އިންސާނާގެ އުމުރު ދިގުވެ، ދުޅަހެޔޮކަންމަތީ ދެމިހުރުމަކީ ކޮންމެ މީހަކުވެސް އެދޭނެ ކަމެކެވެ. ސައިންސްވެރިން ބުނާގޮތުގައި، ދުޅަހެޔޮކަން އިތުރުކޮށް އުމުރު ދިގުކުރުމަށް އެހީތެރިވާ ވަސީލަތެއްގެ ގޮތުގައި ހަރުކަށި ތިން ޝަރުތެއް ފުރިހަމަވާންޖެހެއެވެ. އެއީ: 1- ސިއްޙަތާއި ޢުމުރު ދިގުކުރުމަށް އެހީތެރިވުން، 2- މަދުވެގެން ތިން ބާވަތެއްގެ ދިރޭ އެއްޗެއްގައި (model organisms) މިކަން ސާބިތުވުން، އަދި 3- މަދުވެގެން ތަފާތު ތިން ލެބޯޓްރީއަކުން މިކަން ކަށަވަރުކޮށްދިނުމެވެ. ރޯދަހިފުމާއި ކެލޮރީ މަދުކުރުމަކީ މި ހުރިހާ ޝަރުތެއް ފުރިހަމަވާ، ޢިލްމީ ގޮތުން ސާބިތުވެފައިވާ ކަންކަމެވެ.
ކެލޮރީ މަދުކުރުން ނުވަތަ ’ކެލޮރިކް ރިސްޓްރިކްޝަން’ އަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް އުނިނުވާނޭހެން، އާންމުކޮށް ކާ މިންވަރަށްވުރެ ގާތްގަނޑަކަށް 30% ކެއުން މަދުކުރުމެވެ. މިކަމަކީ މުސްކުޅިވުން ލަސްކޮށްދޭ ކަމެއްކަން މީދާ، ކުއްތާ، ފަނިފަކުސަ، މެހި، ރާމާމަކުނު އަދި ފަންގަސް (yeast) ފަދަ ތަކެތީގައި ކުރެވުނު ދިރާސާތަކުން ވަނީ ކަށަވަރުވެފައެވެ. އިންސާނުންގެ ހަށިގަނޑުގައި މީގެ ސަބަބުން ހަކުރުބަލި، ހިތުގެ ބަލިތައް އަދި ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދީ، އުމުރު ދިގުކޮށްދެއެވެ.
މިކަމުގެ އެންމެ ވަރުގަދަ ހެއްކަކީ ޖަޕާނުގެ އޮކިނާވާގެ ރައްޔިތުންނެވެ. އެމީހުންނަކީ ދުނިޔޭގައި އެންމެ ގިނަ ދުވަހު ދިރިތިބޭ އެއް އާބާދީއެވެ. އެމީހުންގެ ދިރިއުޅުމުގެ އާދަޔަކީ ޤަވާއިދުން ގިނައިން ކަސްރަތުކުރުމާއެކު، ކެއުމުގައި މަދު މިންވަރެއް ބޭނުންކުރުމެވެ. ނަމަވެސް، މި މީހުންގެ ތެރެއިން ބްރެޒިލްއަށް ހިޖުރަކޮށް ހުޅަނގުގެ ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލުވި މީހުންގެ ޢުމުރު، އޮކިނާވާގައި ތިބި މީހުންނަށްވުރެ ގާތްގަނޑަކަށް 20 އަހަރު ކުރުވިކަން ފާހަގަކުރެވުނެވެ. މިއިން އެނގެނީ ކެއިންބުއިމުގެ އާދަތަކަކީ ޢުމުރާ ސީދާ ގުޅުންހުރި ކަމެއް ކަމެވެ.
ދިގު މުއްދަތަކަށް ކެއުން މަދުކޮށްގެން އުޅުމަކީ އޭގެ ސައިޑް އިފެކްޓްސް ނުވަތަ ނޭދެވޭ އަސަރުތަކުގެ ސަބަބުން އިންސާނުންނަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން، މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ’ޕީރިއަޑިކް ފާސްޓިންގ’ ނުވަތަ ވަކި ދުވަސްތަކެއްގައި ރޯދަހިފުމެވެ. މިގޮތުން ރޯދަހިފޭ ބައެއް ގޮތްތަކުގެ ތެރޭގައި އެއް ދުވަސް ދޫކޮށް އަނެއް ދުވަހަކު ރޯދަހިފުން، ހަފުތާއަކު ދެ ދުވަހު ރޯދަހިފުން (5:2)، މަހަކު އެއްފަހަރު ނުވަތަ ދެފަހަރު 48 ގަޑިއިރު ރޯދައަށް ހުރުން ހިމެނެއެވެ. އަދި އަޅުގަނޑުމެން މުސްލިމުންނަށް އެންމެ ފަރިތަ ގޮތަކީ ’ޓައިމް ރިސްޓްރިކްޓަޑް ފީޑިންގ’ (TRF) ނުވަތަ ދުވާލުގެ ވަކި ވަގުތުތަކެއްގައި އެއްޗެއް ނުކައި ހުރުމެވެ.
ރޯދަހިފުމުގެ ސިއްހީ ފައިދާތައް އިންތިހާއަށް ގިނައެވެ. އެއީ ޢުމުރާ ގުޅިގެން ޖެހޭ ބަލިތަކުން ދުރުކޮށްދޭ ކަމެކެވެ. ދިރާސާއަކުން ދައްކާގޮތުގައި، ލޭގެ ޕްރެޝަރު ކުޑަކޮށް މަތީގައި ހުންނަ މީހުން ދެ ހަފުތާ ވަންދެން ހަމައެކަނި ފެން ބޮއެގެން ރޯދައަށް ތިބުމުން، އޭގެ ތެރެއިން 82% މީހުންގެ ލޭގެ ޕްރެޝަރު އާންމު މިންގަނޑު ކަމަށްވާ 120/80 mmHg އަށްވުރެ ދަށްވިއެވެ. މީގެ އިތުރުން، މުސްކުޅިވުމުގެ ސަބަބުން ނާރުތަކަށާއި ސިކުނޑިއަށް ޖެހޭ ބަލިތަކާ (neuro–degenerative diseases) ދެކޮޅަށް މަސައްކަތްކުރުމުގެ ބާރުވެސް ރޯދަހިފުމުގެ ސަބަބުން ހަށިގަނޑަށް ލިބިދެއެވެ.
ނިންމާލަމުން ދަންނަވާނީ، ކެއުން މަދުކުރުމާއި ރޯދަހިފުމަކީ ހަމައެކަނި ދީނީ ނުވަތަ ސަގާފީ ކަމެއް ނޫން ކަމެވެ. އެއީ ސިއްޙަތު ސަލާމަތުން ބެހެއްޓުމަށާއި، ބަލިތަކުން ދުރުވެ، ދިގު ޢުމުރެއް ލިބިގަތުމަށްޓަކައި ސައިންސާއި ތަޖުރިބާގެ އަލީގައި ކަށަވަރުވެފައިވާ އެންމެ ވަރުގަދަ އެއް ވަސީލަތެވެ.
