އީރާނުގެ ސިޔާސީ މަޝްރަހުން މިއަދު ފެންނަމުންދަނީ ތާރީޚީ އަދި ނުފޫޒުގަދަ ބަދަލުތަކެކެވެ. ހަނގުރާމައިގެ ބިރުވެރިކަމާއި ގައުމީ އެއްބައިވަންތަކަން އިސްކުރަންޖެހިފައިވާ މި ނާޒުކު ދަނޑިވަޅުގައި، އައު ރޫހާނީ ލީޑަރެއްގެ ގޮތުގައި ކަނޑައަޅުއްވާފައި އެވަނީ ޝަހީދުކޮށްލި އާޔަތުﷲ ޢަލީ ޚާމަނާއީގެ ދެވަނަ ދަރިކަލުން، މުޖުތަބާ ޚާމަނާއީ ކަމުގައި އީރާނުގެ ގައުމީ ޓީވީން ވަނީ އިޢުލާނުކޮށްފައެވެ. މި ދަނޑިވަޅުގައި އީރާނުގެ އައު ރޫހާނީ ލީޑަރުގެ މަގާމާ އާޔަތުﷲ ޢަލީ ޚާމަނާއީގެ ފުރިހަމަ ސިފަފުޅުތަކާއި ޚިކުމަތްތެރިކަން ލިބިވަޑައިގެން ހުންނެވި ބޭފުޅަކު ހަވާލުވެވަޑައިގަތުމަކީ، މިފަދަ ނުރައްކާތެރި ވަގުތެއްގައި އީރާނުގެ ހަމަޖެހުމާއި ރައްކާތެރިކަމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި ގައުމުގެ ސާބިތުކަން މުޅި ދުނިޔެއަށް ހާމަކޮށްދިން ހަރުދަނާ ނިންމުމެކެވެ.

އުމުރުފުޅުން 56 އަހަރުގެ ދީނީ ގައުމިއްޔަތުގެ ފިކުރުގެ ޢިލްމުވެރިޔާ، މުޖުތަބާ ޚާމަނާއީ، އީރާނުގެ ރޫހާނީ ލީޑަރު ކަމުގެ މަތިވެރި އަމާނާތާ މި ހަވާލުވެވަޑައިގަތީ އަމިއްލަފުޅު އާއިލާއަށް ކުރިމަތިވީ ތަހައްމަލުކުރަން ދަތި މުސީބާތުގެ ދަނޑިވަޅުގައެވެ. އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ފުރަތަމަ ދުވަހު ދިން ނުރައްކާތެރި ހަމަލާތަކުގައި، ބައްޕާފުޅު އާޔަތުﷲ ޢަލީ ޚާމަނާއީގެ އިތުރުން، އެމަނިކުފާނުގެ މަންމާފުޅާއި، އަނބިކަނބަލުން އަދި އުޚުތަކު ވެސް ވަނީ ޝަހީދުކޮށްލާފައެވެ. މުޅި އާއިލާ ވަކިވެދިޔަ އެ ވަރުގަދަ ބޮމުގެ ހަމަލާތަކުން މުޖުތަބާ ސަލާމަތްވެވަޑައިގަތީ، އެ ވަގުތު އެމަނިކުފާނު އެ ތަނުގައި ވަޑައިގެން ނެތުމުންނެވެ.

ހަނގުރާމައިގެ ބިރުވެރިކަމާއި ނުރައްކާތެރިކަން ވަށާލާފައިވާ މި ނާޒުކު ވަގުތުގައި، އީރާނުގެ ’އެސެމްބްލީ އޮފް އެކްސްޕާޓްސް’އިން މުޖުތަބާ ޚާމަނާއީ އައްޔަންކުރެއްވީ ވަރަށް މަތީ އަޣުލަބިއްޔަތަކުންނެވެ. އީރާނުގެ އެންމެ މަތީ ރޫހާނީ ލީޑަރު ހޮވުމުގެ އިޚުތިޔާރު ލިބިގެންވާ 88 މެންބަރުންގެ އެ ދީނީ މަޖިލީހުގެ ނިންމުމަކީ، ގައުމުގެ ދީނީ އަދި ސިޔާސީ އިސްސަފުގައި އޮތް ބަދަހި އެއްބައިވަންތަކަމާއި، މުޖުތަބާގެ ކިބައިގައިވާ ގާބިލުކަމަށް އޮތް ބޮޑު އިތުބާރު ހާމަކޮށްދިން ކަމެކެވެ. އައު ރޫހާނީ ލީޑަރު އައްޔަންކުރެއްވުމަށް ފަހު، އެ މަޖިލީހުން ވަނީ ގައުމީ އެކުވެރިކަން ދެމެހެއްޓުމަށާއި، މުޖުތަބާ ޚާމަނާއީގެ ޒައާމަތަށް ތާއީދުކޮށް ބައިއަތު ހިފުމަށް ހުރިހާ ރައްޔިތުންނަށް ގޮވާލައި އިލްތިމާސްކޮށްފައެވެ.

