”ބިރުކުޑަ ޢަލީ“ (ބިރުކުޑަ އަލިފުޅު) އަކީ ދިވެހި ފޯކްލޯރު ނުވަތަ ކިޔައިއުޅޭ ގަދީމީ ވާހަކަތަކުގެ ތެރެއިން ވަރަށް މަޝްހޫރު ޝަޚުޞިއްޔަތެކެވެ. މި ވާހަކައަކީ އާންމުކޮށް ކުޑަކުދިންނަށް ކިޔައިދޭ، ހިތްވަރުގަދަކަމާއި ބިރުކުޑަކަން ދައްކުވައިދޭ މަޖާ އަދި އިބުރަތްތެރި ވާހަކައެކެވެ. ޓީވީ މޯލްޑިވްސް މީގެ އެތަށް އަހަރެއް ކުރިން “ސަޅި ބައިސާ“ ކިޔާ ޑްރާމާ ސީރީޒެއް ގެނައިކަން ހަނދުމަފުޅު ހުންނާނެއެވެ. އެއީ ދިވެހި ޑްރާމާ ސީރީޒްތަކުގެ ތެރެއިން ވަރަށް ތަފާތު، މަޖާ ގޮތަކަށް ތައްޔާރުކޮށްފައިވާ ސިލްސިލާއެކެވެ. ޚާއްސަކޮށް އޭގެ ޑައިލޮގްތަކާއި، ކެރެކްޓަރތަކުގެ ހަރަކާތްތަކަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލުވި ކަންކަމެވެ.

ޢަލީ އަކީ އިންޖިނިއަރިންގ ގެ ދާއިރާގައި ހީވާގި އިންޖިނޭރެކެވެ. ޢަލީގެ އެންމެ ޚާއްޞަ ސިފައަކީ ބިރުކުޑަ ކަމެވެ. ބިރުގަންނަ ހަމަ އެންމެ ކަމެއްވެސް ނޯވެއެވެ. ބިރަކީ އޭނާ ދަންނަ އެއްޗެއް ނޫނެވެ. އޭނާގެ ވާހަކަތަކުން އެނގުނު ގޮތުގައި ރޫހާނީ ކަންކަމަކީ މިސާލަކަށް ޖިންނި ޝައިތޯނުން ވެސް ޢަލީ ދެކެ ބިރުގަނެއެވެ. އޭނާ ބުނާގޮތުން ވިއްޔާ އެހެންވަނީ އޭނާ ވިހޭ ރާއްސެއްގެ ސަބަބުންނެވެ.

މާލެއިން އުތުރަށް ނިސްބަތްވާ ޢަލީ މަސައްކަތް ކުރަނީ މާލޭގައެވެ. ގިނަ ދުވަސްތަކަކަށް ފަހު 20 ދުވަހުގެ ޗުއްޓީއެއް ނަގައިގެން އުފަން ރަށަށް ދިޔައެވެ. ރަށު މީހުން ވެސް އޭނާއާ މުޚާތަބު ކުރަނީ ބިރުކުޑަ ޢަލީގެ ނަމުންނެވެ. ޢަލީ ރަށަށް އައި ޚަބަރު ލިބުމުން އެ ޢުމުރުފުރާގެ މީހުންތައް ޢަލީއަށް ބައްދަލުކޮށް ސަލާންގަލާން ކުރިއެވެ. ޢަލީގެ ކަމަކީ އޭނާގެ ކުޑަދުވަހުގެ ރައްޓެހިންނާއެކު އަބަދާއަބަދު ކޮފީ ބުއިމެވެ. މުޅިންވެސް ހުސްވަގުތު ފުރަނީ ރަށުގެ ކޮންމެވެސް ކެފޭއެއްގައެވެ. ވަޒީފާގައި އުޅޭތީ ކޮންމެވެސް ވަރަކަށް ލާރިކޮޅުކޮޅު ޢަލީގެ އަތުގައި ހުރެއެވެ.

