ހިތުގެ ހަމަޖެހުމާއި އަމާންކަން ހޯދުމަށްޓަކައި، ދިރިއުޅުމުގެ ކަންކަމުގައި ހަމަހަމަކަން ނުވަތަ ’ބެލެންސް‘ ހިފެހެއްޓުން އިންތިހާއަށް މުހިންމެވެ. މިގޮތުން މަސައްކަތާއި މުނިފޫހިފިލުވުމާއި، އަމަލީ ގޮތުން ކަންކަން ކުރުމާއި ކެތްތެރިވުމާއި، ހޭދަކުރުމާއި އިގްތިސާދުކުރުމާއި، ސަމާސާކުރުމާއި ސީރިއަސްވުމުގެ ދެމެދުގައި ފުރިހަމަ ހަމަހަމަކަމެއް ބަހައްޓަންޖެހެއެވެ. ދިރިއުޅުމުގެ އެކި ހާލަތްތަކުގައި މިފަދަ ހަމަހަމަކަމެއް ނުބެހެއްޓިއްޖެނަމަ، އިންސާނާ އިންތިހާއަށް ވަރުބަލިވެ، ނުރަނގަޅު އިހުސާސް ފަދަ ނޭދެވޭ ޖަޒުބާތުތަކާ ކުރިމަތިލާންޖެހެއެވެ.
މިސާލަކަށް، އަމަލީ ގޮތުން ފިޔަވަޅު އެޅުމާއި ކެތްތެރިވުމާއި ދެމެދުގައި އޮންނަ ހަމަހަމަކަމަށް ބަލާލަމާ ހިނގާށެވެ. ތިޔައީ ޕްލެޓޫން ސާޖަންޓްކަމުގައި ބަލަމާ ހިނގާށެއެވެ. އަދި ޕްލެޓޫން ލީޑަރ ހަވާލުކުރި ޓާސްކުގައި އިސްކޮށް އުޅޭ( ލިޑަރު) މީހާ ކަމަށް ބަލަމާ ހިނގާށެވެ. ތިމާ ގަޔާވާ ޓީމު މެންބަރަކު މަސައްކަތަށް އެހީތެރިވުމުގެ ބަދަލުގައި ސޯޝަލް މީޑިއާގައި ނުވަތަ މަސައްކަތުން ބޭރުގައި ވަގުތު ހޭދަކުރާތަން ފެނުމުން، ފުރަތަމަ ފަހަރު އެކަން ފެނިފައި ނުފެންނަ ކަމަށް ހަދައި، އެކަމަށް ފުރުސަތު ދީފާނެއެވެ. ނަމަވެސް، ތަކުރާރުކޮށް އޭނާ އެގޮތަށް އަމަލުކުރަމުންދާނަމަ އަދި އޭގެ ސަބަބުން މަސައްކަތުގެ ފެންވަރު ދަށްވާނަމަ، އެކަން އިސްލާހު ނުކޮށްފިނަމަ ޕްލެޓޫން ލީޑަރަށް ރިޕޯޓު ކުރާނެ ކަމުގެ އިންޒާރު ދޭން ޖެހިދާނެއެވެ. މި އިންޒާރަށް ބެލުމެއް ނެތި އޭނާ އެގޮތުގައި ކުރިއަށްދާނަމަ، ދެން އޭނާއާ މެދު ފިޔަވަޅެއް އެޅުމުން ތިމާގެ ހިތުގައި ނުރަނގަޅު އިހުސާސް އުފެދޭނެ ހެއްޔެވެ؟
ތިޔައީ އޯގާތެރި އަދި ހިތްހެޔޮ އިންސާނަކަށް ވާނަމަ، އަނެކާގެ ހިތުގައި ޖެހިދާނެތީ ނުވަތަ އޭނާއަށް މައްސަލަތަކެއް ކުރިމަތިވެދާނެތީ ބިރުގަނެފާނެއެވެ. ޕްލެޓޫން ލީޑަރަށް އެކަން އެންގުމުން، އޭނާގެ ކުރިއެރުމަށް އަސަރުކޮށް، މުސްތަގުބަލަށް އޭގެ ނޭދެވޭ އަސަރު ފޯރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް، އޭނާ އެ އަމަލުކުރަނީ ތިމާއަށް އިހުތިރާމް ކުޑަކޮށް، ތިމާ ދިން އިންޒާރުތަކަށް ބެލުމެއް ނެތިއެވެ. އެފަދަ ހާލަތެއްގައި އޭނާ އެ ބޭނުންކުރަނީ ތިމާގެ ހިތްހެޔޮކަމުގެ ނާޖާއިޒު ފައިދާއެވެ. އަދި ތިމާ އޭނާއަށް ދޭ ލުއިތަކަކީ ވަކި މީހަކަށް ބަލައިގެން ކުރާ ކަމެއް ކަމަށް ޓީމުގެ އެހެން މެންބަރުންނަށް އިހުސާސް ކުރެވިއްޖެނަމަ، އެމީހުންގެ މާޔޫސްކަމާއި ނުރުހުން ތިމާއަށް އަމާޒުވުމުގެ ބިރު އޮންނާނެއެވެ.
