މިއަދުގެ ދުނިޔޭގައި އިޤްތިޞާދީ ގޮތުން އެންމެ ބާރުގަދަ ޤައުމުގެ ގޮތުގައި ބެލެވޭ އެމެރިކާ މިވަނީ ނުރައްކާތެރި މާލީ ފައްތަރެއްގައެވެ. އެމެރިކާގެ ޤައުމީ ދަރަނި 39 ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް ވަނީ ގޮސްފައެވެ. ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލަކީ، އަމިއްލައަށް ފައިސާ ޗާޕުކުރުމުގެ ހުރިހާ ބާރެއް އެމެރިކާއަށް ލިބިފައި އޮތް އިރު، މިހާ ބޮޑަށް ދަރަނިވެރި ޙާލަތަކަށް އެ ޤައުމު ވެއްޓެންޖެހުނީ ކީއްވެގެންތޯއެވެ؟ މިއީ ވަރަށް ބޮޑު ސުވާލެކެވެ.

މި ސުވާލުގެ ޖަވާބު ގުޅިފައިވަނީ އިޤްތިޞާދީ ގޮތުން ބޭނުންކުރާ ’ޑެބްތު ސްޕައިރަލް’އާއެވެ. ’ޑެބްތު ސްޕައިރަލް’އޭ ބުނެވެނީ އިޤްތިޞާދީ ގޮތުން ޤައުމެއް ނުވަތަ ފަރުދަކު، ދަރަނިން ސަލާމަތް ނުވެވޭ ފަދަ ނުރައްކާތެރި އަނދަވަޅަކަށް ވެއްޓުމަށެވެ. މިއީ ސިލްސިލާކޮށް އެކެއް އަނެކަކާ ގުޅިފައިވާ ކަންތައްތަކެއްގެ ސަބަބުން ދަރަނި ކޮންޓްރޯލުން ނެއްޓިގެންދާ ދިއުމެވެ. މިހެން މިކަން ވަނީ ދަރަނި އިތުރުވަމުންދާ ވަރަކަށް، އެ ފައިސާގެ އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ބޮޑުވުމުންނެވެ. ވަކި ހިސާބަކުން، ސަރުކާރަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ހަމައެކަނި އިންޓްރެސްޓް ދެއްކުމަށް ހޭދަކުރަން މަޖުބޫރުވުމުންނެވެ. އެމެރިކާގެ ޤައުމީ ދަރަނި އޮތީ މިފަދަ ހާލަތެއްގައެވެ. މިއީ އެމެރިކާގެ މިއަދުގެ ”ބިޒްނަސް މޮޑެލް“ ވެސް މެއެވެ.

މިކަން އާދައިގެ މިސާލަކުން ފަހުމުކޮށްލަމާ ހިނގާށެވެ. އާދައިގެ އާއިލާއަކަށް އާމްދަނީގެ ގޮތުގައި ލިބެނީ 50 ހާސް ޑޮލަރެވެ. އެކަމަކު އެ އާއިލާއަކުން ދައްކަން ޖެހޭ ބިލްތަކަށް 80 ހާސް ޑޮލަރު އަރާ ނަމަ، ދެންވާނީ ކިހިނެއް ހެއްޔެވެ؟ އެ ފަރަގު ފޫބައްދަން ކްރެޑިޓް ކާޑަށް ބަރޯސާވާން ޖެހެނީއެވެ. އެ ފައިސާ ވެގެންދަނީ ދަރަންޏަށެވެ. މިއާއެކު ކްރެޑިޓް ކާޑުގެ ދަރަނި ވެސް ދައްކަން ޖެހޭނެ ނޫންތޯއެވެ! ދެން، ކާޑުގެ ދަރަނި ނުދެއްކިގެން ގެދޮރު ރަހުނުކޮށްގެން ލޯނު ނަގަނީއެވެ. އެންމެ ފަހުން، ލޯނުގެ ”މިނިމަމް ޕޭމަންޓް“ ދެއްކުމަށް ޓަކައި އަނެއްކާ ވެސް އިތުރު ދަރަންޏެއް ނަގަން މަޖުބޫރުވެއެވެ. މިއީ ބަނގުރޫޓުވުމުގެ ސީދާ މިސާލެކެވެ.

