މެދުއިރުމަތީގެ ސިޔާސީ އުދަރެހުން މިއަދު ފެންނަމުންދަނީ ބިރުވެރި އަދި އެހާމެ ނުތަނަވަސް މަންޒަރެކެވެ. އިސްލާމީ އުންމަތަށް ސިހުން ގެނުވީ، އީރާނުގެ ރޫހާނީ ލީޑަރު އަދި އެންމެ މަތީ ވެރިޔާ، އާޔަތުﷲ އަލީ ޚާމަނާއީ، އެމެރިކާއާއި އިސްރާއީލު ގުޅިގެން ދިން ވަރުގަދަ ވައިގެ ހަމަލާއެއްގައި ޝަހީދުކޮށްލި ޚަބަރާ އެކުގައެވެ. މި ހާދިސާއިން ބުނެދެނީ، ހަމައެކަނި އީރާނުގެ ރޫހާނީ ލީޑަރު ޝަހީދުކޮށްލުން އެކަންޏެއް ނޫނެވެ. މި ހާދިސާ ވެގެންދަނީ، މުޅި ސަރަހައްދުގެ ބާރުގެ ތިލަފަތް ބަދަލުކޮށްލައި، ޒަޔަނިސްޓުންގެ ”ގްރޭޓަރ އިސްރާއީލް“ ބިނާކުރުމުގެ ބިރުވެރި ހިޔަނި މުޅި މެދުއިރުމައްޗަށް ފެތުރިގެންދާނެ ކަމުގެ ނުރައްކާތެރި ސިގްނަލަކަށެވެ.
އުމުރުފުޅުން 86 އަހަރުގައި، އެމަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުންނާ އެކު ޝަހީދުކޮށްލުމަކީ، އީރާނުގެ ދިފާޢީ އައްޑަނަ ބަލިކަށިކޮށްލައި، އިސްރާއީލުގެ އިސްތިއުމާރީ ވަކިތަކަށް މުޅި ސަރަހައްދު ހުޅުވާލުމަށް ޒަޔަނިސްޓުން ރާވާފައިވާ ނުބައި ރޭވުމަށް ލިބިގެންދާ ކާމިޔާބަކަށް ވެދާނެއެވެ.
އީރާނުގެ އިންގިލާބީ ބާނީ، ރޫހުﷲ ޚުމައިނީ އަވަހާރަވުމުން، 1989 ވަނަ އަހަރު އީރާނުގެ ޒައާމަތާ ހަވާލުވެވަޑައިގަތް ޚާމަނާއީއަކީ، މިހާރު ފެންނަން އޮތް ހައިބަވެތި އީރާނުގެ އަސްކަރީ އަދި ޕެރާމިލިޓަރީ ނިޒާމު ބައްޓަންކުރައްވައި، ގައުމުގެ ދިފާޢީީ ބާރު ވަރުގަދަކުރެއްވި މައިބަދައެވެ. ޚާމަނާއީ ގެންގުޅުއްވަމުން ގެންދެވި ސިޔާސަތަކީ، ބޭރުގެ އަދި އެތެރޭގެ ނުރައްކާތަކުން ސަލާމަތްވުމަށް ޓަކައި އީރާނަކީ އަބަދުވެސް ’ދިފާއީ ހާލަތު’ގައި އޮންނަންޖެހޭ ގައުމެއް ކަމުގެ ވިސްނުންފުޅެވެ. އިސްލާމީ ޖުމްހޫރިއްޔާއާއި ގައުމީވަންތަކަމަކީ ވަކިނުކުރެވޭނެ ކަންކަން ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރެއްވިއެވެ. އެހެންކަމުން އެމަނިކުފާނު ވެގެންދަނީ އިސްލާމީ ޖުމްހޫރިއްޔާއާއި ގައުމީވަންތަކަން އެއްފަސްކުރެއްވި ލީޑަރަށެވެ.
