އަންބަލަމަކީ މޭވާއާއި މާމެލާމެލިން ކުރެހުން އަޅައި ޒީނަތްތެރިކުރާ ވެލިފުންޏެކެވެ. މިއީ ކުރީ ޒަމާނުގައި ރޯދައަށް ހަނދުބަލާ ރެއަށް ދިވެހިރާއްޖޭގެ ރަށްރަށުގައި ޒުވާނުން އިސްވެ ކޮށް އުޅުނު ކަމެކެވެ. ރޯދައަށް ހަނދުފެނުމުން ވެލިފުނި ފަތުރައި އެ ވެލިގަނޑުގައި އޮންނަނީ ރޯދަމަހުގެ ރޭގަނޑު ކުޅިވަރުކުޅުމެވެ. އަންބަލަންތަކަކީ އެ ޒަމާނުގައި ރޯދަމަހު ކުޅިވަރާއި، ފޫހިފިލުވުމުގައި، ރޭގަނޑުގެ ވަގުތުތައް ދެ ޖިންސުގެ ޒުވާނުން ހޭދަކުރާ މައިދާންތަކެކެވެ.
އާންމުކޮށް އަންބަލަން ޖަހަނީ ނުވަތަ އަންބަލަން ލަނީ ރަށުތެރެއިން އަތިރިމައްޗަށް ފޭބެން ހުންނަ މަގުތަކުގައެވެ. އާބާދީ މަދު ރަށްރަށުގައި ވަކި ޚާއްޞަ އެއް ތަނެއްގައި ކޮންމެ އަހަރަކު ވެސް އަންބަލަން ޖަހައެވެ. މާލޭގައި އަތިރިއަށް ފައިބާން ހުންނަ ވަރަށް ގިނަ މަގުމަގުގައި، އަންބަލަން ޖަހައެވެ. އަވަށު ވާދައާއި ފޯރީގައި އެއްބަޔަކަށްވުރެ އަނެއްބަޔަކު ބޮޑުކޮށް، އުސްކޮށް، ފުރިހަމައަށް އަންބަލަން ޖެހުމަށް މަސައްކަތްކުރެއެވެ.
އަންބަލަން ޖެހުމަށްޓަކައި ފުރަތަމަ ކުރާ ކަމަކީ ރުއް ނުވަތަ ކަށިކެޔޮ އަޅޯ ކަނޑައި ތޮށިދަމައި އޮމާންކުރުމަށްފަހު ބިންބަލީގައި ހަތަރެސްކަނަށް ވާގަތަށް އަތުރައި ބިމަށް ކަޑަޖަހައި ހައްޔަރުކުރުމެވެ. މީގެ ބޭނުމަކީ ވެލިގަނޑު ފެތުރިގެން ދިޔަ ނުދީ ހިފެހެއްޓުމެވެ. ވެލިގަނޑު ހިފެހެއްޓޭނެހެން ހެދުމަށްފަހު އެ ތަނުގެ ތެރެއަށް ވެލިއަޅައި ވެލި ފުންޏެއްހެން އުސްކުރެއެވެ. މި ވެލިފުނީގެ މެދަށް އާންމުކޮށް ދޮންކެޔޮގަހެއް ނުވަތަ ފެންފޯއް ރުކެއް ޖަހައެވެ. ވެލިއަޅާ އަންބަލަން އުސްކުރާއިރު ވެލިގަނޑު ފައިބައިގެން ނުދާނެހެން ތަޅައި ހަރުކުރެއެވެ. އެއަށްފަހު އޮންނަނީ އަންބަލަން ޒީނަތްތެރިކުރުމެވެ. އަންބަލަން ޒީނަތްތެރި ކުރަނީ އެ ރަށަކުން އޭރު ލިބޭ މޭވާއިންނާއި މާމެލާމެލިންނެވެ. އަންބަލަން ޖަހައި ޒީނަތްތެރިކުރަން މަޝްހޫރު ކުޅަދާނަ ހުނަރުވެރިން ކުރީ ޒަމާނުގައި ރަށްރަށުގައި ތިބެއެވެ. އަންބަލަން ހުންނަނީ، ވަރަށް ރީތިކޮށް އޮމާންކޮށްފައެވެ. ބައެއް އަންބަލަންތަކުގައި ބަރުފޯސް ލައި، މަދޮޅުފަތް ލައިފައި ވެސް ހުރެއެވެ. ބަރުފޯހަކީ މަތީ ދާރައިގައި ބޭރަށް ފުށްޕުންލައިގައި ނެރެފައި ހުންނަ ބައެވެ. މަދޮޅުފަތަކީ ވަށައިގެން ބޭރަށް ނެރެފައި ހުންނަ ހުރުމެވެ.
