”އޭ…ހަނދާންވޭތަ އަހަރަމެން ރެކްރޫޓްގައި….!“ ބުނަންއުޅެނީ ކީކޭކަން ވަރަށް ސާފްކޮށް ބުނުމުގެ ކުރިން އެނގިގެން ގޮސްފިނޫންތޯއެވެ. ކިތަންމެ ފަހަރަކު ކިޔައިދިނަސް އަޑުއަހާ ފޫހިނުވާ ވާހަކަތަކެކެވެ. އެންމެ ފުރަތަމަ ދުވަހު އެވާހަކަށް އަޑުއެހުމުން ހިތައްކުރުވި އިހްސާސްތައް މިހާރުވެސް ކުރުވައެވެ. އުޅެންޖެހު ބުރަ މާހައުލާ އުފުލި ބުރައާއި، މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވި މީހުންނާއި، ޖެހި ސަކަރާތްތަކާއި ހީސަމަސާކޮށް އުޅުނުގޮތުގެ ފުން ހަނދާންތަކެވެ. އެތައް އަހަރުތަކެއް ފާއިތުވެގެން ދިޔައިރުވެސް އެ ހަނދާންތަކާއި ދުރެއްނުވެވެއެވެ. ހިތުން ފިލައިގެނެއް ނުދެއެވެ. ކަށިން ހިތްވަރުލައިގެން އެދުވަހު ކުރި ބުރަ މަސައްކަތުގެ ސަބަބުން ނިންމުނު ކޯހަކީ މިއަދު އަސްކަރިއްޔާގައި ފައިތިލަ ސާބިތުކޮށް އަންނަ ކޮންމެ ގޮންޖެހުމަކާއި ކުރިމަތިލައި އަރައިގަތުމުގެ ފަހަތުގައިވާ ހަގީގަތެވެ. ވަރަށް ވެސް ބޮޑު ހަގީގަތެކެވެ. ދަތި އުނދަގުލުން ކަށިން ހިތްވަރުލައިގެން ކުރި ބުރަ މަސައްކަތުން ތިމާ ހޯދި އެއްޗަކާއި ފަސޭހައިން ލިބުނު އެއްޗެއްގެ އަގު ތިމާގެ ހިތުގައި އެއްވަރު ވާނެ ތޯއެވެ.
އާދެ! ފެސްޓިންގަރ އަދި ކާރލްސްމިތް 1959 ގައި ކުރިޔަށްގެންދިޔަ ދިރާސާއިން ހާމަވެގެންދިޔަގޮތުގައި ދަތި އުދަނގުލުން ކަމެއް ހާސިލްކުރަން ތިމާ ކުރަންޖެހޭ ކަންކަންމުގެ ސަބަބުން ސިނކުޑީގައި ހަމަނުޖެހުމުގެ އިހްސާސްތަކެއް އުފައްދައެވެ. މި ”ކޮގްނިޓިވް ޑެސޮނެންސް“ ހަމައަކަށް އެޅުވުމަށްޓަކައި ތިމާގެ ސިކުނޑި މިއީ އަގެއްހުރި ކަމެއްކަމަށާއި، އެއްވެސް އެފޯރޓަކާއި ނުލައި ކުރާ ކަމެއްގައި އަގެއްނޯންނާނެކަން އަދި ގްރޫޕަކުން އެކަން ކުރާނަމަ އެއީ ރަނގަޅު ލޮޖިކެއް އެކަމުގެ ފަހަތުގައި އޮތް ކަމެއްގެ ގޮތުގައި ނިންމައި ތިމާގެ ސިކުނޑި ހަމައަކަށް އަޅުވައެވެ. މީގެ އިތުރުން އެރޮންސޮން އަދި މިލްސް ކުރިޔަށްގެންދިޔަ ދިރާސާއިން ”އެފޯރޓް ޖަސްޓިފިކޭޝަން“ އަށް އިތުރު ބާރެއް ލިބިގެންގޮސްފައިއެވެ. މި ދިރާސާ ބުނާގޮތުގައި ގްރޫޕަކާއި ގުޅުމަށްޓަކައި އޮންނަ ”އިނިޝިއޭޝަން“ އުނދަގޫވާ ވަރަކަށް އެ ގްރޫޕަކާއި ގުޅޭ ބައެއްގެ އަގު އިތުރުވެގެންދެއެވެ. ވިންސްލޯ 1999 ގައި އާރމްޑް ފޯރސަސް އެންޑް ސޮސައިޓީގައި މިއާއި ގުޅުންހުރި ވާހަކަތަކެއް