ބިރުވެރި ފިލްމު ބަލަން ދިއުމަކީ ބައެއް މީހުންނަށް ވަރަށް މަޖާ، އަދި އަނެއްބައި މީހުންނަށް ވަރަށް ”ބިރުވެރި“ ތަޖުރިބާއެކެވެ. މިވާހަކައަކީ މީގެ އަހަރުތަކެއް ކުރިން ހިނގާފައިވާ ޙަޤީޤީ ހާދިސާއެކެވެ. މި ވާހަކައިގެ ހީރޯ ޢަބްދުﷲއަކީ ބިރުވެރި ފިލްމު ބަލަން އާދަވެފައި ހުރި މީހެކެވެ. ބިރުވެރި ފިލްމު ބަލަން ޖެހެއެވެ. އެކަމަކު ބިރުވެސް އެހާމެ ގަނެއެވެ.

އެއް ރެއަކު ޢަބްދުﷲ ބިރުވެރި ފިލްމެއް ބަލަން ސިނަމާއަކަށް ހިނގައްޖެއެވެ. އެ ރޭ ދައްކަނީ ވަރަށް ބިރުވެރި ފިލްމެކެވެ. ޔޫރަޕްގެ ގިނަ ގައުމު ތަކުގައި ހުކުރު ތޭރައަކަށް ވެއްޖެއްޔާ ބެލެވެނީ ސުންޕާ ރެއަކަށެވެ. އޭނާ ބަލަން ދިޔަ ފިލްމަކީ ތޭރަ ހުކުރުވިލޭރެއެއްގައި ބަޔަކަށް ދިމާވާ ބިރުވެރި ހާދިސާ ތަކެއްގެ މައްޗަށް ކުޅެފައި އޮތް ފިލްމެކެވެ.

ފިލްމު ފެށުނީއްސުރެ ނިމެންދެން ހޯލް ތެރެއިން އަޑު ކަނޑައިގެން ނުދެއެވެ. އަންހެން ކުދިން ހަޅޭއް ލަވާ އަޑާއި، ފިރިހެނުން ހޭ އަޑު އިވެއެވެ. އަންހެން ކުދިން ހަޅޭއް ލަވަނީ ބިރުންނެވެ. ފިރިހެނުން ހެނީ ބިރު ނުގަންނަ ކަމަށް ހެދެން ވެގެންނެވެ. ޢަބްދުﷲ ވެސް ހިމެނެނީ މި ބައިގައެވެ. އެކަމަކު އޭނާ އިނީ ބިރުން ގޮސް އަވަދިވާ ވަރު ވެފައެވެ. ކައިރީގައި އިން މީހާ ނޭވައެއް ލިޔަސް ހީވަނީ ހަންޑިއެއް އައީ ހެންނެވެ. ބިރުވެރި ކަމުގެ ތެރޭގައި ދެ ގަޑި ބައި ހޭދަ ވެގެން ހިނގައްޖެއެވެ.

ފިލްމު ނިމިގެން އެންމެން ނުކުމެއްޖެއެވެ. ޢަބްދުﷲ ގެއަށް ދާން ހިނގައިގެންފިއެވެ. ޢަބްދުﷲ ދިރިއުޅޭގެ ހުންނަނީ ވަރަށް އަނދިރިކޮށް އޮންނަ ގޯޅިއެއްގައެވެ. އެ ގޯޅީގައި ހޮޅި ބުރިއެއް ހުރެއެވެ. އެކަމަކު އެއް ދުވަހު ދިއްލުނިއްޔާ އަނެއް ހަތަރު ދުވަހު ނުދިއްލޭނެއެވެ. އެ ހިސާބު ގަނޑުގެ ކުދިންނަކަށް ގޯޅި އަލިވެފައި އޮވެގެން ކަމަކު ނުދެއެވެ. އެހެންވީމާ އިންޖީނުގޭ މީހުން އައިސް ހޮޅި ބުރި ދިއްލޭ ގޮތް ހަދާފައި ދާއިރަށް ކުދިވެރިން އެ ހަދާ އެއްޗެއް ހަދައެވެ. އޭގެ ފަހަކުން ހޮޅި ބުރިއެއް ނުއެއް ދިއްލޭނެއެވެ.

އެ ރެއަކީ ހޮޅިބުރި ނުދިއްލޭ ރެއެކެވެ. އެހެންވީމާ ގޯޅި އޮތީ އަނދިރި ކޮށެވެ. ވަރަށް ބިރުން ހުރެ، އެކަމަކު ބިރު ނުގަންނަ ކަމަށް ހެދިގެން ހުރެ ޢަބްދުﷲ ގޯޅި ތެރެއަށް ވަދެފިއެވެ. މަޑު މަޑުން ގެއާ ދިމާއަށް ހިނގާފައި ދިޔަ އިރު ފަހަތުން ކޮންމެވެސް މީހަކު އަންނަހެން ޢަބްދުﷲއަށް ހީވިއެވެ. އެކަމަކު އެނބުރި ބަލާކަށް ނުކެރެއެވެ. ހަންޑިއެއް ވިއްޔާ ހަމަ ބަލައިލުމާއެކު ކައިފާނެއޭ ހިތަށް އަރާ ވަރުންނެވެ.

