މިއީ މޮންގޯލިއާގެ ވެރިކަން ކުރެއްވި މުޝްހޫރު ޖެންގިސް ޚާނުގެ އިސްވާރުކަމުގެ (ލީޑަރޝިޕްގެ) ހަތް ސީއެވެ. މީލާދުން 13 ވަނަ ޤަރުނުގައި އުޅުއްވި ޖެންގިސް ޚާނުގެ ލީޑަރޝިޕްގެ މި އަސާސްތައް މިހާރު ވެސް ދިރާސާކުރެއެވެ. ދުނިޔޭގެ ތާރީޚުގައި އެތައް ތަނެއް ފަތަޙަކޮށްފައިވާ މި ވަރުގަދަ ލީޑަރުގެ ލީޑަޝިޕް އަސާސްތަކަކީ މިޒަމާނަށް ވެސް ރަނގަޅު ފިލާވަޅުތަކެކެވެ.

ޖެންގިސް ޚާން ވަނީ އޭނާގެ ތަސައްވުރަށް އިތުބާރާއި، ޔަގީންކަން ހޯދާފައެވެ. އަނިޔާވެރި ޢަމަލުތައް ހިންގާފައި ވިޔަސް ތަފާތު ގަބީލާތައް އެއްބައިވަންތަ ކުރުވާފައެވެ. އަސްކަރީ ހުނަރުގެ އިތުރުން، ފޮލޯވަރުންގެ މެދުގައި ވަފާތެރިކަން ބިނާކުރައްވައި، ވިސްނުންތެރި އަދި އިންސާފުވެރި ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެވަޑައިގެންފައެވެ. ޖެންގިސް ޚާންގެ ޝަޚްޞިއްޔަތު ދިރާސާކޮށް، އޭނާގެ ލީޑަރޝިޕްގެ 7 ސީއެއް ވަނީ ފާހަގަކޮށްފައެވެ. އެއީ ކޮންފިޑެންސް، ކޮމިޓްމަންޓް، ކަރޭޖް، ކޮންސިޑަރޭޝަން، ކްރިއޭޓިވިޓީ، ކޮމްޕްލެކްސިޓީ މެނޭޖްމަންޓް އަދި ކޮމިއުނިކޭޝަނެވެ.

ޖެންގިސް ޚާންގެ ލީޑަރޝިޕްގެ ހަތް ސީގެ ތެރެއިން ފުރަތަމަ ސީއަކީ ކޮންފިޑެންސް ނުވަތަ އަމިއްލަ ނަފްސަށް އޮންނަ އިތުބާރެވެ. ޖެންގިސް ޚާންގެ ކުޑައިރު އޭނާގެ ބައްޕަ ބަޔަކު މަރާލުމުން، އޭނާގެ އަމިއްލަ ދިރިއުޅުން ކޮޅަށްޖެހުމުގެ ޢަޒުމުގައި މަސައްކަތްކޮށް ކާމިޔާބު ހޯދިއެވެ. ޚާންގެ އިތުބާރުގެ ސަބަބުން އެހެން މީހުންނަށް ވެސް ހިތްވަރު ލިބުނެވެ.

ޖެންގިސް ޚާންގެ ލީޑަޝިޕްގެ ދެވަނަ ސީއަކީ ކޮމިޓްމަންޓެވެ. މިއީ ގަސްތެއް ނުވަތަ އަމާޒެއް އޮވެގެން ގަދައަޅައި މަސައްކަތްކުރުމެވެ. ޚާންގެ މި ސިޔާސަތު ބައްޓަންވެފައި ވަނީ އެއްބައިވަންތަކަމާއި ހަމަޖެހުމުގެ ތަޞައްވުރެއްގެ މައްޗަށެވެ. އޭނާ ގަބޫލުކުރެއްވި ގޮތުގައި މޮންގޯލް ގަބީލާތައް ހަގީގަތުގައި ކުރިއަރާނީ އެމީހުން އެކުގައި ތިބެގެންނެވެ. އޭނާގެ ލީޑަޝިޕްގައި މި މަޤްޞަދު ހާސިލުކުރެއްވިއެވެ.

ޖެންގިސް ޚާންގެ ލީޑަރޝިޕްގެ ތިންވަނަ ސީއަކީ ކަރޭޖް ނުވަތަ ހިތްވަރެވެ. އެއީ ޔަގީންކަމެއް ނެތް ކަންކަމުގައި ވެސް ކެރިގެން ކުރިމަތިލައި ކުރިއަށްދިއުމެވެ. ޚާން ވަނީ އާންމު މަސްލަހަތަށް ޓަކައި އުނދަގޫ އެތައް ނިންމުންތަކެއް ނިންމަވާފައެވެ. އަދި ހަނގުރާމައިގެ މައިދާނުގައި ވެސް ޚާން ދެއްކެވީ ހަމަ މި ހިތްވަރެވެ. ހަނގުރާމަތައް ލީޑްކުރައްވައި ހަނގުރާމަވެރިންގެ ފަރާތުން ވަފާތެރިކަމާއި އިހުތިރާމް ހޯއްދެވިއެވެ.

