ވަރަށް ބިޒީކަމަށް ދަޢުވާ ކުރާ މާލޭގައި ވަޒަންވެރިވެގެން އުޅޭ ގާތް ރައްޓެއްސެކެވެ. ނާޒިމް (އަސްލުނަމެއް ނޫން) އަބަދުވެސް އުޅުއްވަނީ އޭނާގެ ބަހުން ނަމަ ވަރަށް ބިޒީ ޝެޑިއުލެއްގައެވެ. އެއީ އޮފީހުގައި ކަމަށްވިޔަސް ނުވަތަ އޮފީހުން ބޭރުގައި ކަމަށްވިޔަސް ވަރަށް ބިޒީއެވެ. ދަރިން ގިނަ ބައްޕައެއްކަމުން ސްކޫލް ދަތުރުތައް ވެސް އިންތިހާއަށް އޮވެއެވެ. ސައިކަލުން ފައިބާނެ ވަގުތެއް ނުވެއެވެ.
ސްކޫލް ދަތުރެއް ނެތިއްޔާ ދޭތެރެ ދޭތެރެއިން އަންހެނުންނާއި ދަރިން ގޮވައިގެން ހުޅުމާލެއާއި މާލެއާ ދޭތެރޭ ދުއްވާލަން ދެއެވެ. އެންމެ ޚާއްޞަ ކަމަކީ ހުޅުމާލޭގައި ހުންނަ ހޮޓަލަކުން އަންހެނުންނަށް ހަވީރު ސަޔަށް ކޮންމެހެންވެސް ހޯދަން ޖެހޭ މަސްރޮއްޓެއް ހޯދަން ހުޅުމާލެއަށް ދާންޖެހޭ ޖެހުމެވެ. އެއީ ވަގުތުން ތައްޔާރުކުރާ ހޫނު މަސްރޮއްޓެވެ. މި ބުނާ މަސްރޮއްޓެއް ނެތިއްޔާ ކަންތަކާ ލައިގަތީއެވެ. މިހާ ގިނަ ދަތުރުތައް ކުރަންޖެހުމުން ނާޒިމް ގެންގުޅޭ ސައިކަލަށް އަބަދާ އަބަދު އޮންނަނީ ޕެޓްރޯލް އަޅަން ޖެހިފައެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ސައިކަލުން ޕެޓްރޯލް މަދުވެގެން އެލާމް އަޅާވަރުން ޕެޓްރޯލް އަޅަން ނައްޓާލިއެވެ. ދެވުނީ ހަމަކިރިޔާއެވެ. ކިޔު ވަރަށް ބޮޑެވެ. ލައްވާލީ ކިޔުގެ އެންމެފަހަތެވެ. ވީ ފޫއްސަކުން ބޯހޫރަހޫރާ އިންދާ ސިއްސައިގެން ދިޔައީ ސެކިއުރިޓީ މީހާ ގޮވާލުމުންނެވެ. އަވަހަށް ގޮސް ޕެޓްރޯލް އަޅައިދޭން ހުރި އަންހެން ކުއްޖާ ކައިރީގައި މަޑުކޮށްލައި މަޑި ހުޅުވާލިއެވެ.
“ބައްލަވާ ސްކޭން ނުކުރެވޭ އިނގޭތޯ“ އެ އަންހެން ކުއްޖާ ބުންޏެވެ. އެކުއްޖާ އެހެން ބުނީ ޕޮސް މެޝިނަށް ކޮންމެވެސް މައްސަލައެެއް ދިމާވެގެން ސްކޭން ޕޭ ނުކުރެވޭތީ އެވާހަކަ ބުނަންވެގެންނެވެ.
“މަށަށް މިއާދެވުނީ ހޮސްޕިޓަލަކަށްތަ؟؟ “ސްކޭން ނުކުރެވެއޭ ތިޔަ ބުނަނީ.“ ރައްޓެހި މީހާ ސުވާލުކުރިއެވެ.
“ނޫން ރަނގަޅު ތަނުގައި ތިހުންނެވީ ސްކޭން ނުކުރެވޭ ވާހަކަ މި ނަންގަތީ.“ އަންހެން ކުއްޖާ ބުންޏެވެ.
“ ސްކޭން ނުކުރެވެންޏާ އެމްއާރުއައި ހަދައިދީ އެކަން ކުރެވޭތަ؟؟“ ރަޙުމަތްތެރިޔާ ވަރަށް ރުޅިގަދަވެފައި ބުންޏެވެ.
ސައިކަލަށް ޕެޓްރޯލް އެޅިއްޖެއެވެ. ދެން އޮތީ ފައިސާ ދެއްކުމެވެ. އުޅެއުޅެ ލޮޑުވި އިރުވެސް ކާޑުންވެސް ޕޭމަންޓް ހެދޭގޮތެއް ނުވިއެވެ. އެންމެފަހުން ޖީބު ހާވައިގެން ފައިސާކޮޅު ހަމަވީ ކިރިޔާއެވެ. އެވެސް ޖީބުގައި ހުރި ވަކިލާރިކޮޅުވެސް ލައިގެންނެވެ.
