގެ ހަށިގަނޑު ވީހާވެސް ހާމަކުރުމަކީ، ހަށި އިޝްތިހާރުކުރުމަށް ޓަކައި މި ޒަމާނުގައި ވަރަށް މުހިންމުކަމެއްކަމުގައި ވަނީ ވެސް އެހެންވެއެވެ. މިކަމުގެ އަލިގަދަ އެއް ހެތްކަކީ، 20ވަނަ ޤަރުނުގެ ކުރީކޮޅާ ހަމައަށް، އެއްފޮތިކޮޅުގެ ފަތާހެދުމުގައި އަންހެނުން ޢާންމު ތަންތަނަށް ނުކުމެ އުޅުމަކީ، އެހާ ޢާންމު ކަމެއްކަމުގައި ނުވުމެވެ.

1951ވަނަ އަހަރު، އެމެރިކާގައި ބޭއްވި ރީތީގެ މުބާރާތުން އެއްވަނައަށް އައި މިސް އެމެރިކާ، ފަތާހެދުމުގައި ހުރެ ޓީވީ ކުރިމައްޗަށް  ނުކުތުމަށް އިންކާރުކުރީ ވެސް އެ ދުވަސްވަރުގެ އާދަކާދައަށް ރިޢާޔަތްކޮށްފައިކަން ޔަޤީނެވެ. އަދި އެއްފޮތިކޮޅުގެ ފަތާހެދުން އީޖާދުކުރި އެމެރިކާގެ މަޝްހޫރު ފެތުންތެރިޔާ އެނެއްޓެ ކެލަރމަން ޖަލަށް ލެވުނީ ވެސް އެ ދުވަސްވަރުގައި މުޖުތަމަޢު ބަލައިގެންފައިވާ އާދަކާދައާ ޚިލާފަށް ރީތީގެ ރާނީން ލައްވާ ފަތާހެދުމުގެ އައިޓަމެއް އެމެރިކާގެ ’ރެހޮބޯ ބީޗް“ ގައި ބޭއްވުމުންނެވެ. ވަރަށް ފަހަކާ ޖެހެންދެން ދުނިޔޭގެ އެކިއެކި ޘަޤާފަތާއި އާދަކާދަތަކުގައި އިންސާނީ ހަށިތައް އިޝްތިހާރުކުރުމަކީ އެހާ މަޤުބޫލުކަމެއް ނޫންކަން މި ޙާދިޘާތަކުން ހާމަވެގެންދެއެވެ. ރީތީގެ ރާނީން ހޮވުމުގެ މުބާރާތަކީ އެމެރިކާގެ އުފެއްދުމެއްކަމުގައި ވިޔަސް، ހަށި އިޝްތިހާރުކުރުމަކީ، އެ ތަނުގައި ވެސް 20ވަނަ ޤަރުނުގެ ކުރީކޮޅާ ހަމައަށް އެހާ ޢާންމުކަމެއް ނޫނެވެ.

ހަށިގަނޑު ރީތިކޮށް ބެހެއްޓުމުގެ ޘަޤާފަތެއް މުޅި ދުނިޔެއަށް މިދަނީ ފެތުރެމުންނެވެ. ދުނިޔޭގެ ބިޔަ ޤައުމުތަކާ އެއް ހަމައެއްގައި ކުދި ޖަޒީރާޤައުމުތައް ވެސް މި މައިދާނުގައި ފައިހަމަކުރެވޭތޯ ތަފާތު ފެންވަރުގައި ދަނީ މަސައްކަތްކުރަމުންނެވެ. ކަސްރަތުކުރާ ޖިމްތަކާއި ޔޯގާހަދާ މަރުކަޒުތަކެވެ. މޭކަޕުކުރުމާއި ބޮލުގެ އިސްތަށިގަނޑު ތަފާތު ސްޓައިލްތަކަށް ހަދާ ސެލޫންތަކެވެ. ހަށިގަނޑުގެ ވަނާތަކާއި ސައިޒުތަކަށް ބަދަލު ގެނުވައިދިނުމަށް ޕްލާސްޓިކް ސާޖަރީ ހަދާ ސެންޓަރުތަކެވެ. މިއީ ރީތިވުމަށް ޓަކައި ތަފާތު ނަންނަމުގައި ތައްޔާރުކުރެވޭ ސާމާނުތައް ވިއްކާ ބާޒާރުތަކުގެ އިތުރުންނެވެ.