ޚާމަނާއީ ގެންގުޅުއްވި ”ދެކޮޅުހެދުމުގެ ސިޔާސަތު“ ގެ ސަބަބުން، އެމެރިކާގެ ފިއްތުންތަކާއި ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އޮތީ އިންތިހާއަށް އަޅާފައެވެ. މީގެ ނޭދެވޭ އަސަރު ގައުމުގެ އިގްތިސާދަށް ވަރަށް ބޮޑަށް ކުރަމުން ދިޔަ އިރު، އީރާނުގެ ރައްޔިތުން ތިބީ ދިރިއުޅުމުގެ ތަދުކަމުގެ ތެރޭގައެވެ. މި ހާލަތުގެ ނާޖާއިޒު ފައިދާ ނަގައި، މިދިޔަ ޑިސެންބަރު މަހުގެ ފަހުކޮޅުން ފެށިގެން އިސްރާއީލުން އީރާނުގެ އެތެރޭގައި އެޅުވި ”ފަނީގެ“ އަސަރު އޮތީ ވަރަށް ބޮޑަށް މޫލާފައެވެ. ގައުމުގެ އެކި ކަންކޮޅުތަކުގައި ފެށުނު މުޒާހަރާތައް ފުޅާވެ، މުޅި އީރާން އޮތީ ދާޚިލީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ނިއުޅެމުންދިޔަ މި ހުރިހާ ކަންކަމުގެ އަޑީގައި ފޮރުވިފައި އޮތީ، ޒަޔަނިސްޓުންގެ ނުބައި ރޭވުންތެރިކަމެވެ. އެހެނީ، އީރާނުގެ އެތެރޭގެ މަސްރަހު ގޯސްވި ދަނޑިވަޅު ބަލައި އެމެރިކާއިން ވަނީ 2003ވަނަ އަހަރު އިރާގަށް އަރައިގަތް ފަހުން އެ ސަރަހައްދަށް ޖަމާނުކުރާހާ ގިނަ އަސްކަރީ ވަސީލަތްތަކާއި ނުރައްކާތެރި ހަތިޔާރު މެދުއިރުމައްޗަށް ޖަމާކޮށްފައެވެ. މި ތައްޔާރީތަކަށްފަހު، އީރާނުގައި ”ބޮޑު އަސްކަރީ އޮޕަރޭޝަނެއް“ ފަށާފައިވާކަން ޓްރަމްޕް ރަސްމީކޮށް އިޢުލާނު ކުރެއްވިއެވެ. އެމެރިކާގެ ހަގީގީ ބޭނުމަކީ އީރާނުގެ މިހާރުގެ ވެރިކަން މުޅިން ބަދަލުކޮށްލުންކަން ޓްރަމްޕްގެ ބަސްމަގުން ވަރަށް ސާފުކޮށް ހާމަކުރެއްވިއެވެ.
އާދެ، މި ހުރިހާ ރޭވުމެއްގެ ނަތީޖާ ގުޅިފައި އޮތީ، ޒަޔަނިސްޓުންގެ އެންމެ ބޮޑު ހުވަފެން ކަމުގައިވާ ”ގްރޭޓަރ އިސްރާއީލް“ ބިނާކުރުމެވެ. އީރާނަކީ މި ނުރައްކާތެރި ތަސައްވުރަށް އޮތް އެންމެ ބޮޑު ”ޗެކް އެންޑް ބެލެންސް“ ކަމަށްވާ އިރު، ޚާމަނާއީ ޝަހީދުކޮށްލުމަކީ އެ ބެލެންސް ނައްތާލައި މުޅި މެދުއިރުމަތި އިސްރާއީލުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ކޮށުނު މަގެކެވެ.
