އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) އަކީ އިސްލާމީ ތާރީޚުގައި އެންމެ ގިނަ ޙަދީޘް ރިވާކުރެއްވި މާތް ސަހާބީއެވެ. އެކަލޭގެފާނަކީ ކީރިތި ރަސޫލާގެ އެންމެ ގާތް އެއް ސަހާބީއެވެ. އަބޫ ހުރައިރާގެފާނު ނިސްބަތްވަނީ ”އައްދައުސް“ ކިޔާ ޔަމަނުގެ ޤަބީލާއަކަށެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތީ އުމުރުފުޅުން 30 އަހަރުގައި ހިޖުރައިން 7 ވަނަ އަހަރުގައި ދައުސް ޤަބީލާގެވެރިޔާ އައްޠުފައިލް ބުން ޢަމްރު އައްދައުސީގެ އަތްޕުޅުމައްޗަށެވެ. އަބޫހުރެއިރާގެ އިސްލާމް ވުމުގެ ކުރީގެ ނަންފުޅަކީ ޢަބްދުއްސަމްސު އެވެ. އެ ނަންފުޅު ޢަބްދުއްރަޙްމާނަށް ބަދަލުކުރެއްވީ ކީރިތި ރަސޫލާއެވެ. އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅާ ބެހޭ ގޮތުން އެންމެ އިތުބާރުހުރި ގޮތަކީ ޢަބްދުލްރަޙްމާން ބިން ޞަހަރު އައްދައުސީ އެވެ. އެކަލޭގެފާނުގެ މައިކަނބަލުންގެ ނަންފުޅަކީ އުމައިމާއެވެ.

އަބޫ ހުރައިރާގެފާނު މަޝްހޫރުވެފައިވަނީ ކުންނިއްޔާ ނަންފުޅު ކަމުގައިވާ އަބޫ ހުރައިރާ (ބުޅަލުގެ ބައްޕަ) ގެ ނަންފުޅުންނެވެ. މި ނަންފުޅު އެކަލޭގެފާނަށް ދެވުނީ ކުޑަ ބުޅަލަކަށް ލޯބި ދެއްވައިގެން ގެންގުޅުއްވުމުން އެކަލޭގެފާނުގެ ޢާއިލާގެ ބޭފުޅުންނެވެ. އަބޫ ހުރައިރާގެފާނު އިސްލާމް ވެވަޑައިގެންނެވުމަށްފަހު ކީރިތި ރަސޫލާގެ އަރިހުގައި  3 އަހަރާއި 2 މަސް ނުވަތަ 3 މަސްދުވަސް ހޭދަކުރެއްވިއެވެ.

އަބޫ ހުރައިރާގެފާނަކީ އަހުލުލް ޞުއްފާގެ ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ވަރަށް ފަގީރު ބޭކަލެކެވެ. މި ބޭކަލުންނަކީ ފަގީރުކަމުގެ ސަބަބުން އެހެން މުސްލިމުން އެހީތެރިވެ ދެއްވައިގެން މަސްޖިދުއް ނަބަވީގައި ދިރިއުޅުއްވި ބޭކަލުންކޮޅެކެވެ. މި ބޭކަލުން ކީރިތި ރަސޫލާގެ އަރިހުން ދީން ދަސްކުރައްވައި އިސްލާމްދީނަށް ނަޞްރު ދެއްވިއެވެ.  އެހެން ސަހާބީ ބޭކަލުންފަދައިން ދަނޑުވެރިކަމާއި ޖަނަވާރުން ހުއިހެއްޕުމާއި ވިޔަފާރީގެ ތެރޭގައި އުޅުއްވަން ޖެހިވަޑައިނުގަންނަނަވާނީ މި ބޭކަލުންނަށް ޢިލްމު އުނގެނިވަޑައިގަތުމަށް ފަސޭހަފުޅުވިއެވެ. މި ބޭކަލުންގެ ތެރެއިން އަބޫ ހުރައިރާގެފާނަކީ ހިތުދަސްކުރުމުގެ ބާރު ގަދަ ބޭކަލަކަށް ވާތީ އެކަލޭގެފާނު ގެންދެވީ ކީރިތި ރަސޫލާ އުނގަންނަވައިދެއްވާ ތަކެއްޗާއި ޙަދީޘްފުޅުތައް ފަސޭހަކަމާ އެކު ހިތްޕުޅުން ދަސްފުޅު ކުރައްވަމުންނެވެ.

