2026 ވަނަ އަހަރުގެ ފެބުރުވަރީ 28 ވަނަ ދުވަހަކީ މުޅި ދުނިޔެއާއި މެދުއިރުމައްޗަށް ސިހުން ގެނުވި، ކަޅު ދުވަހެކެވެ. އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދޭން ފެށި ވަރުގަދަ ވައިގެ ހަމަލާތަކާ އެކު، ބާރުގަދަ ގޮވުންތަކުން އެ ގައުމުގެ އުޑުމަތި ގުގުމާލިއެވެ. ދުމާއި އަލިފާނުން ކަޅުކޮށްލިއެވެ.
ހަނގުރާމަ ފެށުނު އިރު، އެމެރިކާއާއި އިސްރާއީލުގެ އަސްކަރީ އިސްތިރާޖު ބިނާވެފައި އޮތީ ”ރެޖީމް ޗޭންޖު“ ނުވަތަ އީރާނުގެ އެންމެ އިސްވެރިން ނައްތާލައި އެ ގައުމުގެ ’ބޯ‘ ބުރިކޮށްލުމަށެވެ. ކުއްލި ގޮތަކަށް ދިން އެ ’ސަޕްރައިޒް އެޓޭކް’ގެ މައިގަނޑު އަމާޒަކީ، އީރާނުގެ ސުޕްރީމް ލީޑަރު ޝަހީދުކޮށްލައި، އަސްކަރީ ކޮމާންޑް ނިޒާމު މުޅިން ހަލާކުކޮށްލުމެވެ. ހަމައެހެންމެ، އީރާނުގެ ސަރުކާރު ’ޕެނިކް’ކޮށްލައި އިނދަޖައްސާލުމެވެ. އެއަށްފަހު އެމެރިކާއާއި އިސްރާއީލުން ތާއީދުކުރާ ބަޔަކު ވެރިކަމަށް ގެނައުމަށް މަގުފަހިކުރުމެވެ. ނަމަވެސް، މި ފެށުނު ނުރައްކާތެރި ކުރިމަތިލުމާ އެކު އުފެދޭ އެންމެ ބޮޑު ސުވާލަކީ މިއީއެވެ.
މި ހަމަލާތަކުގެ އަސްލު އަމާޒަކީ އީރާނުގެ ވެރިކަމުގެ އޮނިގަނޑު މުލުން ލުހެލުން ބާވައެވެ؟ ނުވަތަ މުޅި ގައުމުގެ ނިޒާމު އިނދަޖައްސާލައި، އިސްލާމީ އިންގިލާބުގެ ބާރު ކަނޑުވާލުން ބާވައެވެ؟ ނޫނީ މިއީ ހަމައެކަނި އީރާނުގެ ބާރުގަދަ މިސައިލް ނިޒާމު ނައްތާލައި، އަސްކަރީ ގޮތުން ބަލިކަށިކޮށްލަން ދެމުންދާ ހަމަލާތަކެއް ބާވައެވެ؟ ނުވަތަ އެއްވެސް އަމާޒެއް ނެތި ހަމަލާތަކެއް ހަމަ ދެނީ ބާއެވެ؟
އެމެރިކާއިން އެކި ފަހަރު ދައްކަނީ އެކި ވާހަކައެވެ. ބައިނަލްއަގުވާމީ މަސްރަހުގައި ހަނގުރާމައިގެ ކަޅުވިލާގަނޑު ބޯވަމުންދާ އިރު، ހަގީގަތުގައި ފެންނަމުންދަނީ އެމެރިކާއިން ދައްކާ ވާހަކައާ މުޅިން ތަފާތު މަންޒަރެކެވެ. އީރާނަކީ، އިރާގުގެ ސަހަރާތައް ފަދައިން، ނުވަތަ ލީބިޔާއާއި ސޫރިޔާގެ ހަލާކުވެފައިވާ ބިންތައް ފަދައިން ފަސޭހައިން ފުނޑާލެވޭނެ ގައުމެއް ނޫންކަން މިއަދު އެ ދަނީ ސާބިތުވަމުންނެވެ. އެމެރިކާއިން ހީކުރި ވަރަށްވުރެ އީރާނުގެ ދިފާޢީ އައްޑަނަ ވަރުގަދައެވެ.