މި ދަނޑިވަޅުގައި އީރާނަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ވާނީ، ބޭރުގެ ނުފޫޒާއި މަދަދުވެރިކަން ދީގެން އީރާނުގެ މިހާރު އޮތް ވެރިކަމުގެ ނިޒާމު މުޅިން ’ފުނޑާލުމަށް‘ މަސައްކަތްތަކެއް ކުރާނެތީއެވެ. ޓްރަމްޕް ވަނީ އީރާނުގެ އިދިކޮޅު ޖަމާއަތްތަކަށް އެ މޭރުމުން ހިތްވަރުދެއްވާފައެވެ. އެހެންކަމުން، ޚާމަނާއީއަށް ތާއީދުކުރާ މީހުންނާއި އިދިކޮޅު މީހުންގެ މެދުގައި މަގުތަކުގައި ލޭއޮހޮރުވުން ބޮޑު ކުރިމަތިލުންތަކެއް ހިނގުން ފަދަ، ނުވަތަ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ނަސްލީ ގުރޫޕުތަކަށް ’ވާވައްދައިގެން‘ އަމިއްލަ މިނިވަންކަމަށް ވަކާލާތު ކުރުވުން ފަދަ ޢަމަލުތައް ހިންގުވާނެ ކަމަށް އަންދާޒާކުރެވެއެވެ.
އެހާހިސާބަށް ކަންކަން ގޯސްވެ، އީރާނުގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ފެއިލްވެއްޖެ ނަމަ އިސްރާއީލުގެ ދުރުރާސްތާ ތަޞައްވުރު ކާމިޔާބުކުރަން ލިބޭ ވަރަށް ބޮޑު ފަސޭހަކަށް އެކަން ވެގެންދާނެއެެވެ. މަޝްރަޙު ދިރާސާކުރާ ގިނަ ފަރާތްތަކަކުން ވެސް ގަބޫލުކުރާ ގޮތުގައި، އީރާނުގެ ބާރު ކެނޑުމަކީ އިސްރާއީލަށް އެ ސަރަހައްދުގައި އޮތް އެންމެ ބޮޑު ”ހުރަސް“ ނުވަތަ ”ބެލެންސް“ ނެތިގެންދިއުމެވެ. އެ ބެލެންސް ގެއްލުމަކީ މުޅި މެދުއިރުމަތި އިސްރާއީލުގެ ކޮންޓްރޯލްގެ ދަށަށް ދިއުމަށް މަގުފަހިވާނެ ކަމެކެވެ. އީރާނުގެ ވެރިކަން ބަދަލުވެ، ހުޅަނގަށް ތާއީދުކުރާ ބަޔެއްގެ އަތަށް ބާރުތައް ލިބިއްޖެ ނަމަ، އިސްރާއީލުން ކުރާ ކޮންމެ ކަމަކަށް ބައިނަލްއަގުވާމީ މައިދާނުގައި ”ފެހި ސިގްނަލް“ ލިބުމުގެ ފުރުސަތު އޮންނާނެއެވެ.
