ދުވާލެއްގެ ވަގުތު ހޭދަކުރެވުނު ގޮތާ މެދު ވިސްނައި ފިކުރުކޮށްލަން ކިހާ ވަގުތެއް ހޭދަކޮށްލެވުނު ހެއްޔެވެ؟ ވަގުތަކީ ވަރަށް ދުވެލި އަވަސް ސަވާރީއެކެވެ. ފާއިތުވެދާ ތަނެއް އަތުލެވޭނެ ވެސް އެއްޗެއް ނޫނެވެ. އެހެނަސް އަޅުގަނޑުމެން މިކަމާ ފިކުރުކުރުން މަދުކުރުމަށް އެތަކެއް ކަމެއް އުފަންވެއްޖެއެވެ. މީގެ ތެރެއިން އެކައްޗަކީ މި ޒަމާނުގެ އެންމެ ބޮޑު އެދުރުކަމުގައިވާ ސްމާޓް ފޯނެވެ. އަޅުގަނޑުމެން ފޯނަށް ގެއްލި ވަގުތު އަރައިގެން ދަނީ ފެން ހޫނުކުރުމުން އާތްވަށް އަރައިގެން ދާހާ ވެސް ހަލުވި މިނެއްގައެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ އުފެއްދުންތެރިކަން މަޑުޖެހި، ކަންނެތްކަމާ ދިމާއަށް ދަތުރުކުރާކަން އިހުސާސް ވަނީ ކިތައް މީހުންނަށް ހެއްޔެވެ؟
އިންސާނާއަކީ ހެއްލުންތެރިކަން ބޮޑު މަޚްލޫގެކެވެ. އަދި އެހެންމެ ދުނިޔެއަކީ ވާދަވެރިކަން ބޮޑުތަނެކެވެ. ކޮންމެ މީހަކު ވެސް ވިސްނަނީ ތިމާގެ ނަފުސު އަނެކާއަށް ވުރެ އަގުބޮޑު ވުމަށެވެ. މިހެންވުމުގެ ސަބަބުން އުފެދޭ ޖަޒުބާތުތަކެއްގައި ނިކަމެތި އިންސާނާ ޖެހި ތިމާ އެކަމަކަށް ޓަކައި ހިތާމަކުރާނެ ކަމަށް ނަބަވީ އިރުޝާދުން އެނގި ދަސްވެފައިވާ ހުސްވަގުތުގެ ބޭނުން ސްމާޓް ފޯނަށް ގުރުބާން ކޮށްލައެވެ. ވަގުތަކީ ސުވާލު ވެވޭނެ ކަމަށް އޮންނަ މަތިވެރި ޒިންމާއެކެވެ. މި ކަމުން ރެކެވޭނެ ހަމަ އެކަކު ވެސް މި ބިންމައްޗަކު ނެތެވެ. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެން މިވަނީ މިކަމާ ވިސްނުން ވަރަށް ދުރުވެފައެވެ. މިއީ ހިތާމަކުރަން ޖެހޭ ވަރުގެ ކަމެކެވެ. މި ކަމަކީ އަޅުގަނޑުމެން ނުވިސްނާ ތިބޭ ނަމަ ހަޔާތުގެ އަނދިރި ސަފުހާތަކެއް ގުނަން ޖެހިދާނެ ފަދަ ކަމެކެވެ.
ތިބާގެ އިހްތިޞާޞްގެ ތެރޭގައިވާ ކޮންމެ ކަމެއްގެ ވެސް ޝިކާޔަތަކީ ވަގުތެވެ. ފުރަތަމަ އަމިއްލަ ނަފުސަށް ދެވޭ ވަގުތާ މެދު ހިޔާލުކުރާށެވެ. ތިމާގެ ވަޒީފާއާއި ކުރަންޖެހޭ އެހެނިހެން މަސައްކަތް ބުރަވެއްޖެ ނަމަ އަމިއްލަ ނަފުސަށް ވަގުތު ނުދެވޭ ކަމުގެ އިހްސާސް ކުރެވެން ފަށާނެއެވެ. ހަގީގަތަކީ މަސައްކަތްކުރަމުން ދަނީ ވެސް އަމިއްލަ ނަފުސުގެ ބޭނުންތަކަށް ފަހިވާނެހެން ދިރިއުޅުން ބައްޓަންކުރުމަށް އާމްދަނީ އިތުރުކުރުމަށެވެ. އެހެން ނަމަވެސް އަމިއްލަ ނަފުސު އެދި ގޮވަނީ ކޮންމެވެސްވަރެއްގެ ހުސްވަގުތެއް ނަފުސަށް ވެސް ދިނުމަށެވެ. އެހެންކަމުން ވިސްނާލަން ޖެހޭކަމަކީ ސްމާޓް ފޯނަކީ ވެސް ބޭނުން ބޮޑު ނަމަވެސް އިސްތިއުމާލުކުރަން ދަސްކުރި ގޮތެއްގެ ސަބަބުން އެއަށް ހިތްޖެހިފައިވާ އެއްޗެއް ކަމެވެ.