އެމެރިކާއާއި އިސްރާއީލްގެ ވަރުގަދަ ހަމަލާތަކުގެ ކުރިމަތީގައި އީރާނުން މިއަދު ސާބިތުކޮށްދެމުންދަނީ ހަމައެކަނި އެ ގައުމުގެ އަސްކަރީ ގާބިލުކަމެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އެތައް އަހަރެއްގެ ދިގު ދިރާސާއާއި، ދުރާލައި ރޭވިފައިވާ ހަރުދަނާ އިސްތިރާޖީއެއްގެ މައްޗަށް ބިނާކޮށްފައިވާ، ’ފޫއަޅުވައިލަން އުނދަގޫ‘ ދިފާޢީ ފަލްސަފާއެކެވެ. އީރާނުގެ ’ބޯ‘ ބުރިކޮށްލައި، މުޅި ނިޒާމު އިނދަޖައްސާލަން ހިފާފައިވާ އަމާޒު ފެއިލްވަމުން ދާއިރު، މުޅި ދުނިޔެއަށް މިއަދު ހާމަވަމުންދަނީ ހައިރާންކުރުވަނިވި ހަގީގަތެކެވެ. އެއީ، އީރާނުގެ ’ހަށިގަނޑު‘ ހުއްޓުމެއްނެތި ހަރަކާތްތެރިވަމުން ދަނީ، ދުޝްމަނުންގެ އަތްނުފޯރާ ފަދަ ލާމަރުކަޒީ އަދި ބާރުގަދަ އޮނިގަނޑެއްގެ ތެރެއިން ކަމެވެ.
އާދެ! ދުޝްމަނުންގެ ބާރުގަދަ ހަމަލާތަކުގެ ކުރިމަތީގައި އީރާނުގެ ’ހަށިގަނޑު‘ ގުޑާނުލައި އޮތް ދިފާޢީ އޮނިގަނޑަކީ ކޮބައިބާވައެވެ؟ އީރާނުގެ ދިފާޢީ އުކުޅުތަކަށް ބަލާއިރު، އެ ގައުމުން ބޭނުންކުރަނީ ’މޮޒައިކް ޑިފެންސް‘ ނުވަތަ ވަކިވަކި ގޮފިތަކަކަށް ބެހިފައިވާ، އެއް ބަޔަކު އަނެއް ބަޔަކަށް ބަރޯސާނުވެ ހަނގުރާމަކުރުމުގެ ގާބިލުކަން ލިބިގެންވާ ނިޒާމެކެވެ. މިއީ ހަމަލާއެއްގެ ސަބަބުން މަރުކަޒީ ގުޅުން ކެނޑިގެންދާ ހާލަތެއްގައި ވެސް، ގައުމުގެ އެކި ސަރަހައްދުތަކުގައި ތިބި އަސްކަރީ ބާރުތަކުން އަމިއްލަ އިސްނެގުމުގައި ރައްދު ހަމަލާ ދިނުމުގެ ފުރުސަތު ފަހިކޮށްދޭ ނިޒާމެކެވެ. އެހެންކަމުން، ދުޝްމަނުން އީރާނުގެ މައި ކޮމާންޑް ސެންޓަރުތަކަށް އަމާޒުކޮށް ދޭ ހަމަލާތަކުން، މުޅި އަސްކަރިއްޔާ އިނދަޖައްސާލުމަކީ ނުވާނެ ކަމެއްކަން މިއަދު މިދަނީ ފެންނަމުންނެވެ.