ކެނޭޑިއަން އެއަރބޯރން ޓްރޭނިންގ ތެރޭގައި ހުރި ”އިނިޝިއޭޝަން“ ގެ ތެރެއިން ޝާއިޢުކޮށްފައިވެއެވެ. އިންޑިވިޖުއަލް އައިޑެންޓިޓީ އެއްކޮށް ފުހެލައި ގްރޫޕެއްގެ ގޮތުގައި ކުރުމަށް ޖައްސާ އާދަޔާ ހިލާފުކަންކަމުގެ ސަބަބުން އެ ގްރޫޕެއްގެ ހޮމޮޖިނިޓީ/އެއްގޮތްކަން އިތުރުވެގެންގޮސް ގުޅުން އިތުރުވެގެންދާކަން މި ލިޔުމުގައި ބުނެފައިވެއެވެ. 2025 ވަނަ އަހަރު ފެނައިޓް، ސްޓްރެޓެޖިކް އިންޕެކްޓް ޖާރނަލްގައި ”ގްރޫޕް ކޮހޭޝަން އިން އިންޓަރނޭޝަނަލް މިލިޓަރީ ޔުނިޓްސް؛ އިންސައިޓް ޕްރޮމް ޔޫކްރެއިން ކޮންޕްލިކްޓް“ ގައި ބަޔާންކޮށްފައިވަނީ ކިތަންމެ އަވަހަށް އެކުލަވާލެވުނު ގްރޫޕަކަސް އެންމެން އެކުގައި ދަތިއުނދަގޫ ކަމެއް ތަޖްރިބާ ކުރާ ހިސާބުން ދޭދޭ މީހުންގެ މެދުގައި އޮންނަ ގުޅުން އަވަސް ކަންމަތީ އިތުރުވެގެންދާކަމެވެ. ވަކިން ހާއްސަ ގޮތެއްގައި 2014 ވަނަ އަހަރު ވައިޓްހައުސް އަދި މެކުއިން، ލީބިޔާގައި ހިނގި ކޮންފްލިކްޓާއި ގުޅިގެން އޮކްސްފޯރޑްއިން ކުރި ދިރާސާއެއް، ޔުނިވަރސިޓީގައި ޕަބްލިޝްކުރިއިރު ބުނެފައިވަނީ ހިތުގައި އުފެދޭ ބިރުވެރިކަން އިންޓެންސް/ވަރުގަދަ ވީ ވަރަކަށް އެކަމެއްގެ ތެރޭގައި އުޅޭ ބައެއްގެ މެދުގައި އެކަކު އަނެކަކަށް އޮންނަ އިތުބާރާއި ގުޅުން ބާރުމިނެއްގައި އުފެދިގެންދާކަމެވެ.
ބައެއްގެ ތެރޭގައި އޮންނަ ގުޅުން ރަނގަޅު ކުރުމަށް އަދި އެ ވަންނަން އުޅޭ ތަނަކަށް ވަނުމަށް ކުރާ މަސައްކަތުގައި އަގެއް ހުންނަކަން އިހްސާސްކޮށްދިނުމަށް، އުދަނގުލުން ނޫނީ ހާސިލްނުކުރެވޭނެ ކަމަކަށް ވާންޖެހޭކަން ހާމަކޮށްދޭ އެތައް ދިރާސާތަކެއްވެއެވެ. މިއިން ކޮންމެ ދިރާސާއަކަށް ނަޒަރުހިންގާލުމުން ފާހަގަވެގެންދާ ކޮމަން ބައެއް ކަންކަން އެބަހުއްޓެވެ. ފުރަތަމަ ކަމަށް ”އެފޯރޓް ޖަސްޓިފިކޭޝަން“ އޭ ކިޔަމާ ހިނގާށެވެ . އާރސަން އެންޑް މިލްސް (1959) ކޮށްފައިވާ ދިރާސާ މިކަމާއި ވަރަށް ގުޅެއެވެ. ކަމެއް ހާސިލްކުރުމަށްޓަކައި ދަތިއުނދަގުލުގައި މަސައްކަތްކޮށް އެކަމެއް ތަހައްމަލުކުރުމަށް ތިމާގެ ނަފްސް ހުށައަޅާ ހިސާބުން އެކަމެއް ހާސިލްކުރުމަށް ކުރަންމިޖެހިފައިވާ ދަތިއުނދަގޫ މަސައްކަތަކީ ހަމަހަގީގަތުގައިވެސް މި ހާސިލްކުރަން އުޅޭކަމެއްގެ އަގު ބޮޑުކަމުން ތިމަންނަ ކުރަންޖެހޭ ކަމެއްކަމުގައި ސިކުނޑީން ޖަސްޓިފައި ކޮށްދޭނެއެވެ.
