ޖަމަލު ހަނގުރާމާއަކީ ހިޖުރައިން 36 ވަނަ އަހަރު (މީލާދީން 656 ވަނަ އަހަރު) ހިނގި ހަނގުރާމައެކެވެ. މި ހަނގުރާމަ ހިނގީ މުސްލިމުންގެ ތިންވަނަ ޚަލީފާ އަމީރުލް މުއުމިނީން ޢުޘްމާނުގެފާނުގެފާނު ޝަހީދު ކޮށްލުމާ ގުޅިގެން ހިނގި ފިތުނައިގެ ތެރޭގައެވެ. މިއީ އެ ހަނގުރާމައަކަށްފަހު މުސްލިމުންގެ މެދުގައި ފުން ބައިބައިވުންތަކެއް އުފެދުނު އަދި މުސްލިމު އުންމަތުގައި ހިނގި ފުރަތަމަ ދާޚިލީ ހަނގުރާމަ ވެސް މެއެވެ.
ޖަމަލު ހަނގުރާމަ ހިނގީ މުސްލިމުންގެ ހަތަރުވަނަ ޚަލީފާ އަމީރުލް މުއުމިނީން ޢަލީގެފާނާއި އެކަލޭގެފާނަށް ބައިޢަތުހިފައިގެން ތިބި ވިއްސަށްހާސް މީހުންގެ ލަޝްކަރަކާއި، އައްސައްޔިދާ ޢާއިޝަތުގެފާނާއި ޠަލްޙަތުގެފާނާއި، ޒުބައިރުގެފާނުގެ އެދިވަޑައިގަތުމަށް ބަޞަރާއިން ނިކުން ތިރީހަކަށް ހާސް މީހުންގެ ލަޝްކަރަކާ ދެމެދުގައެވެ. މި ހަނގުރާމައަށް ޖަމަލު ހަނގުރާމައޭ ކިޔުނީ މި ހަނގުރާމަ ހިނގި މައިދާނަށް އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ޖަމަލެއްގެ މައްޗަށް ސަވާރުވެވަޑައިގެން ވަޑައިގެންނެވުމުންނެވެ. އެ ކަމަނާ ވަޑައިގެންނެވީ މީސްތަކުންނަށް ނަޞޭހަތްދެއްވައި ހަނގުރާމަ ހުއްޓުމަށް ގޮވައިލެއްވުމަށެވެ.
ޢުޘްމާނުގެފާނު ޝަހީދުކޮށްލުމުން މުސްލިމުންގެ ތެރެއިން އެއްބަޔަކު ޢަލީގެފާނަށް ބައިޢަތުހިފައި ޚަލީފާކަމަށް އިސްކުރެއްވިއެވެ. އޭރު ސީރިއާގެ ގަވަރުނަރަކަށް ހުންނެވި މުއާވިޔަތުގެފާނު ހިމެނޭ ގޮތަށް ޢުޘްމާނުގެފާނުގެ ލޭފޮދުގެ ބަދަލު ނުހިއްޕަވަނީސް ޢަލީގެފާނަށް ބައިޢަތު ނުހިފަން ތިބި ބަޔަކު ވެސް ތިއްބެވެ. ޢުޘްމާނުގެފާނު ޝަހީދުކުރެވުނުއިރު ޢާއިޝަތުގެފާނު ޙައްޖަށް ވަޑައިގެން އިންނެވީ މައްކާގައެވެ. އުމުރާއަކަށް ވަޑައިގެންނެވި ޠަލްޙަތުގެފާނާއި ޒުބައިރުގެފާނާ އެކަމަނާއާ ބައްދަލުވެ ޢުޘްމާނުގެފާނު ޝަހީދުކޮށްލި ޤާތިލުންގެ ކިބައިން ބަދަލު ހިއްޕެވުމަށް މަޝްވަރާ ކުރެއްވިއެވެ. އަދި މި ތިންބޭފުޅުން ބަޞަރާއަށް ވަޑައިގެން ލަޝްކަރެއް އެކުލަވާލެއްވިއެވެ. އޭރު ޢުޘްމާނުގެފާނު ޝަހީދުކޮށްލި ބާޣީންގެ ބަޔަކު ތިބީ ޢަލީގެފާނަށް ބައިޢަތުހިފައިގެންނެވެ.
މި ޚަބަރު ލިބިވަޑައިގަތުމުން ޢަލީގެފާނު ވާހަކަދައްކައިގެން މި މައްސަލަ ހައްލުކުރައްވަން މަސައްކަތް ފެށްޓެވިއެވެ. އަދި އެންމެ ފަހުން މަދީނާގައި ހުންނަވާފައި ބަޞްރާއަށް ވަޑައިގެން ޢާއިޝަތުގެފާނާއި ޠަލްޙަތުގެފާނާއި ޒުބައިރުގެފާނާ ބައްދަލުކުރެއްވިއެވެ. އެ ބޭފުޅުންގެ މެދުގައި ވާހަކަ ދައްކަވައި ހަނގުރާމަ ނުކުރާގޮތަށް އެއްބަސްވެވަޑައިގެން ސުލުޙަވެވަޑައިގެންނެވިއެވެ. ދެ ފަރާތުން ވެސް ދެ ފަރާތުގެ ލަޝްކަރުގެ ކޮމާންޑަރުންނަށް ހަނގުރާމަ ނުކުރުމަށް އަމުރު ކުރެއްވިއެވެ.