މި އުކުޅަކީ ދުނިޔޭގެ އަސްކަރީ ތާރީޚުން ލިބިގަންނަންޖެހޭ ފިލާވަޅެކެވެ. މީގެ ކުރިން އިރާގުގައި ސައްދާމް ޙުސައިންއާ ދެކޮޅަށް، ލީބިޔާގައި ގައްޒާފީއާ ދެކޮޅަށް، އަދި ވެނެޒުއޭލާގައި ވެސް އެމެރިކާއިން ކާމިޔާބުކަމާ އެކު ބޭނުންކޮށްފައިވަނީ ”ޑިކެޕިޓޭޝަން“ ނުވަތަ އިސްވެރިން ނައްތާލައިގެން ނިޒާމު ހަލާކުކޮށްލުމުގެ އުކުޅެވެ. އެމެރިކާގެ މި އިސްތިރާޖީއަށް ފާރަވެރިވެ، އީރާނުން ދިޔައީ މި ހުރިހާ ހަމަލާތަކެއް ވަރަށް ފުންކޮށް ދިރާސާކުރަމުންނެވެ.
މި ބުރަ މަސައްކަތުގެ ފަހަތުގައި ހުންނެވި އެއް ބާނީއަކީ އީރާނުގެ އައިއާރްޖީސީގެ ކުރީގެ ކޮމާންޑަރު، ޖެނެރަލް މުޙައްމަދު ޢަލީ ޖަފަރީއެވެ. ފާއިތުވި 20 އަހަރު ދުނިޔޭގެ ހަނގުރާމަތައް ދިރާސާކުރެއްވުމަށްފަހު ޖަފަރީ ފާހަގަކުރެއްވި ގޮތުގައި، ހަނގުރާމައެއްގައި މަރުކަޒީ ސަރުކާރުގެ އިސްވެރިން ނައްތާލުމުން މުޅި ގައުމު އިނދަޖެހެނީ، އެ ގައުމެއްގެ އަސްކަރިއްޔާ ”ޕިރަމިޑެއް“ގެ ސިފައިގައި ބިނާކޮށްފައި އޮންނާތީއެވެ. އެންމެ މަތީގައި ހުންނަ ”ލީޑަރު“ ނައްތާލުމުން، ތިރީގައި ތިބޭ ސިފައިންނަށް ކުރާނެ ކަމެއް ނޭނގި މުޅި ލަޝްކަރު ރޫޅިގެންދަނީއެވެ. އީރާނުން މިވަނީ އެ ’ޕިރަމިޑް‘ ނިޒާމް ފުނޑާލައި، ކޮންމެ ސަރަހައްދެއްގައި އަމިއްލައަށް ހަރަކާތްތެރިވާ ”މޮޒައިކް“އަކަށް ބަދަލުކޮށްފައެވެ.
”މޮޒައިކް ޑިފެންސް ޑޮކްޓްރިން“ ހިނގަނީ ކިހިނެއް ހެއްޔެވެ؟ މޮޒައިކް ކުރެހުމެއްގައި ކުދިކުދި އެތައް އެތިކޮޅެއް އެކުވެގެން ފުރިހަމަ ތަޞްވީރެއް އުފެދޭ ފަދައިން، އީރާނުގެ އަސްކަރިއްޔާ ވަނީ 30 މިނިވަން ޔުނިޓަކަށް ބަހާލާފައެވެ. ކޮންމެ ޕްރޮވިންސެއްގައި އޮންނަނީ އަމިއްލަ އިޚްތިޔާރުގައި ހަރަކާތްތެރިވާ، އަމިއްލަ މިސައިލް އައްޑަނައާއި، ޑްރޯން ފްލީޓް އަދި ޖާސޫސީ ނިޒާމު ފުރިހަމަވެފައިވާ ”އަސްކަރިއްޔާ“އެކެވެ.