ތުރު ތުރު އަޅަމުން، ފައި އޮޅެމުން ކަށްޓެއްހެން ހުރެގެން ގޮސް ގެއާ ހަމައަށް ފޯރީ ލައްކަ ހިތްވަރުންނެވެ. ދޮރުގައި ޓަކި ޖަހައިލުމާއެކު ދޮރު ހުޅުވިއްޖެއެވެ. ޢަބްދުﷲ ދިޔައީ ސިއްސައިގެންނެވެ. ކުރިމަތީގައި ހުރީ އޭނާގެ އަންހެނުންނެވެ. ދޮރު ބުޑުގައި ޢަބްދުﷲގެ އިންތިޒާރުގައި ހުރީހެން ހީވެއެވެ. އޭނާ އަށް ޢަބްދުﷲ ފެނުމާއެކު ވެފައި ހުރި ގޮތް އެނގިއްޖެއެވެ.

”އަނެއްކާ މިރޭވެސް ބިރުވެރި ފިލްމެއް ބެލީ ދޯ؟“ އަންހެނުން ސުވާލުކުރުމުން، އާނއެކޭ ބުނަން ޢަބްދުﷲ އަނގަ ހުޅުވާލީމާ އެހެރަ ނުކުތް އަޑެއް ދަންނަވާކަށްވެސް ނޭނގެ އެވެ. ”އަހަރެންގެ ފުރަގަހުގައި މީހަކު އެބަ ހުރިތަ؟“ ޢަބްދުﷲ އަހިއެވެ. އަންހެނުން ބޯ ހޫރައިލިއެވެ. ”ނެތް، އަވަހަށް ގެއަށް ވަދޭ“.

ޢަބްދުﷲއަށް ގެއަށް ވަދެވުނު އިރު ހުރެވުނީ ކުޑަ ކަމު ދާން ޖެހިފައެވެ. ”އަހަރެން ފާޚާނާ އަށް ވަދެލަން ވެއްޖެ“ ޢަބްދުﷲ މިހެން ބުނުމާއެކު ”ހައިރާނެއް ނުވާނެތަ؟ ފާޚާނާ އަށް ވަދެވެނީ އަހަރެންގެ ހުއްދައެއް އޮވެގެންތަ؟“ އަންހެނުން ރުންކުރުވެފައި ބުންޏެވެ. މިހެން ބުނުމާއެކު، ޢަބްދުﷲ ދުވެފައި ކަހަލަ ގޮތަކަށް ފާޚާނާ އާ ދިމާއަށް ގޮސްފިއެވެ. ކުޑަ ކަމު ގޮސްފައި އެނބުރި އާދެވުނު އިރު ޢަބްދުﷲގެ ބިރުވެރިކަން ހުރީ އިހަށް ވުރެ ބޮޑު ވެފައެވެ. އަންހެނުން ކަޅިވެސް ޖަހައި ނުލައި ޢަބްދުﷲއާ ދިމާއަށް ބަލަން އިނެވެ.

”މި ގޭގައި ހަންޑިއެއް އެބަ އުޅޭ“ ޢަބްދުﷲގެ އަޑު ތުރު ތުރު އަޅަނީއެވެ.

”މި ގެއަކު ހަންޑިއެއް ނޫޅޭ. މާ ގިނަ އަނގަ ނުތަޅާ ނިދަން ދޭ. އަހަރެން އެބަ އަންނަން.“ އަބްދުﷲއާ ދިމާއަށް އަންހެނުން ބުންޏެވެ.

”އެހެނެއް ނުވާނެ، ހަންޑިއެއް އެބަ އުޅޭ. އަހަރެން ފާޚާނާ އަށް ވަންނަން ދޮރު ހުޅުވައިލުމާއެކު ބޮކި އަމިއްލައަށް ދިއްލިއްޖެ. ދޮރު ލައްޕާލުމާއެކު ނިވިއްޖެ. އެއީ ހަންޑިއެއްގެ ކަމެއްކަން ހަމަ ކަށަވަރު“ ޢަބްދުﷲ ބުންޏެވެ.

އަންހެނުން ވަރަށް ބޮޑަށް ރުޅި އައިސްފައި ބުންޏެވެ. ”މި ބުނީނު، އަނގަ ނުތަޅާ ނިދަން ދާށޭ. ކަލޭ ތިޔަ އައީ އައިސް އަލަމާރިއަށް ކުޑަ ކަމު ގޮސްފައި.“ ޢަބްދުﷲގެ އަންހެނުން އައީ އަމަށަކު ރުޅިއެއް ނޫނެވެ.

ޝެއަރކުރެއްވުމަށް