ނޯޓް: މި ވާހަކައަކީ މުޖުތަމަޢުގައި ހިނގާފައިވާ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް މީޑިޔާނެޓުން ގެނެސްދީފައިވާ ޑްރާމާ ސިލްސިލާއަކަށް އަޅުގަނޑު ލިޔެ ތައްޔާރުކޮށްފައިވާ ’ހިޔާލީ‘ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ. އަދި މި ވާހަކައިގެ މައިގަނޑު އައްޑަނަ މަޖައްލާގައި ޝާއިއު މި ކުރަނީ އަޅުގަނޑުގެ ވާހަކަތަކަށް ލޯބިކުރާ ބައެއް ކިޔުންތެރިންގެ އެދުމުގެ މަތީންނެވެ.
ފަޒުނާއަކީ މަޑުމައިތިރި، ހިތްހެޔޮ މިޒާޖެއްގެ ކުއްޖެކެވެ. އޭނާގެ ރީތިކަމާއި އަޚުލާޤުގެ ސަބަބުން އެތައް ޒުވާނުންނެއްގެ ހިތް އޭނާއަށް ލެނބުނު ނަމަވެސް، ފަޒުނާގެ ހިތް ވަނީ މާހިދުއަށް ހިބަކޮށްދީފައެވެ. މާހިދަކީ ފަޒުނާ ދެކެ އިންތިހާއަށް ލޯބިވާ، އޯގާތެރި ޒުވާނެކެވެ. ނަމަވެސް، އެ އުފާވެރި ލޯބީގެ ބަގީޗާގައި ފޮޅުނު މާތަކުގެ މީރުވަސް މާގިނަ ދުވަހަކު ދެމިއެއްނުއޮތެވެ. އަހަރެއް ވެސް ނުވަނީސް، ފަޒުނާގެ ހިތް އެހެން ފަރާތަކަށް ކަސްތޮޅު އެޅުނެވެ. އެއީ މާހިދަށް ވުރެ ފިރިހެންވަންތަ، ރީތި ހަށިގަނޑެއްގެ ވެރި ޝާހިދެވެ. ޝާހިދުގެ ފަރާތުން ފެނުނު ތަފާތު ސިފަތަކުގެ ސަބަބުން، ފަޒުނާއަށް މާހިދުގެ އިޚުލާޞްތެރި ލޯބި ހަނދާން ނައްތާލެވުނެވެ. މާހިދުގެ ހިތް ކިތަންމެ ވަރަކަށް ރޮއިއާދޭސް ކުރި ނަމަވެސް، ފަޒުނާ އިޚުތިޔާރު ކުރީ ބޭވަފާތެރިކަމުގެ މަގެވެ. ވަކިވެގެން ދިޔަ ވަގުތު ވެސް މާހިދު ބުނީ ހަމަ އެންމެ ވާހަކައެކެވެ. ”އުމުރަށް ވެސް އިންތިޒާރު ކުރާނަމެވެ.“
މާލޭގެ މުއްސަނދި އާއިލާއަކަށް އުފަން ފަޒުނާއަކީ އޭނާގެ މައިންބަފައިން ކަމަށްވާ ނާޒިމާއި މަރިޔަނބުގެ ފުރާނައެވެ. ދަރިފުޅަށް ބާއްޖަވެރި މުސްތަގުބަލެއް ހޯދައިދިނުމަކީ އެ ދެމަފިރިންގެ އެންމެ ބޮޑު އުންމީދެވެ.