ކޮންމެ އިންސާނަކަށް ވެސް ވަގުތު ލިބިގެން ވަނީ ހަމަ އެއްވަރަކަށެވެ. މި ކަމުގައި ދެ އިންސާނަކު ތަފާތެއް ނެތެވެ. ތަފާތަކީ އަޅުގަނޑުމެން ވަގުތު ބޭނުންކުރާ ގޮތެވެ. ސްމާޓް ފޯނަށް ތިޔަވާ ގުރުބާނީ ދިރިއުޅުމުގެ އެހެން ކަމަކަށް ވާ ނަމަ ތިބާ ތިޔައީ ހާދަހާ މޮޅު މީހަކަށްވާނެއެވެ. ސަބަބަކީ މޮޅަށް ކަންކަން ދަސްކުރުމުގައި ވެސް ހޭދަކުރާ ވަގުތަކީ އެންމެ މޮޅަށް އެކަން ފަހުމުވުމާއި ކުރިބޯއްޓަށް ވާސިލުވުމަށް ބޭނުންވާ އެންމެ މުހިންމު ހަތިޔާރެވެ. ނަމަވެސް މިހާރު އަޅުގަނޑުމެންގެ ތެރެއިން ފެންނަ އެންމެ ހިތާމަކުރަން ޖެހޭ ކަމަކީ ގިނަ މީހުން ވަގުތުތައް އަންދާ އަޅިޔަށް ދުއްވާލަނީ ފޯނެއްގައި ޖެހި އޭގެ އެކިއެކި ސަފުހާތައް ބެލުމުގައެވެ.
ދުނިޔެ ކުރިއަރައިގެން މިދާ ހަލުވި މިނުން އެތަކެއް އިންގިލާބެއް މިދަނީ އިންސާނުން ތަޖުރިބާކުރަމުންނެވެ. ސްމާޓް ފޯނަކީ ވެސް މިފަދަ އިންގިލާބެކެވެ. މިހާރު މި ޒަމާނުގައި އަސާސީ ބޭނުމަކަށް ވެފައިވާ މުހިންމު އެއްޗެކެވެ. ފޯނާ ނުލައި ދިރިއުޅުން ފަސޭހައެއް ނުވާނޭ ބުނުމަކުން މިހާރު ދޮގަކަށް ނުވާނެއެވެ. އިންސާނުން މުއާމަލާތުކުރަން ޖެހެއެވެ. ދޭދޭ ގުޅުންތައް ބަދަހިކުރަން ޖެހެއެވެ. ފޯނާއި ސިޓީއާ ބޭނުންކޮށްގެން މީގެ ކުރީގެ މާޒީތަކުގައި ވެސް އިންސާނުން ދޭދޭ ގުޅުންތައް ކުރިއަށް ގެންދިޔައެވެ. އެ ދުވަސް މާޒީވެ އޮބައިލައިފިއެވެ. މި ޖީލުގެ އަހުލުންނަށް އެކަން ކަމަކީ ބީރައްޓެހި ކަންކަމެވެ. ނަމަވެސް ޤަބޫލުކުރަން ޖެހޭ ހަގީގަތަކީ ވަގުތަކީ އެ މީހަކަށް މުހިންމުކަން ބޮޑު ކަމަކަށް ބޭނުންކުރާނެ އެއްޗެކެވެ. މިއީ ވަރަށް ފުން ނަޒަރަކުން ވިސްނަން ވެފައިވާ އަމިއްލަ ޒިންމާއެކެވެ.
ސްމާޓް ފޯނު އަހަރެމެންގެ ހުސްވަގުތުތައް ފަތަހަކުރީ މުހިންމު އެތަކެއް ޒިންމާއެއް އެއްކިބާ ކޮށްފައެވެ. ވިސްނާށެވެ. މިކަމުގެ ސަބަބުން އާއިލީ ގުޅުމާއި ލޯތްބާ ވަކިކޮށްފިއެވެ. މުހިންމު އެތަކެއް ބިނާތަކެއް ބިމާ ހަމަކޮށްފިއެވެ. ހޭލާށެވެ. ހުސްވަގުތުގެ ބޭނުން ފާއިތުވެ ނުދަނީސް ހެޔޮ ގޮތުގައި ހިފާށެވެ. ޤައުމު އޮތީ ސުމަކުން ފަށަން ޖެހިފައެވެ. އަހަރެމެން ކުރަމުން އައި ސާދާ، ސީދާ އެތަކެއް ކަމެއް ހަނދާނުން ފޮހެލައިފިއެވެ. ފޯނާއި މޫނު ދުރުކޮށްލާށެވެ. އިސްނަގާ އެހެނިހެން ކަންކަމާ މެދު ވިސްނަމާ ހިނގާށެވެ. ފާއިތުވެ ދިތަ ތަން އަތުލުމަށް މަސަކަތްކުރަމާ ހިނގާށެވެ. ވަގުތު ބަހާލާށެވެ. އިސްކަންދޭ ތަރުތީބުގައި ސާބިތުވާށެވެ. ކޮންމެ މިނެޓަކީ ވެސް މުހިންމު ކަމެއްދޭ ވަގުތަކަށް ހަދާށެވެ. އެހެނީ ސަތޭކަ ރުފިޔާ ވެސް ފެށެނީ އެކަކުން ގުނައިގެންނެވެ. އެއް ރުފިޔާގެ އަގު ކުޑަޔަސް އަދަދު ބޮޑުވުމުގައި އެއް ރުފިޔާގެ ވެސް ހިއްސާ ބޮޑެވެ. ނަމަވެސް އަހަރެމެންގެ ވިސްނުން ހުންނަ ގޮތުން ފާއިތުވެދާ ކުޑަ ވަގުތުކޮޅެއްގެ އަގަކީ މާބޮޑު ކަމަކަށް ނުހަދައެވެ. ހުސްވަގުތަކީ ހަމައެކަނި ސްމާޓް ފޯނަށް ޚަރަދުކުރަން އޮންނަ ފައިސާކަމަށް އޮންނަ ވިސްނުން ދޫކޮށްލަން އެބަޖެހެއެވެ. މިފަދައިން ވިސްނައިފި ނަމަ އަދިވެސް އަހަރެމެންނަކީ އެތަކެއް ކާމިޔާބީއެއް ހާސިލުކުރާނެ ބަޔަކަށް ވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.
