ރޯދަމަހަކީ މުޅި އިސްލާމީ އުންމަތަށް އަންނަ އެންމެ ބަރަކާތްތެރި އަދި އެންމެ މާތް މަހެވެ. މި މަހަކީ އަޅުކަމާއި، ކެތްތެރިކަމާއި، އަދި އޯގާތެރިކަމުގެ މައްސަރެވެ.

ރޯދަމަސް ފެށެންވާއިރަށް އެމަހަށް ތައްޔާރުވާން ވަރަށް ގިނަ ކަންތައް ކުރެއެވެ. އިޤްބާލު (އަސްލުނަމެއް ނޫން) ވެސް އޭނާގެ ފެންވަރުން ވަރަށް ގިނަކަންތައްތައް ރޯދަމަސް އަންނަންވާއިރަށް ނިންމާލިއެވެ. ގެއަށް ބޭނުންވާ އާލާތްތަކާއި ކާނާގެ ބާވަތްތައް ކުރިއާލާ ގެއަށް ޖަމާކުރިއެވެ.

ރޯދަ މަސް ފެށިއްޖެއެވެ. ވަރަށްް އަމާންކަމާއެކު ރޯދަމަހުގެ ދުވަސްތައް ފާއިތުވަމުން ގޮސް އެންމެ ފުރަތަމަވެސް އެގޭގައި މައްސަލަ ޖެހުނީ އެލްޖީ ފްރަންޓް ލޯޑް ދޮންނަ މެޝިނަށެވެ. ސުވިޗު ނުޖެއްސެނީ އެވެ. ޓެކްނީޝަނެއް ގެނެސްގެން ދެ ދުވަހުގެ މަސައްކަތުން އެކަން ރަނގަޅުކޮށްފިއެވެ. ދެން މައްސަލަޖެހުނީ ގޭގެ ފާޚާނައިގައި ބޭނުންކުރާ ވޯޓަރ ހީޓަރެވެ. ހީޓަރު ޖެއްސުމުން ވެއްޓެނީ ބްރޭކަރެވެ. ހީޓަރު ހަލާކުވެފައި ހުރުމުން ހޫނުފެން ބޭނުންކުރަނީ ހޫނުފެން ކައްކާ ކުރާގައި ފެން ކައްކައިގެންނެވެ. މިކަމާ އިޤްބާލުގެ އަނބިގޮއްޔެއަށް ކެތްވާވަރެއް ނޫނެވެ. ހީޓަރެއް ހޯދަން އުޅެނީކީ ނޫނެވެ. އިޤްބާލަށް މިިކަންތައް ބޮޑުވެގެން ހުއްޓާ އެގޭގައި އުޅޭ ޓެކްނީޝަނެއް އައިސް ހީޓަރު ރަނގަޅުކޮށްފިއެވެ. އޭގެ އެއްދުވަސްފަހެވެ. ހީޓަރު ރަނގަޅުކުރުމުން މިފަހަރު ބުރޭކަރެއް ނުވެއްޓެއެވެ. ވަރަށް އުފާވެރިއެވެ. ކަންތަކާ ލައިގަތީ އޭގެ އެއްދުވަސް ފަހުންނެވެ. ހީޓަރުން އަންނަ ފެނުގައި ކަރަންޓު އައިމަ ހުންނަ ކަހަލަ ގޮތަކަށް ފެނުގައި ޖެހުނީމަ ތުރުތުރު އަޅާގޮތެއް ހުންނަނީއެވެ. އާތު ނުވަނީ ކަމަށްވެސް ވެދާނެއެވެ. ވާގޮތެއް ނޭންގެއެވެ.

މިހާދިސާ ހިނގައިގެން އިޤްބާލުގެ އަންހެނުން ގަތީ އަމަށަކު ބިރެއް ނޫނެވެ. މި މައްސަލަ ހައްލުކުރަން ޓެކްނީޝަން އަނެެއްކާވެސް ހީޓަރު ރޫޅާލިއެވެ. ހެދޭގޮތެއް ނުވެއެވެ. ދެފަހަރަކު ދޭއްޗެއް ނުކިޔައެވެ. ކޮންމެއަކަސް އިޤްބާލަށް މިކަންތައް ބޮޑުވެފައި ހުއްޓައި ފަތިސް ނަމާދަށް ދާންވެގެން ވުޟޫކުރަން ފާޚާނާއަށް ވަންއިރު ހީޓަރު އޮތީ ރޫޅަލިގޮތަށެވެ. ވުޟޫކުރަން ޖެހުނީ ސީސަވަރުންނެވެ. އިޤްބާލު އައިރުޅިން ފާޚާނައިން ނުކުމެފައި އަނބިގޮއްޔެ ކައިރި  ބުންޏެވެ.

