މިއީ މީސްމީޑިއާގެ މަންސަތަކުގައި މި ދުވަސްވަރު ވަރަށް ގިނައިން ފެންނަ ޕޯސްޓްތަކެކެވެ. ކޮފީ މޭޒުތަކުގައި ވަރަށް ގިނައިން ދައްކާ ވާހަކައެކެވެ. ނޫސްތަކުގައި ވަރަށް ގިނައިން ލިޔެވެމުންދާ ޚަބަރުތަކެކެވެ. އާދެ، އެޕްސްޓީން ފައިލްސްގެ ވާހަކައެވެ. އެޕްސްޓީން ފައިލްސްގެ ވާހަކައަކީ ދުނިޔޭގެ މަސްރަޙަށް ބޮޑު ސިހުމެއް ގެނުވި ވާހަކަތަކެެކެވެ.
”އެޕްސްޓީން ފައިލްސް“ އޭ މި ކިޔަނީ އެމެރިކާގެ މަހުޖަނެއް ކަމުގައިވާ ޖެފްރީ އެޕްސްޓީން ހިންގާފައިވާ ޖަރީމާތަކާ ގުޅުންހުރި ކޯޓު މަރުހަލާތަކުގެ ތެރެއިން އާންމުވި ލިޔެކިޔުންތަކަށް ނިސްބަތްކޮށެވެ. އެ ފައިލްތަކުން ހާމަވެގެންދިޔަ ބިރުވެރި ކަންތަކުގެ ތެރޭގައި ”ތަހުޒީބީ ދުނިޔޭ“ގެ ގޮތުގައި ބަލައިގެންފައިވާ ހުޅަނގުގެ، ނުފޫޒުގަދަ އަދި މަޝްހޫރު ފަރާތްތަކަށް އަމާޒުވެފައިވާ ބިރުވެރި އަދި ނުރައްކާތެރި ތުހުމަތުތަކެއް ހިމެނެއެވެ.
މި މައްސަލަ ރައްދުވާ ޖެފްރީ އެޕްސްޓީންއަކީ ކާކުތޯ އިހަށް ބަލާލަމާ ހިނގާށެވެ. ޖެފްރީ އެޕްސްޓީންއަކީ އެމެރިކާގެ ވަރަށް މުއްސަނދި، ނުފޫޒުގަދަ ޔަހޫދީއެކެވެ. އޭނާ މަޝްހޫރުވެގެން ދިޔައީ، ދުނިޔޭގެ ނުފޫޒުގަދަ ބައެއް ސިޔާސީ ލީޑަރުންނާއި، ޝާހީ އާއިލާތަކާއި، އަދި ސެލެބްރިޓީންނާ އެކު ނާޖާއިޒު ގޮތުގައި ގާތް ގުޅުންތަކެއް ބޭއްވި މީހެއްގެ ގޮތުގައެވެ.
އެޕްސްޓީންއަކީ ޖާސޫސީ އިދާރާތަކާ ގާތް ގުޅުންތަކެއް ބޭއްވި “އެޖެންޓެއް” ކަމުގައި ވެސް ވާހަކަތައް ދެކެވެއެވެ. އޭނާއަށް އެހާ ދުވަހު މިފަދަ ބޮޑެތި ޖަރީމާތަކެއް ފޮރުވައިގެން ހިންގުނު ސަބަބަކީ އެއީކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނޫސްތަކުގެ ބައެއް ރިޕޯޓްތަކާއި ކުރީގެ ޖާސޫސީ އޮފިސަރުން ދީފައިހުރި ބަސްދީގަތުންތަކުން ހާމަވެފައިވާ ގޮތުގައި، އެޕްސްޓީންއާއި އޭނާގެ ލޯބިވެރިޔާ، ގިލެއިން މެކްސްވެލް މަސައްކަތް ކުރީ އިސްރާއީލުގެ ޖާސޫސީ އިދާރާ ”މޮސާޑް“ އަށެވެ. އެގޮތުން، އެޕްސްޓީން ވަނީ، ދުނިޔޭގެ ބާރުގަދަ ސިޔާސީ މީހުންނާއި ވިޔަފާރިވެރިން، އޭނާގެ އަމިއްލަ ޕްރައިވެޓް ރަށް ކަމުގައިވާ ”ލިޓްލް ސެއިންޓް ޖޭމްސް“އަށް ގެންގޮސް، އެމީހުން ކުރާ ނުބައި ޢަމަލުތައް ރެކޯޑްކޮށްފައެވެ. ބޭނުމަކީ، ރެކޯޑިންތައް