އެމެރިކާއިން ފައިސާ ޗާޕުކުރަނީ ތަރައްޤީގެ މަޝްރޫޢުތަކަކަށް ނޫނެވެ. އާދެ، މަގުތައް ހަދާކަށް، ސްކޫލްތައް ރަނގަޅުކުރާކަށް ނުވަތަ އާއިލާތަކަށް އެހީވާކަށް ނޫނެވެ. އެއީ ކުރީގެ ދަރަނިތަކުގެ އިންޓަރެސްޓް ދައްކައި، ބަނގުރޫޓުވުން ފަސްކުރުމަށް ކުރާ ކަމެކެވެ. މިއީ އެމެރިކާގެ މިއަދުގެ ޙާލަތެވެ.

ބައެއް މީހުންނަށް ހީވެފައި އޮވެދާނެއެވެ. އެމެރިކާއަށް ”ފައިސާ ޗާޕުކުރަން“ ފުރުޞަތު ލިބިފައި އޮތުމަކީ، އެއީ އެ ޤައުމުގެ އިގުތިޞާދީ ބާރުގަދަ ކަމެވެ. މުޅިއަކުން އެހެނެއް ނޫނެކެވެ. އޭގެ ސަބަބުން އެމެރިކާގެ ދަރަނި ވަނީ ބޮޑެވެ. ސަބަބަކީ ޗާޕުކުރާ ފައިސާއަކީ ”މުއްސަނދިކަމެއް“ ނޫނެވެ. އެއީ އިތުރުވާ ”ލަޔަބިލިޓީ“އެކެވެ. ލަޔަބިލިޓީއޭ ބުނެވެނީ، ތިބާގެ އަތުން ބޭރުވާން އޮތް ފައިސާ ނުވަތަ މުދަލަށް ނިސްބަތްކޮށެވެ. މިސާލަކަށް، ބޭންކުން ނަގާފައިވާ ލޯނަކީ ލަޔަބިލިޓީއެކެވެ. ސަބަބަކީ އެއީ އަނބުރާ ދައްކަންޖެހޭ ފައިސާއަކަށް ވާތީއެވެ. ހަމައެހެންމެ، ކްރެޑިޓް ކާޑުން ޚަރަދުކޮށްފައިވާ ފައިސާއަކީ ވެސް ދައްކަންޖެހޭ ދަރަންޏެކެވެ. ކަރަންޓު ބިލް، ފެން ބިލް ނުވަތަ މުދާ ގަތުމަށްފަހު ނުދައްކާ ހުރި ފައިސާ ވެސް މިފަދައެވެ.

ފައިސާ ޗާޕުކުރުމުގެ ބާރު އޮތުމަކީ އިޤްތިޞާދީ ތަނަވަސްކަމެއް ކަމަށް ހީވިޔަސް، ހަގީގަތުގައި އޭގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ އަތުގައި ހުރި ފައިސާގެ ބާރު ކެނޑިގެން ދެއެވެ. މާކެޓަށް އިތުރު ފައިސާ ޗާޕުކޮށް ނެރުމަކީ އިޤްތިޞާދީ ގޮތުން ’އިންފްލޭޝަން‘ މަތިވާ މައިގަނޑު ސަބަބެވެ. މީގެ ނަތީޖާއަކަށް ވަނީ މީހުންނަށް ލިބޭ މުސާރައާއި އާމްދަނީއަށް ވުރެ ބޮޑަށް ތަކެތީގެ އަގު އުފުލުމެވެ. އެއާއެކު، ބޭންކުތަކުގައި ރައްކާކޮށްފައި ހުންނަ ފައިސާގެ ޙަޤީޤީ އަގު ވެއްޓެއެވެ. އަދި، މެދުފަންތީގެ މީހުންނަށް ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުން ދަތިވެ، ފަގީރުކަމުގެ ތެރެއަށް ވެއްޓިގެން ދެއެވެ.

