އިހުގެ ކުޅިވަރުތަކުގެ ތެރެއިން ”އޮށްވަޅުގޮނޑި“ ކުޅުމަކީ ރޯދަ ކުރުކުރުމުގެ ގޮތުން ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލުވި ކުޅިވަރެކެވެ. އެއީ، ވިސްނުންތޫނުކަން ބޭނުންވާ ކުޅިވަރެކެވެ. އިހުޒަމާނުގައި މި ކުޅިވަރު އާންމުކޮށް ކުޅެނީ ގޭގެ އަށިމަތީގައި ނުވަތަ ރަށްރަށުގައި މީހުން ޖަމާވާ ހޮޅުއަށީގައި ތިބެގެންނެވެ. ބިންމަތީ މިގޮތަށް ވަޅުކޮނެގެން އެއަށް ފުނައޮށް ފަދަ ބައެއް ވައްތަރުގެ އޮށް އަޅައިގެން ވެސް މި ކުޅިވަރު ކުޅެއެވެ.
މި ކުޅިވަރަކީ ދެ މީހުންގެ މެދުގައި ކުޅޭ ކުޅިވަރެކެވެ. މި ކުޅިވަރު ކުޅުމަށް ބޭނުންކުރާ އާލާތަށް ކިޔައީ އޮށްވަޅުގޮނޑި ފިލާއެވެ. މި ފިލާ ހަދާފައި ހުންނަނީ، ދެ ބަރިއަކަށް ކޮންމެ ބަރިއެއްގައި 8 ވަޅު، ޖުމްލަ 16 ވަޅު ހުންނާނެހެންނެވެ. އަދި ފިލާގެ ދެ ކޮޅުގައި ދެ ”މަޑި“ ނުވަތަ ”ބޮޑުވަޅު“ ހަދާފައި ހުންނާނެއެވެ. މި ކުޅިވަރު ކުޅުމަށް އާންމުކޮށް ބޭނުންކުރާތަން އަޅުގަނޑުމެންނަށް އާންމުކޮށް ފެނުނީ ކަށިކުނބުރު ގަހުގައި އަޅާ ލާގުޅަ އޮށެވެ. ރާއްޖޭގެ ވާ ބޯ ރަށްރަށުގައި ކަށިކުނބުރު ގަހަކީ ވަރަށް އާންމުކޮށް އަތިރިމަތީގައި ހެދިފައި ހުންނަ ގަހަކަށް ވާތީ، ލާގުޅަ އޮށަކީ، ގިނަ ރަށްރަށުގެ ގޮނޑުދޮށުން ވަރަށް ފަސޭހައިން ލިބެން ހުރި އެއްޗެކެވެ. ކަށިކުނބުރު ގަސްތަކުގައި އަޅާ ތޮޅި ހިކިގެން ގަސްތައް ދަށުގައި ލާގުޅަ ވެއްޓިފައި ހުރެއެވެ. އޭގެ އިތުރުން، މި ކުޅިވަރު ކުޅުމަށް ބޮލި ނުވަތަ މަދޮށި ބޭނުންކުރާތީ ވެސް ފެނުނެވެ.ފަހުންފަހުން އައިސް، މި ތަކެތީގެ ބަދަލުގައި މާބުލް އޮށް ވެސް ބޭނުންކުރިއެވެ.
މި ކުޅިވަރު ކުޅޭ އިރު، ކޮންމެ ވަޅަކަށް ހުންނަނީ ވަކި އަދަދަކަށް އޮށް އަޅާފައެވެ. އަދި، ކުޅޭ ދެ މީހުންގެ ތެރެއިން އެކަކު އޭނާގެ ފަރާތުގައި ހުރި ވަޅަކުން އޮށްތައް ނަގައިގެން، ކޮންމެ ވަޅަކަށް އޮށެއް ލަމުން ކުރިއަށްދެއެވެ. އަތުގައި ހުރި އޮށްތައް ހުސްވާ ވަޅާ ޖެހިގެން އޮންނަ ވަޅުގައި އޮށް ހުރިނަމަ، އެ އޮށްތައް ނަގައިގެން އަނެއްކާ ވެސް ކުރިއަށްދެއެވެ. އަތުގައި ހުރި އޮށްތައް ހުސްވާ ވަޅާ ޖެހިގެން އޮންނަ ވަޅަކީ ހުސް ވަޅެއް ނަމަ، އޭގެ އަނެއް ވަޅުގައި ހުރި އޮށްތައް އެމީހަކަށް ”ކެވުނީ“ އެވެ. އެ އޮށްތައް އަޅާނީ އެމީހެއްގެ މަޑިއަށެވެ. އެންމެ ގިނަ އޮށް މަޑިއަށް ޖަމާކުރާ މީހަކީ މޮޅުވާ މީހާއެވެ.
