އުމުރު ދިގުކޮށްދީ، ހިތުގެ ޞިއްޙަތު ރަނގަޅުކޮށް، ހަކުރުބައްޔާއި ސްޓްރޯކާއި ނަފުސާނީ ބަލިތަކުގެ ފުރުޞަތު އަދި އުމުރުން ދުވަސްވުމުގެ ސަބަބުން ސިކުނޑިއަށް އަންނަ ބަދަލުތައް ވެސް ހުއްޓުވޭނެވަރުގެ ހައިރާންކުރުވަނިވި ބޭހެއްް ހޯދިއްޖެ ނަމަ، ދުނިޔޭގެ ހުރިހާ ޑަކުޓަރުން އެ ބޭހެއް އެއްވެސް ޖެހިލުންވުމަކާ ނުލައި ލިޔުއްވާނެ ނޫންތޯއެވެ؟
އެފަދަ ފުރިހަމަ ބޭހެއް އަަދި ހޯދިފައި ނެތް ކަމުގައި ވީ ނަމަވެސް، ގަވާއިދުން ކަސްރަތުކުރާ ނަމަ، މި ހުރިހައި ކަމެއް ހާސިލުކުރެވޭނެއެވެ. އުމުރު ދިގުކޮށްދީ، ހަށިގަނޑުގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކޮށް، އަމިއްލަ މިނިވަންކަމުގައި، އަމިއްލަ ދެފައިމަތީ ޢުމުރުން ދުވަސްވުމަށް ފަހު ވެސް ދިރިއުޅުމުގެ ކުޅަދާނަކަން ދަމަހައްޓައިދިނުމަށް ކަސްރަތު ހައި ފުރިހަމަ ހައްލެއް ނެތެެވެ.
މައްސަލައަކީ، އަޅުގަނޑުމެންގެ މުޖުތަމަޢު ތެރޭގައި، ކަސްރަތުގެ މި ގިނަަގުނަ ފައިދާތައް ލިބިގަތުމުގެ ޝައުޤުވެރިކަން ނެތުމެވެ.
ދުނިޔޭގެ ޞިއްޙަތާ ބެހޭ އެންމެ މަތީ ވުޒާރާ، ޑަބްލިޔުއެޗްއޯއިން 2024ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، މުޅި ދުނިޔޭގެ އާބާދީގެ ތެރެއިން، ޖުމްލަ 1.8 ބިލިޔަން މީހުން ނުވަތަ ކޮންމެ 3 މީހަކު ތެރެއިން އެކަކީ، ހަށިގަނޑަށް ބޭނުންވާ ކަަސްރަތުގެ އެންމެ ކުޑަ މިންވަރު ވެސް ހާސިލު ނުކުރާ ބައެކެވެ. އަދި 2010ވަނަަ އަހަަރުއްސުރެ މި ނިސްބަތް ދަަނީ މަޑުމަޑުން މައްޗަށް ޖެހެމުންނެވެ.
ކަސްރަތުކުރުމާއި ގުޅުންހުރި މީސްމީޑިއާއާއި، ފޯނުގައި ހުރި އެޕްލިކޭޝަނާއި، ޖިމްތަކާއި، ޞިއްޙީ ހޭލުންްތެރިކަން ކުރިއަށް ވުރެ އިތުރުވެފައި ހޯދަން ފަސޭހަވީ ނަމަވެސް، އަޅުގަނޑުމެން އެންމެންގެ ހަރަކާތްތެރިކަން މިދަނީ ދުވަހަކަށް ވުރެ ދުވަހެއް، އަހަރަކަށް ވުރެ އަހަަރެއް ދަށަށެވެ.