“ ހީޓަރު ތިޔޮތީ ހެދޭނެވަރަށް ހެދިފައި އޭނާގާތު ބުނޭ ތިޔަ ހީޓަރު ބޭނުންމެއް ނޫނޭ އާ ހީޓަރެއް ހޯދާނިއްޔޭ ހެދިޔަސް އެއްވެސް ގެރެންޓީއެއް ނެތޭ ފެނަށް ކަރަންޓުވެސް އައިސްދާނެއޭ“ އިޤްބާލު އައިރުޅިން ގޮސް ޖެހިގެން އައި ދުވަހު އާ ހީޓަރެއް ގަނެގެން ގެނެސް އަޅުވާލިއެވެ. މިހާރު ހޫނުފެނުން އަރާމުގައި ފެންވެރޭތީ އެންމެންތިބީ ހެވިފައެވެ.

އޭގެ އެހެން ދުވަހެކެވެ. އެދުވަހަކީ އިޤްބާލުގެ އަނބިގޮއްޔެ ބަދިގޭގައި ވަރަށް ބިޒީ ދުވަހެކެވެ. ރޯދަވީއްލަންވާއިރަށް ސާމާނު ތައްޔާރުކުރަމުންދަނީއެވެ. ހެދިކާއާއި އެނޫންވެސް ތަކެއްޗެކެވެ. ހާރުދަމަށް ރިހަގަނޑެއް ވެސް ދިޔައީ ތައްޔާރުކުރަމުންނެވެ. އުތުއްވާފައި ހުރި ކާށިތައް މިކްސަރަށް އަޅާ ހިންގާލިތަނުން މިކްސަރުގެ ތަށިދިޔައީ ވިއްސައިގެންނެވެ. ތަށީގެ ފުލުގައި އިންނަ ކަޕްލާ ހަލާކުވީއެވެ. އިޤްބާލު ދެފައިދަމާފައި އެނދުގައި އޮއްވައި އަނބިގޮއްޔެ ގޮސް މިކްސަރުގެ ތަށިދައްކާފައި ވީގޮތް ބުނެފިއެވެ. އިޤްބާލު އަވަސް ފިޔަވަޅުމަތީގައި މިކްސަރު ހަދާތަނަކަށް ގޮސް އާ ކަޕްލާއެއް އެޅުވިއެވެ. މައްސަލަ ހައްލުވީކަމަށް އިޤްބާލު ނިންމައިގެން ހުއްޓައި ކަންތައްވީ ގޯހުން ގޯހަށެވެ. އޭގެ ކުޑައިރުކޮޅެއްފަހުން އަނެއްކާވެސް މައްސަލަ ޖެހިއްޖެއެވެ. މިފަހަރު ބިންދައިގެން ދިޔައީ ތަށީގެ ބްލޭޑެވެ. އިޤްބާލު އައިރުޅިން ކޮތަޅަކަށް ލައިގެން މިކްސަރާއި ތަށި ހިފައިގެން މިފަހަރު ދިޔައީ އެހެން ސެންޓަރަކަށެވެ. އެތަނުން ބްލޭޑް ބަދަލުކޮށް ޓެސްޓްކުރިއިރު ބަރާބަރެވެ. ހަދައިގެން ގެނެއި މިކްސަރ ވީ އަންހެނުން އަތުގައެވެ. އަދި އޭތީގެ ބޭނުންކުރިކަމެއްް މި އާރޓިކަލް ލިޔަމުންދާއިރު ނޭންގެއެވެ.

އެގޭގެ އަވަންވެސް ހުރީ މައްސަލަ ޖެހިފައެވެ. ރޯދަ މަސް ފެށުނީއްސުރެ އަވަނަށް ވަނީ ކޮންމެވެސް ބަލިމަޑުކަމެއް ޖެހިފައެވެ. ދެފަހަރެއްގެ މަތިން އަނބިގޮއްޔެގެ ނާޒުކު އަތްވެސް ފިހުނެވެ. ޓެމްޕްރޭޗަރ ގަދަވެގެން ގޮސް މައިތިރި ނުވަނީއެވެ. އިޤްބާލަށް އަދި އެކަމާ އުޅެވޭވަރެއް ނުވެއެވެ. ހީވާގޮތުގައި ރޯދަ މަސް ނިމެންދެން އެގޮތުގައި ހިފަހަަށްޓަނީ ކަމަށްވެސް ވެދާނެއެވެ. ރޯދަމަސް ވެސް ދެން މިހިރަގެން ނިމެނީތާއެވެ. ބާކީ އޮތީ ގާތްގަނޑަކަށް އެންމެ ތިން ދުވަހެވެ.

މިހުރިހާ ކަމެއް އެފަހަރާ ލައިގަތުމުން އިޤްބާލު ދެކެނީ މިއީ ރޫހާނީ ކަމެއްގެ ގޮތުގައެވެ. އެހެންޏާފަހެ ހުރިހާ އެއްޗެއް މައްސަލަ މިޖެހުނީ އެއްފަހަރާ ވިއްޔާއެވެ.

ޝެއަރކުރެއްވުމަށް