މި ހާލަތުގައި، ތިބާއަކީ އޯގާތެރިކަމާއި ތެދުވެރިކަމާއެކު އިންސާފުވެރި އުސޫލަކުން ކަންކަން ކުރާ މީހަކަށް ވާނަމަ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ތިބާގެ ހިތުގައި ބުރަކަމެއް އޮންނާކަށް ނުޖެހެއެވެ. ތިބާއާ މެދު އެއްވެސް ފަރުވާލެއް ނުބަހައްޓާ މީހުންނާ ދުރުވުމަކީ ބޭއިންސާފެއް ނޫންކަން ގަބޫލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކަންކަމުގައި މެދުމިންގަނޑެއް ހިފެހެއްޓުމުން، މީހުންނާއި މެދު އޮންނަ ހިތްބުރަކަން ނުވަތަ ނުރަނގަޅު އިހުސާސްތަކުން ދުރުވެ، ހިތަށް ތަސައްލީއެއް ލިބޭނެއެވެ. މިއީ ތިބާގެ ކެތްތެރިކަމާއި ހަރުދަނާކަން ހާމަކޮށްދޭ ކަމެކެވެ. އަދި މިއީ ތިބާއަކީ ކަންކަން އޮޅުންފިލާ، މާފުކުރަން ދަންނަ މީހެއްކަން ސާބިތުކޮށްދޭނެ ފުރުސަތެކެވެ.
”އަމިއްލަ ނަފްސު ދެކެ ލޯބިވުން“ (ސެލްފް-ލަވް) މި ލަފްޒުގެ މާނަ އެކި މީހުން ނަގަނީ އެކިގޮތަށެއެވެ. އަމިއްލަ ނަފްސު ދެކެ ލޯބިވުމަކީ ތިމާގެ ހުރިގޮތް ގަބޫލުކުރުމަށް ބާރުއަޅާ ކަމެކެވެ. ނަމަވެސް، ގިނަ ބަޔަކު މީގެ ނާޖާއިޒު ފައިދާ ނަގައި، ކުރިއެރުމަށް މަސައްކަތް ނުކޮށް ތިބުމަށް މިއީ އުޒުރަކަށް ހަދައެވެ. ހަގީގަތުގައި، އުފާވެރި އަދި ހަމަޖެހޭ ދިރިއުޅުމެއް ބޭނުންނަމަ، އަމިއްލަ ނަފްސު ދެކެ ލޯބިވުމުގައި ހިމެނޭ މައިގަނޑު ދެ ބަހާއެއްގެ ދެމެދުގައި ފުރިހަމަ ހަމަހަމަކަމެއް ގާއިމުކުރަން ޖެހެއެވެ.
