ޑރ. އޭ.ޕީ.ޖޭ. ޢަބްދުލް ކަލާމަކީ އިންޑިއާގެ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަޚްޞިއްޔަތެވެ. ވަރަށް އާދައިގެ މުސްލިމު ޢާއިލާއަކަށް އުފަންވެވަޑައިގެންނެވި ޢަބްދުލް ކަލާމަކީ ކުޑައިރު ނޫސްވިއްކަން އުޅުނު ކުއްޖެކެވެ. ފަހުން އެއީ ވަރަށް މޮޅު ސައިންސްވެރިއެކެވެ. އިންޑިއާގެ 11 ވަނަ ރައީސެވެ. އިންޑިއާގެ ދިފާޢީ އަދި ފަޒާގެ ދާއިރާއަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭފަދަ ޚިދުމަތްތަކުގެ ސަބަބުން އެމަނިކުފާނު މަޝްހޫރުވެފައިވަނީ ”މިސައިލް މޭން އޮފް އިންޑިއާ“ ގެ ނަމުންނެވެ.

ޑރ. ޢަބްދުލް ކަލާމް އުފަންވެވަޑައިގަތީ 15 އޮކްޓޯބަރު 1931 ގައި އިންޑިއާގެ ތަމަޅަނާޑޫގެ ރާމޭޝްވަރަމްގައެވެ. ކުޑައިރު ކިޔެވުމުގެ ޚަރަދުތައް ހަމަޖެއްސުމަށް ޓަކައި ނޫސް ވިއްކުމުގެ މަސައްކަތް ކުރެއްވި ޑރ. ކަލާމް ތަޢުލީމީ ގޮތުން ވެވަޑައިގަތީ އެއިރޯސްޕޭސް އިންޖިނިއަރަކަށެވެ. އޭގެ ފަހުން އިންޑިއާގެ ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަނާއި ފަޒާގެ އިދާރާ (އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން) ގައި 40 އަހަރަށްވުރެ ގިނަ ދުވަހު ސައިންޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

އިންޑިއާގެ ފަޒާގެ ދާއިރާ މިއަދު ދެކެމުންދާ ކާމިޔާބީގެ ބިންގަލަކީ ޑރ. ކަލާމްގެ ބުރަ މަސައްކަތެވެ. މީގެ ތެރޭގައި ވަރަށް މުހިންމު ދެ ޕްރޮޖެކްޓެއް ފާހަގަކުރެވެއެވެ. މީގެ ތެރެއިން އެއް ޕްރޮޖެކްޓަކީ ޕްރޮޖެކްޓް އެސްއެލްވީ-3 އެވެ. އިންޑިއާގެ ފުރަތަމަ ސެޓެލައިޓް ލޯންޗް ވެހިކަލް (SLV-III) އުފެއްދުމުގެ ޕްރޮޖެކްޓް ޑައިރެކްޓަރަކީ ޑރ. ކަލާމެވެ. މީގެ ސަބަބުން 1980 ވަނަ އަހަރު ”ރޯހިނީ“ ސެޓެލައިޓް ކާމިޔާބުކަމާއެކު ފަޒާއަށް ފޮނުވާލިއެވެ. މިއީ އިންޑިއާއިން ފަޒާގެ ދާއިރާގެ ބާރުގަދަ ޤައުމުތަކުގެ ސަފުގައި އެޅި ފުރަތަމަ ފިޔަވަޅެވެ. ދެވަނަ ޕްރޮޖެކްޓަަކީ މިސައިލް ޓެކްނޮލޮޖީ ޕްރޮގްރާމެވެ. އިންޑިއާގެ އަމިއްލަ މިސައިލްތައް ކަމަށްވާ ”އަގްނީ“ އާއި ”ޕްރިތުވީ“ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ވެސް ޑރ. ޢަބްދުލް ކަލާމެވެ.

ޑރ. ޢަބްދުލްކަލާމަށް ފަހުގައި ވެސް އިންޑިއާއިން ފަޒާގެ ދާއިރާގައި  ކުރިއެރުންތައް ހޯދަމުން ދަނީ އެމަނިކުފާނު ދެއްކެވި މަގުން ހިނގައިގެންނެވެ. މިގޮތުން އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަނުން ވަނީ ދުނިޔެ ހައިރާންކޮށްލާފަދަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. މީގެތެރެއިން އެއް މަޝްރޫޢަކީ  ”މަންގަލްޔާން“ ކިޔާ އުޅަދެއް މާސްގެ އޯބިޓަށް  ފޮނުވުމެވެ. މިއީ ދުނިޔޭގެ ފަޒާގެ ތާރީޚުގައި މާސްގެ އޯބިޓަށް ފޮނުވި ފުރަތަމަ އުޅަނދެވެ. މިފަދަ އަނެއް މަޝްރޫޢަކީ ”ޗަންދުރަޔާން“ އެވެ. މިއީ ހަނދުގެ ދެކުނު ތަނޑިއަށް ފޮނުވި ފުރަތަމަ އުޅަނދެވެ. ރިޕޯޓްތައް ބުނާގޮތުގައި އިންޑިއާގެ ފަޒާގެ މިޝަންތަކަކީ ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ވަރަށް ކުޑަ ޚަރަދަކުން ކުރިއަށްގެންދާ، ނަތީޖާ ރަނގަޅު މަސައްކަތްތަކެކެވެ.

ޑރ. ޢަބްދުލްކަލާމް އިންޑިއާގެ ރައީސްކަން ކުރެއްވީ 2002 އިން 2007 އަށެވެ. އެމަނިކުފާނަކީ ރައްޔިތުންގެ މެދުގައި ވަރަށް މަޤްބޫލު ރައީސެކެވެ. އެހެންކަމުން އެމަނިކުފާނަށް ”ޕީޕަލްސް ޕްރެޒިޑެންޓް“ ނުވަތަ ”ރައްޔިތުންގެ ރައީސް“ ގެ ނަމުން ނިސްބަތްކުރެވުނެވެ. ޑރ. ކަލާމަކީ ޒުވާނުންނަށާއި ކުޑަކުދިންނަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވި ބޭފުޅެކެވެ. އެމަނިކުފާނު އަބަދުވެސް ގޮވާލެއްވީ ހުވަފެން ދެކުމަށާއި، އެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރުމަށެވެ. ”ތިބާގެ ހުވަފެންތައް ހަގީގަތަކަށް ވުމުގެ ކުރިން، އެންމެ ފުރަތަމަ އެ ހުވަފެންތައް ދެކެން ޖެހެއެވެ.“ މިއީ އެމަނިކުފާނުގެ މަޝްހޫރު ބަސްފުޅެކެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ހުވަފެނެއް ދެކިގެން ނޫނީ އެ ހުވަފެނެއް ހަގީގަތަކަށް ނުހެދޭނެކަމަށެވެ.

ޑރ. ޢަބްދުލް ކަލާމް އަވަހާރަވީ 27 ޖުލައި 2015 ގައެވެ. އެމަނިކުފާނަކީ ހަމައެކަނި ސައިންޓިސްޓެއް ނޫނެވެ. އެއީ ޒުވާނުންނަށް ހުވަފެން ދެކުމަށާއި، އެ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށް ހިތްވަރު ދެއްވި މުދައްރިސެކެވެ. އެއީ އިންޑިއާގެ ސްޕޭސް ދާއިރާގެ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި އެމަނިކުފާނުގެ ދުރުވިސްނުންފުޅާއި އިރުޝާދު ހިމެނޭ ބޭފުޅެކެވެ.

ޝެއަރކުރެއްވުމަށް