ޖެންގިސް ޚާންގެ ލީޑަރޝިޕްގެ ހަތަރުވަނަ ސީއަކީ ކޮންސިޑަރޭޝަން ނުވަތަ ވިސްނުންތެރިކަމެވެ. އިންސާފުވެރިކަމުގެ ތެރެއިން ވަފާތެރިކަން ބިނާކުރުމެވެ. ޚާން ވަނީ އޭނާ ފަތަހަކުރެއްވި ޖަމާޢަތްތަކަށް އެމީހުންގެ އާދަކާދަތަކާއި ދީންތައް ދަމަހައްޓަން ހުއްދަ ދެއްވާފައެވެ. ސުލްޙަ ބިނާވެފައިވަނީ ޝާމިލުވުމާއި ހަމަޖެހުމުގެ މައްޗަށް ކަމަށް ވިސްނުން ގެންގުޅުއްވައިގެންނެވެ.

ޖެންގިސް ޚާންގެ ލީޑަރޝިޕްގެ ފަސްވަނަ ސީއަކީ ކްރިއޭޓިވިޓީ ނުވަތަ އުފެއްދުންތެރިކަމެވެ. އައު އީޖާދުތަކަށް މީހުން އިންސްޕަޔަރކޮށް ހުރަސްތައް މުގުރާލުމެވެ. ހަނގުރާމައިގައި ވެސް އަދި ލީޑަޝިޕްގައި ވެސް ޚާންގެ ކާމިޔާބީގެ ތަޅުދަނޑިއަކީ ޚާންގެ އުފެއްދުންތެރިކަމެވެ. އޭނާގެ ހަނގުރާމަތައް ކާމިޔާބު ކުރުމަށްޓަކައި ތަފާތު އާ އުކުޅުތައް ބޭނުންކުރެއްވިއެވެ. އަދި ފަތަޙަކުރި ބިންތަކުން އިންޖިނިއަރުން ގެނެސްގެން ޒަމާނީ ހަތިޔާރު އުފެއްދިއެވެ.

ޖެންގިސް ޚާންގެ ލީޑަރޝިޕްގެ ހަވަނަ ސީއަކީ ކޮމްޕްލެކްސިޓީ މެނޭޖްކުރުމެވެ. ޚާންގެ ހުނަރުގެ ސަބަބުން ބޮޑު އެމްޕަޔަރެއް އެއްބައިވަންތަ ކުރެވުނެވެ. އޭނާ މިކަން ކުރެއްވީ ވަރުގަދަ މަރުކަޒީ ކޮންޓްރޯލާއި ލޯކަލް މިނިވަންކަން ބެލެންސްކޮށްގެންނެވެ. އޭނާގެ އަސްކަރިއްޔާ ރަނގަޅަށް އިންތިޒާމުވެފައި އޮތީ، ޖަވާބުދާރީވުން ރަނގަޅު ކުރުމަށްޓަކައި ސާދާ ޑިސިމަލް ނިޒާމެއް ބޭނުންކޮށްގެންނެވެ. އަދި މައުލޫމާތު އެއްކުރުމަށް އިންޓެލިޖެންސް ނެޓްވޯކްތަކަށް ބަރޯސާވެ، ސްމާޓް ނިންމުންތައް ނިންމުމުގައި އެހީތެރިވެދިނެވެ.

ޖެންގިސް ޚާންގެ ލީޑަރޝިޕްގެ ހަތްވަނަ ސީއަކީ ކޮމިއުނިކޭޝަން ނުވަތަ މުވާސަލާތުކުރުމެވެ. ޚާން ރަނގަޅަށް މުވާސަލާތު ކުރުމުގެ ސަބަބުން އޭނާގެ ބާރުގެ ދަށުގައި އޮތް އެންމެން އެއްބައިވަންތަ ބައެއްގެ ގޮތުގައި އޭނާގެ ބާރުގެ ދަށުގައި އޮތުމަށް އެހީތެރިވެދިނެވެ. ޚާންގެ ޖެނެރަލުންނަށް އަވަހަށް އަދި އިތުބާރާއެކު ޢަމަލުކުރެވޭނެ ގޮތަށް ސާފު މެސެޖުތަކާއި ވަރުގަދަ ކޮމާންޑް ޗޭނެއް ބޭނުންކުރެއްވި އެވެ.

ލީޑަރޝިޕްގެ ހަގީގީ އިމްތިހާނަކީ ލީޑަރަކު ދޫކޮށްފައިވާ ދާ ލެގަސީ ދެމި އޮންނަ މުއްދަތެވެ. ޚާން ނިޔާވުމަށް ފަހުގައި ވެސް އޭނާގެ ސަރަހައްދު ގާތްގަނޑަކަށް 30 އަހަރު ވަންދެން އެގޮތުގައި ދެމި އޮތެވެ.

 
 
 
 
ޝެއަރކުރެއްވުމަށް