މި ކުޅިވަރަކީ ކޮންމެ ފަހަރަކުވެސް އޮށްތައް އެޅޭނެ ގޮތް ހިސާބުކޮށްގެން ކުޅެންޖެހޭ ކުޅިވަރަކަށް ވާތީ، މިއީ ސިކުނޑި ތާޒާކޮށްދީ ވަގުތު ހޭދަކޮށްލަން ވަރަށް ރަނގަޅު ކަމެކެވެ.
އޮށްވަޅުގޮނޑި ކުޅުމަކީ ހަމައެކަނި ދިވެހިރާއްޖޭގައި އެކަނި ކުޅޭ ކުޅިވަރެއް ނޫންކަން ފާހަގަކޮށްލަން ޖެހެއެވެ. އެއީ ދުނިޔޭގެ އެކި ހިސާބުތަކުގައި ކުޅޭ، ވަޅުތަކަކަށް އޮށް އަޅައިގެން ކުޅޭ ”މަންކަލާ“ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ އެއް ކުޅިވަރެވެ. މަންކަލާ ގޭމާއި ދިވެހިން ކުޅޭ އޮށްވަޅުގޮނޑި ކުޅުމަކީ ވަރަށް ބޮޑު ގުޅުމެއް އޮތް ދެ ކުޅިވަރެކެވެ. ހަގީގަތުގައި އޮށްވަޅުގޮނޑިއަކީ ”މަންކަލާ“ އާއިލާގެ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ދިވެހި ބާވަތެވެ.
މި ދެ ކުޅިވަރުގެ ހުރި ގުޅުންތަކަށް ބަލާއިރު، ”މަންކަލާ“ އަކީ ވަކި އެއް ކުޅިވަރަކަށް ކިޔާ ނަމެއް ނޫންކަން ފާހަގަކޮށްލަން ޖެހެއެވެ. އެފްރިކާގައި ކުޅޭ ”އޮވަރޭ“އާއި، އިންޑިޔާގައި ކުޅޭ ”ޕައްލަންގޫޒީ“ގެ އިތުރުން ފިލިޕީންސްގައި ކުޅޭ ”ސުންކާ“، އަދި އިންޑޮނޭޝިއާގައި ކުޅޭ ”ދަކޮން“އަކީ ވެސް އޮށްވަޅުގޮނޑިއާ ވަރަށް އެއްގޮތް، ”މަންކަލާ“ އާއިލާގެ ތެރޭގައި ހިމެނޭ ކުޅިވަރުތަކެކެވެ.
މަންކަލާއަކީ ދުނިޔޭގައި އުފެދުނު އެންމެ ދުވަސްވީ އެއް ކުޅިވަރެވެ. ބެލެވޭ ގޮތުގައި ދިވެހިރާއްޖެއަށް މި ކުޅިވަރު އައީ އިހުގެ ވިޔަފާރިވެރިންގެ ފަރާތުންނެވެ. އަރަބި ގައުމުތަކާއި އެފްރިކާގެ ސަރަހައްދުތަކުން ރާއްޖެއަށް ދަތުރުކުރި މީހުންގެ ތެރެއިން މި ކުޅިވަރު ދިވެހިންނަށް ތައާރަފުވެ، ދިވެހިވަންތަ ނަމެއް ކަމަށްވާ ”އޮށްވަޅުގޮނޑި“ މި ނަން ދެވުނީއެވެ.
ބައެއް ގައުމުތަކުގެ މަންކަލާ ބޯޑުތަކުގައި ހުންނަނީ ކޮންމެ ބަރިއެއްގައި 6 ނުވަތަ 7 ވަޅެވެ. ނަމަވެސް ދިވެހި އޮށްވަޅުގޮނޑީގައި އާންމުކޮށް ހުންނަނީ ކޮންމެ ބަރިއެއްގައި 8 ވަޅެވެ. މިއީ ސަރަހައްދީ ގޮތުން އައިސްފައިވާ ކުޑަ ބަދަލެކެވެ.
އޮށްވަޅުގޮނޑިއަކީ މަންކަލާގެ ”ދިވެހި އެޑިޝަން“އެވެ. މިއީ ހަމައެކަނި ރާއްޖޭގައި އޮތް ކަމެއް ނޫން ކަމާއި، ދުނިޔޭގެ އެތައް ގައުމެއްގައި ތަފާތު ނަންނަމުގައި މި ކުޅިވަރު ކުޅޭކަން އެނގުމަކީ ވަރަށް ޝައުގުވެރި ކަމެކެވެ.