ފެބުރުވަރީ 28ގެ ހަމަލާތަކުގައި އީރާނުގެ ސުޕްރީމް ލީޑަރު ޝަހީދުކޮށްލުމާ އެކު، ދުޝްމަނުން ހީކުރީ ހަނގުރާމަ ނިމުނީ ކަމަށެވެ. ނަމަވެސް ”މޮޒައިކް ޑޮކްޓްރިން“ ހަރަކާތްތެރިވާން ފެށީ އެ ހިސާބުންނެވެ. ސްޕްރީމް ލީޑަރު ހުންނަވާ ތެހެރާނާ ގުޅުން ކެނޑި، މަރުކަޒީ ކޮމާންޑް ހުއްޓުމަކަށް އައި ނަމަވެސް، ކޮންމެ ޕްރޮވިންސެއްގެ ކޮމާންޑަރަކީ އެ ސަރަހައްދެއްގެ އަމިއްލަ އަމުރު ހިނގާ އަސްކަރީ ވެރިއެކެވެ.
އުތުރުގައި އޮންނަ ޔުނިޓުން ދޭ ހަމަލާއެއްގެ އެއްވެސް މަޢުލޫމާތެއް ދެކުނުގައި އޮތް ޔުނިޓަކަށް ނޭނގެއެވެ. މި ލާމަރުކަޒީ ސިއްރުވެރިކަމުގެ ސަބަބުން، އެމެރިކާގެ ޒަމާނީ ޖާސޫސީ ސެޓެލައިޓްތަކަށް ވެސް ދެން ދޭން އުޅޭ ހަމަލާއެއް ދެނެގަތުމަކީ މުސްތަހީލު ކަމަކަށް އޮންނަނީ ވެފައެވެ. މިއީ އެއް ’ބޯ‘ ބުރިކޮށްލުމުން، އެތައް ބޯތަކެއް ފަޅައިގެން އަންނަ ފަދަ ”ހައިބްރިޑް“ ނިޒާމެކެވެ. އެމެރިކާއަށް ކުރިމަތިލާން މި ޖެހުނީ އެންމެ ދުޝްމަނަކާ ނޫނެވެ. މިނިވަންކަމާ އެކު ހަރަކާތްތެރިވާ 30 ލަޝްކަރާއެވެ.
މި ނުރައްކާތެރި ކުރިމަތިލުމުގައި އީރާނުގެ އަސްކަރީ އަމާޒަކީ އެމެރިކާ ފަދަ ބާރުގަދަ ދައުލަތެއްގެ މައްޗަށް މައިދާނުގައި ސީދާ ކުރިހޯދުމެއް ނޫނެވެ. އޭގެ ބަދަލުގައި، އީރާނުގެ މުޅި އިސްތިރާޖު ބިނާވެފައި އޮތީ ހަނގުރާމައިގައި އެމެރިކާއިން ދައްކަންޖެހޭ ”އަގު“ އަތްނުފޯރާ ފަށަށް ބޮޑުކުރުމުގެ މައްޗަށެވެ. އެއީ، އަގުބޮޑު މިސައިލްތަކާއި ދިފާޢީ ނިޒާމުތައް މެދުނުކެނޑި ބޭނުންކުރަން ޖެހުމުގެ ސަބަބުން އެމެރިކާގެ އިގުތިސާދަށް ބޮޑު ލޮޅުމެއް އަރުވައިލުމެވެ. އީރާނުގެ އަތުގައި ހުރި ދުނިޔެއަށް ނުފޫޒު ފޯރުވޭ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ދުނިޔޭގެ އިގުތިސާދަށް އަސަރު ފޯރުވުމެވެ. ހަނގުރާމަ ދިގުލައިދިއުމާއި، ދުވަހުންދުވަހަށް މަރުވާ ސިފައިންގެ ހަށިތައް އެމެރިކާއަށް ގެންދަން ޖެހުމުން، އެ ގައުމުގެ ރައްޔިތުންގެ މެދުގައި ހަނގުރާމައަށް އޮތް ތާއީދު ކެނޑި، ސަރުކާރަށް އޮތް އިތުބާރު