ދެވަނައަށް ފެންނަ ކަމަކީ ”ޝެއަރޑް ހާރޑްޝިޕް އަދި ޝެއަރޑް ވަލްނަރަބިލިޓީ“ އެވެ. މިއީ 1999 ގައި ވިންސްލޯ ކުރި ދިރާސާ އެކަމަކަށް ބާރުދޭ ކަމެކެވެ. ވަކިމީހަކަށް ވަކިގޮތެއް ނުހަދައި އެންމެން އެއްހާލަކަށް ތިރިކުރުމުން، ވަކިވަކި އައިޑެންޓިޓީ ގެއްލިގެންދެއެވެ. ކޮންމެ މީހަކީވެސް އެދަނޑިވަޅުގައި ވަރަށް ނާޒުކު ފައްތަރެއްގެ މަތީގައި އެހެންމީހެއްގެ މުށުގެ ތެރޭގައި ހުރި މީހެކެވެ. މީގެ ސަބަބުން ވަކިވަކިމީހުންގެ ވިސްނުން ގެއްލިގެންގޮސް އެންމެން އެކުގައި ސަރވައިވްވެ ބަދަލުވުމުގެ ޕްރޮސެސްއެއް ފެށިގެންދެއެވެ. އެންތްރޮޕޮލޮޖިކަލް ރައިޓް އޮފް ފެސޭޖްގައި ސިވިލިއަންއަކު މިލިޓަރީ މީހަކަށް ބަދަލުކުރުމުގައި ކޮންމެހެން 3 ކަމެއް ކުރަންޖެހެއެވެ. އެއީ ސެޕެރޭޝަން، ލިމިނަލް ކްރައިސިސް އަދި ރެއިންކޯޕޮރޭޝަންއެވެ. ސެޕެރޭޝަން/ވަކިކޮށްލުން މިއީ ސިވިލިއަނެއްގެ ގޮތުގައި ހުންނަ ހުރިހާ ކަމަކުން އެމީހަކު އެއްކިބާ ކުރުމެވެ. މިސާލަކަށް ބޯ ބޭލުން/ތުނިކޮށް ކޮށުން، އާންމުކޮށް ލައިގެންއުޅޭ އެއްޗެހީގެ ބަދަލުގައި ވަކިއެއްޗެއް ލެއްވުން، ފޯނު އަދި މިނޫނަސް ގެންގުޅޭ އެހެން ތަކެތި އަތުލުމެވެ. ދެން އޮންނަނީ ލިމިނަލް ކްރައިސިސް އެވެ. މިއީ އާންމު މީހަކަށް ނުވެ ސިފައިންގެ މީހަކަށް ފުރިހަމަގޮތުގައި ނުވެ ހުންނަ މުއްދަތެވެ. މި މުއްދަތުގައި އެކިކަހަލަ އުނދަގުލާއި ތުރާތައް އެކި އިމްތިހާންތަކުގެ ގޮތުގައި ކުރިމަތިކުރުވަންޖެހެއެވެ. އަޅުގަނޑުމެން މިއަށް ކިޔަނީ ”ބްރޭކިން ފޭސް“ އެވެ. ރެއިންކޯރޕޮރޭޝަން ފޭސްއަކީ ސޮސައިޓީގެ ތެރެއަށް އަލުން ގުޅޭ ފޭސްއެވެ. ނަމަވެސް ރެއިންކޯރޕޮރޭޓް ކުރެވޭއިރު ހުންނަނީ ކުރިންހުރި އައިޑެންޓިޓީ އެއްކޮށް ފޮހެލައި އެހެން މީހަކަށް ބަދަލުކޮށްފައެވެ. މިއީ ހުވާ ކުރުމާއި ގްރެޖުއޭޝަންއެވެ.
