ކޮންމެ ކަމަކީ ވެސް އެކަމެއް ހާސިލުކުރުމަށް އަޅުގަނޑުމެން ގަދައަޅައި މަސައްކަތްކޮށްފި ނަމަ ކާމިޔާބުވާނެ ކަމެކޭ މީހުން ބުނާތީ އަޑުއިވެއެވެ. ރަނގަޅެވެ. ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެ ކަން ހާސިލުނުވުން ވެސް އެއީ ވެދާނެ ކަމެކެވެ. އެހާހިސާބުން ވިސްނަންވީ، އެކަމަށް ވުރެ އެހެންކަމެއް އަދި އެއަށް ވުރެ ރަނގަޅުގޮތެއް އަޅުގަނޑުމެންނަށް އޮތީކަމުގައެވެ. މިއީ އަޅުގަނޑު ކަންކަމުގައި ވިސްނާގޮތެވެ. މިހެން ވިސްނުމުން ވަރަށް ގިނަ ކަންކަމުން މީހާ ސަލާމަތްވެއެވެ. ހަމަ މިއާއެކު މިއީ ކަމެއް ހާސިލުކުރުމަށް މަސައްކަތް ނުކުރަންވީ ސަބަބަކަށް ނުހަދަންވީއެވެ.
ކަމެއް ހާސިލުކުރުމަށް މަސައްކަތްކުރަމުން ދާއިރު ކޮންމެ މީހެއްގެ ކިބައިގައި ވެސް ހުންނަންޖެހޭ ވަރަށް ގިނަ ސިފަތަކެއް ވެއެވެ. ބައެއް ސިފަތަކަކީ ބައެއް މީހުންނަށް ލިބިފައި ހުންނަ ”އުފަން ސިފަ“ތަކެއް ކަމުގައި ވެދާނެއެވެ. އެހެންނަމަވެސް އެއިން ކޮންމެ ސިފައަކީ އިންސާނާގެ ކިބައިގައި ހަރުލެއްވިދާނެ ސިފަތަކެއް ވެސް މެއެވެ.
ކޮންމެ ދިމާއެއްގައި މަސައްކަތްކުރި ކަމުގައި ވީނަމަވެސް އެ މީހެއްގެ ގައިގައި ތަޤުވާވެރިކަން ހުރެއްޖެ ނަމަ، އެ މީހަކަށް ކުރިއަށް ދިއުމުގައި ފަސޭހަވާނެއެވެ. އިސްލާމީ ކަންކަމަށް ލޯބިކޮށް، ނަމާދު ޤާއިމުކޮށް ކީރިތި ޤުރުއާނުގައި ބަޔާންކުރެވިފައިވާ ކަންކަމަށް ތަބާވެ، ފާހިޝް އަމަލުތަކުން ދުރުވެ ހުރުމާ އެކު، އިސްލާމީ އުންމަތުގެ ތެރޭގައި އޮންނަ ރިވެތި ގޮތުގައި ގުޅުންތައް ބޭއްވެމުން ދާނަމަ، އެ މީހަކު ކުރިޔަށް ދިޔުމުގެ މަގު ވަރަށް ސާފުކޮށް ފެންނަން އޮންނާނެއެވެ.
މިއާއެކީގައި ކޮންމެ ކަމެއް ހާސިލުކުރުމަށް މަސައްކަތްކުރާ އިރު ތިމާ އަމިއްލަ ނަފުސަށް ތެދުވެރި ވާ ފަދައިން ހުރިހާ ކަމެއްގައި ތެދުވެރިކަން އިސްކުރެވެން ވާނެއެވެ. އަދި ތެދުވެރިކަމާ އެކު މަސައްކަތްކުރާ މީހަކަށް ގެއްލުމެއް ދިނުމަށް ވެސް އުނގަދޫވާނެއެވެ. އަދި މީހުންގެ ކުރިމަތީގައި އެ މީހާގެ އަގު އުފުލި އެ މީހާއަކީ ޤަދަރުހުރި މީހަކަށް ވުމަށް މަގުފަހިވެގެން ދާނެއެވެ. ކަންކަން މަކަރާއި ހީލަތުން ހާސިލުކުރަން މަސައްކަތްކުރެވޭ ނަމަ، އެ ކަންކަން ހާސިލުވުމަށް ވުރެ، ދިމާވާ ދަތިތައް މާ ގިނަވާނެއެވެ.