މުޖުތަބާއަކީ އެމަނިކުފާނުގެ ޒުވާން ދުވަސްވަރު އީރާނާއި އިރާގު ކުރި ހަނގުރާމައިގެ މައިދާނުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން، ގައުމުގެ ދިފާޢުގައި މަސައްކަތްކުރެއްވި ހިތްވަރުގަދަ، ހަރުދަނާ ޝަޚުސިއްޔަތެކެވެ. އާދެ، 1980ގެ އަހަރުތަކުގައި ހިނގި އީރާނު-އިރާގު ހަނގުރާމައިގެ ތެރޭގައި، އެމަނިކުފާނު ޚިދުމަތްކުރެއްވީ އީރާނުގެ ’ހަބީބް ބެޓަލިއަން’އާ އެކުގައެވެ. އެ ދުވަސްވަރު އެމަނިކުފާނާ އެކު ހަނގުރާމައިގެ މައިދާނުގައި އުޅުއްވި ބައެއް އެކުވެރިންނާއި ދީނީ ޢިލްމުވެރިން، ފަހުން ވަނީ އީރާނުގެ ސަލާމަތީ އަދި ޖާސޫސީ އިދާރާތަކުގެ އެންމެ މަތީ މަގާމުތަކަށް ވަޑައިގެންފައެވެ. މިއީ މުޖުތަބާ ޚާމަނާއީގެ ނުފޫޒު، އީރާނުގެ އަސްކަރީ އަދި ސަލާމަތީ ނިޒާމުގެ ތެރޭގައި މިހާ ވަރުގަދަވާން ދިމާވި މައިގަނޑު އެއް ސަބަބު ކަމަށް ބެލެވެއެވެ.

މުޖުތަބާ ޚާމަނާއީއަކީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ދައުލަތުގެ އެންމެ މަތީ ފަންތީގެ މުހިންމު ކަންކަން ނިންމުމާއި ހިންގުމުގައި ބައްޕާފުޅުގެ އަރިހުގައި ވަރަށް އިތުބާރާ އެކު ގާތުން މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެމަނިކުފާނު ފާހަގަވެގެން ދަނީ މީޑިއާތަކާ ދުރު ބޭފުޅެއްގެ ގޮތުގައި ނަމަވެސް، ދައުލަތުގެ ކަންކަން ތަރުތީބުކުރެއްވުމުގައި ހުނަރާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ލީޑަރެއްގެ ގޮތުގައެވެ. އަދި އީރާނުގެ އަސްކަރީ ބާރުތަކާ އެކު އޮތް ގާތް ގުޅުމުގެ ސަބަބުން، ރައްޔިތުންގެ ހިތްތަކަށް އަމާންކަން ގެނެސްދީ، ހަނގުރާމައިގެ މި ހާލަތުގައި ގައުމުގެ ދިފާއީ ނިޒާމު އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނެކަން ޔަގީންވެގެން ދެއެވެ.

ރޫހާނީ ލީޑަރުގެ މަގާމަށް މުޖުތަބާ ޚާމަނާއީ އިސްކުރެއްވުމަކީ، އީރާނުގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި އީރާނުގެ ދީނީ ގައުމިއްޔަތުގެ ފިކުރުގެ ބާރު، އަދިވެސް ވަރުގަދަކަން ހާމަކޮށްދޭ ސާފު ހެއްކެކެވެ. އަދި މިއީ ކައިރި މުސްތަގުބަލެއްގައި، ހަނގުރާމައާ ގުޅޭ ގޮތުން އެމެރިކާއާ އެކު އެއްވެސް ކަހަލަ އެއްބަސްވުމަކަށް ނުވަތަ މަޝްވަރާއަކަށް ދިއުމުގެ ޝައުގުވެރިކަން އީރާނު ސަރުކާރުގެ ނެތްކަން ދޭހަކޮށްދޭ ކަމެއް ވެސްމެއެވެ.

އެހެންކަމުން، މުޖުތަބާ ޚާމަނާއީއަކީ އީރާނުގެ އައު ޖީލުގެ ފެށުމެވެ. މިއަދު އީރާނުގެ އުޑުމަތީގައި ހަނގުރާމައިގެ ދުންތައް ބޯވެފައިވީ ނަމަވެސް، މުޖުތަބާ ޚާމަނާއީގެ ޒައާމަތާ އެކު އެ ގައުމުން އައު އަމާޒާއި އުންމީދުތަކެއް ގެނެސްދޭނެ ކަމަށް ބެލެވެއެވެ. ބައްޕާފުޅުގެ ފަރާތްޕުޅުން ލިބިވަޑައިގެންފައިވާ ދީނީ އަދި ސިޔާސީ ހިކުމަތްތެރިކަމުގެ ބޭނުން ހިއްޕަވައިގެން، މި ނުރައްކާތެރި ގޮންޖެހުންތަކުން ގައުމު ސަލާމަތްކުރައްވާނެ ކަމުގެ ފުރިހަމަ އިތުބާރު އީރާނުގެ އިސްސަފުން ވަނީ ދީފައެވެ. މުޖުތަބާގެ މި އައު ފެށުމަކީ އީރާނުގެ ތާރީޚުގައި ގައުމީ ފަޚުރުގެ އައު ބާބެއް ގުނަން ފެށުމެވެ. އިލާހީ ތައުފީގާއި، ރައްޔިތުންގެ އެއްބައިވަންތަކަމާ އެކު، އީރާނަކީ ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން ވެސް އެހެން ގައުމުތަކުން ޖެހިލުންވާނެ، މިނިވަން ބާރުގަދަ ގައުމެއްގެ ގޮތުގައި ދެމިއޮންނާނެކަން މި ބަދަލުން ކަށަވަރުވެގެން ދެއެވެ.

މަޢުލޫމާތު: އަލްޖަޒީރާ

ޝެއަރކުރެއްވުމަށް