އަންބަލަން ޖަހައި ނިންމަނީ ރޯދައަށް ހަނދުބަލާ ރެއަށެވެ. އެއީ ޝައުބާންމަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސެންވާ އިރަށެވެ. އެ ވަގުތަށް އެ އަންބަލަމެއް ޖެހި ބަޔަކު އެ އަންބަލަމެއްގެ ކައިރީގައި ތިބެއެވެ. ރޯދައަށް ހަނދު ފެނުމުން އެންމެން ހަޅޭއްލަވައި އަތްތިލަބަޑިޖަހައި އަންބަލަން ރޫޅާލައެވެ. ނުވަތަ ވެލިފުނި ފަތުރާލައެވެ. އެވަގުތު އަންބަލަމުގައި ހުންނަ މޭވާތައް ނަގައި ބަހައި ކައިހަދައެވެ. އެ ވަގުތަށް އެތަނުގައި ކެއުމަށް އިތުރު ކާބޯތަކެތި ވެސް ނެގެސްފައި ހުރެއެވެ. ބައެއް ރަށްރަށުގައި ހަނދުފެނުމުން ހުޅު ޖަހައެވެ. އަނެއްބައި ރަށްރަށުގައި ސަންގު ފުމެއެވެ. މާލޭގައި ޖަހަނީ ބަޑިއެވެ. ވެލިފުނި ފަތުރައި ނިމުމުން އޮންނާނީ ކުޅިވަރު ކުޅެން އޮންނަ ބޮޑު ދޮން ވެލިގަނޑެކެވެ. އެ ވެލިގަނޑަށް ވެސް ކިޔަނީ އަންބަލަމެވެ.
އަންބަލަން ޖެހުމަކީ ދިވެހީންގެ މުއްސަނދި ސަގާފަތުގެ ތެރޭގައި ހިމެނޭ އިޖުތިމާޢީ އާދަކާދައެކެވެ. ރޯދަމަހު އަންބަލަމުގައި އޮންނަ އާންމު ކުޅިވަރަކީ ހިފައި އޮޅުލައި ބެއްދުމުގެ ހަރަކާތްތަކެވެ. ރޯދަމަހު ތަރާވީހުން ފޭބިއްސުރެން ދަންވަންދެން އަންބަލަން ތަކުގައި ވަރަށް ފޯރީގައި ކުޅިވަރު ކުޅުންއޮވެއެވެ. މާލޭގައި ކޮންމެ ރެއެއަކު ދަންބެރު ޖަހަންދެން އަންބަލަން ތަކުގައި ކުޅިވަރު ކުޅެއެވެ. ދަންބެރު ޖަހަނީ ރޭގަނޑު 11 ޖެހުމުންނެވެ.
ކުރީ ޒަމާނުގައި އެއް އަންބަލަމުން އަނެއް އަންބަލަމަށް ދާ ހިފައި އޮޅުލުމަށް މަޝްހޫރު މީހުން ތިބެއެވެ. އެއިން މީހަކު ”ވަތަކުތޯ“ ޖަހައިލުމަކީ ވަރަށް އުދަގޫ ކަމެކެވެ. ވަތަކުތޯ ޖެހުމަކީ ގަދަބައްޔަށް ހިފުމުގައި އުކުޅަށް އަރުވައި ބަނޑުވަތަށް ޖެހުމެވެ. މިގޮތަށް ޖަހައިގެން މީހަކު ބަނޑުވަތަށް ވެއްޓިއްޖެނަމަ އެ ވެއްޓުނު މީހަކު އެ ބަލިވީއެވެ. އަންބަލަންތަކަކީ، ވަރަށް ގިނަބައަކު ކުޅިވަރުކުޅެ އަދި ފޫހިފިލުވާން ރޭގަނޑަށް ގޮސްތިބޭ މަހެފިލެކެވެ ފަނިރުބާތަކާއި، ބިލެތް މަލާފަތްތައް އައިސްއައިސް ހުންނަ ދެ ޖިންސުގެ ޒުވާނުން ޖަމާވާ ކުޅިވަރު މަރުކަޒެކެވެ.