ބޭނުންކޮށްގެން އެ މީހުން ބްލެކްމެއިލްކޮށް، އިސްރާއީލަށް ފައިދާވާނެ ސިޔާސީ ނިންމުންތައް ނިންމުމެވެ. މި ދެންނެވި ޕްރައިވެޓް ރަށަކީ ހުރިހާ ނުބައި އަމަލުތަކެއް އޭނާ ހިންގި މައިމަރުކަޒު ކަމަށް ބުނެވެއެވެ. އެ ތަނަށް ގިނަ އަދަދެއްގެ ކުޑަކުދިން ގެންގޮސް ނުފޫޒުގަދަ މީހުންނަށް ”ޖިންސީ ޚިދުމަތް“ ދޭން މަޖުބޫރުކުރުވި ކަމަށް އެޕްސްޓީންގެ ޝިކާރައަކަށް ވީ ބައެއް އަންހެންކުދިން ވަނީ ކިޔައިދީފައެވެ.
އެޕްސްޓީންގެ އަމިއްލަ ޖެޓުގައި ކުޑަކުދިންނާއި އަންހެންކުދިން ”ލިޓްލް ސެއިންޓް ޖޭމްސް“އަށް ގެންގޮސްފައިވާކަން ތަހުގީގުތަކުން ވަނީ ހޯދާފައެވެ. އެ ރަށަށް ގެންދިއުމަށްފަހު އެކުދިން ތިބެންޖެހެނީ މުޅިން ބަންދުވެފައެވެ. ސަބަބަކީ އެއީ ވަށައިގެން ކަނޑު އޮންނަ، އެހެން މީހުންނަށް ފަސޭހައިން ނުދެވޭ ގޮތަށް އޮންނަ ތަނަކަށް ވުމުންނެވެ. މި ރަށުގައި އެޕްސްޓީން ދިރިއުޅެން ބޮޑު ގަނޑުވަރެއް ފަދަ ގެއެއްގެ އިތުރުން، އާދަޔާޚިލާފު ބައެއް ތަންތަން އިމާރާތްކޮށްފައި ހުރެއެވެ. އެގޮތުން، ނޫ ކުލައިގެ ފަށްދަމާފައި ހުންނަ އިމާރާތަކީ އެ ރަށުގައި ހުރި އެންމެ މަޝްހޫރު އިމާރާތެވެ. ބޭރުން ބަލާއިރު
ކުންފުނީގެ މުވައްޒަފުންގެ ޕެންޝަން ފަންޑުން އެތައް މިލިއަން ޕައުންޑެއް ވަގަށް ނެގި މައްސަލަ ފަޅާއަރަން އުޅެނިކޮށެވެ.
ގިލެއިންއާއި އެޕްސްޓީން ބައްދަލުވީ، ގިލެއިންގެ ބައްޕަ މަރުވިފަހުން، ގިލެއިންގެ ދިރިއުޅުން އެމެރިކާއަށް ބަދަލުކުރި ފަހުންނެވެ. ގިލެއިންއާ އެޕްސްޓީން ބައްދަލުވި އިރު، އެޕްސްޓީންއަކީ މީހުންގެ ތެރޭގައި މަޤުބޫލު، އަދި އެހާ ދަންނަ މީހެއް ނޫނެވެ. އަނެއްކޮޅުން، ގިލެއިންއަކީ މަތީފަންތީގެ ނުފޫޒުގަދަ މީހުންގެ ތެރެއަށް ވަދެގަންނާނެ ގޮތް އޭނާގެ ބައްޕަގެ ފަރާތުން ތަޖުރިބާކުރެވިފައި ހުރި މީހެކެވެ. އެހެންކަމުން، އޭނާގެ އާއިލީ ނުފޫޒު ބޭނުންކޮށްގެން އެ ”ދޮރުތައް“ އެޕްސްޓީންއަށް ހުޅުވައިދިނީ ގިލެއިންއެވެ. ދުނިޔޭގެ ލީޑަރުންނާއި، ޝާހީ އާއިލާތަކާ އެޕްސްޓީން ގާތްކޮށްދިނުމުގައި ގިލެއިން މުހިންމު ދައުރެއް އަދާކުރިއެވެ. ޕްރިންސް އެންޑްރޫ ފަދަ ބޭފުޅުން، އެޕްސްޓީންއާ ގުޅުވައިދިނީ ސީދާ ގިލެއިންއެވެ.