އީރާނަކީ ފަލަސްތީނުގެ ޖިހާދީ ޖަމާއަތްތަކަށް އެންމެ ބޮޑަށް އެހީތެރިވާ ގައުމެވެ. އީރާނުގެ އެހީ ހުއްޓިގެން ދިޔުމަކީ ފަލަސްތީނުގައި އޮތް އިސްރާއީލާ ދެކޮޅުވެރިވުމުގެ ހަރަކާތް ބަލިކަށިވާނެ ކަމެކެވެ. އެހެންކަމުން، އެ ދަނޑިވަޅުގެ ފައިދާ ނަގައިގެން، ހުޅަނގު އައްސޭރީގެ ބާކީ ހުރި ބިންތައް އިސްރާއީލުގެ ރަސްމީ ބިންތަކުގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ފުރުސަތު މުޅިން ބަންދުކޮށްލުމުގެ ބިރާ ކުރިމަތިވެގެން ދާނެއެވެ. ހަމައެހެންމެ، ލެބަނަންއާއި، ސީރިއާ، އަދި އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ޖަމާއަތްތައް ނެތިދިއުމަކީ އިސްރާއީލަށް އެ ގައުމުތަކުގެ ވައިގެ ސަރަހައްދާއި ބިންތަކަށް ބޭނުން އިރަކު ވަދެ، ހަމަލާދިނުމަށް ލިބޭ ’ހުއްދައެއް‘ ކަމުގައި ވެގެންދާނެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ މި ހުރިހާ ކަންކަމަކީ ވެސް ޒަޔަނިސްޓުން އެބައިމީހުން ބޭނުންވާ ’ދުނިޔޭގެ އޯޑަރ‘ ދަމަހައްޓައި ހިންގުމަށް ކުރިއަށްގެންދާ ހީލަތްތެރި ރޭވުންތަކެކެވެ. އާދެ، އެއީ އިސްރާއީލުގެ ބޯޑަރުތައް މިހާރު އޮތް މިންވަރަށް ވުރެ ބޮޑަށް ފުޅާކުރުމަށް ގެންގުޅޭ ދީނީ އަދި ސިޔާސީ ފަލްސަފާއެކެވެ. ނުވަތަ ތަސައްވުރެކެވެ. ”ގްރޭޓަރ އިސްރާއީލް“ ގެ ގޮތުގައި މަގުބޫލުވެފައިވާ މި ތަސައްވުރަށް އިބްރާނީ ބަހުން ޒަޔަނިސްޓުން މުޚާޠަބުކުރަމުން ދަނީ ”އެރެޓްޒް ޔިސްރޭލް ހަޝްލޭމާ“ ގެ ނަމުންނެވެ.
އިސްރާއީލުގެ މިހާރުގެ ހަރުކަށި ސަރުކާރުގައި ހިމެނޭ ބައެއް ވަޒީރުން ގަބޫލުކުރާ ގޮތުގައި އިސްރާއީލުގެ ބާރު މުޅި މެދުއިރުމައްޗަށް ފެތުރެންޖެހެއެވެ. މިފަދަ ހަރުކަށި ފިކުރުތައް ތަންފީޒުކުރަން އެމީހުންނަށް އެންމެ ބޮޑަށް ފަސޭހަވާނީ އީރާނުގެ ’ނުރައްކާ‘ ނައްތާލައިގެން ކަމުގައި ދަނީ ބުނަމުންނެވެ. މި ފަލްސަފާއަކީ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް އޮތް ވަރަށް ބޮޑު ބިރެކެވެ.
މި ތަސައްވުރުގައި، އެމީހުންގެ ފިކުރު ގަބޫލުކުރަނީ ދީނީ ފޮތްތަކުގައި ޔަހޫދީންނަށް ވައުދުވެފައިވާ ބިމަކީ މިހާރުގެ އިސްރާއީލުގެ ބޯޑަރުތަކެއް ނޫނެވެ. އެމީހުންގެ ދީނީ ފޮތްތަކުގައިވާ ގޮތުގައި، ”ނީލަ ކޯރުން ފެށިގެން ފުރާތު (ޔޫފްރޭޓްސް) ކޯރާ ހަމައަށް“ އޮތް ބިމަކީ އެމީހުންގެ މިލްކެކެވެ. މީގެ މާނައަކީ، އެ މީހުން ދައުވާކުރާ އެ ސަރަހައްދުގެ އިހުތިސާސްގެ ތެރޭގައި، މުޅި ފަލަސްތީނާއި، އުރުދުންގެ ބޮޑު ބަޔަކާއި، ލެބަނަން އަދި ސީރިއާގެ ބައެއް ބިންތަކުގެ އިތުރުން، މިސްރުގެ ސައިނާއީ ސަރަހައްދާއި ސައުދީ އަރަބިއްޔާގެ ބައެއް ބިންތައް ވެސް ހިމެނެއެވެ.
