މީގެ އެތަކެއް ޒަމާންތަކެއް ކުރީން ވެސް ހަނގުރާމައިގެ މައިދާނުގައި އަސްކަރިއްޔާތަކުން ވަނީ ޖަނަވާރުތަކުގެ މަދަދު ހޯދާފައެވެ. އަހާއި، އެތާއި، ބާޒު ފަދަ ޖަނަވާރުތައް ހަނގުރާމައިގައި ބޭނުންކުރި ނަމަ ވެސް، ސާރިދޯޅެއް އެ ފަދަ މައިދާނަކުން ފެނުމަކީ ވަރަށް މަދުން ނޫނީ ނުފެންނާނޭ މަންޒަރެކެވެ.

ސޫރިޔާގެ ހިސާބުތަކަށް ނިސްބަތްވާ ”ވޮއިޓެކް“ ނަމަކަށް ކިޔުނު ސާރިދޯޅު، ސެކަންޑް ޕޮލިޝް ކޯރގެ ސިފައިންގެ ކޭމްޕަށް ގެންދިޔައީ 1943ވަނަ އަހަރުއެވެ. ޝިކާރަވެރީންތަކެއްގެ އަތްދަށުވެ ވޮއިޓެކްގެ މަންމަ މަރުވެފައިވުމާ އެކު، ސެކަންޑް ޕޮލިޝް ކޯރއިން ނިންމީ އެމީހުން އޭރު ތިބި މެދު އިރުމަތީ ހިސާބުން އިޓަލީއަށް، އެމީހުންގެ ޑިޕްލޯއިމަންޓުގައި ވޮއިޓެކް ގެންދިއުމަށެވެ. ނަމަވެސް އެ މީހުނާ އެކު ވޮއިޓެކް ގެންދެވެން އޮތް ހަމައެކަނި ގޮތަކީ އެ ސާރިދޯޅު އެންލިސްޓްކޮށްގެން ކަމަށް ވުމާ އެކު، ސެކަންޑް ޕޮލިޝް ކޯރއިން ވަނީ ސާރިދޯޅަށް ވޮެއިޓެކްގެ ނަމުން ނަން ދީ، ޕްރައިވެޓް ރޭންކު އަދި ނަންބަރެއް ވެސް ދީފައެވެ.

ވޮއިޓެކްއެކޭ އެއްގޮތަށް ސެކަންޑް ޕޮލިޝް ކޯރގެ ގިނަ ސިފައިންނަކީ ވެސް އެމީހުންގެ ގެދޮރުން ބޭރުކުރެވި، އެމީހުނަށް އަޅާލާނޭ އިތުރު ބަޔަކު ނެތް މީހުނެވެ. ނަތީޖާއެއްގެ ގޮތުން ވޮއިޓެކް މަޑު މަޑުން ވެގެންދިޔައީ އެ ސިފައިން ޢާއިލާގެ މެމްބަރެއްގެ ގޮތުގައި ދެކޭ، އެ ސިފައިންގެ ލޯބި ލިބިފައިވާ ސާރިދޯޅަކަށެވެ. ސެކަންޑް ޕޮލިޝް ކޯރގެ ސިފައިންގެ މިޒާޖާއި އުޅުން ދަސްކޮށްފައިވާ ވޮއިޓެކްއަކީ ރަލާއި، ސިނގިރޭޓާއި، ބޮކްސިންގކުރުމަށް ވެސް ވަރަށް ފޯރި ހުންނަ ސާރިދޯޅެކެވެ. ވޮއިޓެކް އަށް ބައެއް ފަހަރު ރާ ދިން ނަމަވެސް، ރަލުގެ ތަދުކަމާ އެކު ގިނަ ދުވަސް ދުވަހު ރާ ބޯ ތައްޓަށް އަޅާފައި ވޮއިޓެކް އަށް ދެނީ ފެނެވެ. ސިނގިރޭޓު ވެސް ބުއިމުގެ ބަދަލުގައި ވޮއިޓެކްއަށް އިނގެނީ ސިނގިރޭޓު ކާށެވެ.

ސެކަންޑް ޕޮލިޝް ކޯރގެ ސިފައިންނާ އެކު ވޮއިޓެކް ވަނީ ”ބެޓްލް އޮފް މޮންޓީ ކަސީނޯ“ގައި ބައިވެރިވެފައެވެ. ގޮވުންތަކުން ސިއްސައިގެން ދިޔަނަމަވެސް، ފަހުން އެ އަޑުތަކަށް ހޭނި، ހަނގުރާމައިގެ މައިދާނުގައި ލަޝްކަރުގެ ސިފައިންނަށް، އާޓިލަރީ ޝެލްސް އަޅާފައި ހުރި ބޮޑެތި ފޮށިތައް އުފުލައިދިނުމުގައި ވޮއިޓެކް ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެ ސިފައިން ސިފަކުރާ ގޮތުގައި ވޮއިޓެކް ވެގެންދިޔައީ ހަނގުރާމައިގައި އެމީހުނަށް ލިބުނު އިތުރު ހިތްވަރަކާއި ހިތްހަމަޖެހުމެއް ކަމަށެވެ.

ހަނގުރާމައަށް ފަހު ޕޮލިޝް ސިފައިން ޑީމޯބަލައިޒްކުރުމުން، ވޮއިޓެކް ދެން ދޫކޮށްލީ ސްކޮޓްލޭންޑުގައި ހުންނަ ބެރުކްޝަރ ކިޔާ ސަރަހައްދަކަށެވެ. އެއަށްފަހު އެޑުންބްރާގައި ހުންނަ ޒުލުގައި ހަޔާތުގެ ބާކީބައި ވޭތުކުރި ވޮއިޓެކް މަރުވީ 1963ވަނަ އަހަރުގައެވެ.

ޝެއަރކުރެއްވުމަށް