އެޕްސްޓީންއާ އެކު ގިލެއިން ގާތް ގުޅުންތަކެއް އުފައްދައި، އެޕްސްޓީންގެ ވިޔަފާރީގެ ކަންކަން ބެލެހެއްޓުމުގައި ވަރަށް އިސްކޮށް އުޅުނެވެ. އެގޮތުން، އެޕްސްޓީންގެ މިލްކުވެރިކަމުގައި، ނިއުޔޯކް، ފްލޮރިޑާ، އަދި އަމިއްލަ ޕްރައިވެޓް ރަށުގައިހުރި މެންޝަންތަކާއި ގެތައް ބަލަހައްޓައި ޚިދުމަތް ދިނުމަށް ލައިފައި ތިބޭ މުވައްޒަފުން ބެލެހެއްޓުމާއި، އެޕްސްޓީންއަށް ”ޚިދުމަތްދޭން“ ގެންނަ ކުދިން ތިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި ”މެނޭޖަރެއް“ގެ ދައުރު އަދާކުރި މީހަކީ ގިލެއިންއެވެ. އޭނާއަށް ނޭނގި އެއްވެސް ކަމެއް އެ ތަންތަނަކު ނުހިނގައެވެ.
2021ވަނަ އަހަރު އެމެރިކާގެ ކޯޓަކުން ވަނީ ގިލެއިންގެ މައްޗަށް ސެކްސް ޓްރެފިކިންގެ ކުށް ސާބިތުވާކަމަށް ނިންމާފައެވެ. އޭނާ މިހާރު ދަނީ 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އޭނާގެ ހުކުމް ހަމަވާނީ 2037 ވަނަ އަހަރުއެވެ. މި ޖަރީމާތަކުގައި ޝިކާރައަށްވި ކުދިން ކިޔައިދިން ގޮތުގައި، އެޕްސްޓީންއަށް ވުރެ ބޮޑަށް އެ ކުދިން ބިރުގަންނަނީ ގިލެއިން ދެކެއެވެ. ސަބަބަކީ އޭނާއަކީ އަންހެނަކަށް ވެހުރެ، އެހެން އަންހެންކުދިންގެ ދިރިއުޅުން ހަލާކުކޮށްލަން އިސްކޮށް އުޅުނު މީހާ ކަމުގައި ވާތީއެވެ.
މި ޖަރީމާތަކުގެ ބިރުވެރިކަން އެންމެ ބޮޑަށް ސާފުވީ، ގިލެއިންގެ ޝަރީއަތުގެ ތެރެއިންނެވެ. އެގޮތުން އެޕްސްޓީން ބޭނުންވާ އަންހެންކުދިން ހޯދުމުގައި ވަރަށް ރޭވުންތެރިކަމާ އެކު އޭނާ މަސައްކަތްކޮށްފައިވެއެވެ. އޭނާ ކުދިންނަށް ދަސްކޮށްދިނީ ”އެޕްސްޓީން ބޭނުންވާ ގޮތަށް“ ހުރިހާ ކަމެއް ކުރުމަށެވެ. މި ޝަރީއަތުގައި އެޕްސްޓީންގެ މިލްކުވެރިކަމުގެ ދަށުގައި ހުރި ގެތަކުން ފެނުނު އެތައް ހާސް ފޮޓޯތަކާއި ވީޑިއޯތަކެއް ދެއްކިއެވެ. އެ ފޮޓޯތަކާއި ވީޑިއޯތަކުގައި ވަރަށް ނުފޫޒުގަދަ މީހުންނާ އެކު އެކަށީގެންނުވާ ގޮތަށް ކުޑަކުދިން ތިބޭ މަންޒަރުތައް ފެނިގެންދެއެވެ.