އިގުތިސާދީ މުސައްނިފެއް ކަމުގައިވާ ރޮބަޓް ކިޔޯސާކީ ފާހަގަކުރައްވާ ގޮތުގައި، ސަރުކާރުން ފައިސާ ޗާޕުކޮށްގެން ދަރަނި ދައްކާ ޙާލަތެއްގައި، އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ފައިސާ ރައްކާކުރާ މީހުންނަށެވެ. ސަބަބަކީ ފައިސާއަކީ މުއްސަނދިކަމެއް ނޫނެވެ. އެއީ މުއްސަނދިކަމެއް ލިބިގަތުމަށް ބޭނުންކުރާ ވަޞީލަތެކެވެ. ޙަޤީޤީ މުއްސަނދިކަމަކީ، އެ މީހެއްގެ ނުވަތަ ބައެއްގެ އަތުގައި އޮންނަ ބިން، ރަން، އަދި ވިޔަފާރި ފަދަ ”އެސެޓް“ ނުވަތަ މުދަލެވެ. ފައިސާގެ އަގު ވެއްޓުނު ނަމަވެސް މިފަދަ މުދަލުގެ އަގު ދަށެއް ނުވެއެވެ.

އެހެންވީ އިރު، އެމެރިކާގައި މިހާ ބޮޑު ދަރަންޏެއް އޮތް އިރު، އެންމެ ބޮޑު އިގުދިސާދަށް އެމެރިކާ ވަނީ ކިހިނެއް ހެއްޔެވެ؟ މިވެސް ވިސްނާލަން ޖެހޭ ސުވާލެކެވެ.

ބޮޑު ދަރަންޏެއް އޮތުމާ އެކު ވެސް އެމެރިކާ ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދުގެ ގޮތުގައި ދެމިއޮންނަނީ އެހެން ޤައުމުތަކަށް ނުލިބޭ ބައެއް ޚާއްޞަ ބާރުތަކާއި އިމްތިޔާޒުތައް އެ ޤައުމަށް ލިބިފައިވާތީއެވެ. މީގެ މައިގަނޑު އެއް ސަބަބަކީ، ދުނިޔޭގެ ގިނަ ޤައުމުތަކުން މުދާ ގަނެވިއްކުމަށާއި، ފޮރިން ރިޒާވް ބެލެހެއްޓުމަށް ބޭނުންކުރަނީ އެމެރިކާ ޑޮލަރަށް ވުމެވެ. މީގެ މާނައަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް ޑޮލަރަށް އޮތް ޑިމާންޑް ވަރަށް ބޮޑުވުމެވެ. މި ސަބަބާ ހުރެ، އެމެރިކާ ސަރުކާރުން އިތުރަށް ދަރަންޏަށް ފައިސާ ނެގިޔަސް، އެ ދަރަނި ގަންނާނެ އެހެން ޤައުމުތަކާއި އިންވެސްޓަރުން އަބަދުވެސް ތިބެއެވެ.

ދަރަނި ބޮޑުވި ނަމަވެސް، އެމެރިކާއަކީ ދުނިޔޭގައި އެންމެ ގިނަ މުދަލާއި ޚިދުމަތް އުފައްދާ ޤައުމެވެ. އެމެރިކާގެ ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަން ވަރަށް މައްޗެވެ. އިންވެސްޓަރުން ޤަބޫލުކުރަނީ އެމެރިކާގެ އިޤްތިޞާދަކީ އެ ދަރަނި އަނބުރާ ދެއްކުމުގެ ޤާބިލުކަން ހުރި، ”ވަރުގަދަ“ އިޤްތިޞާދެއް ކަމަށެވެ. އަނެއް ކަމަކީ، ދުނިޔޭގެ މާލީ ބާޒާރުގައި އެމެރިކާގެ ސަރުކާރުގެ ބޮންޑުތަކަކީ އެންމެ ”ރައްކާތެރި“ އިންވެސްޓްމަންޓް ކަމަށް ބެލެވޭތީއެވެ. ދުނިޔޭގެ އެހެން ހިސާބުތަކުގައި ހަމަނުޖެހުން ހިނގާ ވަގުތުތަކުގައި ވެސް، ބޮޑެތި އިންވެސްޓަރުން އެމީހުންގެ ފައިސާ ރައްކާކުރަނީ އެމެރިކާގެ މާލީ ނިޒާމުގައެވެ.