ތެދުވެރިކަމާ އެކު މަސައްކަތްކުރުމުގައި ވަރަށް ބޮޑަށް އިޙްލާސްތެރިކަން އިސްކުރަންވާނެއެވެ. ފަހަރުގައި މި ސިފައިގެ ސަބަބުން ގިނަ މަސައްކަތް އެ މީހަކާ ހަވާލުވެގެން ހިނގައިދާނެއެވެ. އެއީ އެ މީހާ މަސައްކަތަށް ބަހައްޓާ ޝައުޤުވެރިކަން ފެނިފައެވެ. ނުވަތަ އެއަށް ވުރެ ފަރުވާތެރިކަމާ އެކު އެ މަސައްކަތް ނިންމާނެ މީހަކު ނެތީކަމަށް ވުން ވެސް އެކަށީގެންވެއެވެ. ބައެއް ފަހަރަށް މިކަން ބައެއް ފަރާތްތަކަށް އުނގަދޫ ވަނީ މި ދެންނެވި ސަބަބާ ހެދި ކަމަށްވުން އެކަށީގެންވެއެވެ. އެހެން ނަމަވެސް އެކަމާ ފައްސިކޮށް ވިސްނުން މުހިންމެވެ. ގިނަ މަސައްކަތް ހަވާލުކުރަނީ ކަމަށް އިހުސާސްކުރެވި ބައެއް ފަހަރު ކަންކަން އަތުން ދޫވާގޮތް ވެދާނެއެވެ. އެކަށީގެންވާ މަސައްކަތްތަކެއް އިޚްލާސްތެރިކަމާއި ވަފާތެރިކަމާ އެކު ކުރުމަށް، ތެދުވެރިކަމާ އެކު ކަންކަން ހިއްސާކުރުން ވެސް އެއީ ވަރަށް މުހިންމު ކަމެކެވެ. މަސައްކަތް މާބުރަވެ ރަނގަޅަށް އެއް މަސައްކަތެއް ނުކުރެވޭ ހިސާބަށް ދިއުމުގެ ކުރިން އެ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމަކީ ވެސް އަމިއްލަ ޒިންމާއެއް ކަމުގައި ދެކެން ވާނެއެވެ.
ކަންކަން ހާސިލުކުރުމުގައި އެންމެ މުހިންމު އަނެއް ކަމަކީ އިންސާފުވެރިކަމާ އެކު އެކުގައި މަސައްކަތްކުރާ މީހުންނާ އެކު މަސައްކަތްކުރުމެވެ. އަދި ދަށުން މަސައްކަތްކުރާ ފަރާތްތަކުގެ ޙައްޤުގައި މަސައްކަތްކޮށްދީ އިންސާފު ހޯދައިދިނުމަށް މަސައްކަތްކުރުމެވެ. އަދި އެކުގައި މަސައްކަތްކުރާ މީހުންނަށް ރަނގަޅު މަގުދައްކައިދީ އެބައިމީހުންގެ ކުރިއެރުމަށް މަސައްކަތްކޮށްދިނުމެވެ.