އެޕްސްޓީންގެ މައްސަލައިގައި ދެން އެންމެ ބޮޑު ސުވާލެއް އުފެދޭ އެއް ކަމަކީ އޭނާގެ އަތުގައި ހުރި ”ސެކްސް ޓޭޕްތަކާއި“ އެ ތަކެތި ބޭނުންކޮށްގެން މީހުން ބްލެކްމެއިލްކުރި ގޮތެވެ. އެޕްސްޓީންގެ ޝިކާރައަކަށްވި ބައެއް އަންހެނުންނާއި، އޭނާގެ ގޭގޭގައި މަސައްކަތްކުރި މުވައްޒަފުން ކިޔައިދިން ގޮތުގައި، އެޕްސްޓީންގެ ކޮންމެ ގެއެއް (ނިއުޔޯކް، ފްލޮރިޑާ، އަދި ލިޓްލް ސެއިންޓް ޖޭމްސް)ގައި އެތައް ބައިވަރު ސިއްރު ކެމެރާތައް ހަރުކޮށްފައި ހުރެއެވެ. މި ކެމެރާތައް ހުންނަނީ ނިދާ ކޮޓަރިތަކާއި ފާޚާނާތަކުގައެވެ. ބޭނުމަކީ އެ ރަށަށް ނުވަތަ ގެތަކަށް ދާ ނުފޫޒުގަދަ މީހުން، ކުޑަކުދިންނާ އެކު ކުރާ ޖިންސީ ޢަމަލުތައް ރެކޯޑްކުރުމެވެ. މި ރެކޯޑިންތައް އެޕްސްޓީން ބޭނުންކުރަމުން ދިޔައީ އޭނާގެ ”އިންޝުއަރެންސް“އެއް ގޮތުގައެވެ.
އެޕްސްޓީންގެ މައްޗަށް ދައުވާއެއް ކުރަން އުޅޭ ކޮންމެ ފަހަރަކު، ނުވަތަ ސިޔާސީ ކަމެއް ބޭނުންވާ ކޮންމެ ފަހަރަކު، މި ޓޭޕްތަކުގެ ބިރު ދައްކައިގެން އޭނާ ސަލާމަތްވާ ކަމަށް ބުނެވެއެވެ. މިއީ އެޕްސްޓީންއަށް އެމެރިކާގެ ސަރުކާރާއި ޖާސޫސީ އިދާރާތަކުން ހިމާޔަތްލިބުނު މައިގަނޑު ސަބަބު ކަމަށް ގިނަ ތަހުގީގީ ރިޕޯޓަރުން ގަބޫލުކުރެއެވެ.
އެޕްސްޓީން ހައްޔަރުކުރުމަށްފަހު ނިއުޔޯކްގައި ހުރި އޭނާގެ މެންޝަން ބަލައި ފާސްކުރި އިރު މިފަދަ އެތައް ސަތޭކަ ސީޑީއަކާއި ހާޑްޑްރައިވްތަކެއް ފެނުނެވެ. މީގެ ތެރޭގައި މަޝްހޫރު މީހުންގެ ނަންތައް ލިޔެފައިވާ ޑިސްކްތައް ހުއްޓެވެ. ނަމަވެސް، މި ޓޭޕްތަކުގެ ތެރެއިން ގިނަ އެއްޗެހި އަދިވެސް އާންމުވެފައެއް ނުވެއެވެ. ބައެއް މީހުން ގަބޫލުކުރަނީ މި ތަކެތި މިހާރު ހުރީ އެފްބީއައި ނުވަތަ މޮސާޑް ފަދަ ޖާސޫސީ އިދާރާއެއްގެ ބެލުމުގެ ދަށުގައި ކަމަށެވެ.މި މުޅި މައްސަލައިގެ ތެރެއިން އެންމެ ހައިރާންކުރުވަނިވި ކަމަކީ، މިހާ ގިނަ ހެކިތަކެއް ހުރެމެ، އެޕްސްޓީންގެ ”ކްލައިންޓް ލިސްޓުގައި“ ހިމެނޭ އެހެން އެއްވެސް މީހެއްގެ މައްޗަށް އަދިވެސް ޖިނާއީ ދައުވާ އުފުލިފައި ނުވާތީއެވެ.
