އިންޓްރޮޑަކްޝަން
1905 ވަނަ އަހަރު އެމެރިކާއަށް އުފަންވި ހެރީ ފްރެޑްރިކް ހާރލޯއަކީ ޔުނިވަރސިޓީ އޮފް ވިސްކޯސިން މެޑިސަން އިން ސައިކޮލޮޖީ (ޑިވެލޮޕްމެންޓަލް އެންޑް އެކްސްޕްރިމެންޓަލް ސައިކޮލޮޖީ) ކިޔަވައިގެންހުރި އެ ދާއިރާގައި ފާހަގަކޮށްލެވޭ ފުންނާބުއުސް ސައިކޮލޮޖިސްޓެކެވެ. ހާރލޯ އެ ދާއިރާއިން މަޝްހޫރުވެގެންދިޔައީ 1950 އާއި 1960 ދެމެދު، ރީސަސް ރާމާމަކުނު ތަކެއް ބޭނުންކޮށްގެން ކުރިޔަށްގެންދިޔަ އެކްސްޕްރިމަންޓެއްގެ ސަބަބުންނެވެ. ”ސަރޮގޭޓް މަދަރ އެކްސްޕްރިމެންޓް“ ގެ ނަމުން ނަންދެވިގެންދިޔަ މި އެކްސްޕްރިމަންޓް ކުރިޔަށްގެންދިޔުމުގައި ބޭނުންކޮށްފައިވަނީ އިންފެންޓް ރީސަސް ރާމާމަކުނުތަކަކާއި އެ އެއްޗެހީގެ އުފަން މަންމަނޫން ދެ ވަނަ މަންމައެއްގެ ސިފައިގައި ހަދާފައިވާ ބުދުތަކެކެވެ.
ބެކްގްރައުންޑް އެންޑް ހިސްޓުރީ
ފްރެޑްރިކް ހާރލޯ މި އެކްސްޕެރިމެންޓް ކުރިޔަށްގެންދިޔަ ޒަމާނަކީ ސައިކޮލޮޖީގެ ދާއިރާގައި އެޓޭޗްމަންޓެއް/ގުޅުމެއް އުފެދުމަށްޓަކައި އޯގާތެރިކަމާއި އަޅާލުމަކީ، އެއްޗެއްދިނުމާއި އަޅާ ބަލާފައި އެހާ އަގެއްހުރި އެއްޗެއް ނޫންކަން ގަބޫލުކުރެވެމުންދިޔަ ޒަމާނެއްގައެވެ. ދުނިޔޭގައި މި ދާއިރާއިން ކިޔަވާފައިތިބި މީހުން އޭރު ގަބޫލުކުރިގޮތުގައި މިސާލަކަށް، މަންމައާއި ދަރިއަކާއިދެމެދު އޮންނަ ގުޅުން އުފެދި، ދެމެހެއްޓިގެންދަނީ މަންމަ ފަރާތުން ތުއްތުކުއްޖާއަށް ކާއެއްޗެހި (ކިރު) ލިބޭތީއެވެ. މީގެ އިތުރުން އެހެން ދެވަނަ ފަރާތަކާއި އޮންނަ ގުޅުންވެސް އުފެދިގެންދަނީ އެފަރާތެއްގެ ސަބަބުން ޕްރޮވިޝަންއެއް ނޫނީ ކޮންމެވެސް އެއްޗެއް ލިބޭތީއެވެ. އިމޯޝަނަލް ބޮންޑު ނޫނީ ކުރެވެމުންދާ އިހްސާސެއްގެ ސަބަބުން ދެ މީހެއްގެ ދޭތެރޭގައި ނޫނީ ގުރޫޕެއްގެ މެދުގައި އުފެދިގެންދާ ގުޅުމަކީ ސައިންޓިފިކް މެތަޑެއް ބޭނުންކޮށްގެން ދިރާސާކުރެވޭ އެއްޗެއް ނޫންކަމެވެ. ނަމަވެސް ހާރލޯގެ ވިސްނުން މިއާއި މުޅިން ހިލާފެއެވެ.