ފުރަތަމަ ބަހާއަކީ އެއްވެސް ޝަރުތަކާ ނުލައި އަމިއްލަ ނަފްސު ދެކެ ލޯބިވުމެވެ. މީގައި އެންމެ މުހިންމީ ތިމާގެ ވިސްނުން ބަހައްޓާ ގޮތެވެ. ހަގީގަތަކީ، ހަށިގަނޑުގެ ބަރުދަނަށް އަންނަ ބަދަލަކުން ނުވަތަ ސާޖަރީއެއް ހަދައިގެން ސިފައަށް ގެންނަ ބަދަލަކުން، އަމިއްލަ ނަފްސު ދެކެވާ ލޯތްބެއް އިތުރެއް ނުވާނެއެވެ. އެފަދަ ކަމަކުން ތިމާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެދާނެއެވެ. ނަމަވެސް، ހަގީގީ ލޯތްބަކީ ތިމާ ހާސިލުކުރަން ބޭނުންވާ ބަދަލުތަކަށް ބެލުމެއްނެތި، މިއަދު ތިމާ ހުރި ހާލަތާއި ތިމާގެ އަމިއްލަ ސިފަ ގަބޫލުކޮށް އެކަމަށް އުފާކުރުމެވެ.
ދެވަނަ ބަހާއަކީ ކުރިއެރުމަށް ހިތްވަރު ދިނުމެވެ. މީގައި އިސްކަންދެނީ އަމަލީ ގޮތުން ފިޔަވަޅުތައް އެޅުމަށެވެ. އަމިއްލަ ނަފްސާއި ދިރިއުޅުން އިސްލާހުކޮށް ކުރިއެރުވުމަކީ ވެސް އަމިއްލަ ނަފްސު ދެކެ ލޯބިވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ސަބަބަކީ، އާދައިގެ ދަށް ފަންތީގެ ދިރިއުޅުމަކުން ފުއްދާލުމުގެ ބަދަލުގައި، މިއަށްވުރެ ރަނގަޅު ގޮތްތައް ތިމާއަށް ހައްގުކަން ގަބޫލުކުރުމެވެ.
ހަޤީޤީ މާނައިގައި އަމިއްލަ ނަފްސު ދެކެ ލޯބި ވުމަކީ ކޮބާ؟
ހަގީގީ މާނައިގައި އަމިއްލަ ނަފްސު ދެކެ ލޯބިވުމަކީ، ތިމާގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކޮންމެ ކަމެއްގައި ހިމެނޭ ސިފައެކެވެ. އޭގެ ތެރޭގައި ތިމާގެ ކެއިންބުއިމުގެ އާދަތަކާއި، އަޅުކަމާއި ރޫހާނީ ކަންކަމާއި، އަދި އެހެން މީހުންނާ ބާއްވާ ގުޅުންތައް ވެސް ހިމެނެއެވެ. މީގެ އިތުރުން، އަމިއްލަ ނަފްސު ދެކެ ލޯބިވުމުގެ އެންމެ މުހިންމު އެއް ބަޔަކީ ތިމާގެ ކިބައިގައިވާ ސިފަތަކާއެކު އަމިއްލަ ނަފްސު ފުރިހަމައަށް ޤަބޫލުކޮށް، އެކަމާ ހިތްހަމަޖެހިގެން ހުރުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އަމިއްލަ ނަފްސަށް ބާރުވެރިކަމާއި ނަފްސާނީ މިނިވަންކަން ލިބިގެންދެއެވެ.
އަމިއްލަ ނަފްސު ދެކެ ލޯބިވުމުގެ މާނަ ރަނގަޅަށް ދެނެގަނެވިއްޖެނަމަ، ތިމާގެ ވިސްނުމާއި އަމަލުތަކުގެ ދެމެދުގައި ހަމަހަމަކަން ގާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ. މި ހަމަހަމަކަން ނެތްނަމަ، ދިރިއުޅުމުގައި ގިނަގިނައިން ގޮންޖެހުންތަކާ ކުރިމަތިވެ، މަގު އޮޅޭ ގޮތް މެދުވެރިވާނެއެވެ. ތިމާ އަމިއްލަ ނަފްސު ދެކެ ލޯބިވާން ފެށުމުން، ދިރިއުޅުމުގެ ކަންކަން ތިމާއަށް ފަހިވެ، އުފާވެރިކަން ލިބެން ފަށާނެއެވެ. ވިސްނުމާއި އަމަލާ ދެމެދު އޮންނަ މި ހަމަހަމަކަމުގެ ސަބަބުން، ތިމާގެ ނަފްސާނީ ހަކަތަ އާއި ދިރުން އިތުރުވެގެންދާނެއެވެ.
މަޢުލޫމާތު ނެގީ
KING, V. (2018). GOOD VIBES, GOOD LIFE. London: Hay House UK Ltd.