މި ތަސައްވުރު އެންމެ ބޮޑަށް ކުރިއަރުވަނީ އިސްރާއީލުގެ މިހާރުގެ ހަރުކަށި ކަނާތު ފިޔައިގެ ސިޔާސީ ޕާޓީތަކުންނެވެ. އެމީހުން ބޭނުންވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކޮށް، އެ ބިންތަކަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ހެދުމެވެ. އަދި، ’ޓޫ ސްޓޭޓް ސޮލިއުޝަން‘ ނުވަތަ ދެ ދައުލަތުގެ ހައްލު ގަބޫލުނުކޮށް، ފަލަސްތީނުގެ ހުރިހާ ބިންތަކަކީ އިސްރާއީލުގެ ބިމުގެ ގޮތުގައި ބާއްވައި، ފަލަސްތީނު، ދައުލަތަކަށް ވުމުގެ ފުރުސަތު ނުދިނުމެވެ.
މި ސިޔާސަތުގެ މައިގަނޑު އެއް މަގުސަދަކީ އިސްރާއީލުގެ ވަށައިގެންވާ އަރަބި ގައުމުތައް (އިރާގު، ސީރިއާ، ލެބަނަން، މިސްރު) ކުދިކުދި ބައިތަކަކަށް ބައިބައިކޮށްލުމެވެ. އަދި، އެ ގައުމުތަކުގެ އެތެރޭގައި މަޒްހަބީ އަދި ނަސްލީ ހަނގުރާމަތައް އުފައްދައި ބަލިކަށިކޮށްލުމުގެ އިތުރުން، އެ ގައުމުތައް ބަލިކަށިވުމުން، އިސްރާއީލަށް އެ ސަރަހައްދުގައި އޮތް ”ސުޕަރ ޕަވަރ“އަށް ވެވި، ބޭނުން ބިމެއް ހިފުމުގެ ފުރުސަތު ލިބުމެވެ.
އީރާނަކީ މިހާރު މި ތަސައްވުރަށް އޮތް އެންމެ ބޮޑު އަސްކަރީ ހުރަހެވެ. އީރާނުން ލެބަނަންގެ ހިޒްބުﷲއާއި ފަލަސްތީނުގެ ޖިހާދީ ޖަމާއަތްތަކަށް ހަތިޔާރު ދެނީ އިސްރާއީލުގެ މި ފުޅާވުމުގެ ސިޔާސަތު ހުއްޓުވުމަށެވެ. އީރާނުގެ ވެރިކަން ފެއިލްވެއްޖެ ނަމަ، އިސްރާއީލަށް އެމީހުންގެ ބޯޑަރުތައް ފުޅާކުރުމަށް އޮތް ”އަސްކަރީ ހުރަސް“ ނެތިދާނެއެވެ. މީގެ ނަތީޖާއަކަށް ވާނީ އިސްރާއީލުން މިހާރަށް ވުރެ ބާރަށް އަރަބި ބިންތަކަށް އަރައިގަނެ، ”ގްރޭޓަރ އިސްރާއީލް“ ބިނާކުރުމުގެ މަސައްކަތް ފެށުމެވެ. މީގެ އެންމެ ބޮޑު ނުރައްކަލަކީ، ’ގްރޭޓަރ އިސްރާއީލު’ގެ ތަސައްވުރަކީ މުޅި މެދުއިރުމަތީގެ ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް އޮތް ބިރަކަށް ވާކަމެވެ. އެކަން އަރަބި ގައުމުތަކަށް އެންމެ ބޮޑަށް ހަނދާން ކޮށްދެއްވި ބޭކަލަކީ ޚާމަނާއީއެވެ.
