މިހާރު އެންމެ ފޯރީގައި ބަހުސް ކުރެވެމުންދަނީ އީރާނާއި އެމެރިކާގެ ހަނގުރާމައިގެ ވާހަކަތަކުންނެވެ. ދެމީހަކު ބައްދަލުވާއިރަށް ’ކޮބާ ހަނގުރާމަ ކިހިނެތް ވަނީ“ މިހެން ކިޔާތީ އަޑު އިވެއެވެ. ފުޓްބޯޅަ ޓީމަކަށް ނުކުރާ ވަރަށް އީރާނަށް ސަޕޯޓްކުރާ ފޭނުންތައްވެސް ވަރަށް ގިނައެވެ. ހަނގުރާމަ ކުރަމުންދާ މީހުންނަށް ވެސް ނޭންގޭ ވަރަށް، ހަނގުރާމައިގެ އެންމެފަހުގެ ޚަބަރުތައް އެނގޭ މީހުން ވަރަށް ގިނައެވެ. އެހާވެސް ފޯރިގަދައެވެ.
އަހަރެމެންގެ ތެރޭގައި ވެސް ދިރާސާ ވެރިންނާއި މުހައްލިލުން ބައިވަރެވެ. ކޮފީ މޭޒުތަކާއި މެސްރޫމްތަކުގައި މިހާރު އެންމެ ހިނގާ އެއް ވާހަކައަކީ މި ހަނގުރާމައިގެ ވާހަކަތަކެވެ. މީގެތެރެއިން ޚަބަރުތައް ދިރާސާކޮށް މީހުންނަށް ކިޔައިދޭ ވަރަށް ވަރުގަދަ ދެ މުހައްލިލަކު އެބައުޅެއެވެ. އެެއްބޭފުޅަކީ ޢަބްދުﷲ އުޒެއިރު (އަސްލުނަމެއް ނޫން) ދެވަނަ ބޭފުޅަކީ މޫސާ ރުޝްދީ (އަސްލުނަމެއް ނޫން) މި ދެ ބޭފުޅުންނެވެ.
މި ދެމުހައްލިލުންވެސް ދައްކަނީ އެއްވާހަކަ އެކެވެ. އެކަމަކު ދެ މީހުންގެ ވާހަކަތަކުގައި ތަފާތު ކަމެއް ހުރެއެވެ. އުޒައިރު ބުނާގޮތުގައި ރުޝްދީއަކީ އެއްޗެއް އެނގޭ މީހެއް ނޫނެވެ. އޭނާ ބޮޑަށް ސަޕޯޓްކުރަނީ އެމެރިކާއަށެވެ. ރުޝްދީ ބުނާގޮތުގައި އުޒައިރަކީ އަބަދު އިރާން މޮޅުކޮށްގެން ވާހަކަ ދައްކާ މީހެކެވެ. އީރާނުން ކިތަންމެ ގިނަ މިސައިލެއް ފޮނުވިޔަސް އެ މިސައިލްތަކުގެ ބާރުދަށް ވާހަކަ އުޒައިރު ޤަބޫލު ނުކުރާ މައްސަލަ ބޮޑެވެ.
މި ހަނގުރާމަ ދެ ހަފުތާއަށް މެދުކަނޑާލިކަން އެމެރިކާއިން އިޢުލާން ކުރުމާއެކު ރުޝްދީ ބުނާގޮތުގައި އިނގިރޭސިވިލާތުގެ ރަށަކުން ނިއުކުލިއަރ 8 ބޮން އަރުވައިގެން އީރާނަށް ވަނީ މިސްރާބު ޖަހާފައެވެ. މިއީ އުޒައިރު ޤަބޫލުކުރާ ވާހަކައެއް ނޫނެވެ. އެއީ އެތަށް ޓަނެއްގެ ބަރުދަން ހުރި އެހާބޮޑެތި ބޮންތަކެއް ހިފައިގެން ބޯޓެއްގައި ދަތުރުނުކުރެވޭނެތީ އެވެ. އަނެއްކާ އެ ޚަބަރު އޮތް ނޫހެއް، އެ ބޮންތައް ހިފައިގެން ފުރި ރަށެއް ރުޝްދީއަކަށް ބުނެނުދެވުން މިއީވެސް މައްސަލައެކެވެ.
