މަގުމަތީގެ އެކްސިޑެންޓްތަކުން ސަލާމަތްވުމަށް ޓަކައި، ކޮންމެ މީހަކު ވެސް އެމީހެއްގެ ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރުމަކީ މުޅި މުޖުތަމަޢުގެ ސަލާމަތަށް އޮތް އެންމެ ބޮޑު ރައްކާތެރިކަމެވެ. ގަވާއިދުތަކެއް ހުރި ނަމަވެސް، އެ ގަވާއިދުތަކަށް ބޯލަނބައި ރައްކާތެރިވުމަކީ ހަމަ ކޮންމެ ފަރުދެއްގެ އަތްމަތީގައި އޮތް ކަމެކެވެ.
އެކްސިޑެންޓްތަކުން ސަލާމަތްވުމަށް ފަރުދީ ޒިންމާ މުހިންމުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ފުރަތަމަ ކަމަކަށް އަމިއްލަ ނަފުސާއި އަނެކުންގެ ސަލާމަތަށް ވިސްނަންޖެހެއެވެ. މަގުމަތީގައި އުޅޭއިރު ތިމާ ކުރާ ކުޑަކުޑަ އިހުމާލަކުން، ތިމާގެ ފުރާނައިގެ އިތުރުން މަގުމަތީގައި އުޅޭ އެހެން މީހުންނަށް (ހިނގާ މީހުންނާއި އެހެން އުޅަނދުތަކަށް) ނުރައްކާވެދާނެއެވެ. ”އަހަރެންގެ ސަލާމަތް އޮތީ އަހަރެންގެ ޢަމަލުތަކުގައި“ ކަމަށް ޤަބޫލުކުރުމަކީ ފަރުދީ ޒިންމާގެ ފެށުމެވެ. ދެވަނަ ކަމަކަށް ގަވާއިދަށް ބޯލެނބުމުގެ މުހިންމުކަމެވެ.
ޓްރެފިކް ގަވާއިދުތަކަކީ ހަމައެކަނި ޖޫރިމަނާއިން ސަލާމަތްވާން އޮންނަ އެއްޗެއް ނޫނެވެ. ބާރުމިނުގައި ދުއްވާ އުޅަނދު ކޮންޓްރޯލްކުރަން އުނދަގޫވެއެވެ. ކަނޑައެޅިފައިވާ ދުވެލީގައި ދުއްވުމުން ކުއްލި ހާލަތްތަކުގައި އުޅަނދު ކޮންޓްރޯލްކުރަން ފަސޭހަވެއެވެ. އެންމެފަސޭހައިން އަޅުގަނޑުމެންނަށް ހަނދާން ނެތެނީ ސިގްނަލްދިނުމަށެވެ. އަނބުރާލާ އިރު ނުވަތަ މަޑުކުރާ އިރު ސިގްނަލް ބޭނުންކުރުމަކީ ފަހަތުން އަންނަ މީހާއަށް ތިމާގެ ނިޔަތް އެނގި، އެކްސިޑެންޓަކުން ސަލާމަތްވުމަށް ދެވޭ ފުރުސަތެކެވެ. ދުއްވާ އިރު ފޯނު ބޭނުންކުރުމަކީ މިހާރު އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. ފަރުދީ ޒިންމާއެއްގެ ގޮތުން ފޯނު ބޭނުންކުރުން ކޮންމެހެން ވެސް ހުއްޓާލަން ޖެހެއެވެ.
އެއްގަމުއުޅަނދު ދުއްވުމުގެ އާންމު ގަވާއިދުގައި ބުނެފައިވަނީ އެއްގަމުއުޅަނދެއް ދުއްވާއިރު ދުއްވަން އިންނަ މީހާ، މޯބައިލް ފޯނާއި އަތުން ހިފައިގެން ބޭނުންކުރާ އެއްވެސް މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ނުވަތަ ހިފައިގެން ދުއްވުމަކީ މަނާކަމެއް ކަމަށާއި، ހެޑްސެޓް ބޭނުންކުރުމާއި އެހެން މީހެއްގެ އެހީތެރިކަމާ އެކު މޯބައިލް ފޯނުން ވާހަކަ ދައްކަމުން ދުއްވުމަކީ މަނާކަމެއް ކަމަށެވެ. އެހެންމީހެއްގެ އެހީތެރިކަމާ އެކު މޯބައިލް ފޯނުން ވާހަކަ ދައްކާ ތަން އަޅުގަނޑުމެންނަށް މަދުން ނަމަވެސް އެބަ ފެނެއެވެ. މިސާލަކަށް ދުއްވަން އިން މީހާއަށް ފޯނެއް އައިސްގެން ފޯނު ހިފަހައްޓަން ދޭނީ ފަހަތުގައި އިންނަ މީހާގެ އަތަށެވެ. އޭނާ އެ ފޯނު ދުއްވަން އިން މީހާގެ ކަންފަތުގައި ޖައްސައިދިނީމާ ދުއްވަން އިން މީހާ ދުއްވަމުން ދާނީ ފޯނުން ވާހަކަދައްކަމުންނެވެ. މިއީ ވެސް އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވާއިދުގައި މަނާކަމެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތުމުން މިއީ އެއްގަމުއުޅަނދު ދުއްވާ އިރު ސަމާލުކަންދޭން ޖެހޭ ވަރަށް މުހިންމު ނުކުތާއެކެވެ.