ގެއްލުވާލުމެވެ. މިކަމަށް ސިޔާސީ އަދި އަސްކަރީ އިސްތިލާހުގައި ”ޕިރިކް ވިކްޓްރީ“ އޭ ކިޔައެވެ. މާނައަކީ، ހަނގުރާމައިގެ މައިދާނުގައި ’ކާމިޔާބީއެއް‘ ލިބުނު ކަމަށް ބެލެވުނަސް، އެ ކާމިޔާބީއާ އަޅައި ކިރާއިރު، ކާމިޔާބު ހޯދުމަށް ޓަކައި އަދާކުރި އަގާއި ލިބުނު ގެއްލުން އިންތިހާ ދަރަޖައަށް ބޮޑުވުމެވެ. އެއީ މޮޅުވުމަށް ވުރެ ހަނގުރާމަ ނުކުރެވުނު ނަމަވެސް މާރަނގަޅުވީހޭ ހީވާ ފަދަ ހިތި ނަތީޖާއެއް އިހުސާސްކޮށްދިނުމެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވި ފަދައިން، ހަނގުރާމަ ނިމޭނީ ކޮން އިރަކު އަދި ކިހިނެއްކަން ނިންމާނީ އީރާނުންނެވެ. އެމެރިކާއާއި އިސްރާއީލުގެ އެ ހުރިހާ ރޭވުންތަކެއް ފެއިލްވަމުން ދަނީ، އީރާނުން ދުޝްމަނުންގެ އުކުޅުތައް ދިރާސާކޮށް، އެ އުކުޅުތަކަށް ނުގުޑާނެ ފަދަ ލާމަރުކަޒީ ދިފާޢީފާރެއް ބިނާކޮށްފައި އޮތުމުންނެވެ. މިއަދު އީރާނުގައި އޮތް ދިފާޢީ ނިޒާމަކީ ޒަމާނީ ހަނގުރާމައިގެ ތާރީޚުގައި ފެނިގެންދާ އުނދަގޫ އަސްކަރީ އިސްތިރާތީޖީއެއް ކަމުގައި ވަނީ ވެފައެވެ.
މަޢުލޫމާތު:
ދަ ޓައިމްސް އޮފް އިންޑިއާ. (14 މާރިޗު 2026). އިންސައިޑް ’މޮޒައިކް ޑިފެންސް‘ ސްޓްރެޓަޖީ: ވައި ކިލިންގ އީރާންސް ޓޮޕް ކޮމާންޑާސް މޭ ނޮޓް އެންޑް ދަ ވޯރ. ނެގީ: ޑިފެންސް އެޗްކިޔު – ދަ ޓައިމްސް އޮފް އިންޑިއާ
ސަންސްތޫތީ ނާތު. (13 މާރިޗު 2026). ހޫ އީސް މުޙައްމަދު ޢަލީ ޖަފަރީ، މޭން ބިހައިންޑް އީރާންސް އިމްޕެނެޓްރެބަލް ’މޮޒައިކް ޑިފެންސް‘. ނެގީ: އެންޑީޓީވީ ވޯލްޑް
ޝާދީ އިބްރާހީމް. (10 މާރިޗު 2026). ދަ ’ފޯތު ސަކްސެސަރ‘: އީރާންސް ޕްލޭން ފޮރ އަ ލޯންގް ވޯރ ވިތު ދި ޔޫއެސް އެންޑް އިސްރާއީލް. ނެގީ: އަލްޖަޒީރާ
ޑރ. ޗަރްކާއީ ރައުޑާނީ. (11 މާރިޗު 2026). ވޯރ ވިތައުޓް އަ ސެންޓަރ: އީރާންސް މޮޒައިކް ޑިފެންސް. ނެގީ: މޮޑާން ޑިޕްލޮމަސީ
ޕަލަސްޓައިން ކްރޮނިކަލް. (5 މާރިޗު 2026). އެކްސްޕްލެއިނަރ: ވޮޓް އީސް އީރާންސް ’މޮޒައިކް ޑިފެންސް‘ ސްޓްރެޓަޖީ؟. ނެގީ: ޕަލަސްޓައިން ކްރޮނިކަލް
