ކޮންމެ ޤައުމެއްގެވެސް އެންމެ އަގުބޮޑު ރައުސްމާލަކީ އެ ޤައުމެއްގެ ޒުވާން ޖީލެވެ. ޤައުމުގެ މުސްތަޤުބަލު އުޖާލާވެގެންދަނީ އެ ޤައުމެއްގައި ތިބި ކުދިންނާއި ޒުވާނުންނަކީ އަޚުލާޤީ ގޮތުން ހަރުދަނާ، މާތް ސިފަތަކުން ޒީނަތްތެރިވެފައިވާ ބަޔަކަށް ވެގެންނެވެ. އަޚުލާޤު ރަނގަޅު ޖީލެއް ބިނާކުރުމަކީ ހަމައެކަނި ތަޢުލީމީ ފެންވަރު މަތިކުރުމެއް ނޫނެވެ. އެއީ އިންސާނާގެ ކިބައިގައި ހުންނަންޖެހޭ އިންސާނީވަންތަ ރަނގަޅު އާދަތަކާއި، ދީނީ އަދި އިޖުތިމާޢީ މިންގަނޑުތަކަށް ބޯލަނބާނެ ބަޔަކު އުފެއްދުމެވެ. އަޚުލާޤު ރަނގަޅު، ހެޔޮލަފާ ޖީލެއް ބިނާކުރުމަކީ މުޖުތަމަޢެއްގެ ކުރިއެރުމާއި ބާއްޖަވެރިކަމުގެ އަސްލެވެ.

އަޚުލާޤު ރަނގަޅު ޖީލެއް ބިނާކުރުމަކީ ކުޑަކުދިންނާއި ޒުވާނުންގެ ކިބައިގައި އިސްލާމީ ރަނގަޅު ތަރުބިއްޔަތާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އަދި އެކަކު އަނެކަކަށް އިޙްތިރާމްކުރުން ފަދަ މާތް ސިފަތައް އަށަގަންނުވައި، އެކަންކަން އަމަލީ ގޮތުން ދައްކާނެ ބަޔަކު އުފެއްދުމެވެ. މީގެ ތެރޭގައި ދީނީ ވާޖިބުތަކަށް ފަރުވާތެރިވުމާއި، ބޮޑެތި މީހުންނަށް އިޙްތިރާމްކުރުމާއި، މުޖުތަމަޢުގެ މަޞްލަޙަތު އިސްކުރުން ހިމެނެއެވެ.

އަޚުލާޤު ރަނގަޅު ހަރުދަނާ ޖީލެއް ބިނާކުރުމަށްޓަކައި ކުރެވިދާނެ އެންމެ މުހިންމު ކަމަކީ އިސްލާމީ ތަރުބިއްޔަތަށް އިސްކަންދިނުމެވެ. ދީނީ އަގީދާ ވަރުގަދަކޮށް، ތައުހީދު އުގަންނައިދީ، ނަމާދަށް ފަރުވާތެރިވުމާއި، ދީނީ ކަންކަމަށް ލޯބިޖެއްސުމަކީ އަޚުލާޤުގެ ބިންގަލެވެ. މިގޮތުން ކުދިންގެ ހިތްތަކުގައި ދީނީ ރޫޙު އާލާކޮށް އެ ކުދިންނަކީ ﷲ އަށް ބިރުވެތިވާ ބަޔަކަށް ހަދަން ޖެހެއެވެ. އަދި ކީރިތި ރަސޫލާ ގެ ސިޔަރަތުންނާއި އިސްލާމީ ތާރީޚުން ނަމޫނާ ލިބިގަތުމަށް ބާރުއެޅުމަކީ އަޚުލާޤީ މިންގަނޑުތައް ހަރުދަނާވާނެ ކަމެކެވެ.

މީގެ އިތުރުން، ބެލެނިވެރިންނާއި މުދައްރިސުންނަކީ ކުދިންނަށް ނަމޫނާ ދައްކާ ބަޔަކަށް ވާންޖެހެއެވެ. ކުދިން ގިނައިން ދަސްކުރަނީ ފޮތުން ކިޔައިގެންނަށްވުރެ ބޮޑަށް، ބޮޑެތި މީހުންގެ އަމަލުތައް ފެނިގެންނެވެ. އެހެންކަމުން، މައިންބަފައިންނާއި ބެލެނިވެރިންނާއި މުދައްރިސުންނަކީ ތެދުވެރި، އަމާނާތްތެރި، އަދި އެހެން މީހުންނަށް އިޙްތިރާމްކުރާ ބަޔަކަށް ވުމަކީ ދަރިންގެ ކިބައިގައި ރިވެތި އަޚުލާޤު އަށަގަންނުވަން އެންމެ ފަސޭހަގޮތެވެ.