”ދަ އެމެރިކަން ސޮސައިޓީ ފޮރ އެސްތެޓިކް ޕްލާސްޓިކް ސާޖަރީ“ގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، 2024ވަނަ އަހަރު ރީތިވުމަށް ޓަކައި 38 މިލިޔަން ޕްލާސްޓިކް ސާޖަރީ ހަދާފައިވެއެވެ. ރީތިވުމަށް ޓަކައި ސާޖަރީ އެންމެ ގިނައިން ހަދާ ޤައުމަކީ އެމެރިކާއެވެ. އަހަރަކު 6.1 މިލިއަން މީހުން ރީތިވުމުގެ ބޭނުމުގައި އެކި ކަހަލަ ސާޖަރީތައް ހަދައެވެ. މިއީ މުޅި ދުނިޔޭގެ ނިސްބަތުން ގާތްގަނޑަކަށް 22 އިންސައްތައެވެ. މީގެތެރެއިން އެންމެ މަތީ އިންސައްތައަކީ، 35 އަހަރާއި 50 އަހަރުގެ ދެ ޖިންސުގެ މީހުންނެވެ. މީގެ މާނައަކީ، އިންސާނާ ޒުވާންކަމާ ދުރަށް ދިޔުމުގެ ވަގުތު ކުޑަތަންވަމުން ދިޔަދިޔަހެން ހަށި ރީތިކުރުމަށް ބޭނުންވާ މިންވަރު ބޮޑުވާކަމެވެ. ހަށިގަނޑުގެ ރީތިކަން ދެމެހެއްޓުމަށް ޓަކައި އިންސާނުން ސަމާލުކަންދޭ މިންވަރު މި މަޢުލޫމާތުތަކުން ކިތަންމެ ރަނގަޅަކަށް ވެސް ހާމަވެގެންދެއެވެ. ސުވާލަކީ، އިންސާނާއަކީ ހަށިގަނޑަކާ އެކު ރޫޙެއް ވެސް ވާ މަޚްލޫޤަކަށް ވާ އިރު އިންސާނާގެ ރޫޙު ޠާހިރުކުރުމަށް ޓަކައި ދެވޭ ސަމާލުކަމަކީ ކޮބައި ހެއްޔެވެ؟

އިސްލާމްދީނަކީ، އިންސާނާގެ މާއްދީ ރީތިކަމާ އިދިކޮޅު ދީނެއް ނޫނެވެ. ހަށިގަނޑުގެ ސާފުތާހިރުކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދީފައިވާ ދީނެކެވެ. މި ދީނުގެ ހުރިހާ އަޅުކަމެއްގެ ތެރޭގައި ޖިސްމާނީ ސާފުތާހިރުކަން ހިމަނާފައިވެއެވެ. ނަމާދުކުރުމުގެ ކުރިން ހަށިގަނޑުގެ ޚާއްޞަ ގުނަވަންތަކެއް ވުޟޫ ކުރުމާ އެކު ތާހިރުވެގެންދާގޮތް ހަމަޖެއްސެވިއެވެ. މިގޮތުން ނަމާދަކީ ސުވަރުގެއަށް ވަނުމަށް އޮތް ތަޅުދަނޑިކަމުގައި ވާ ފަދައިން ވުޟޫއަކީ ނަމާދުގެ ތެރެއަށް ވަނުމަށް އޮތް ތަޅުދަނޑިއެވެ. އަދި ބައެއް ކަންކަމާ ވިދިގެން ފެންވެރުން ވާޖިބުކަމުގައި ވެސް ލެއްވިއެވެ. އަލްބަޤަރާ ސޫރަތުގެ 222ވަނަ އާޔަތުގައިވެއެވެ. ”ހަމަކަށަވަރުން މާތް ﷲ ތައުބާވާ މީހުން ދެކެ ލޯބިވެވޮޑިގެންވެއެވެ. އަދި ޠާހިރުވާ މީހުން ދެކެ އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ.“

