ވިސްނުމަކީ އިންސާނާގެ ޢަމަލުތަކާއި، އުޅުމާއި، އަދި ދިރިއުޅުމުގެ މިސްރާބު ކަނޑައަޅައިދޭ އެންމެ މުހިންމު ބަހާއެވެ. ހެޔޮގޮތުގައި ވިސްނުން ބައްޓަންކުރުމަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ވިސްނުން ހެޔޮގޮތުގައި ބައްޓަންކުރުމަށް ކުރެވޭ ވަރަށް ކުޑަކުޑަ ކަމަކުން ވެސް ވަރަށް އެދެވޭ ރަނގަޅު ނަތީޖާއެއް ނެރެވިދާނެއެވެ. މިގޮތުން ވިސްނުން ހެޔޮގޮތުގައި ބައްޓަންކުރެވޭ ކަންތައްތަކުގެ ތެރޭގައި އިސްލާމީ އަޤީދާ ވަރުގަދަކުރުމާއި، ޝުކުރުވެރި ވިސްނުމެއްގެންގުޅުމާއި، ހޭލުންތެރިކަން އިތުރުކުރުމާއި، އަމިއްލަ ނަފްސު ވަޒަންކުރުމާއި، ކެތްތެރިކަން އިސްކުރުމާއި، ނުބައި ހީތަކުން ދުރުވުން ހިމެނެއެވެ.
ވިސްނުން ހެޔޮގޮތުގައި ބައްޓަން ކުރެވޭނީ އިސްލާމީ އަގީދާ ވަރުގަދަކޮށްގެންނެވެ. ކޮންމެ ކަމެއްވެސް ހިނގަނީ މާތް ﷲގެ މިންވަރުފުޅުންކަން ގަބޫލުކޮށް، އެކަލާނގެއަށް ފުރިހަމައަށް ތަވައްކަލުކުރުމަކީ ހިތްހަމަޖެހުމާއި ހެޔޮވިސްނުމުގެ އަސާސެވެ. ދިމާވާ ކޮންމެ ކަމެއްގައިވެސް ﷲގެ ރަޙުމަތުން އުންމީދު ކަނޑާނުލައި، ހެޔޮގޮތް މިންވަރުކުރައްވާނެކަމުގެ އިތުބާރު އޮތުމަކީ ވިސްނުން ސީދާކޮށްދޭނެ ކަމެކެވެ.
ވިސްނުން ހެޔޮގޮތުގައި ބައްޓަން ކުރުމަށް ޝުކުރުވެރި ވިސްނުމެއް ނުވަތަ ޕޮސިޓިވް މައިންޑްސެޓެއް ގެންގުޅުމަކީ ވެސް ވަރަށް މުހިންމުކަމެކެވެ. ލިބިފައިވާ ނިޢުމަތްތަކުގެ އަގުވަޒަންކޮށް، އެކަންކަމަށް ޝުކުރުވެރިވުމަކީ ނުބައި ވިސްނުންތަކުން ދުރުކޮށްދޭ ކަމެކެވެ. އުނިވެފައިވާ ކަންކަމަށްވުރެ ބޮޑަށް، ލިބިފައިވާ ރަޙުމަތްތަކަށް ފޯކަސް ކުރުމުން ހިތަށް އުފާވެރިކަން ލިބި، ވިސްނުން ރަނގަޅު މިސްރާބަކަށް އެނބުރެއެވެ.
ވިސްނުން ހެޔޮގޮތުގައި ބައްޓަންކުރުމަށް އިލްމު އުނގެނި ހޭލުންތެރި މީހަކަށްވުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ހޭލުންތެރި، ބުއްދިވެރި ވިސްނުމެއް ބިނާކުރެވޭނީ އިލްމު އުނގެނިގެންނެވެ. ކީރިތި ޤުރުއާނާއި ސުންނަތުގެ އިލްމުގެ އިތުރުން، ދުނިޔަވީ އެކި ދާއިރާތަކުން މަޢުލޫމާތު ހޯދުމަކީ ކަންކަމާ މެދު ފުންކޮށް ވިސްނުމަށް މަގުފަހިވާނެ ކަމެކެވެ.