ޚާމަނާއީ ވަނީ، އެ މަނިކުފާނުގެ ގިނަ ތަގުރީރުތަކެއްގައި އަރަބި އަދި އިސްލާމީ ގައުމުތަކަށް މި ނުރައްކަލުގެ އިންޒާރުދެއްވައި، މުސްލިމުން، އެއް އުންމަތެއްގެ ގޮތުގައި އެއްބައިވަންތަ ވުމަށް ތަކުރާރުކޮށް ގޮވާލައްވާފައިވެއެވެ. ޚާއްސަކޮށް، އިސްރާއީލުގެ ”އިސްތިއުމާރީ ވަކިތަކުން“ ސަލާމަތްވުމަށް އޮތް ހަމައެކަނި މަގަކީ މިއީ ކަމަށް އެމަނިކުފާނު ވިދާޅުވެދެއްވިއެވެ.
ޚާމަނާއީ އަބަދުވެސް ވިދާޅުވަމުން ގެންދެވީ، ހުޅަނގުގެ ގައުމުތަކުން، ވަކިން ޚާއްޞަކޮށް އެމެރިކާއިން އަރަބި ދުނިޔޭގެ ތެރޭގައި ’ޝިއައީ-ސުންނީ‘ ފިތުނަ އުފައްދަނީ، އިސްލާމީ އުންމަތް ބައިބައިކޮށް، އިސްރާއީލަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ. ”އަހަރެމެން އެކަކު އަނެކަކާ ހަނގުރާމަކުރާ އިރު، ދުޝްމަނުން ތިބީ އަހަރެމެންގެ ބިންތައް ފޭރިގަތުމަށް ތައްޔާރަށް،“ ކަމަށް އެމަނިކުފާނު ވިދާޅުވަމުން ގެންދެވިއެވެ.
އިސްރާއީލާ އެކު ގުޅުން ގާއިމުކުރާ ’ނޯމަލައިޒޭޝަން‘ އަރަބި ގައުމުތަކަށް އެމަނިކުފާނު ދެއްވި އިންޒާރަކީ، އެއީ އެ ގައުމުތަކުގެ އަމިއްލަ ސަލާމަތަށް އޮތް ބިރެއް ކަމެވެ. އިސްރާއީލަކީ ”ކެންސަރު ބައްޔެއް“ ފަދަ ފިކުރެއް ކަމަށާއި، އެމީހުންނާ ގާތްވުމުން ލިބޭނެ ހަމައެކަނި ނަތީޖާއަކީ އެމީހުންގެ ނުފޫޒު އެ ގައުމުތަކުގެ އެތެރެއަށް ވަދެ، ގައުމު ބަލިކަށިވުން ކަމަށް ޚާމަނާއީ ތަކުރާރުކޮށް ވަނީ ހަނދާންކޮށްދެއްވާފައެވެ. އަރަބި ދުނިޔެއަކީ ތެލާއި، ގުދުރަތީ ވަސީލަތްތަކާއި، ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ލިބިފައި ނުވާ ފަދަ ވަރަށް މުހިންމު ކަނޑުގެ މަގުތަކެއް ގުދުރަތުން ލިބިފައިވާ ބަޔަކަށް ވާއިރު، އަރަބިންނާއި މުސްލިމު އުންމަތް އެކަތިގަނޑަކަށް ވެއްޖެ ނަމަ، ދުނިޔޭގެ އެއްވެސް ބާރަކަށް އިސްލާމީ އުންމަތުގެ މައްޗަށް އަތްނުފޯރުވޭނެ ކަމަށް އެމަނިކުފާނު ވަކާލާތު ކުރެއްވިއެވެ.