ސާފުތާހިރުވުމުގެ މައްޗަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ކީރިތި ރަސޫލާ ދެއްވާފައިވާކަން އެކަލޭގެފާނުގެ ޙަދީޘްފުޅުތަކުން ވެސް އެނގި ބަޔާންވެގެންވެއެވެ. ދަތް އުނގުޅުމާއި ބޮލުގެ އިސްތަށިގަނޑު ރީތިކޮށްބެހެއްޓުމާއި އުޅޭ ތަންތަނާއި ވެށި ސާފުކޮށް ބެހެއްޓުމުގެ ގޮތުން އިރުޝާދުދެއްވާފައި ވަނީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައެވެ. ލޮނުމެދު ފިޔާ ފަދަ ތަކެތި ކައިގެން މިސްކިތަށް އައިސް އުޅުމަކީ އަޅުކަމުގައި ބައިވެރިވާ އެހެން ފަރާތްތަކަށް އުނދަގޫވާނެ ކަމެއްކަމުގައިވުމާ އެކު، އެ ފަދަ ތަކެތި ކައިގެން ތިބެ އޭގެ ވަސްދުވާ ޙާލުގައި ތިބެ، މިސްކިތަށް ނޭރުމަށާއި މީސްތަކުން އެއްވެ އުޅޭ ތަންތަން ހަޑިކުރުން މަނާކުރެއްވިއެވެ.

ހަށިތައް އިޝްތިހާރުކުރުމުގެ ވިޔަފާރީގައި ރީތިކަން ޝާމިލުވެގެންވަނީ ހަމައެކަނި ހަށިގަނޑަށް ކަމުގައި ވިޔަސް، އިސްލާމްދީނުގައި ރީތިކަމާއި ޠާހިރުކަމަކީ ހަމައެކަނި ހަށިގަނޑަށް އޮތްކަމެއް ނޫނެވެ. އިސްލާމްދީނުގައި ސާފުތާހިރުވުމަށް އަންގަވާފައިވަނީ، ޖިސްމާނީ ތާހިރުކަމާ އެކު ރޫޙާނީ ތާހިރުކަމަށް ވެސް ސަމާލުކަން ދޭންޖެހޭ ގޮތަށެވެ. ފުރިހަމަ އިންސާނެއް ކަމުގައިވުމަށް ޓަކައެވެ. ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދެވޭ ފަދައިން ރޫޙާނީ ދުޅަހެޔޮކަމަށް ވެސް ސަމާލުކަން ދެވިގެން މެނުވީ އެންމެ ރީތި ސޫރައެއް އިންސާނާއަށް ނުލިބޭނެއެވެ. ބޭރުފުށުގެ ހަށި ރީތިކުރުމަށް ކުރެވޭ މަސައްކަތާއި ހޭދަކުރާ ފައިސާއަކީ ވަގުތީ ދަޅައެއްކަމުގައި މެނުވީ ނުވެއެވެ.