ހަށިގަނޑުން ދެމުންދާ މެސެޖު
އިންސާނާގެ މަސްތަކާއި ކަށިތަކުގެ ނިޒާމު އުފެދިފައިވަނީ ހަރަކާތްތެރިވުމަށެވެ. ހިމޭނުން ހުރުމަކަށް ނޫނެވެ. ކަށިތަކަށް ބާރު ފޯރުމުން ނުވަތަ ލޯޑްވުމުން އެ ކަށިތަކުގެ ވަރުގަދަކަން ދަމަހައްޓައެވެ. މަސްތަކުގެ ބޭނުން ހިފާ ވަރަކަށް އޭގެ ބާރުގަދަވެފައި، ބޭނުން ނުކޮށް ގިނަ ދުވަސްވުމުން މަސްތައް ހިކި އަނަރޫފަވެއެވެ. ކަށިތަކުގެ ދެމެދުގައި ހުންނަ މަޑުކަށި ނުވަތަ ’ކާޓިލޭޖް’އަށް ބޭނުންވާ މުހިންމު މާއްދާތައް ފޯރުކޮށްދިނުމަށް ޓަކައި ހުޅުތައް ހަރަކާތްކުރުން ކޮންމެހެން މުހިންމެވެ. ހަމައެހެންމެ، ހިތާއި ލޭހިނގުމުގެ ނިޒާމުގެ ހިނގުން ވެސް ބަރޯސާ ވަނީ ހަށިގަނޑުން ކުރާ މަސައްކަތުގެ މައްޗަށެވެ. ގަވާއިދުން ކަސްރަތުކުރުމުގެ ފައިދާކުރަނީ ހަމައެކަނި ހަށިގަނޑަކަށް ނޫނެވެ. އޭގެ ސަބަބުން ހަނދާން ގަދަވުމާއި، ނަފުސާނީ ދުޅަހެޔޮކަން އިތުރުވުމާއި، ފުރިހަމަ ނިދި ލިބުމުގެ އިތުރުން، އުމުރުން ދުވަސްވުމުގެ ސަބަބުން ސިކުނޑިއަށް އަންނަ ބަދަލުތަކުން ރައްކާތެރިކޮށްދެއެވެ.
އަޅުގަނޑުމެން ހަރަކާތްތެރިވުން ހުއްޓާލުމާ އެކު، ހަށިގަނޑުގެ މި ދެންނެވި ހުރިހާ ނިޒާމުތަކެއް ބަލިކަށިވާން ފަށައެވެ. މަސްތައް ހިކި އަނަރޫފަވެ، ހުޅުތައް ހަރުވެ، ހަށިގަނޑުގެ ބެލެންސް ގެެއްލި ވެއްޓުމުގެ ފުރުޞަތު ބޮޑުވެ، މުޅި ހަށިގަނޑު ހަރަކާތްތެރިވުމުގެ ގާބިލިއްޔަތު ދަށަށް ދެއެވެ. މި ކަންކަން ހިނގަނީ ވަރަށް މަޑުމަޑުން، ނޭނގި ހުއްޓައެވެ. ނަތީޖާއެއްގެ ގޮތުން ސިޑިއަކުން އެރުން ފަދަ އާދައިގެ ކަމެއް ވެސް ބޮޑު ތަކުލީފަކަށް ވެއެވެ. މިއީ ހަމައެކަނި އުމުރުން ދުވަސްވުމުން ވާ ގޮތެއް ނޫނެވެ. ގިނަ ދުވަސްތަކަަކަށް ހަށިގަނޑުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފުމުގެ ނަތީޖާއެވެ. ނަމަވެސް އުފާވެރި ޚަބަރަކީ، ހީކުރެވޭ ވަރަށްވުރެ މާ ފަސޭހައިން މި ކަންކަން އިސްލާހުކޮށް، އަލުން ހަށިގަނޑު ދުޅަހެޔޮކުރެވޭނެ ކަމެވެ.
ކަސްރަތު ކުރަންވީ ކިހާ މިންވަރަކަށް؟
މިކަމުގައި އޮތް އިރުޝާދަކީ ވަރަށް ސާދާ އިރުޝާދެކެވެ. ބޮޑެތި މީހުން ހަފުތާއަކު މަދުވެގެން 150 މިނެޓާއި 300 މިނެޓާ ދެމެދުގެ މިންވަރަކަށް މެދުމިންވަރެެއްގެ ކަސްރަތުކުރަން ވާނެއެވެ. މީގެ ތެރޭގައި ހަރަކާތް އަވަސްކޮށް ހިނގުން، ބައިސްކަލް ދުއްވުން ނުވަތަ ފަތަން ދިއުން ހިމެނެއެވެ. ނުވަތަ ހަފުތާއަކު 75 މިނެޓާއި 150 މިނެޓާ ދެމެދު ބުރަ ކަސްރަތު ކުރެވިދާނެއެވެ. މީގެ އިތުރުން، ހަފުތާއަކު ދެ ދުވަހު މަސްތައް ވަރުގަދަކުރުމުގެ ކަސްރަތުތައް (ފައި އަދި ފަލަމަސްގަނޑު، ބުރަކަށި، ކޮނޑާއި މޭމަަތި ފަދަ މައިގަނޑު މަސްތަކަށް އަމާޒުކޮށްގެން) ކުރުމަކީ ދިގު މުއްދަތުގައި ހަށިގަނޑުގެ ބާރާއި ގާބިލިއްޔަތު ދެމެހެއްޓުމަށް ނުހަނު ބޭނުންތެރި ކަމެކެވެ.
