ދިވެހިރާއްޖޭގެ ރަށްތައް ބަޔަކަށް ފެނިގެން، މި ރަށްތަކުގައި އެންމެ ފުރަތަމަ ބަޔަކު ވަޒަންވެރިވާނީ މި ރަށްތަކުން އެބަޔަކަށް ބަޑުފުރާނަމުއްތިކުރެވި، މި ރަށްތަކުގައި އެބަޔަކަށް ސަލާމަތާއި ރައްކާތެރިކަމުގައި ދިރިއުޅެވޭނެކަމުގެ ޔަގީންކަން އޮތުމުންނެވެ. މީގެ މައިގަނޑު ސަބަބުތަކަކީ ދިވެހިރާއްޖެއަކީ ފަސޭހައިން ފެންލިބޭ އަދި ފެންމީރު ރަށްތަކަކަށްވެފައި، ދިވެހި ކަނޑުފަޅުތަކުން ލިބޭ ކަނޑުރޯއްޖާއި، ރުއްގަހާއި ދަނޑުފަނގުން ލިބޭ ބިންރޯދިން ކައިގެންބޮއިގެން އުޅެވޭނެކަމުގެ ޔަގީންކަން ލިބުމެވެ. އަދި އެހެން ބައެއްގެ ފަރާތުން އަތުވެދާނެ ނުރައްކާތަކުން ސަލާމަތްވެ އަމާންކަމާއި ރައްކާތެރިކަމާއެކު މި ރާއްޖޭގައި ދިރިއުޅެވޭނެތީއެވެ.

ޤައުމެއް އުފެދެނީ ތަނަކަށް ބަޔަކު އައިސް އެ ތަނެއްގައި ވަޒަންވެރިވެ، އެ ބައެއްގެ މެދުގައި އާއިލީގޮތުން ފުންގުޅުންތަކެއް އުފެދި، އެއް ބަހަކުން ވާހަކަ ދައްކައި އެއް ސަގާފަތަކަށް ތަބާވެ، އެއީ އެއްބައެއް ކަމަށް ގަބޫލުކުރުމުންނެވެ. ޠަބީޢީގޮތުން ޤައުމެއް އުފެދޭއިރު އެތަނެއްގައި އެންމެ ފުރަތަމަ ވަޒަންވެރިވާ މީހުންނަކީ އަސްލުވެހިން (Indigenous/Aboriginal) ނެވެ. މިއީ އެ ޤައުމެއްގައި ނުވަތަ ބިމެއްގައި އެންމެ ފުރަތަމަ ވަޒަންވެރިވި މީހުންނެވެ. ނުވަތަ އެހެން ބަޔަކު އެ ބިމަކަށް އައުމުގެ ކުރިން އެތަނެއްގައި ދިރިއުޅެމުންދިޔަ މީހުންނެވެ. އަސްލުވެހިންނާ އެ ބިމަކާ ނުވަތަ ގުދުރަތީ ވަށައިގެންވާ މާހައުލަކާ ވަރުގަދަ ރޫޙާނީ އަދި ތާރީޚީ ގުޅުމެއް އޮވެއެވެ. އަދި އަމިއްލަ ވަކި ސަގާފަތަކާއި ބަހަކާއި އިޖުތިމާޢީ އުސޫލުތަކެއް ގެންގުޅެއެއެވެ.

ތަނެއްގައި އަސްލުވެހިން ދިރިއުޅެމުން ދަނިކޮށް އެތަނަކަށް އައިސް ވަޒަންވެރިވެ، އަސްލުވެހިންގެ ސަގާފަތަށް ރުހިގެން އެތަނެއްގެ އަސްލު ވަޒަންވެރިންގެ ގޮތުގައި ދިރިއުޅޭ މީހުންނަކީ މޫލަވެހިން (Natives/Established Inhabitants) ނެވެ. މީގެ ތެރޭގައި އެންމެ އަސްލުވެހިންނާއި، އޭގެ ފަހުން އައިސް އެތަނެއްގެ ސަގާފަތާއި އާދަކާދައިގެ ތެރެއަށް ލާމެހި، އެތައް ޖީލެއް ފާއިތުވެފައިވާ މީހުން ހިމެނެއެވެ. މިގޮތުން ބަލާއިރު ދިވެހީންނަކީ މޫލަވެހިކޮށް ދެމެމުންދާ އަސްލުވެހި ޤައުމެކެވެ.

އަސްލުވެހިންނާއި މޫލަވެހިންގެ އިތުރުން ޤައުމެއްގައި ދެން ދިރިއުޅެނީ ހިޖުރަވެރިން (Migrants/Immigrants) އެވެ. މިއީ އެ މީހެއްގެ އުފަން ޤައުމު ނޫން އެހެން ޤައުމަކަށް ދިރިއުޅުން ބަދަލުކުރާ މީހުންނެވެ. ޤައުމުގެ އަސްލު އައިޑެންޓިޓީ ހިފަހައްޓައިދޭނީ އެ ޤައުމެއްގެ އަސްލުވެހިންނާއި މޫލަވެހިންނެވެ.                    