ޢުޘްމާނުގެފާނު ޝަހީދުކުރި ބާޣީން މިކަން މިހެން ވިޔަނުދިނުމަށް ނުބައި ރޭވުންތަކެއް އެ ރޭ ރޭވިއެވެ. ޢަލީގެފާނާއި އެކަލޭގެފާނާ ޚިޔާލު ތަފާތު ބޭފުޅުން އެއްގަލަކަށް އަރުއްވައިގެން ބާޣީންނާ ދެކޮޅަށް ނިކުންނަވައި ޢުޘްމާނުގެފާނުގެ ލޭފޮދުގެ ބަދަލުގައި ޤިޞާސް ހިއްޕަވާފާނެ ކަމަށް އެ މީހުންނަށް ހީވިއެވެ. އެހެންވެ މުސްލިމުންގެ ދެ ލަޝްކަރުގެ ދެމެދުގައި ހަނގުރާމައިގެ ހުޅުކޮޅު ރޯކުރީ އެ ބާޣީންނެވެ.
އެރޭ ފަތިސްވުމުގެ ކުރިން ޢާއިޝަތުގެފާނާއި ޠަލްޙަތުގެފާނާއި ޒުބައިރުގެފާނުގެ ލަޝްކަރަށް ކުއްލިއަކަށް ބާޣީން ހަމަލާދިނެވެ. ބާޣީން ހަމަލާ ދޭން ފެށުމުން ޠަލްޙަތުގެފާނާއި ޒުބައިރުގެފާނު ވެސް އެ ބޭކަލުންގެ ނަފްސުގެ ދިފާޢުގައި ހަތިޔާރުނެންގެވިއެވެ. އެ ބޭކަލުން ހަތިޔާރު ނެންގުވުމުން ޢަލީގެފާނު ވެސް ނަފްސުގެ ދިފާޢުގައި ހަތިޔާރު ނެންގެވިއެވެ. ޠަލްޙަތުގެފާނާއި ޒުބައިރުގެފާނު ހީފުޅުކުރެއްވީ ހަމަލާ ފެށީ ޢަލީގެފާނުގެ ޢަމުރުފުޅަށް ކަމަށެވެ. އެކަމަކު ހަމަލާ ފެށުމާ އެކު ޢަލީގެފާނު މަސައްކަތް ކުރެއްވީ ހަނގުރާމަ ހުއްޓުވުމަށެވެ. ހަނގުރާމަ ހުއްޓާލުމަށް އެކަލޭގެފާނު ކުރެއްވި ޢަމުރަށް ބާޣީން ކިޔަމަން ނުވީއެވެ. ހަމަ އެހެންމެ ޠަލްޙަތުގެފާނާއި ޒުބައިރުގެފާނު ވެސް ހަނގުރާމަ ހުއްޓުވަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް މިއިން އެއްވެސް ބޭކަލެއްގެ އެއްވެސް އިޚްތިޔާރަކާ ނުލައި މި ފިތުނަ ހިނގައިގެން ދިޔައީއެވެ.
މުސްލިމުން އެއްބަޔަކު އަނެއް ބައެއްގެ ލޭއޮހޮރުވުން ހެޔޮ ނުވާނެ ކަމަށް ވިދާޅުވެ ޠަލްޙަތުގެފާނާއި ޒުބައިރުގެފާނު ހަނގުރާމައިގެ މައިދާނުން ނިކުމެ ވަޑައިގަންނަވަން މަސައްކަތް ކުރައްވަނިކޮށް އެ ދެ ބޭކަލުން ވެސް ވަނީ ޝަހީދުކޮށްލާފައެވެ. މިކަމާ ޢަލީގެފާނު ވަރަށް ބޮޑަށް ހިތާމަކުރައްވައި އެ ބޭކަލުންނަށް ހެޔޮ ދުޢާކުރެއްވިއެވެ. މި ހަނގުރާމައަށްފަހު ޢަލީގެފާނު ވަނީ ރައްކާތެރިކަމާއެކު ޢާއިޝަތުގެފާނު މަދީނާއަށް ގެންގޮސްދެއްވާފައެވެ. ޢާއިޝަތުގެފާނާއި، ޢަލީގެފާނާއި، ޒުބައިރުގެފާނާއި، ޠަލްޙަތުގެފާނަކީ ސުވަރުގެ ލިބޭނެކަމުގެ އުފާވެރި ޚަބަރު ކީރިތި ރަސޫލާ ދެއްވާފައިވާ ހަތަރު ބޭފުޅުންނެވެ. އެހެންކަމުން މިއިން އެއްވެސް ބޭފުޅަކަށް ދެރަބަހެއް ބުނުން ހެޔޮނުވާނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.
މަޢުލޫމާތު:
https://www.islamweb.net/en/fatwa/84846/battle-of-the-camel-and-the-role-of-aaishah
https://voice7news.tv/special/news/17422