މި ހުރިހާ ކަމެއް އެއްފަހަރާ ކުރުމަކީ އުނދަގޫ ކަމަކަށް ވާ ނަމަ، ކުޑަ މިންވަރަކުން ފަށާށެވެ. ސައިންސުން ސާބިތުވާ ގޮތުގައި، އެއްގޮތަކަށް ވެސް ހަރަކާތްތެރި ނުވެ ހުރުމަށް ވުރެ ކުޑަ މިންވަރަކަށް ނަމަވެސް ހަރަކާތްތެރިވުން ރަނގަޅެވެ. ޞިއްޙީ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ލިބެނީ އެއްގޮތަކަށް ވެސް ކަސްރަތު ނުކުރާ މީހުން، ކުޑަކޮށް ނަމަވެސް ހަރަކާތްތެރިވާން ފެށުމުންނެވެ.
ރޭގަނޑުގެ ކެއުމަށްފަހު ފަނަރަ މިނެޓު ހިނގާލުމަކީ އެއްވެސް ފައިދާއެއް ނެތް ކަމެއްގެ ގޮތުގައި ދެކެނުލައްވާށެވެ. އެއީ ދުޅަހެޔޮ މުސްތަގުބަލަކަށް ޓަކައި އެޅިދާނެ ބިންގަލެކެވެ. އައު ފެށުމެކެވެ.
މަޑުމަޑުން ހަށިގަނޑު ބަލިކަށިވުން: ނޭނގި ހުއްޓާ އައިސް ހިފާ ނުރައްކަލެއް
ހަށިގަނޑު ބަލިކަށިވުމާ ބެހޭގޮތުން އެނގެން އެންމެ މުހިންމު އެއް ކަމަކީ، އެއީ ކުއްލިއަކަށް ދިމާވާ ކަމެއް ނޫންކަމެވެ. އެއީ މަސްތަކާއި އަހަރުތަކަކު މަޑުމަޑުން ހީނަރުވަމުން ގޮސް ފޯރާ ހިސާބެކެވެ. ހަށިގަނޑުގެ ބެލެންސް މުޅިން ގެއްލުމުގެ ކުރިން، ކުދިކުދި ގޮތްގޮތުން އެކަން ފާހަގަވާން ފަށާނެއެވެ. ބަލިވެ އެނދުމަތިވާން މަގުފަހިވާ ބަލިތައް އުފެދި އަށަގަންނަނީ، ހޮސްޕިޓަލަށް ދާންޖެހުމުގެ ނުވަތަ ބައްޔެއް ދެނެގަނެވުމުގެ މާ ކުރިންނެވެ.
”ލައިފް ސްޓަޑީ“ގެ ނަމުގައި ކުރިއަށްގެންދިޔަ މުހިންމު ކްލިނިކަލް ދިރާސާއަކުން ދެއްކިގޮތުގައި ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމަކީ މުސްތަގުބަލުގައި ތިމާގެ އަމިއްލަ ނަފުސު ރައްކާތެރިކުރުމަށް ޓަކައި ކުރެވޭނެ އެންމެ ވަރުގަދަ އެއް މަސައްކަތެވެ.