ދުވާލެއްގެ އިރު މެދުން ލަނބާލައިފިއެވެ. ޢަލީއާއި އޭނާގެ އެކުވެރި އެހެން ކުއްޖަކާއެކު ތިބީ ރަށުގެ މީހުން ނޫޅޭ ފަރާތު އަތިރިމަތީގައި މަސްބާނާށެވެ. ކޮންމެވެސް ވަރަކަށް ފިލޮޅު ކޮޅަކާއި ދެތިން ވާލި ބޭނުނެވެ. އަނދިރިކަން ވެރިވުމުގެ ކުރިން ގެއަށްދިޔުމަށް ދެ މީހުން ތައްޔާރުވަމުން ދިޔައެވެ. މަސްތައް ހުޅުނބު ޖަހާ ފައްޗަކަށް އަމުނައިގެން ރަށުތެރެއަށް އެރުމަށްޓަކައި ހިނގައިގަތެވެ. ވަކި ހިސާބަކަށް ދެވުނުތަނުން އަތިރިމަތީގެ ހޭޅިފަށަށްވުރެ ތަންކޮޅެއް އެތެރޭގައި ހުރި މިދިލި ގަހެއް ފެނިއްޖެއެވެ. ގަސް އޮތީ ދޮންމަދުން ފުރިފައެވެ. ޢަލީ ދޮންމަދު ކާހިތްވެއްޖެއެވެ. މަސްފަތި މަގޫ ގަހެއްގެ އޮފިގަނޑުގައި އަޅުވާފައި ޢަލީ ގަހަށް އަރައިފިއެވެ. ގަހުގައި އޮވެގެން ވަރަށް ފޯރީގައި ދޮންމަދު ބިންނަމުން ކަމުން ޢަލީ ގެންދެއެވެ. ކުއްލިއަކަށް މީހަކު ތުނބުން ފުމެލި އަޑު ޢަލީއަށް އިވިއްޖެއެވެ. އަލީ ހީކުރީ ދޮންމަދު ހޮވަން ތިރީގައި ހުރި ރައްޓެހި ކުއްޖާ ކުރިކަމެއް ކަމަށެވެ. ޢަލީ އަނގަތަޅަމުން ދޮންމަދު ބިންނަމުން ގެންދެއެވެ. އަނެއްކާވެސް އެއްކަލަ ތުނބުން ފުމޭ އަޑު އިވިއްޖެއެވެ. މިފަހަރު ޢަލީއަށް އެ އަޑު އިވުނީ ސީދާ ގަހުގެ ތެރެއިން ވަރަށް ކައިރިންކަން އިޙުސާސް ކުރެވުނެވެ. މިފަހަރު އިވުނު އަޑާއެކު ޢަލީ ބިރުގެންފިއެވެ. އެއަޑު އިވުނުތޯ ގަހުގެ ތިރީގައި ހުރި ކުއްޖާ އަށް ގޮވައި އަހަފިއެވެ. އެ ކުއްޖާއަކަށް އެބުނާ އަޑު ނީވޭކަމަށް ބުނުމުން އެއީ ހީވިކަމެއްކަމަށް ބަލާފައި މަދު ބިނުން ކުރިއަަށް ގެންދަން ފަށައިފިއެވެ. މިދެންނެވި އަޑު މިފަހަރު އިވުނީ ވަރަށް ބާރަށެވެ. ޢަލީ ގަތީ އަމަށަކު ބިރެއް ނޫނެވެ. ތުނބުން ފުމޭ އަޑަކީ ޖިންނި ޝައިޠޯނުން ލައްވާ އަޑެއްކަމަށް މީހުން ކިޔާތީ ޢަލީ އަޑު އަހައެވެ. ދެނެކާ ދެނެއް ނެތެވެ. ޢަލީ ގެންފައި ހުރި ބިރުން ގަހުން ފައިބަން އުޅުމުގެ ތެރޭގައި ފައި ކަހާލައިގެން ގަހުގެ އޮފިގަނޑު ތެރެއިންލާފައި އައިސް ގުޅައަކަށް ބިންމައްޗަށް ވެއްޓިއްޖެއެވެ. ކޮންމެވެސް ވަރެއްގެ ކުދިކުދި ޒަޚަމްތައް ލިބިފައި ހުއްޓެވެ.

ބިންމަތީގައި ޖެހުމާއެކު ޢަލީ މޮޔަވެފައި ހުރި މީހެއް ގޮތަށް ގަޔަށް ވަރުގަނޑެއް އަރާފައި މުޅި މީހާ ތެޅިފޮޅެނީއެވެ. ދުލުން ހެޔޮއެއްޗެތި ކިޔޭތޯ އުޅޭހެންވެސް ހީވެއެވެ. އިރުކޮޅު ކޮޅާ މީހާ ހޭނެތި ހަބަރު ހުސްވެއެވެ. މިތަން ބަލަން އެކުވެރިޔާ ހުރެފައި މޫދުން ލޮނު ގެނެސް ޢަލީގެ ބޮލަށް އަޅައި އެތައް ކަމެއް ކުރިފަހުން ގަޔަށް އެރި ވަރުގަނޑު ކެނޑި މީހާ ހަމައަކަށް އެޅިއްޖެއެވެ. އޭރުވެސް ޢަލީ ބިރުން ތުރުތުރު އަޅައެވެ. މިތަން ބަލަން ހުރި އޭނާގެ އެކުވެރިޔާ ޢަލީއަށް މަލާމާތްކޮށް އެއުޅުނު ގޮތަކުން ހީހީ ލޮޑުވެއްޖެއެވެ. ބިރުކުޑަ ކަމަށް ހެދިގެން އުޅުނު ޢަލީގެ ޙާލަތު ފެނިފައި ދެރަވެސްވިއެވެ.

ކޮންމެއަކަސް ޢަލީއަށް ހަމަހޭ ވެރިކަން ލިބުމުން ދެ މީހުން އެއްކޮށް އެއްގަމާ ދިމާލަށް ދިޔުމަށް ހިނގައިގަތެވެ. އިރުވެސް އޮއްސުމަކާ ގާތްވެއްޖެއެވެ. ދެމީހުން ދިޔަ މަގުމަތީގަވެސް ދެއްކީ ޢަލީއަށް އެ ދިމާވި ބިރުވެރި ކަންތަކުގެ އަޖާއިބު ކުރުވަނިވި ވާހަކައެވެ. “ ނަމަ ނަމަ މިވާހަކަ މީހުން ގާތު ނުކިޔާތި އަހަރެން މުޅިން ބޭޒާރުވެދާނެ“ ޢަލީ އޭނާގެ އެކުވެރިޔާ ގާތު ބުނަމުން ދިޔައެވެ. ސައި ދޭ މަތިން އެކުވެރިޔާ ވެސް އެކަމަށް އެއްބަސް ވިއެވެ. އަދިއަދަށް ދާންދެންވެސް ޢަލީއަށް މިދިމާވި ބިރުވެރި ހާދިސާ އޮތީ ނުދައްކާ ފޮރުވާފައެވެ. ކަމަކާ ޖެހިއްޖެ ނަމަ ވާނީ ކިހިނެތްކަން ބުނަންވެސް ނޭންގެއެވެ. ދުވަސްތައް މާޒީވެގެން ދެއެވެ. ކުރިއޭކޭ އެއްގޮތަށް ޢަލީއަކީ ހަމަ އެންމެން ދަންނަ ބިރުކުޑަ ޢަލީ އެވެ.

 

ޝެއަރކުރެއްވުމަށް