ވިސްނުން ހެޔޮގޮތުގައި ބައްޓަންކުރެވޭނީ ހެޔޮލަފާ މީހުންނާ އެކު އުޅެގެންނެވެ. އިންސާނާގެ ވިސްނުމަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވަނީ އޭނާގެ ވަށައިގެން އުޅޭ މީހުންނެވެ. އެހެންކަމުން، ހެޔޮލަފާ، އަދަބުވެރި އަދި ހެޔޮކޮށް ވިސްނާ މީހުންނާ އެކު ވަގުތު ހޭދަކުރުމަކީ ތިމާގެ ވިސްނުން ވެސް އެމަގަށް ބައްޓަންވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ވިސްނުން ހެޔޮގޮތުގައި ބައްޓަންކުރުމަށް އަމިއްލަ ނަފްސު ވަޒަންކުރަން ޖެހެއެވެ. ކޮންމެ ދުވަހަކު ވެސް ތިމާއަށް ކުރެވޭ ކަންކަމާއި، ގެންގުޅެވޭ ވިސްނުންތަކާ މެދު ފިކުރުކޮށް، ނުބައި ވިސްނުންތައް އިޞްލާޙުކުރަން މަސައްކަތްކުރުން މުހިންމެވެ. މިއީ ނަފްސު ތަރުބިއްޔަތުކުރުމުގެ މުހިންމު ފިޔަވަޅެކެވެ. އަމިއްލަ ނަފްސު ހިސާބުކުރުމަކީ ސީދާ މަގުގައި ދެމިހުންނަނަށް ލިބޭ ހިތްވަރެކެވެ.
ވިސްނުން ހެޔޮގޮތުގައި ބައްޓަންކުރުމަށް ކެތްތެރިކަން އިސްކުރަން ޖެހެއެވެ. ދަތި އުނދަގޫ ހާލަތްތަކުގައި އަވަސްއަރުވާލައިގެން ގޮތް ނިންމުމުގެ ބަދަލުގައި، ކެތްތެރިކަމާއެކު ވިސްނުން އިސްކުރުމަކީ ގޯސް ނިންމުންތަކުން ސަލާމަތްކޮށްދޭނެ ކަމެކެވެ. ކަމަކާ މެދު ގޮތެއް ނިންމާއިރު މާބޮޑަށް ރުޅިއައިސްގެން، ނުވަތަ މާބޮޑަށް ދެރަވެގެން، ނުވަތަ މާބޮޑަށް އުފާވެގެން ހުރެ ކުއްލިއަކަށް ނިންމާ ނިންމުންތަކާމެދު ފަހުން ދެރަވާން ޖެހިދާނެއެވެ. މިގޮތަށް ޖަޒުބާތުތައް ކޮންޓްރޯލް ނުކޮށް ބުނެވޭ ބަހަކުން ނުވަތަ ކުރެވޭ ކަމަކުން ފަހުން މާބޮޑަށް ހިތާމަކުރަން ޖެހިދާނެއެވެ.
ވިސްނުން ހެޔޮގޮތުގައި ބައްޓަންކުރެވޭނީ ނުބައި ހީތަކުން ދުރުވެގެންނެވެ. މީހުންނާ މެދު ގޯސްކޮށް ހީކުރުމާއި ހަސަދަވެރިވުމަކީ ވިސްނުން ކިލަނބުކޮށްލާ ކަންކަމެވެ. އޭގެ ބަދަލުގައި މީހުންނާ މެދު ހެޔޮކޮށް ހީކުރުމާއި، އެހެންމީހުންނަށް ހެޔޮއެދުމަކީ ފިކުރުތައް ސާފުކޮށްދޭނެ ކަމެކެވެ.
އެ މީހެއްގެ ވިސްނުން ހެޔޮގޮތުގައި ބައްޓަންކުރެވޭނީ އެ މީހަކަށެވެ. މިއީ އެކަމަކަށް އެމީހަކު އަމިއްލައަށް ބެނުންވާ ނަމަ އެއްވެސް މީހަކަށް ނުކުރެވޭވަރުގެ ބޮޑުކަމެއް ނޫނެވެ. ވިސްނުން ހެޔޮގޮތުގައި ބައްޓަންކުރަން އެދޭނަމަ އެކަމަށް ނިޔަތްގަނެގެން ޢަމަލީގޮތުން މަސައްކަތްކުރުމާއެކު، ހެޔޮވިސްނުން ދެއްވުން އެދި މާތް ﷲގެ ހަޟްރަތުގައި ގިނަގިނައިން ދުޢާކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.