އޭރިއާ ކޮމާންޑުތަކުގައިވެސް ހަނގުރާމައިގެ ޖަޒުބާތީ ފޯރި އެހާމެ ގަދައެވެ. އިންޓަރނެޓުގެ އެކިއެކި ޒަރިއްޔާއިންނާއި ބޭރުގެ ޗެނަލްތަކުން ޚަބަރު ނަގައިގެން އެ ވާހަކަތައް އެކިއެކި މެހެފިލްތަކުގައި ދައްކަމުން ދެއެވެ. އިންޑިއާއިން ނިއުކުލިއަރ އެންޑް ބައިލޮޖިކަލް ކޯހެއް ފުރިހަމަކޮށްގެން ހުންނެވި މިހާރު އޭރިއާއެއްގެ ތާރޑް ސްކޮޑްރަންގައި މަސައްކަތް ކުރައްވާ ހަސަނިކު (އަސްލުނަމެއް ނޫން) ވެސް މި 8 ބޮމުގެ ވާހަކައާ މުޅިން ދެކޮޅެވެ. “އެއީ ނުވާނެ ކަމެއް. އަމުދުން ކުޑަކުޑަ ބޯޓުގަނޑެއްގައި. ނިއުކުލިއަރ ބޮމަކީ ވަރަށް ބަރު ވަރަށް ބިޔަ ނުރައްކާތެރި އެއްޗެއް.“ ނިއުކުލިއަރ 8 ބޮން ބޯޓެއްގައި އުފުލުމަކީ މުސްތަޙީލު ކަމެއް ކަމަށް އޭނާ ސިފަކުރައްވައެވެ.
ނޯޓް: (ތާރީޚަށް ބަލާއިރު، އެންމެ ފުރަތަމަ އުފެއްދި ބޮންތައް ވަރަށް ބޮޑެވެ. ނަމަވެސް ޓެކްނޮލޮޖީ ކުރިއެރުމާއެކު މިހާރު ވަރަށް ކުދި ބޮންތައް ވެސް ހުރެއެވެ. ހީރޯޝީމާއަށް ވައްޓާލި ބޮން (Little Boy) މި ބޮމުގެ ދިގުމިނުގައި ގާތްގަނޑަކަށް 10 ފޫޓު ހުރެއެވެ. ބަރުދަނުގައި 4,400 ކިލޯ ހުރެއެވެ. ޒަމާނީ ބޮންތަކަށް ބަލާއިރު، މިހާރު ހުންނަ ބައެއް ނިއުކުލިއަރ ވޯހެޑްތައް އިންސާނަކަށް އުފުލާލެވޭހާ ކުޑައެވެ. ބައެއް ބޮންތައް އާދައިގެ މިސައިލެއްގެ ކުރީކޮޅަށް ލެވޭހާ ކުޑަ ކުރެވިފައިވެއެވެ.) ރުޝްދީ މިބުނާ 8 ބޮމުގެ ކުޑަބޮޑު މިނެއް ނޭންގެއެވެ.
ހަނގުރާމައިގެ ބަހުސްތަކުގައި އުޒެއިރުވެސް ދެކޮޅު ނުޖެހޭ ވާހަކަ ދައްކާ ކަމުގެ ތުހުމަތު އޮވެއެވެ. ކަން މިހެން ހުރުމުން، މި ދެ މުހައްލިލުން ދައްކާ ބައެއް ވާހަކަތައް ކަމުނުގޮސްގެން އަޑުއަހަން ތިބޭ މީހުން އިސްލާހުކޮށްދެން ޖެހޭ ފަހަރުވެސް އާދެއެވެ. މިކަހަލަ ކިތަންމެ ވާހަކަތަކެއް އެބަހުއްޓެވެ. ލިޔެލިޔެ ކޮޅުންލާކަށް ނެތެވެ.