އަބޫ ހުރެއިރާގެފާނަކީ ބައެއް ދުވަސްދުވަހު ބަނޑުހައިހޫނުކަމުގެ ސަބަބުން ލިބެމުންދާ ވޭން ލުއިކުރެއްވުމަށް ޓަކައި ބަނޑުފުޅުގައި ހިލައެއް ބަންނަވާ ބޭކަލެކެވެ. އެހެން ނަމަވެސް ފަހުން އެކަލޭގެފާނަކީ އަތްމަތި ތަނަވަސް ބޭކަލެއްކަމުގައި ވިއެވެ. އެކަލޭގެފާނުގެ މުދަލުގެ ތެރޭގައި ގިނައިން ހުރީ އަހެވެ. ޢުމަރުގެފާނުގެ ޚަލީފާކަމުގައި ޤާޟީއެއްގެ ގޮތުގައި ބަހްރައިންއަށް އަބޫ ހުރައިރާގެފާނު ފޮނުއްވެވިއެވެ. އެކަލޭގެފާނުގެ މިލްކުގައި ގިނަ އަދަދެއްގެ އަސްތަކެއް ހުރިކަން އެނގިވަޑައިގަތުމުން އެ މަޤާމުން ވަކި ކުރައްވައި އެ މައްސަލަ ބެއްލެވުމަށް ބޭކަލަކު ފޮނުއްވިއެވެ. އަބޫ ހުރައިރާގެފާނުގެ މުދާތަކުގެ ތެރޭގައި ނުޙައްޤު އެއްވެސް މުދަލެއްނެތްކަން ކަށަވަރުކުރައްވައި، ޢުމަރުގެފާނު އެ މަޤާމު އަލުން ދެއްވިއެވެ. އެހެންނަމަވެސް އެކަމަށް އެކަލޭގެފާނު އިންކާރުކުރެއްވިއެވެ.

އަބޫ ހުރައިރާގެފާނު އިސްލާމްވެވަޑައި ގެންނެވުމަށް ފަހުގައި ވެސް އެކަލޭގެފާނުގެ މައިކަމަނާ އިންނެވީ ކާބަފައިންގެ ދީން މަތީގައެވެ. ކީރިތި ރަސޫލާއަށާއި މުސްލިމުންނަށް އަދި އަބޫ ހުރައިރާގެފާނަށް ވެސް ފުރައްސާރަކޮށް ނަފުރަތުކުރާ ބޭކަނބަލެއްގެ ގޮތުގައެވެ. މިކަމާ އަބޫ ހުރައިރާގެފާނު ވަރަށް ބޮޑަށް ހިތާމަކުރައްވާ މަންމައަށް ނަސޭހަތް ދެއްވައި ހެއްދެވިއެވެ. އެންމެފަހުން ކެތްނުކުރެވިގެން އެކަލޭގެފާނުގެ މަންމައަށް ހިދާޔަތް ދެއްކެވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވައި ދެއްވާތޯ ކީރިތި ރަސޫލާގެ އަރިހުގައި ދެންނެވިއެވެ. އެ ކަމަނާއަށް އިސްލާމްކަމުގެ ހިދާޔަތް ލިބުނީ ކީރިތި ރަސޫލާ ދުޢާކޮށްދެއްވުމުންނެވެ.

އަބޫ ހުރައިރާގެފާނުގެ ހަނދުމަފުޅުތައް ބަލިވެދާނެތީ އެކަމާ ބިރުފުޅުން ކީރިތި ރަސޫލާގެ އަރިހުގައި އެކަމަށް ދުޢާކޮށްދެއްވުމަށް ދެންނެވިއެވެ. ކީރިތި ރަސޫލާ އެކަމަށް ދުޢާކޮށްދެއްވިއެވެ. އެ ދުޢާފުޅަށްފަހު އަބޫ ހުރައިރާގެފާނަށް ލިބިވަޑައިގެންފައިވާ ހަނދާންގަދަ ކަމާއި ހިތުދަސްކުރުމުގެ ޤާބިލިއްޔަތު އިތުރުވެގެން ދިޔައެވެ. އަބޫ ހުރައިރާގެފާނު ވަނީ ކީރިތި ރަސޫލާގެ އަރިހުން 5374 ޙަދީޘް ރިވާ ކުރައްވާފައެވެ. އެކަލޭގެފާނު އިސްލާމީ އުންމަތަށް ކޮށްދެއްވި އެންމެ އަގުހުރި ޚިދުމަތަކީ ޙަދީޘް ރިވާކުރެއްވުމަށް ކުރެއްވި މަސައްކަތެވެ. އަބޫ ހުރައިރާގެފާނު އަވަހާރަވީ ހިޖުރައިން 57 ނުވަތަ 59 ވަނަ އަހަރު، އުމުރުފުޅުން 78 އަހަރުގައެވެ. ފަސްދާނުލެވުނީ މަދީނާގެ އަލްބަޤީޢު ގައެވެ.

މަޢުލޫމާތު:

www.imamghazali.org/resources/abu-huraira-biography

ޝެއަރކުރެއްވުމަށް