އެއްދުވަހަކު ފަޒުނާ، އޭނާގެ އައު ލޯބިވެރިޔާ ޝާހިދު، މައިންބަފައިންނަށް ތައާރަފުކޮށްދިނުމަށް ގެއަށް ގެނައެވެ. ނަމަވެސް ކަންތައް ވީ ހީކުރި ގޮތަކަށް ނޫނެވެ. ޝާހިދުގެ ފިރިހެންވަންތަ ހަށިގަނޑު ފެނުމާ އެކު، ފަޒުނާގެ މަންމަ މަރިޔަނބުގެ ހިތް ނުބައި ގޮތަކަށް އެ ޒުވާނާއަށް ލެނބުނީއެވެ. އުމުރުން ދޮށީ ނަމަވެސް، ޝާހިދުގެ ޒުވާންކަމާއި ރީތިކަން މަރިޔަނބުގެ ހިތް ކަތިލައިފިއެވެ. ވާންއުޅޭ ދަނބިދަރިފުޅަށް ވުރެ ބޮޑަށް، މަރިޔަނބު ބޭނުންވީ ޝާހިދު އޭނާގެ އަމިއްލަ މިލްކަކަށް ހެދުމަށެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. މަރިޔަނބު ތަފާތު ބަހަނާތައް ދައްކައިގެން ޝާހިދު ގިނަގިނައިން ގެއަށް ގެނުވައެވެ. މަންމަގެ އެނދުމަކީ ޝާހިދު ގިނަގިނައިން އެ ގެއަށް އައިސް އުޅުންކަމަށް މަރިޔަނބު ބުނެއެވެ. އެހެންކަމުން، ކުރިން ބޭރުގައި މާފޮޅުވި ދުވަސްތައް ފަޒުނާ ޝާހިދާ އެކު ކުރިއަށް ގެންދަނީ ފަޒުނާމެންގެ ގޭގައެވެ. އަނެއްކޮޅުން ޝާހިދު އަންނަ އިރަށް ކޮންމެވެސް އެއްޗެއް ޝާހިދަށް ކާންދެވޭތޯ މަރިޔަނބު ބަލައެވެ. ބައެއް ފަހަރު ދަނބިދަރިފުޅޭ ބުނެ ޝާހިދުގެ ގައިގައި ފިރުމާލައެވެ. ފަޒުނާ ވެސް ހީކޮށްގެން ހުންނަނީ މަންމަ އެގޮތަށް އެ ކަންތައް ކުރަނީ ޝާހިދަކީ ވާންއުޅޭ ފަޒުނާގެ ފިރިމީހާކަމަށް ވާތީކަމަށެވެ.
މަރިޔަނބުގެ މި އަމަލުތަކަށް ޝާހިދުގެ ފަރާތުން އެދެވޭ އިޖާބައެއް ނުލިބެއެވެ. ރެއަކާ ފުލު ރެއެއް މި ގޮތުގައި ހޭދަކުރި ނަމަވެސް މަރިޔަބަކަށް ޝާހިދާ ގާތްވެވޭ ގޮތެއް ނުވިއެވެ.ޝާހިދު މަރިޔަނބަށް ގަޔާ ނުވާތީ މަރިޔަނބުގެ ހިތަކަށް ކެތެއް ނުވެއެވެ. އެހެންކަމުން، މަރިޔަނބު ނިންމީ ނުބައި މަގެއް އިޚުތިޔާރުކުރުމަށެވެ. ފަންޑިތަވެރިއެއްގެ އެހީގައި އޭނާގެ މަޅީގައި ޝާހިދު ޖެއްސުމަށް ސިހުރު ހަދާށެވެ. އެންމެފަހުން، ފަންޑިތަވެރިޔަކަށް މި ވާހަކަތައް ކިޔައިދީ، ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ޝާހިދުގެ ލޯބި ހާޞިލުކުރަން ބޭނުންވާކަމަށް ބުންޏެވެ. މަރިޔަނބުގެ މި އެދުމުގެ މަތިން ފަންޑިތަވެރިޔާ ’އެތިފަހަރެއް‘ މަރިޔަނބަށް ހަދައިދެއެވެ. އަދި ކަންތައް ކުރަންވީ ގޮތް ކިޔައިދިނެވެ. ޝާހިދު އެ ގެއަށް އަންނަ އިރު ފަންޑިތަވެރިޔާ ދޭ ފެންތަށި ޝާހިދަށް ބޯން ދޭން ބުންޏެވެ. އަދި މިކަން ކޮށްފި ނަމަ ކާމިޔާބުވާނެކަމަށް ވެސް ބުންޏެވެ.
