ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 8 ވަނަ ދުވަހު މުޅި ދުނިޔޭގައި ފާހަގަކުރާ މުހިންމު ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤުސަދަކީ އަންހެނުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމާއި، މުޖުތަމަޢުގައި އަންހެނުންގެ ޙައްގުތައް ރައްކާތެރިކޮށް ހަމަހަމަކަން ޤާއިމުކުރުމެވެ.
ދިވެހިރާއްޖޭގައި ވެސް މި ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރެއެވެ. ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމިއްޔާތަކުން އަންހެނުން ބާރުވެރިކުރުވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގައެވެ. ވަކިން ޚާއްސަކޮށް، ރާއްޖޭގެ ތަރައްޤީގައި އަންހެނުން އަދާކުރާ މުހިންމު ދައުރު މި ދުވަހު ފާހަގަކުރެވެއެވެ.
މިދިޔަ އާދިއްތަ ދުވަހަކީ އަންހެނުންގެ ދުވަސްކަމަށްވާތީ އަޅުގަނޑުމެންގެ ތެރޭގައި ވެސް މިދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. އެބައެއްގެ ފެންވަރުން އޮފީހުގައި ތިބި އަންހެން ކަނބަލުންނަށް މާމެލާމެއްޔާއި ހަދިޔާ ބަދިޔާދީ ފޮޓޯނަގައިފިއެވެ. އޮފީސްތަކުގައި އަންހެނުންގެ ދުވަސް ފާހަގަކޮށްދިނުމުގައި އެންމެ އިސްދަޢުރެއް އަބަދުވެސް އަދާކުރަމުންދާނީ އޮފީހުގައި އުޅޭ ފިރިހެން ވެރިންނެވެ. އެއީ އަންހެންވެރިންނަށް ވަރަށް ސިއްރުން އިންތިޒާމްކުރެވޭ ކަމެއްގެ ގޮތުގައިވެސް ހީވާފަހަރު އާދެއެވެ.
އަޙުމަދު (އަސްލުނަމެއް ނޫން) އޮފީހުގައި އަބަދުވެސް އެކްޓިވްކޮށް ފެންނަ މޫނެކެވެ. އޮފީހުގައި އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ މަޝްވަރާތައް ހިނގީވެސް އަޙުމަދުގެ ވެސް ބައިވެރިވުމާއެކުގައެވެ. އަންހެންވެރިން އަންނަންވާއިރަށް ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދުވަހާ ގުޅޭ ގޮތަށް ތަންވެސް އޮތީ ތައްޔާރުކޮށް ނިންމާފައެވެ. އޮފީހުގެ ހުރިހާ އަންހެންވެރިން ގެނެސްފިއެވެ. ފިރިހެން ވެރިން އަންހެންވެރިންނަށް ފިނިފެންމަލަކާ ހަދިޔާ ދީފިއެވެ. އަޙުމަަދަށްވެސް އެތަނުން ކަނބަލަކަށް މަލާ ހަދިޔާ ދޭން ޖެހިގެން ވަރަށް އުފަލުން ހުރެ އެކަންވެސް ކޮށްފިއެވެ. ވަރަށް އުފާވެރި ވަގުތުކޮޅެކެވެ. އެވަގުތުކޮޅު އަންހެންވެރިންގެ މޫނުމަތިން އުޖާލާކަން ފެނިގެން ދިޔައެވެ. ފޮޓޯ ކެމެރާގެ ލެންސްތަކަށް މި މަންޒަރުތައް ރެކޯޑްވަމުން ދެއެވެ.
އިވެންޓު ނިމިއްޖެއެވެ. އަޙުމަދު ދިޔައީ ގެއަށެވެ. ގޭގެ ތަޅުންމަތީ ރަނގަޅަށް ފައި ނުޖެހެއެވެ. “ ހާދަ މަލަކާ ހަދިޔާއެއް ދީފައޭދޯ ތިއައީ“ އަޙުމަދުގެ އަންހެނުން ސުވާލުކޮށްލިއެވެ. އަޙުމަދު ބައިވެރިވި އަންހެނުންގެ ދުވަހު އަންހެން ކަނަބަލަކަށް މާދިން ފޮޓޯ ދައްކާފައި މިހެން ބުނުމުން އަޙުމަދަށް ލިބުނީ ކުއްލި ސިހުމެކެވެ. ރަނަގަޅަށް ފޮޓޯއަށް ބަލައިލިއެވެ. ހަމައެއީ އެ ފޮޓޯތަކެވެ. އޮފީހު ކުއްޖަކު މަޖަލަކަށް މިއޮތީ އަޙުމަދުގެ އަންހެނުންނަށް ފޮޓޯ ފޮނުވާފައެވެ. އަޙުމަދު ގޮތް ހުސްވެއްޖެއެވެ. ހަދާނެ ގޮތް ބޮޑުވެއްޖެއެވެ. ވީދެރައިން އަޙުމަދުގެ ހިތް ކަތިވެއްޖެއެވެ. ވާނީވެސް އެހެންތާއެވެ. އަޙުމަދަކީ އަންހެންނާއިގެން އުޅޭ މީހެއްވެސް ނޫނެވެ. އެކަހަލަ ނިޔަތެއްވެސް ނެތެވެ. މިމަޅީގައި ޖެހި މިއޮތީ ބާރުވެފައެވެ.
ކޮންމެއަކަސް މިކަމުގެ ފިދިޔައަކަށް އަހުމަދަށް ޖެހުނީ އަންހެނުން ގޮވައިގެން ރެސްޓޯރަންޓަކަށް ގެންގޮސް އުއްބަތީގެ އަލީގައި އަންހެނުންގެ ދުވަސް ފާހަގަކޮށް މާމެލާ މެއްޔާއި ހަދިޔާދީ ރަނގަޅަށް ކާންދޭށެވެ. އަޙުމަދު އެކަންކޮށްފިއެވެ. ނަސީބަކުން ފަސޭހަ ރަޙުމަތެއްގައި މިކަމުން ސަލާމަތްވެއްޖެއެވެ.