ތަޢުލީމީ ނިޒާމުގެ ތެރެއިން އަޚުލާޤަށް އިސްކަންދިނުމަކީ ވެސް އަޚުލާޤު ރަނގަޅު ޖީލެއް ބިނާކުރުމަށް ވަރަށް މުހިންމު ކަމެކެވެ. މިގޮތުން ސްކޫލްތަކަކީ ހަމައެކަނި ފޮތުން ކިޔަވައިދޭ ތަންތަނަށް ނުހަދައި، ސްކޫލުތަކަކީ އުޅުމާއި ގުޅުމާއި އަދަބުތައް ދަސްކޮށްދޭ އަދި ތަރުބަވީ ޒިންމާތަކެއް އޮތް ތަންތަނަށް ހެދުމަކީ ވަރަށް މުހިންމުކަމެކެވެ.

މައިންބަފައިންނާއި، ބެލެނިވެރިންނަކީ ކުދިންނާއެކު ވަގުތު ހޭދަކޮށް، އެކުދިންގެ ޝުޢޫރުތައް އަޑުއަހައި، ރަނގަޅު މަގު ދައްކައިދޭ، އަބަދުވެސް ހެޔޮ ނަސޭހަތްދޭ ބަޔަކަށްވުކީ ވެސް ކުދީން ހެޔޮގޮތުގައި ތަރުބިއްޔަތުވާނެކަމެކެވެ. ކުދިންނަށް ލޯތްބާއި އަޅާލުން ލިބޭނަމަ، ބޭރުގެ ނުރަނގަޅު ނުފޫޒުތަކުން އެކުދިން ސަލާމަތްވުމަށް ފަސޭހަވެގެންދާނެއެވެ.

އިންސާނާގެ އަޚުލާޤަށް އެންމެ ބޮޑު އަސަރެއް ފޯރުވަނީ އެމީހަކު އުޅޭ މާހައުލުންނާއި އެކުއުޅޭ  އެކުވެރިންގެ ފަރާތުންކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން، ދަރިންގެ އެންމެ ގާތް އެކުވެރިންނަކީ ކޮބައިތޯ ބަލައި، ހެޔޮލަފާ އެކުވެރިން އިޚްތިޔާރުކުރުމަށް މަގުދައްކައިދިނުމަކީ އެ ކުދީންގެ ޝަޚްޞިއްޔަތު ވަކިގޮތަކަށް ބައްޓަން ކުރުމަށް ކުރަން ޖެހޭކަމެކެވެ.

ހެޔޮލަފާ އަޚުލާޤު ރަނގަޅު ޖީލެއް ބިނާކުރުމަށް އެދޭނަމަ މީޑިއާއާއި ޓެކްނޮލޮޖީއަށް ދަރީން ހޭލުންތެރިކުރަން ޖެހެއެވެ. މި ޒަމާނުގައި އިންޓަރނެޓާއި މީސް މީޑިއާއިން ކުދިންގެ ފިކުރަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވައެވެ. އެހެންކަމުން، އިންޓަރނެޓް ބޭނުންކުރުމުގައި ރަނގަޅާއި ނުބައި ވަކިކުރަން ދަސްކޮށްދީ، މީޑިއާގެ ނޭދެވޭ އަސަރުތަކުން ސަލާމަތްވާނެ ގޮތްތައް އުނގަންނައިދިނުމަކީ ކުރެވިދާނެ ވަރަށް މުހިންމުކަމެކެވެ.

ހަރުދަނާ އަޚުލާޤުގެ މަތީގައި ޖީލެއް ބިނާކުރެވޭނީ ކުޑައިރުއްސުރެ ކުދިންނަށް ކަންކަމުގައި ޒިންމާ ނަގަން ދަސްކޮށްދީ، އެކުދިންގެ ކިބައިގައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އަށަގަންނުވައިގެންނެވެ. އަޚުލާޤު ރަނގަޅު ޖީލެއް ބިނާކުރުމަކީ ޙަޤީޤަތުގައި މުޖުތަމަޢުގެ ހުރިހާ ފަރުދުން ގުޅިގެން ކުރަންޖެހޭ މަސައްކަތެކެވެ. މިއީ މުޅި ޤައުމުގެ ވެސް ޒިންމާއެކެވެ. ދީނީ އަސާސްތަކުގެ މަތީގައި، ދިވެހިވަންތަ ރީތި އާދަތަކާއެކު ދަރިން ތަރުބިއްޔަތު ކުރުމަކީ މިއަދު އަޅުގަނޑުމެން ކުރަންޖެހިފައިވާ އެންމެ މުހިންމު ޤައުމީ މަސައްކަތެވެ. އޭރުން ދިވެހިރާއްޖޭގެ މުސްތަޤުބަލު ވެގެންދާނީ އަމާން، އުފާވެރި އަދި ކުރިއަރާފައިވާ ތަނަކަށެވެ.

ޝެއަރކުރެއްވުމަށް