ގަވާއިދުން ކަސްރަތުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ނަމަވެސް، ގިނަ ވަގުތު އިށީންދެގެން ތިބުމުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ހަމައެކަނި ކަސްރަތަކުން ފިލުވައެއް ނުލެވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ގަވާއިދުން ކަސްރަތުކުރާ މީހުން ވެސް، ދުވާލުގެ ބޮޑުބައި އިށީންދެގެން ނުވަތަ ހަރަކާތްތެރިކަން ކުޑަކޮށް ހޭދަކުރާ ނަމަ، ހިތުގެ ބަލިތަކާއި، ހަކުރުބަލީގެ ދެވަނަ ބާވަތާއި، ބައެއް ކަހަލަ ކެންސަރުތަަކުގެ އިތުރުން ލައިފް އެކްސްޕެކްޓަންސީ ފުރިހަމަަވުމުގެ ކުރިން މަރުވުމުގެ ނުރައްކާ ބޮޑުވެއެވެ. އެހެންކަމުން، ގިނަ ވަގުތު އިށީންދެ ނުތިބުމަކީ އެދެވިގެންވާ ކަމެކެވެ. މިސާލަކަށް، ކޮންމެ ގަޑިއަކު އެއްފަހަރު ކުޑަކޮށް ހިނގާލުން، ފޯނުން ވާހަކަދައްކާ އިރު ކޮޅަށް ހުރުން، ނުވަތަ ލިފްޓުގެ ބަދަލުގައި ސިޑި ބޭނުންކުރުމަކީ ދިރިއުޅުމުގެ އާދަތަކަށް ބޮޑު ބަދަލެއް ނުގެނެސް، ޞިއްޙަތަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަންކަމެވެ.
ފަރުވާއަކީ ހަރަކާތްތެރިކަން!
ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ޓަކައި ޖިމަކަށް ސަބްސްކްރައިބްކުރުން ނުވަތަ ޚާއްޞަ ޓްރެއިނަރެއްގެ އެހީތެރިކަން ހޯދުމަކީ މަޖުބޫރުކަމެއް ނޫނެވެ. އަދި ހުރިހާ ކަމެއް ފުރިހަމައަށް ކުރުމަށް ވުރެ މުހިންމީ، ހުއްޓާނުލައި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމެވެ. ފުރުޞަތު ލިބުނު ވަރަކުން ހިނގާށެވެ. ހަފުތާއަކު މަދުވެގެން ދެ ދުވަހު ބަރު އުފުލުން ނުވަތަ ހަށިގަނޑުގެ ބަރުދަނުގެ ބޭނުންކޮށްގެން ކުރާ ކަސްރަތުކުރާށެވެ. ހަށިގަނޑުގެ ބެލެންސް ހިފެހެއްޓުމަށް ތަމްރީނުވެ، ބޭރުތެރޭގެ ތާޒާ ވައިގެ ތެރޭގައި ވަގުތު ހޭދަކުރާށެވެ. ހަތަރެސްފައި ތަފާތު ގޮތްގޮތަށް ހަރަކާތްތެރިކުރުވާށެވެ. ޞިއްޙީ ބޮޑެތި ބަލިތަަކެއް ޖެހި ދާާއިމީ ބޭސްތަަކެއް ބޭނުންޖެހުމުގެ ކުރިން، ދުރާލައި މިފަދަ އާދަތައް ފަށަމާތޯއެވެ. ޞިއްޙަތަށް ޓަކައި އިންވެސްޓްކުރަން އެންމެ ރަނގަޅު ވަގުތަކީ ހަތަރެސްފައިގައި ވަރު ހުއްޓައެވެ.
ގަވާއިދުން ހަރަކާތްތެރިވުމަކީ އުމުރު ކުރުވާ އެތަކެއް ބައްޔަކުން ދުރުކޮށްދޭ ކަމެކެވެ. ކުޅިވަރުގެ ބޭސްވެރިކަމުގައި، ބަލިމީހަކު އަލުން ހަރަކާތްތެރިވާ ހާލަތަށް ގެނައުމަކީ ފަރުވާގެ އެންމެ ބޮޑު އަމާޒެވެ. ނަމަވެސް އެއަށްވުރެ މާ މުހިންމު ކަމަކީ، އެ ހަރަކާތްތެރިކަމާއި ޤާބިލުކަން ގެއްލުނަ ނުދީ ދެމެހެއްޓުމެވެ.
ގިނައިން ހަރަކާތްތެރިވާށެވެ. އަމާޒަކާއި ޢަަޒުމަކާ އެކު ހަރަކާތްތެރިވާށެވެ. ތިބާގެ ހަށިގަނޑަކީ ހަރަކާތްތެރިވުމަށް ޓަކައި ވަަރަށް ފުރިހަމަކޮށް މާތް الله ފަރުމާކުރައްވާފައިވާ މުޢުޖިޒާތެއްކަން ދަނެގެން ހަރަކާތްތެރިވާށެވެ.