މިގޮތުން އެއްރެއެވެ. ޝާހިދު އެ ގެއަށް ދިޔަ ރެޔަކު، ފަންޑިތަވެރިޔާ ދިން ’ފެންތަށި‘ ޝާހިދަށް ބޯންދީފިއެވެ.
އެ ރެއަށް ފަހު ޝާހިދު ވެސް ހުންނަނީ މަރިޔަނބާ ހިތާވެފައެވެ. އެ ފަންޑިތައިގެ ބާރު ކިތަންމެ ރަނގަޅަކަށް ވެސް ޝާހިދަށް ކޮށްފިއެވެ.އޭގެ ފަހުން، ފަޒުނާއާއި މަރިޔަނބުގެ ފިރިމީހާ ގޭގައި ނޫޅޭ ވަގުތު ބަލާފައި ޝާހިދަށް ގުޅައިގެން މަރިޔަނބު، ޝާހިދު އެ ގެއަށް ގެނެއެވެ.
މި ނުބައި ގުޅުން ގޭތެރޭގައި ސިއްރިއްޔާތުގައި ހިނގަމުން ދިޔައިރު، ފަޒުނާއަށް ޝާހިދުގެ ބަދަލުވަމުންދާ މިޒާޖު ފާހަގަވާން ފެށިއެވެ. އަދި ޝާހިދު، ފަޒުނާއާ ބައްދަލުކުރުން ގާތްގަނޑަކަށް ހުއްޓިއްޖެއެވެ.
އެއްރޭ ފަޒުނާ ކުއްލިއަކަށް ގެއަށް އައިއިރު، މަރިޔަނބުގެ ކޮޓަރިން ޝާހިދާއި މަންމަ ނުކުންނަނީއެވެ. މި މަންޒަރު ފެނި، އަމިއްލަ މަންމަގެ ފަރާތުން ލިބުނު މި ބޮޑު ކެހިވެރިކަމުން ފަޒުނާގެ ހިތް ކުދިކުދިވިއެވެ. ފަޒުނާގެ މުޅިދުނިޔެ އެކޮޅުންކޮޅުން ޖެހި ކަހަލައެވެ.
ބޭއިޚްތިޔާރުގައި، ”މަންމާއޭ، ތީ ކޮންކަމެއްހޭ“ ބުނެ އެއްޗެހި ކިޔައި ގަނެވުނެވެ. ނަމަވެސް ޝާހިދު އެ ކަމަކަށް ހިޔާލެއް ފަރުވާލެއް ނުބަހައްޓާ މަރިޔަނބު ގޮވައިގެން ބޭރަށް ހިނގައްޖެއެވެ. އެ ދުވަހަށް ފަހު ފަޒުނާގެ ކަމަކީ ހިތާމަކުރުމެވެ.
އޭގެ ދެތިން ދުވަސްފަހެވެ. މަރިޔަނބުގެ ފިރިމީހާ ނާޒިމް ގެއަށް އައިސް ކޮޓަރީގެ ދޮރު ހުޅުވާލުމާ އެކު ފެނުނީ ދުވަހަކު ވެސް ފެންނަންޖެހޭ ވަރުގެ މަންޒަރެއް ނޫނެވެ. ކޮޓަރީގައި ތިބި މަރިޔަނބާއި ޝާހިދަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. އަވަސްއަވަހަށް ޝާހިދު ކޮޓަރިން ނިކުމެގެން ދިޔައެވެ.
އެ ވަގުތު ނާޒިމް މަރިޔަނބާ ދިމާލަށް ހަޅޭއްލަވައި ”ހުރި ގޮތްކުޑަކަން ނިކަން ދެކެބަލާށޭ“ ބުނެ ރުޅި އައިސް އެއްޗެހި ގޮވަން ފެށިއެވެ. މި މުޑުދާރު މަންޒަރު ފެނި، ނާޒިމަށް ކެތްނުކުރެވިގެން މަރިޔަނބު ވަގުތުން ވަރިކޮށް ގެއިން ނެރެލިއެވެ.