އިންސާނުންގެ ރޫޙު ޠާހިރުކުރުމުގެ ގޮތުން އިސްލާމްދީން ދައްކާފައިވާ މަގަކީ، އަޅުކަމުގެ މަގެވެ. ނަމާދަކީ، ރޫޙުތާޒާކޮށްދޭ މަތިވެރި އަޅުކަމެކެވެ. ހުރިހާ ނުބައިކަމަކުން ދުހެލިކޮށްދޭ އަޅުކަމެކެވެ. ހަމައެހެންމެ، ރޯދައަކީ ތަޤުވާވެރިވުމަށް ޓަކައި އޮތް މުބާރާތެކެވެ. މާތްﷲ ގެ މަތީން ހަނދާންކުރުމާއި ޛިކުރުކޮށް އުޅުމަކީ، ހިތަށް ލިބޭ ހަމަޖެހުމެކެވެ. އެހެންކަމާ އެކު، ހަސަދައާއި ނަފުރަތާއި ރުޅިވެރިކަމާއި ނިފާޤުގެ ބަލިތަކުން ރޫޙު މިންޖުކޮށް، ލޯތްބާއި އޯގާތެރިކަމާއި ކުލުނުން ޖަރީވެގެންވާ ރޫޙެއް ދިރިއުޅޭ ހަށިގަނޑެއްގެވެރި އިންސާނަކަށް ވުރެ ރީތި، އަދި ޖިސްމާނީގޮތުންނާއި ނަފުސާނީގޮތުން ދުޅަހެޔޮ އެހެން އެއްވެސް އިންސާނަކު ނުވެއެވެ.

ރޫޙާނީގޮތުން ނަފުސު ތާހިރުކުރުމަށް ސަމާލުކަން ނުދީ، ހަށި ރީތިކުރުމަށް ސަމާލުކަން ދޭ އިންސާނާ ވިސްނައިލުން މުހިންމުވެގެން ވަނީ، ޤިޔާމަތް ދުވަހު، މުޅި ދުނިޔެއާއި އެ ތަނުގައި ވާހައި އެއްޗެއް ނެތިފަނާވެގެންދާ ހިނދު، އިންސާނާގެ ނަފުސާ މެދު ވާނެގޮތަކާ މެދުގައެވެ. ކީރިތި ޤުރުއާނުގެ ތަކްވީރު ސޫރަތުގެ 14ވަނަ އާޔަތާ މެދުގައެވެ. އެ އާޔަތުގެ މާނައިގައިވަނީ: ”ކޮންމެ ނަފުސަކަށްމެ، އެ ނަފުސެއް ޙާޟިރުކުޅަކަމެއް (އެ ހިނދު) އެނގޭނެތެވެ.“ މި އާޔަތުގައިވާ ’ޙާޟިރުކުޅަކަމެއް’ގެ ވާހަކައަކީ ފުން ވިސްނުމަކުން ވިސްނައިނުލައި ދޫކޮށްލެވޭވަރުގެ ވާހަކައެއް ނޫނެވެ. މި އާޔަތުގައި އެ ނަފުސެއް ’ކުރިކަމެއް‘ ނުވަތަ ’ހޯދައިގަތްކަމެއް‘ ނުވަތަ ’ޢަމަލެއް’ގެ ވާހަކަ ވަޙީކުރެއްވުމުގެ ބަދަލުގައި، ’ޙާޟިރުކުޅަކަމެއް‘ މިފަދައިން އަންގަވާފައި މިވަނީ، ދުނިޔޭގައި އިންސާނާ ކުރިހާ ކަމަކީ، ހަމައެކަނި މާޟީ ވެދާ ޒަމާންތަކުގެ ކޯރުތަކުގެ ތެރެއަށް ފޭދިގެން ފުހެވިގެންދާނޭ ޢަމަލުތަކެއް ނޫންކަން ބަޔާންކޮށްދެއްވުމަށެވެ. މަޙްޝަރުގެ ބިރުވެރި ބިމަށް ޙާޟިރުކުރެވޭ ހިނދު، ކޮންމެ އިންސާނަކާ އެކު އެ ނަފުސެއް ކުޅަ ކުދި ބޮޑެތިހާ ކަމެއް ވެސް ޙާޟިރުކުރެވޭނެ ވާހަކައެވެ. ދުނިޔޭގައި ވާހާ ފަރުބަދަތަކާއި އިރުހަނދާއި ތަރިތައް ފަނާވެދާނެ ޙާލަތު ބަޔާންކުރެއްވުމާ އެކުއެކީގައި، އިންސާނާގެ ނަފުސާއި އެ ނަފުސު ޙާޟިރުކުޅަކަމެއް ޤިޔާމަތް ދުވަހު ފާޅުކުރައްވާނެ ވަގުތާ މެދު ޣާފިލުވެގެން ނުވާނެކަން މި އާޔަތުން އެނގިގެންދެއެވެ.