ދިވެހިރާއްޖޭގެ ޠަބީޢީ ދިފާޢީ ނިޒާމު ބިނާވެފައި ވަނީ ޖޯގުރަފީގޮތުން ދިވެހިރާއްޖެ އުފެދިފައިވާ ގޮތާއި ތިމާވެށި ބައްޓަންވެފައިވާ ގޮތުން ވަރުގަދަ އައްޑަނައެއްގެ ގޮތުގައެވެ. މިއީ ޒަމާނުއްސުރެ ރާއްޖޭގެ ރަށްތައް އުދަޔާއި، ތޫފާންތަކާއި އަދި ބޭރުގެ ނުރައްކާތަކުން ސަލާމަތްކޮށްދިން މައިގަނޑު ވަސީލަތްތަކެވެ. ދިވެހިރާއްޖޭގެ ރަށްތަކުގެ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ދިފާޢީ އައްޑަނައަކީ ރަށްތައް ވަށައިގެންވާ ވަރުގަދަ ފަރުތަކެވެ. މި ފަރުތަކުގެ ސަބަބުން ކަނޑުގެ ބިޔަ ރާޅުތަކާއި ގަދަ އޮއިގެ ބާރުކަމުން ރާއްޖޭގެ ރަށްތައް ސަލާމަތްކޮށްދެއެވެ. އަދި މި ފަރުތައް ވެފައިވަނީ ދުޝްމަނުންގެ ފަރާތުން ދިވެހީން ދިފާޢުކޮށްދިން ވަރުގަދަ ދިފާޢީ ބުރުޒު ތަކަކަށެވެ.

ދިވެހިރާއްޖޭގެ އަތޮޅުތައް އުފެދިފައިވާ ގޮތުން، ރަށްތައް އޮންނަނީ އެތެރެވަރީގެ ހިމޭން ކަނޑެއްގެ ތެރޭގައެވެ. މިއީ ބޭރު ކަނޑުގެ ބިޔަ ރާޅުތަކުން ރަށްތައް ސަލާމަތްކޮށްދޭ އަދި ދުޝްމަނުންގެ ވިހަ ނަޒަރުތަކުންނާއި ކެހިވެރި ވަކިތަކުން ވެސް ރައްކާތެރިކޮށްދިން ކަމެކެވެ. ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކުގައާއި ހޭޅިފަށުގައި ހުންނަ ރުއްގަސްތަކުން ރަށްރަށުގެ ފަސްގަނޑު ހިފަހައްޓައިދީ، ގަދަ ވައިން ރަށުގެތެރެއާއި ގޯތިގެދޮރު ހިމާޔަތްކޮށްދިން ފަދައިން، ރަށަށް އަރަން އަންނަ މީހުންނަކީ ކޮންކަހަލަ އަދި ކޮންބައެއްތޯ ބަލައި، އެ ބަޔަކު ރަށުތެރެއަށް އެރުމުގެ ކުރިން ރައްޔިތުން ސަލާމަތްވާން ފުރުސަތު ހޯދައިދިނެވެ. 

ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމުގައި ޖޯގުރަފީ އެކަހެރިކަމަކީ މުހިންމު ދައުރެއް އަދާކުރި ކަމެކެވެ. ބޮޑު މާސިންގާ ކަނޑެއްގައި އެކަހެރިކޮށް ދިވެހިރާއްޖެ އޮތުމާއި، އަތޮޅުތަކުގެ މެދުގައިވާ ކަނޑުއޮޅިތަކާއި، ތިލަ ފަޅުތަކަކީ ބޭރުގެ ދުޝްމަނުންނަށް ރާއްޖެއަށް ހަމަލާދިނުމަށް އޮތް ބޮޑު ހުރަހަކަށް ވުމަކީ ދިވެހީންނަށް ލިބުނު ރައްކާތެރިކަމެކެވެ. ދިވެހިރާއްޖޭގެ ފަރުތަކާއި އޮއިވަރުގެ މަޢުލޫމާތު ނޭނގޭ ބަޔަކަށް ރާއްޖޭގެ ރަށްތަކާ ގާތްވުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެކެވެ. ދިވެހިރާއްޖޭގެ އަސްލުވެހިން މި ރާއްޖޭގައި ދިރިއުޅެން ފެށީ މިރާއްޖޭގެ މި ޠަބީޢީ ދިފާޢީ ނިޒާމަށް ބަރޯސާވެގެންނެވެ. އަދި ދިވެހީން މިނިވަންކަން ދެމެހެއްޓީ މި ނިޒާމުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެންނެވެ.

ޝެއަރކުރެއްވުމަށް