ތިންވަނަ ކަމަކީ ”ޕަރސީވްޑް ރިއަލް ސްޓްރެސް“ އެވެ. މިއީ ޕަނައިޓް (2025) ގައި ހަދާފައިވާ ދިރާސާގެ ވާހަކައެވެ. ކޯހުގައި ދިމާވަނީ އަސްލުވެސް ނުރައްކާތެރިކަމެއްކަން ރެކްރޫޓަކަށް ގަބޫލުކުރެވެންޖެހެއެވެ. ”ތެލަށް“ ރެކްރޫޓުން ލީވަރަކަށް އެމީހުންގެ ސިނކުޑީގައި އޮސިޓޯސިން އަދި ވެސޮޕްރެސިން އުފައްދައެވެ. ބިރު އަދި އަންސަރޓެނިޓީވެސް މިކަމަށް އެހީތެރިވެދެއެވެ. މިއީ ”ބައިލޮޖިކަލް ގްލޫ“ ނޫނީ ”ކަޑަލް ކެމިކަލްސް“ އެވެ. އޮސިޓޯސިންގެ ސަބަބުން ތިމާއާއި އެކުގައި އެ ދަތި އުދަނގޫ ތަހައްމަލު ކުރާ ބަޔަކަށް ކުރާ އިތުބާރު އަދި އެންޕަތީ ބޮޑުވެއެވެ. މީގެ ސަބަބުން ގްރޫޕް ސަރވައިވަލް އިތުރުވެގެން ދެއެވެ. އަދި ވެސޮޕްރެސިންގެ ސަބަބުން އެކުގައި އުޅޭ މީހުން ދިފާއުކުރުމުގެ ރޫހެއް އުފެދިގެންދެއެވެ. މިއީ އެކްޓިވް ޑިފެންސް މެކޭނިޒަމް އެއް ކަހަލަ އެއްޗެކެވެ. މި ދެ ހޯރމޯން އިތުރު ކުރިވަރަކަށް ”އެތްނޯސެންޓްރިޒަމް“ އުފެދިގެންދެއެވެ. މީގެ މާނައަކީ އަހަރަމެންނަކީ އަހަރަމެންނެވެ. އަދި އެމީހުންނަކީ ދުޝްމަނުންނެވެ. މިއީ ބަޔަކާއި ދެކޮޅަށް ހަނގުރާމަކުރުން ފެސޭހަ ކުރުމަށްޓަކައި ބޭނުންކުރެވޭނެ ކަމެކެވެ.
މިވާހަކަ މިގޮތަށް ދައްކާއިރު ވަރަށް މުހިންމުކަމެއް އަޅުގަނޑުމެންގެ ސިނކުޑީގައި ބަހައްޓަންޖެހެއެވެ. ރެކްރޫޓް ކޯހުގެ ޑިޒައިން ދަތިއުނދަގުލުން ނިންމޭ އެއްޗަކަށް ހެދުމުގެ މާނައަކީ މަޤްސަދެއް ނެތި ރެކްރޫޓުންނަށް އަނިޔާވެރިވުމެއް ނޫނެވެ. ”ކުރުއަލްޓީ“ ގެ ސަބަބުން އިންސާނާގެ ހިތުގައި އެބަޔަކާއި އަދި އެމުއައްސަސާއަކާއި މެދު އޮންނަ އިތުބާރުގެއްލި އެތަނަކާއި އެބަޔަކާއިމެދު ނަފްރަތު އުފެދިގެންދެއެވެ. އެކި މީހުންނަށް އެކިގޮތް ހެދުން/އިންޑިވިޖުއަލް ހޭޒިންއަކީ މި އެފެކްޓް ގެނައުން ހުއްޓުވާ ކަމެކެވެ. ޓްރޭނިންއަކީ ވަކިމީހަކަށް ވަކިގޮތެއް ހެދުމުގެ ބަދަލުގައި އެންމެން އެކުގައި އެއް ކޮންޑިޝަނެއް ނޫނީ ހާރޑްޝިޕެއްގައި އުޅެންޖެހޭ ތަނެކެވެ. ވަކިން ހާއްސަކޮށް ދާއިމަށް ހަރުލާހެން ހުންނާނެ ގޮތަށް ފިޒިކަލް އަދި ސައިކޮލޮޖިކަލް ގެއްލުން ދިނުމަކީ މި ބަޔާންކުރެވުނު ދިރާސާތަކަޑް އެއްބާރުލުން ދޭ ކަމެއްނޫނެވެ. ޓްރޭނިންގ ޑިޒައިންއަކީ ޗެލެންޖިންގ ކަމެކެވެ. އެކީ ޓްރޭނިންގައި ބައިވެރިވާ މީހުންނަށް ގެއްލުންދޭން ހަދާފައިވާ އެއްޗަކަށް ވެއްޖެނަމަ އެ ރެކްރޫޓަކަށް ގްރޫޕެއް/މުޖްތަމައެއްގެ ތެރޭގައި މަސައްކަތްކުރުން މުސްތަޤްބަލުގައި އުނދަގޫވެގެންދެއެވެ. ސަބަބަކީ އޭނާއަކީ ފިޒިކަލީ އަދި މެންޓަލީ ހަލާކުވެފައިވާ އިންސާނަކަށް ވާތީއެވެ.