މި ސޫރަތުގައި ބަޔާންކުރައްވާފައިވާ، އިރުގެ އަލިކަންފިލައިގެން ދާ ހިނދު، އަދި ތަރިތަކުން އަލިކަން ފިލައި ބުރަބުރައިގެން ދާ ހިނދު، އަދި ފަރުބަދަތައް ލުހި ފުނޑުފުނޑު ވާ ހިނދު މި ކާއިނާތައް އަންނަ ބިރުވެރި އިންޤިލާބަށް ފަހު ވާނީ ކިހިނެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ: ”ކޮންމެ ނަފުސަކަށްމެ، އެ ނަފުސެއް ޙާޟިރުކުޅަކަމެއް (އެ ހިނދު) އެނގޭނެތެވެ.“ މިއެވެ.

މި އާޔަތުގައި ކޮންމެ ނަފުސެއްގެ ވާހަކައިން ބުނެދެނީ، ވަރަށް ބިރުވެރި ޙަޤީޤަތެކެވެ. އަހަރެމެންގެ ޢާއިލާތަކާއި ޤައުމާއި ވަޠަނާ އޮންނަ ނިސްބަތް ނެތިގެންދާނެ ވާހަކައެވެ. ކޮންމެ ނަފުސަކަށްމެ އެ ނަފުސެއް ކުޅަ ކަމަކާ ނިސްބަތްވުން ނޫން އެހެން އެއްވެސް ނިސްބަތެއް ނޯންނާނެ ވާހަކައެވެ. އަހަރެމެންގެ މުދަލާއި ޖާހާއި މަގާމެއްގެ ވެސް ފައިދާއެއް ނުކުރާނެ ވާހަކައެވެ. ތިބާ ދެއްކި ވާހަކައާއި ތިބާގެ ބެލުންތަކާއި، ކުރިހާ ކަމެއް ބަދަލުވެގެންދާނީ އުފުލަންޖެހޭ މާއްދީ ބުރަދަނެއްގެ ގޮތުގައެވެ.  އިންސާނާގެ ޢަމަލުތައް ބަދަލުވެގެން ދާނީ ލޮލަށް ފެންނަ މާއްދީ އެއްޗެއްގެ ގޮތުގައެވެ.

ދުނިޔެވީ ޙަޔާތުގައި އަހަރެމެންގެ ހަށިތައް ރީތިކުރުމަށް ސަމާލުކަން ދެވުނު ފަދައިން، އަހަރެމެންގެ ނަފުސު ޠާހިރުކުރުމަށް ސަމާލުކަން ދެވުނު ނަމަ ކިހާ ރަގަނޅުވީސްތޯ ކުރެވޭ އުންމީދެއްކަމުގައި ނުވެދާނީ، އަހަރެމެންގެ މި ޙަޔާތުގެ ވަގުތު ނިމުމުގެ ކުރިން، މި ހަގީގަތާ މެދު ސަމާލުކަން ދެވިގެންނެވެ. ޖިސްމަކީ ފަނާވެގެންދާނެ އެއްޗެއްކަމުގައި ވާ އިރު، އެ ޖިސްމުގެ ރީތިކަން ދުނިޔެއަށް ދެއްކުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ރޫޙުން މީރުވަސް ދުވާނެ ފަދަ ޢަމަލުތަކެއް ކުރެވޭތޯ ބަލަންވީއެވެ. އޭރުން ކަފުނުގައި އަތަރު އުނގުޅުމުގެ ބޭނުމެއް ނޯންނާނެއެވެ.

ޝެއަރކުރެއްވުމަށް