އޭގެ ދެތިން ދުވަސް ފަހެވެ. ފަޒުނާގެ ރައްޓެއްސަކަށް ފަޒުނާ މި ވާހަކަތައް ކިޔައިދިނެވެ. އެ ދުވަހު، ފަޒުނާގެ އެކުވެރިޔާގެ އެހީގައި، ފަންޑިތަވެރިއެއްގެ ކައިރިއަށް ގޮސް ބެލިބެލުމުން މިކަމުގެ ފަހަތުގައި ވަނީ ސިހުރުކަން އެނގުނެވެ. އަދި މި ސިހުރުގެ އަސަރު، ޝާހިދުގެ އިތުރުން ފަޒުނާގެ މަންމައަށް ވެސް ކޮށްފައިވާކަން އެނގުނެވެ. ފަޒުނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ގިސްލާ ރޮވުން ފެށުނެވެ.
ނަމަވެސް ފަޒުނާ ފުރާނައެއް ފަދައިން ލޯބިވާ ޝާހިދު އަނބުރާ ހޯދުމަށް ފަޒުނާ ފަންޑިތަވެރިޔާގެ ގާތު އެދުނެވެ. މި އެދުމުގެ މަތިން ފަންޑިތަވެރިޔާ، އެ ސިހުރުގެ ބާރު ކަނޑުވާލިއެވެ.
ސިހުރުގެ އަސަރު ފިލައިދިއުމާ އެކު ޝާހިދަށް ހޭވެރިކަންވެ، އޭނާއަށް ކުރެވުނު ކަންތަކާ މެދު އިންތިހާއަށް ދެރަވެ ފަޒުނާގެ ކިބައިން މައާފަށް އެދުނެވެ. ހަމައެފަދައިން، ކުރެވުނު ކުށުގެ ހިތާމައިގައި މަރިޔަނބު ވެސް ފަޒުނާއާއި ނާޒިމްގެ ކިބައިން ރޮމުން މައާފަށް އެދުނެވެ. މަރިޔަނބުގެ ފިރިމީހާ ނާޒިމް، ދަރިފުޅުގެ ޙައްޤުގައި މަރިޔަނބަށް މައާފުކުރި ނަމަވެސް، އަލުން ގުޅިގެން ނޫޅެވޭނެ ކަމަށް ބުނެ ފަސްދީ ހިނގައިގަތީއެވެ.
ފަޒުނާ، އޭނާގެ މަންމައަށާއި ޝާހިދަށް މައާފު ދިނެވެ. ނަމަވެސް ޝާހިދު ދެކެ ކިތަންމެ ލޯބިވިޔަސް، އަލުން އެ ދިރިއުޅުމަށް އެނބުރި ދާކަށް އޭނާގެ ހިތެއް އެއްބަހެއް ނުވިއެވެ. މާޔޫސްކަމާ އެކު ފަޒުނާ އެތަނުން ދާން ހިނގައިގަތް ވަގުތު، ދުރުގައި އިންތިޒާރުގައި ހުރި މާހިދު ފެނުނެވެ. މާހިދު އައިސް ފަޒުނާގެ އަތުގައި ހިފާލަމުން ބުންޏެވެ. ”ހިތް ކަލާއަށް އެދޭތީ، ކެތްކުރަން ދަތިވެއެވެ. އަހަރެން އަދިވެސް މިހިރީ ހަމަ އެ އިންތިޒާރުގައެވެ.“
ފަޒުނާގެ ކަރުނުން ފުރިފައިވާ ދެލޮލުން މާހިދަށް ބަލާލިއެވެ. އިޚުލާޞްތެރި ލޯބީގެ އަގު ވަޒަންކުރެވުނީ މިއަދުއެވެ. އޭނާ މާހިދުގެ ގައިގައި ބައްދާލުމަށްފަހު، ދެން ދުވަހަކު ވެސް ވަކިނުވާނެ ކަމުގެ ވަޢުދާ އެކު، އައު ފެށުމަކުން ދިރިއުޅުން ފެށުމަށް ހިނގައިގަތެވެ.