ޚާމަނާއީގެ މި ގޮވާލެއްވުންތަކަށް އަރަބި ލީޑަރުން އިޖާބަދިނީ ކިހިނަކުންތޯއެވެ!؟ ބައެއް އަރަބި ގައުމުތަކުން ދެކުނީ އެމީހުންގެ ސިޔާދަތަށް އޮތް ނުރައްކަލަކީ އީރާނު ކަމަށެވެ. އެމީހުން އިސްކަންދިނީ އެމެރިކާއާ އެކު އަސްކަރީ ގުޅުން ބަދަހިކުރުމަށެވެ. މިހާރުގެ ހާލަތަށް ބަލާއިރު، ޚާމަނާއީ ދެއްވި އިންޒާރުތަކަކީ ”ހަގީގަތަކަށް“ ވެފައިވާ ކަންތައްތަކެއް ކަމަށް ބައެއް މަޝްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އީރާނުގެ ބާރު ކެނޑިގެންދާ މި ދަނޑިވަޅުގައި، އަރަބި ގައުމުތަކުން ދެން އަމަލުކުރާނެ ގޮތެއްގެ މައްޗަށް މުޅި މެދުއިރުމަތީގެ މުސްތަގުބަލު ބިނާވެގެންވެއެވެ.
މި ހުރިހާ ކަންކަމެއް ލޮލަށް ފެންނަމުންދާ އިރު ވެސް އަރަބި ގައުމުތަކުން ’ލޯކަނު‘ ބަޔަކަށް ވެގެން ތިބެނީ ކީއްވެބާއެވެ!؟ މިއީ މިއަދު އިސްލާމީ އުންމަތުގެ ކޮންމެ ފަރުދެއްގެ ހިތުގައި އުފެދޭނެ ވަރަށް ވަރުގަދަ އަދި އެހާމެ ހިތްދަތި ސުވާލެކެވެ. ”ގްރޭޓަރ އިސްރާއީލް“ގެ ނުރައްކަލާއި، ފަލަސްތީނުގެ ހާލަތު ލޮލަށް ފެންނަމުން ދާއިރު ވެސް އަރަބި ގައުމުތަކުގެ ލީޑަރުން ހިމޭނުން އެ ތިބެނީ އެމީހުންނަށް އެ މަންޒަރުތައް ނުފެންނާތީ، ނުވަތަ ނޭނގޭތީއެއް ނޫނެވެ. ވެރިކަމުގެ ދަހިވެތިކަމާއި، ދުނިޔޭގެ މުއްސަނދިކަމާއި، އަދި ދުޝްމަނުންނަށް އޮތް ބިރެއްގެ ސަބަބުންނެވެ. އެކަމަށް ޓަކައި އިސްލާމީ އުންމަތުގެ ބޮޑު މަސްލަހަތު ވަނީ ގުރުބާންކޮށްފައެވެ.
އާދެ، ގިނަ އަރަބި ގައުމުތަކުގެ ލީޑަރުންނަށް މުހިންމީ އެމީހުންގެ ވެރިކަން ދެމެހެއްޓުމެވެ. ގިނަ އަރަބި ސަރުކާރުތަކަކީ އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން އެމެރިކާގެ އެހީތެރިކަމަށް ބަރޯސާވާ ބައެކެވެ. އެމެރިކާއާ ދެކޮޅަށް ނުވަތަ އިސްރާއީލާ ދެކޮޅަށް ވަރުގަދަ ފިޔަވަޅެއް އަޅައިފި ނަމަ، އެމީހުންގެ ވެރިކަން ވައްޓާލުމަށް ބޭރުގެ ބާރުތަކުން މަސައްކަތް ކޮށްފާނެ ކަމުގެ ބިރު އޮވެއެވެ.
މިއަދުގެ ހުޅަނގަކީ ދުނިޔޭގައި އިގްތިސާދަކީ އެންމެ ބޮޑު ބާރެވެ. އަރަބި ގައުމުތަކުން، ޚާއްޞަކޮށް ގަލްފް ގައުމުތަކުން ބޭނުންވަނީ ހުޅަނގުގެ އިންވެސްޓްމަންޓްތަކާއި ޓެކްނޮލޮޖީއެވެ. ’އަބްރަހަމް އެކޯޑް‘ ފަދަ އެއްބަސްވުންތައް އެކުލަވާލައި އިސްރާއީލާ އެކު ގުޅުން ބަދަހިކުރުމުން އެމެރިކާގެ ވިޔަފާރީގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އެ ގައުމުތަކުން ދެކުނެވެ. އެހެނަސް، އެފަދަ އެއްބަސްވުންތަކަކީ އަރަބި ދުނިޔެ ބައިބައިވި އެންމެ ބޮޑު ސަބަބެވެ. އެމެރިކާއާއި އިސްރާއީލުން ވިސްނަދިން ފަދައިން ގިނަ އަރަބި ގައުމުތަކުން މިއަދު ގަބޫލުކޮށްގެން އެތިބީ، އިސްރާއީލަށް ވުރެ ބޮޑު ނުރައްކަލަކީ އީރާނު ކަމުގައެވެ.