ސަރޮގޭޓް މަދަރ އެކްސްޕްރިމަންޓް
ރީސަސް ރާމާމަކުނު މި ދިރާސާގައި ބޭނުންކުރުމުގެ ފަހަތުގައި ވަރަށް މުހިންމު ސަބަބުތަކެއް ހުއްޓެވެ. އެތިކަލް ނަޒަރަކުން ބަލާއިރު އިންސާނުން، ހާއްސަކޮށް ތުއްތުކުދިން ބޭނުންކޮށްގެން މި އެކްސްޕެރިމަންޓް ކުރިޔަށް ގެންދިއުމަކީ ރަނގަޅުކަމެއްނޫނެވެ. މި ވައްތަރުގެ ރާމާމަކުނަކީ އިންސާނުންނެކޭ ދާދި އެއްގޮތަކަށް އެއެއްޗެހީގެ ބުއްދިއާއި ވިސްނުން އަދި އިހްސާސްތަކާއި ގުޅުންބަދަހިކުރުމުގެ އިތުރުން ސޮސައިޓީއެއްގެ ސްޓްރަކްޗަރ އެކުލަވާލުން ފަދަކަންކަން ހުރި ޖަނަވާރެކެވެ. އެހެންކަމުން އެންމެ ތުއްތު އުމުރުގައި މި ރާމާމަކުނުތައް އެ ޖަނަވާރުތަކުގެ މަންމަގެ ކައިރިން ނަގައި ކޮށްޓަކަށް ލިއެވެ. އެ ކޮށީގައި 2 ސަރޮގޭޓް (ހަދައިފައިވާ ތަކެތި) މަންމައެއް އެ ރާމާމަކުނު ތަކަށްޓަކައި ބެހެއްޓިފައިވިއެވެ. އޭގެ ތެރެއިން އެއް މަންމައަކީ މެޝިނެއްފަދައިން ހަދާފައިވާ އެއްޗެކެވެ. ވަޔަރުތަކެއް ގުޅައިފައިވާ މި މެކޭނިކަލް ސަރޮގޭޓް މަންމަގެ ފަރާތުން ރާމާމަކުނުތަކަށް ކިރު ލިބެއެވެ. ދެވަނަ ސަރޮގޭޓް މަންމައަކީ، ރާމާމަކުނެއްގެ ސިފައިގައި ހަދާފައިވާ ކަފަ ބުދެކެވެ. މި ކަފަ ބުދުގެ ފަރާތުން ތުއްތު ރާމާމަކުނު ތަކަށް ކިރު ނުލިބުން ކަމުގައި ވީނަމަވެސް މަންމައެއްގެ ގައިގައި ބީހުމުން އެ އިހްސާސްވެގެންދާ އަރާމާއި މަޑުކަމާއި އަދި ހޫނު ލިބިގެންދެއެވެ.
ފައިންޑިންސް
ހާރލޯ ކުރިޔަށްގެންދިޔަ މި ތަފާތު ދިރާސާގެ ނަތީޖާއިން ސައިކޮލޮޖީގެ ދުނިޔެ ސިއްސުވާލިއެވެ. ކުރިން ގަބޫލުކުރެވެމުން އައި ވިސްނުން މުޅިން ބަދަލުކުރާންޖެހުނެވެ. ރާމާމަކުނުތައް ކިރުބޯން ކުޑަ އިރުކޮޅަކަށް އެއްކަލަ މެކޭނިކަލް ސަރޮގޭޓް މަންމަ ކައިރިއަށް ދިޔަކަމުގައި ވީނަމަވެސް ގިނަވަގުތު ހޭދަކުރީ ކަފަބުދެއްހެން ހަދާފައިވާ މަންމަގެ ކައިރީގައެވެ. ކިރު ނުލިބުން ކަމުގައި ވީނަމަވެސް ރާމާމަކުނުތަކަށް ކަމުދިޔައީ އެ އެއްޗެއްގެ ފަރާތުން އޯގާތެރިކަމާއި، އަރާމު އިހްސާސްވެގެންދިޔަ ކަފަ ބުދެވެ. މި ކުރެވުނު ދިރާސާގެ އަލީގައި އެޓޭޗްމަންޓް ތިއަރީއަށް ބޮޑު ބަދަލުތަކެއް އައެވެ. އެޓޭޗްމަންޓެއް ނޫނީ ބައެއްގެ ދެމެދުގައި އޮންނަ ގުޅުން ގިނަ ދުވަހަށް ދެމިގެންދަނީ އެއްޗެއްލިބޭތީއެއް ނޫންކަން މި ކުރެވުނު ދިރާސާގެ އަލީގައި ހާމަވެގެންދިޔައެވެ. އަދި މީގެއިތުރުން އޯގާތެރިކަމާއި އަޅާލުން މިއީ ބައެއްގެ ތެރޭގައި އޮންނަ ގުޅުން ދިގުމުއްދަތެއްގައި ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމުކަމެއްކަން ހާމަވެގެންދިޔައެވެ.