އެއްގަމުއުޅަނދު ދުއްވުމުގެ އާންމު ގަވާއިދުގައި ބުނެފައިވާ ގޮތުން، ހިނގާމީހުން މަގުހުރަސް ބޭނުންކުރާ އިރު، ދުއްވަމުންދާ އުޅަނދެއް މަގު ހުރަސްކުރާ މީހުންނަށް ތަން ނުދީ މަގުހުރަސް މަތިން ދިއުމާއި، މަގުހުރަސް ކަނޑައަޅާފައި ނުވާ މަގުތަކުގައި މަގު ހުރަސްކުރާ މީހުންނަށް ތަން ދޭންވާނެއެވެ. ހިނގާ މީހުން މަގު ހުރަސްކުރުމުގައި ވީހާވެސް ސީދަލަށް މަގު ހުރަސްކުރުމަށް ބަލަންވާނެއެވެ.
ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމުއުޅަނދު ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް އެއްގަމުއުޅަނދު ދުއްވުމަކީ މަނާކަމެވެ. މިގޮތުން، މަގުތަކުގައި ކަތިކައްޗަށް (ޒިގްޒެގްކޮށް) މަގު ހުރަސް ވާގޮތަށް ބާރު ސްޕީޑްގައި އެއްގަމުއުޅަނދު ދުއްވުމާއި، ސައިލެންސަރުން އަޑުގަދަކޮށްގެން އާންމުންގެ ހިތްތަކުގައި ބިރުވެރިިކަން އުފެދޭ ގޮތަށް އުޅަނދަށް ބަދަލު ގެނެސްގެން (މޮޑިފައިކޮށްގެން) އެއްގަމު އުޅަނދު ދުއްވުމާއި، ހަރު ގާނަމުން އެެއްގަމު އުޅަނދު ދުއްވުމާއި ގޯޅިއަކަށް ނުވަތަ މަގަކަށް ނުކުންނަ އިރު ނުވަތަ މަގުތަކުގައި ދުއްވާ އިރު ދުވެލިމަތަ (ބަންޕަރު)އަށް މަޑުނުކޮށް ބާރު ސްޕީޑްގައި އުޅަނދު ދުއްވުމާއި، ޓްރާންސްޕޯޓް މިނިސްޓްރީއާއި އެ މިނިސްޓްރީން ކަނޑައަޅާ އިދާރާތަކުން ހުއްދަ ނުނަގައި، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ރޭސްޖަހަން ދުއްވުމާއި ހުނަރު ދެއްކުމުގެ ގޮތުން އެއްގަމު އުޅަނދު ދުއްވުމާއި، މަގުތަކުގައި ދުއްވާ އެހެން ވެހިކަލްތަކަށް ޖަގާނުދީ، ރައްކާތެރިކަމާ އެކު ކުރިއަރައިގެންދާނެ ޖާގަ ނެތި ނުރައްކާތެރިކޮށް އޯވަރޓޭކް ކުރަމުން އުޅަނދު ދުއްވުމާއި، މަސްތުގެ ޙާލަތުގައި ހުރެގެން ނުވަތަ މަސްތުވާ އެއްޗެއް ބޭނުންކޮށްގެން އެއްގަމުއުޅަނދު ދުއްވުމަކީ މަނާކަމެވެ.
ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމުއުޅަނދު ދުއްވަނިކޮށް، ފުލުހުން އެ އުޅަނދެއް ހުއްޓަން ބުނުމުން އުޅަނދު ނުހުއްޓައި ދިއުމަކީ މަނާ ކަމެކެވެ. މިފަދަ އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ އިޚްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.
އާންމުގޮތެއްގައި އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ފަރުވާކުޑަކުރުމާއި، ސަމާލުކަން ކުޑަވުމާއި، ބާރު ސްޕީޑުގައި ދުއްވުން ހިމެނެއެވެ. ވަކިން ޚާއްޞަކޮށް ދުއްވުމުގެ ގަވާއިދުތަކާ ޚިލާފަށް ދުއްވުމާއި، މަގުގެ ނިޝާންތަކަށް ނުބެލުމާއި، މަޑުކުރަން ޖެހޭ ތަންތަނުގައި މަޑުނުކުރުމާއި، ޓްރެފިކް ލައިޓަށް ނުބެލުމާއި އޯވަޓޭކްކުރަން ކަނޑައަޅާފައިވާ ގޮތަށް ނޫން ގޮތްގޮތަށް އޯވަޓޭކްކުރުން ފަދަ ކަންތައްތައް ކުރުމަކީ އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ ސަބަބުތަކެވެ.
މި ސަބަބުތަކުގެ ތެރެއިން ވެސް އެންމެ ނުރައްކާތެރިކޮށް ފެންނަނީ، ބާރު ސްޕީޑްގައި އުޅަނދުތައް ދުއްވުމާއި، ޓްރެފިކް ގަވާއިދާ ޚިލާފުވެ މަގުމަތީގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ނުހިތުމެވެ. މަގުމަތީގެ އެކްސިޑެންޓްތައް މަދުކޮށް ފުރާނައަށް ލިބޭ ގެއްލުން ކުޑަކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފިޔަވަޅުތައް އަޅަމުންގެންދިޔަ ނަމަވެސް މިއީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. ފަރުދުންގެ އަމިއްލަ ޒިންމާ ވެސް އަދާކުރަން ޖެހެއެވެ. މަގުމަތީގެ ގަވާއިދުތަކަށާއި އަދަބުތަކަށް ނުބަލައި ގަވާއިދާ ޚިލާފަށް ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރެވޭނީ އަމިއްލައަށް ޒިންމާ ނަގައިގެން ދުވެލި މަތަކޮށްގެންނެވެ. އަމިއްލަ ސަލާމަތަށާއި އެހެންމީހުންގެ ސަލާމަތަށް ވެސް ވިސްނައިގެންނެވެ.