ކާމިޔާބު މީހަކަށް ވުމަށް ކޮންމެ މީހަކު ވެސް މަސައްކަތްކުރަމުން ދާއިރު ކަންކަމާ ކުރިމަތިވާނެކަން ދަންނަން ވާނެއެވެ. އަދި ކަންކަމާ ކުރިމަތިވާ ހިނދު އެކަން ހައްލުކުރުމަށް އެންމެ ރަނގަޅު ނިންމުންތައް ނިންމާ، ނުވަތަ އެ ނިންމުންތައް ނިންމުމަށް އެހީތެރިވެދޭ ފަރާތަކަށް ވުން ވަރަށް މުހިންމެވެ. އަދި މިފަދަ ކޮންމެ ކަމެއްގައި ދިމާވާ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލާ އިރު ނިންމޭ ކޮންމެ ނިންމުމަކީ ފަހަރުގައި އެންމެ ރަނގަޅު ނިންމުން ކަމުގައި ނުވެދާނެއެވެ. އެހެން ވެއްޖެ ހާލަތެއްގައި އެ ކަންކަމުގެ ފުރިހަމަ ޒިންމާ ނަގަން ކެރޭ މީހަކަށް ވާން ވާނެއެވެ.
ޤައުމަށް ޚިދުމަތްކުރުމުގައި ދެމި ތިބުމަށް ކޮންމެ މީހަކު ވެސް މަސައްކަތްކުރަމުން ދާއިރު މި ދެންނެވި ކޮންމެ ކަމަކީ އެ މީހާގެ ކިބައިގައި ހަރުލައްވަން މުހިންމު ސިފަތަކެވެ. ކޮންމެ މީހަކަށް އެ މީހަކު ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލު ނުވުމުން ވިސްނާލަންވީ، މި ސިފަތަކުން ތިބާގެ ކިބައިގައި މަދުވަނީ ކޮން ކަމެއްތޯއެވެ. އަޅުގަނޑުގެ ކިބައިގައި ތަޤުވާވެރިކަން އެބަ ހުރި ހެއްޔެވެ؟ އަޅުގަނޑަކީ ތެދުވެރި އިޚްލާސްތެރި މީހެއް ހެއްޔެވެ؟ ވަފާތެރިކަމާ އެކު މަސައްކަތްކުރާ އިންސާފަށް ލޯބިކުރާ މީހެއް ހެއްޔެވެ؟ ކަންކަމާ ކުރިމަތިލާން ކެރޭ ހިތްވަރުގަދަ މީހެއް ހެއްޔެވެ؟ ކަންކަމުގެ މަސްއޫލިއްޔަތު ބޮލުގައި އެޅިފައި އޮންނަ އިރު ނެގޭ ކޮންމެ ނިންމުމަކާ އެކު އަންނަ ކަންކަމުގެ ޒިންމާ އެންމެ ފުރިހަމައަށް ނެގޭ މީހެއް ހެއްޔެވެ؟
މި ސުވާލުތަކުގެ ޖަވާބު ރަނގަޅަށް ލިބުމުން، ތިބާގެ ކިބައިގައި ދެން ކުރިއަށް ދިޔުމުގައި އަށަގަންނުވަންވީ ސިފަތައް ދެނެގަނެވުނީއެވެ. އަދި ކުރިއަށް ދިޔުމުގައި މީގެ އިތުރުން ވެސް ހަރުލެއްވިދާނެ ސިފަތަކަކީ ކޮބައިތޯ ބެލިދާނެއެވެ. އަދި ތިބާގެ ކިބައިގައި މިހާރު ވެސް ހުރި މުހިންމު ސިފަތައް ކުރިއެރުވުމަށް ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބެލިދާނެއެވެ. މަތީގައި ބަޔާންކުރެވުނު ގިނަ ކަންކަމަކީ އެ ސިފަތަކާ ނުލައި ކުރިއަށް ދިޔުމުގައި އުނދަގޫވާނެ ސިފަތަކެވެ. މީގެ އިތުރުން ވެސް މުހިންމު އެތައް ސިފަތަކެއް ހުންނާނެއެވެ. އެފަދަ ސިފަތައް ދެނެގަންނަން މަސައްކަތްކޮށް އަމިއްލަ ނަފުސު ތަރައްޤީކުރުމަކީ އުފަލެއް ކަމުގައި ހެދުމުން ކުރިއަށް ދިޔުމަށާއި ކަންކަން ހާސިލުކުރުމަށް އިތުރަށް ފަސޭހަވެގެން ދާނެއެވެ.