އިސްލާމިކް ވިއު
މިހުރިހާ ދިރާސާތަކެއް ކުރުމުގެ 14 ގަރުނެއްހާ ކުރިން، ކީރިތި ޤުރުއާނުގައި، ”ޙިޖުރާތު“ ސޫރަތު ގެ 10 ވަނަ އާޔަތުގައި މާތްﷲ ސުބުހާނަހޫ ވަތައާލާ ވަހީކުރައްވާފައިވަނީ ”مؤمن ން ވާކަންކަށަވަރީ، أخ ންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ أخ ން ދެމެދު ތިޔަބައިމީހުން صلح ކުރާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ.“ މިހެންނެވެ. އަހަރެމެންގެ މާތް ރަސޫލާގެ ރިވެތި ހަޔާތްޕުޅުން ފެނިގެންގޮސްފައިވަނީ ކޮންފަދަ މާތް މިސާލުތަކެއްތޯއެވެ. އެކަލޭގެފާނު އަސްހާބުބޭކަލުން ފަރިއްކުޅުއްވި އެއްޗެއް ފަރިއްކުޅުއްވާ ހެއްދެވިއެވެ. މަސައްކަތެއް ކުރާނަމަ އެކަމުގައި އަމަލީގޮތުން ބައިވެރިވެލެއްވިއެވެ. ވާހަކަފުޅުދައްކަވާނަމަ އެބޭކަލުންނާއި އެއް ހަމައެއްގައި އިށީނދެވަޑައިގެން ފަލަމަސްގަނޑާއި ފަލަމަސްގަނޑު ޖެހޭހާ ކައިރީގައި އިށީނދެ ވަޑައިގެން މަޑުމައިތިރިކަމާއި އޯގާތެރިކަމާއެކު ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން ކޮންމެ ނުރައްކަލެއްގައި އަސްހާބުބޭކަލުންނާއެކު އަމަލީގޮތުން އެންމެ ކުރީސަފުގައި ހުންނެވިއެވެ. އަސްހާބުބޭކަލުން އެކަލޭގެފާނުގެ ދިފާއުގައި،އެތައްފަހަރަކު އަމިއްލަފުރާނަ ގުރުބާން ކުރެއްވިއެވެ. މުއްސަނދިކަމެއް މުދާވެރިކަމެއް މީރު ކާއެއްޗެއް ބޯއެއްޗެއް ލިބޭތީއެއް ނޫނެވެ. ޝައްކެއްވެސް ނެތް ގޮތުގައި މިއިންވެސް ހާމަވެގެންދަނީ މިކަމުގެ މުހިންމުކެވެ. މުސްލިމުންގެ ތެރޭގައި އޮތީ އުހުއްވަތްތެރިކަން/ބްރަދަހުޑް ގެ ވިސްނުމެވެ. މާތް ރަސޫލާ ސުވަރުގެ ވަޑައިގަންނެވުމަށްފަހު މުސްލިމުންގެ ކަންތައްތައް ބެއްލެވުމަށް ހަވާލުވެލެއްވި 4 ހަލީފާއިންގެ ހަޔާތްފުޅުން މި ކޮންސެޕްޓްގެ މުހިންމުކަން ފާހަގަވެގެންދިޔައެވެ. މީގެ ނަތީޖާއެއްގެ ގޮތުން މުސްލިމުންގެ އާރާއި ބާރު ދުނިޔޭގައި އޭރު ހަލުވިކަމާއެކު ފެތުރިގެންދިޔައެވެ.