ހަމައެހެންމެ، އެޕަލް، ގޫގުލް، މައިކްރޮސޮފްޓް، އެމެޒަން އަދި ޓެސްލާ ފަދަ ދުނިޔޭގެ އެންމެ ބޮޑެތި ބިޔަ ކުންފުނިތައް ނިސްބަތްވަނީ އެމެރިކާއަށެވެ. މިފަދަ ކުންފުނިތަކުގެ ސަބަބުން އެމެރިކާގެ އިޤްތިޞާދަށް މެދުނުކެނޑި އާމްދަނީއާއި އައު އުފެއްދުންތައް ވަންނަމުންދެއެވެ.

އިޤްތިޞާދީ ބާރުވެރިކަމާއި އަސްކަރީ ބާރުވެރިކަމާ ވެސް ވަނީ ގުޅިފައެވެ. އެމެރިކާގެ އަސްކަރީ ބާރުގެ ސަބަބުން ދުނިޔޭގެ ވިޔަފާރީގެ މަގުތައް ބެލެހެއްޓުމާއި، އެމެރިކާގެ މަޞްލަޙަތުތައް ހިމާޔަތްކުރުމަށް އެހީތެރިވެއެވެ. މިއީ ވެސް އެމެރިކާ ޑޮލަރަށް އޮންނަ އިތުބާރު ބޮޑުވާ ސަބަބެކެވެ.

އެމެރިކާ އެންމެ ބޮޑު އިޤްތިޞާދުގެ ގޮތުގައި އޮންނަނީ އެ ޤައުމުގެ ދަރަނި ކުޑަވެގެންނެއް ނޫނެވެ. އެކަމަކު އެ ދަރަނި މެނޭޖްކުރުމަށް ބޭނުންވާ ދުނިޔޭގެ އިތުބާރާއި، ދުނިޔޭގައި އޮތް އެމެރިކާ ޑޮލަރުގެ ޑޮމިނޭޝަނާއި، އަދި މެދުނުކެނޑި ކުރިއަރާ ޓެކްނޮލޮޖީ، އެ ޤައުމުގެ މުށުތެރޭގައި އޮތުމުންނެވެ.

އެހެން ޤައުމުތަކަށް ނުލިބޭ ބައެއް ޚާއްޞަ ބާރުތަކާއި އިމްތިޔާޒުތައް އެމެރިކާއަށް ލިބިފައި އޮތް ނަމަވެސް، މާހިރުން ގަބޫލުކުރާ ގޮތުގައި އެ ޤައުމުގެ އިގުތިސާދީ ކުރިމަގު އޮތީ ބޮޑު ގޮންޖެހުމެއްގެ ކުރިމަތީގައެވެ. ދަރަނީގެ ބިޔަ ރާޅުން އެމެރިކާ ސަލާމަތްވާނީ ކިހިނެއްކަން މިއަދު އެކަކަށް ވެސް ނޭނގެއެވެ. ނަމަވެސް އެނގޭ ކަމަކީ، ދުނިޔޭގެ އިގުތިސާދީ ނިޒާމަށް ބޮޑު ބަދަލެއް އަންނަމުންދާ ކަމެވެ. އެމެރިކާގެ އިޤްތިޞާދީ މި ”ބޮޑު ބަދަލު“ ނިމިގެންދާނީ ކޮން ސިފައެއްގައިކަން ބަލަން މިއަދު ދުނިޔެ އޮތީ ނޭވާ ހިފަހައްޓާލައިގެންނެވެ.

ޝެއަރކުރެއްވުމަށް