ރަނގަޅު ގޮތުގައި ހާރޑްޝިޕް ތަމްރީން ޕްރޮގްރާމެއްގައި ހިމަނައިގެން ތަމްރީން ކުރުމަކީ ހަމައެކަނީ ގްރޫޕް ކޮހޭޝަން ވަރުގަދަ ވުމުގެ އިތުރުން އެ މުއައްސަސާއަކާއި މެދު އެ ތަމްރީން ހެދި ބައެއްގެ ހިތުގައި އޮންނަ އިޚުލާސްތެރިކަން އިތުރުކުރުވާ ކަމެކެވެ. ވައިޓްހައުސް އަދި މެކުއިން (2014) ގެ ލީބިއަން ފައިޓާރސް ދިރާސާ މިކަމަށް ބާރުދެއެވެ. ލީބިޔާގެ ހަނގުރާމަވެރިން ކުރިމަތިލާންޖެހުނު ނުރައްކާތެރި އެތައް ހާދިސާއެއްގެ ސަބަބުން އެމީހުންގެ ހިތުގައި ޔުނިޓަށް އޮތް ލޯބި އެމީހުންގެ އާއިލާއަށް އޮތް ލޯތްބަށްވުރެ ވެސް އިތުރުވެގެން ދިޔަކަން ފާހަގަވެގެންދިޔައެވެ. ޔުނިޓްގެ ވެލިޔުސް، ހިސްޓްރީ، ކަލާރސް އެންޑް ޑެކޮރޭޝަންސް މިއީ ހިތުގެ އެންމެފުން ނާރުތަކާއި ގުޅިފައިވާ ކަންކަމަށް ވެގެންދިޔައެވެ. ”ޝެއަރޑް ޓްރޯމާ މެކޭނިޒަމް“ އަކީ އުދަގުލުން އަރައިގަތުމަށް އެކުގައި ކުރެވޭ މަސައްކަތްތަކެއްގެ ސަބަބުން އުފެދިގެންއަންނަ އެންމެ ވަރުގަދަ ”ހިއުމަން އެޓޭޗްމަންޓް“ އެވެ. މީގެ އެންމެ އަލިގަދަ ހެއްކަކީ ވެޓެރަންސް އޭ ކިޔުނު ސިފައިންނެވެ.
ރެކްރޫޓް ޓްރޭނިންގ އަކީ އާންމު މީހަކު ސިފައިންގެ މީހަކަށް ހެދުމަށްޓަކައި ކުރިޔަށްގެންދެވޭ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ތަމްރީނެވެ. ސިފައިންގެ މީހެއްގެ އުޅުމާއި އަޚުލާޤު، މެންޓަލް އަދި ފިޒިކަލް ރެސިލިއެންސް ބިނާކޮށްދީ، ސާރވިސްގައި ކުރިމަތިވާ ކޮންމެ ގޮންޖެހުމަކާއި ކުރިމަތިލުމުގެ ހިތްވަރު އަދި އެކަމުން އަރައިގަތުމަށްޓަކައި ގަދައަޅާ މަސައްކަތްކުރުމުގެ ރޫހު ލައިދީގެން ދެވޭ އެންމެ ފުރަތަމަ ތަމްރީނު ކަމުގައި ވެގެން ގޮސްފައިވަނީ މިކޯހެވެ. މުއައްސަސާގެ ތާރީޚާއި ސަގާފަތް އަދި މުއައްސަސާގެ ޢިއްޒަތާއި ޤަދަރު ވަކިން ޚާއްޞަކޮށް މި މުއްސައްސާއަށްޓަކައި އޮންނަންޖެހޭ ލޯތްބާއި ލޯޔަލްޓީ، ހިތުތެރޭގައި ޖަހާ ވިންދާއި ގުޅުވާލެވެނީ މި ތަމްރީނުގެ އެހީގައެވެ. ނަމަވެސް ކިހިނަކުން ތޯއެވެ؟ ހާސިލްކުރެވޭ އެއްޗެއްގެ އަގު އެނގޭނީ އެ ކަމެއް ހާސިލްކުރުމަށް އުފުލަންޖެހުނު ބުރައިގެ ބޮޑުކަމާއި، އޮހޮރި ދަލާއި ލޭގެ ގިނަކަމަކުން ނޫންތޯއެވެ؟