އެޕްލިކޭޝަން އަދި ކޮންކުލޫޝަން
ދީނަށްޓަކައި ގައުމަށްޓަކައި ޝަހީދުވާން ޖެހިލުމެއްނެތި އަމިއްލަ ނަފްސް ނުރައްކަލުގެ ކުރިމައްޗަށް ހުށައަޅަނީ ކީއްވެކަން ސުވާލުކޮށްލަމާ ހިނގާށެވެ. ޔުނިޓަށްޓަކައި، ޔުނިޓްގެ ކުލައާއި ކަރާމާތައްޓަކައި އަމިއްލަމީހާގެ ނިންޖާއި އަރާމުންދުރުވެ އެތައްބުރަކަމެއް ކުރަން ރުހޭ ސަބަބާމެދު ވިސްނާލަމާތޯއެވެ. އަޅުގަނޑުމެންގެ ދިވެހިންގެ ތާރީހުން ފެނިގެންދަނީ މީގެ ނަމޫނާ މިސާލެކެވެ. ދިވެހިގައުމު ބޭރުބައެއްގެ އަތްދަށުން ސަލާމަތްކުރުމަށްޓަކައި ބޮޑުތަކުރުފާނާއި އެ ޓީމުން ކުރި މަތިވެރިޖިހާދުން އެޓޭޗްމަންޓް ތިއަރީ ފެނިގެންގޮސްފައިވެއެވެ. ދުނިޔޭގައި ކުރެވިފައިވާ ދިރާސާތަކުން ހެކިދޭގޮތުގައި ގުޅުމެއް އުފެދިގެންއަންނަނީ ކުރެވޭ އިހްސާސްތަކެއްގެ ސަބަބުންނެވެ. މި އުފެދޭ ގުޅުމުގެ ސަބަބުން އެތައް ދަތިކަމެއް އެކުގައި ކުރިމަތިލައި ކާމިޔާބު ކުރެވެއެވެ. ސިފައިންނަކީ ތަފާތު އެތައް މާހައުލެއްގައި މަސައްކަތްކުރަންޖެހޭ ބައެކެވެ. އަޅުގަނޑުމެންގެ ގައުމުގައި ހަނގުރާމަ ނުކުރިޔަސް މިއީ ދުނިޔޭގެ އެންމެނަށް ލިބިގެންވާ ނަސީބެއްނޫނެވެ. ހަނގުރާމައިގެ ތިއޭޓަރ ތަކުގައްޔާއި، ކައުންޓަރ އިންސަރޖެންސީ އަދި ޓެރަރިޒަމް މާހައުލުގެ އިތުރުން ބޯޑަރ ތަކުގައި ސިފައިން ހަރަކާތްތެރިވަނީ ވަރަށްބޮޑު ހާސްކަމެއްގެ ތެރޭގައެވެ. މިފަދަ ހާލަތްތަކުގައި ސަލާމަތުން ދެމިތިބުމަށް ސްމޯލްޓީމް ކޮހޭޝަން ވަރަށް މުހިންމެވެ. މި ގުޅުން އުފެދިގެންއަންނަނީ ސައިކޮލޮޖިކަލް ސޭފްޓީއެއްގެ ތެރެއިންނެވެ. ސައިކޮލޮޖިކަލް ސޭފްޓީގެ އަސްލަކީ އެޓޭޗްމަންޓް ތިއަރީގެ އެޕްލިކޭޝަންއެވެ. އަދި މި ސައިކޮލޮޖިކަލް ސޭފްޓީ އެ ސްމޯލް ޔުނިޓެއް ކާމިޔާބީއާއި ހަމައަށް ވާސިލްވުމަށް އެހީތެރިވެދެއެވެ.