އަރަބި ގައުމުތަކަކީ މުއްސަނދި ބައެއް ނަމަވެސް، އަމިއްލަ ފައިމައްޗަށް ތެދުވެ އިސްރާއީލާއި ހުޅަނގުގެ ޓެކްނޮލޮޖީއާ ކުރިމަތިލެވޭނެ ފަދަ އަމިއްލަ އަސްކަރީ ސިނާޢަތެއް އެ ގައުމުތަކުގައި ނެތެވެ. ބޭނުންކުރާ ހުރިހާ ހަތިޔާރަކީ އެމެރިކާއިން ގަންނަ ތަކެތި ކަމަށްވުމުން، ހަނގުރާމައެއްގެ ވަގުތުގައި އެމެރިކާއިން އެހީ ހުއްޓާލައިފި ނަމަ އެމީހުން ބަލިކަށިވާނެއެވެ.
ދިގު މުއްދަތަކަށް ހުޅަނގުގެ ނުފޫޒުގެ ދަށުގައި ތިބުމުގެ ސަބަބުން، ”އަހަރެމެންނަށް ކުރެވޭނެ ކަމެއް ނެތް“ ކަމުގެ އިހުސާސް އަރަބި ގިނަ ލީޑަރުންގެ ހިތްތަކުގައި ވަނީ ވަކިހިފާފައެވެ. ޚާމަނާއީ ގޮވާލެއްވި ފަދަ ”އިސްލާމީ ވަހުދަތަކަށް“ ދިއުމުގެ ބަދަލުގައި، އަރަބި ލީޑަރުން އިސްކަންދެނީ އެމީހުންގެ ވެރިކަމުގެ އަމިއްލަ މަސްލަހަތަށެވެ.
ޚާމަނާއީގެ ވަކިވުމަކީ ހަމައެކަނި އީރާނަށް ކުރިމަތިވި ހިތާމައެއް ނޫނެވެ. އެއީ މުޅި އިސްލާމީ އުންމަތުގެ ދިފާޢީ ފާރުގައި އެޅުނު ބޮޑު ރެނދެކެވެ. އެމަނިކުފާނު އަބަދުވެސް ވަކާލާތު ކުރެއްވި ފަދައިން، މުސްލިމުންގެ ބައިބައިވުމަކީ ދުޝްމަނުންގެ އެންމެ ބޮޑު ހަތިޔާރެވެ. ”ގްރޭޓަރ އިސްރާއީލް“ގެ ބިރުވެރި ހިޔަނި މުޅި މެދުއިރުމައްޗަށް ފެތުރި، އަރަބި ގައުމުތަކުގެ މިނިވަންކަން ގެއްލުމުގެ ބިރު މިއަދު މިވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.
މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ހިތްދަތި ސުވާލެކެވެ. އިސްލާމީ އުންމަތުގެ ލީޑަރުން ހޭލާނީ ކޮން އިރަކުންތޯއެވެ؟ ދުނިޔޭގެ މުއްސަނދިކަމާއި ވެރިކަމުގެ ދަހިވެތިކަމަށް ވުރެ، އުންމަތުގެ ސަލާމަތާއި ދީނީ ވަހުދަތު އިސްކުރާނީ ކޮން ދުވަހަކުންތޯއެވެ؟