އޮށްވަޅުގޮނޑި ކުޅޭއިރު، ޚާއްޞަކޮށް ރާއްޖޭގެ ބައެއް ރަށްރަށުގައި، އޮށްތައް ވަޅުތަކަށް އަޅަމުންދާއިރު ވަކި ރާގަކަށް ބަސްތަކެއް ބުނުމުގެ އާދައެއް އޮވެއެވެ. މިއީ ކުޅިވަރުގެ ފޯރިގަދަކޮށް، ވަގުތު ހޭދަވާގޮތް ނޭނގޭހާ މަޖާކޮށްލުމަށް ކުރާ ކަމެކެވެ. އެގޮތުން އޮށްވަޅުގޮނޑި ކުޅޭއިރު ކިޔާ އާންމު ބައެއް ބަސްތަކާއި އާދަތަކުގެ ތެރެއިން އެންމެ ފާހަގަވާ އެއް ކަމަކީ، އޮށް ގުނުމުގެ ރާގެވެ. އޮށްވަޅުގޮނޑީގެ ވަޅުތަކަށް އޮށް އަޅަމުން ދާއިރު، ބައެއް މީހުން ކޮންމެ އޮށަކަށް ނުވަތަ ކޮންމެ ވަޅަކަށް ލަފުޒެއް ބުނެއެވެ. މިސާލަކަށް، ”އެކި، ދެކި، ތިނެކި، ހަތަރެކި، ފަހެކި، ހަޔެކި…“ މިފަދަ ބަނދިވަރެއް ވަރަށް އަވަސް ރާގަކަށް ކިޔައެވެ. މީގެ ބޭނުމަކީ ކުޅޭ މީހާގެ އަތް ހަރަކާތްކުރާ ބާރުމިނާއި އޭނާގެ ދޫ ހަރަކާތްކުރާ ބާރުމިން އެއްވަރުކުރުމެވެ.
މިގޮތަށް ކުޅެމުން ދާއިރު، އަތުގައި ހުރި އޮށްތައް ހުސްވާ ވަޅާ ޖެހިގެން އޮތް ވަޅު ހުސްވެފައި، އޭގެ އަނެއް ވަޅުގައި އޮށް ހުރެއްޖެ ނަމަ، އެ އޮށްތައް މަޑިއަށް ނަގާއިރު ނުވަތަ ކާއިރު، ވަރަށް ފޯރިއާއެކު ”ކެއީ! ނުވަތަ ”މަޑިއަށް!“ އޭ ބުނެއެވެ. ބައެއް ފަހަރު އިދިކޮޅު މީހާއަށް ޖެއްސުންކޮށްލުމުގެ ގޮތުން މަޖާ ބަސްތައް ވެސް ބޭނުންކުރެއެވެ.
ކުޅިވަރު ނިމެން ކައިރި ވާއިރު، އެންމެ ގިނަ އޮށް ހުރި މީހާ އޭނާގެ މަޑީގައި ހުރި އޮށްތައް ގުނާއިރު ކިޔާ އުޅޭ ހިސާބުތަކެއް އޮވެއެވެ. މިސާލަކަށް، ވަކި އަދަދަކަށް (މިސާލަކަށް 8 އޮށް) ހަމަވުމުން އެއީ ”ގެއެއް“ ކަމަށް ބަލައި، އެ ގުނާ ގޮތެވެ.
ރޯދަ ކުރުކުރުމުގެ ތެރޭގައި އޮށްވަޅުގޮނޑި ކުޅޭ އިރު، ބައެއް ރަށްރަށުގެ ދުވަސްވީ މީހުން ކުދި ބައިތުތައް ކިޔައެވެ. މިއީ ހަމައެކަނި ކުޅިވަރަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށް ކުރާ ކަމެކެވެ. މީގެ ސަބަބުން ކުޅިވަރު ބަލަން ތިބޭ މީހުންނަށް ވެސް ފޫހިކަމެއް ނެތި ވަގުތު ހޭދަވެއެވެ.
ކޮންމެއަކަސް، އިހުގައި ރޯދަ މަހުގެ ހަވީރު، ރަށުގެ ކުދިބޮޑެތިން އެއްވެ ބާއްވާ މިފަދަ ކުޅިވަރުތަކަކީ ވަރަށް ފޯރިގަދަ މަޖާ ކަމެކެވެ. ބަލަން ތިބޭ މީހުން ވެސް ވަކި ކޮޅަކަށް ޖެހި، ކުޅޭ މީހުންނަށް ”އުކުޅުތައް“ ކިޔައިދީ ހަދައެވެ. މިހާރުގެ ޒުވާނުންގެ ތެރޭގައި މި ކުޅިވަރު ކުޅޭތަން ފެންނަނީ ވަރަށް ވެސް މަދުންނެވެ. އެއްގޮތަކަށް ވެސް ނުފެނެއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
މަޢުލޫމާތު:
- މަންކަލަ ފެމެލީ ގޭމްސް (އިންޓަނޭޝަނަލް ޖާނަލް އޮފް ޕްލޭ)
- ކުރީގެ ދިވެހިންގެ އާދަކާދަ (ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު)
