ފިކުރީ މުދާ ނުވަތަ އިންޓަލެކްޗުއަލް ޕްރޮޕަޓީ އަކީ، މީހަކު އެމީހެއްގެ އަމިއްލަ ޚިޔާލާއި ވިސްނުން ބޭނުންކޮށްގެން އުފައްދާ އާ އީޖާދުތަކާއި، އަދަބީ އަދި ފަންނީ މަސައްކަތްތަކާއި، ފަރުމާތަކާއި، ވިޔަފާރީގައި ބޭނުންކުރާ ނިޝާންތަކާއި ނަންތަކާއި ތަސްވީރުތަކެވެ. މިގޮތުން ޓްރޭޑްމާރކްތަކާއި، ކޮޕީރައިޓާއި، ޕޭޓަންޓާއި، އިންޑަސްޓްރިއަލް ޑިޒައިންއާއި ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނެނީ ފިކުރީ މުދަލުގެ ތެރޭގައެވެ. 

ފިކުރީ މުދާ އުފެއްދުމާއި އެފަދަ މުދާ ޙިމާޔަތްކުރުމަށް ބާރުއަޅައި ފިކުރީ މުދަލާމެދު މީހުން ހޭލުންތެރިކުރުމަށް ދުނިޔޭގައި އަންނަނީ ”ދުނިޔޭގެ ފިކުރީ މުދަލުގެ ދުވަސް“ (ވޯލްޑް އިންޓަލެކްޗުއަލް ޕްރޮޕަޓީ ޑޭ) ފާހަގަ ކުރަމުންނެވެ. އެ ދުވަހަކީ  ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހެވެ. ފިކުރީ މުދާ ޙިމާޔަތް ކުރުމުގެ ގޮތުން 2000 ވަނަ އަހަރު ވަނީ ”ވަރލްޑް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮގަނައިޒޭޝަން“ އުފައްދާފައެވެ.

ޕޭޓެންޓަކީ އީޖާދަކަށް ލިބިދޭ ޚާއްޞަ ޙައްޤެކެވެ. ޕޭޓެންޓްގެ ސަބަބުން އީޖާދުކުރާ ފަރާތްތަކަށް ފައިދާ ލިބެނީ އެމީހުންގެ އީޖާދުތަކުގެ ގާނޫނީ ރައްކާތެރިކަން ފޯރުކޮށްދީގެންނެވެ. ނަމަވެސް ޕޭޓެންޓްތަކުގެ ސަބަބުން މި އީޖާދުތަކާ ބެހޭ ފަންނީ މައުލޫމާތު އާންމުންނަށް ލިބޭނެ ގޮތް ފަހިކޮށްދެއެވެ. މިހެންވުމުން އާ އީޖާދުތައް އުފެއްދުމަށް މަގުފަހިވެ މުޖުތަމައަށް ފައިދާ ލިބެ އެވެ.

ކޮޕީރައިޓް (ލިޔުންތެރިޔާގެ ޙައްޤު) އަކީ އުފެއްދުންތެރިންނަށް އެމީހުންގެ އަދަބީ އަދި ފަންނީ މަސައްކަތްތަކުގެ މައްޗަށް ލިބިފައިވާ ޙައްޤުތައް ބަޔާންކުރުމަށް ބޭނުންކުރާ ގާނޫނީ ލަފުޒެކެވެ. ކޮޕީރައިޓްގެ ދަށުން ހިމެނޭ މަސައްކަތްތަކުގެ ތެރޭގައި ފޮތްތަކާއި، މިއުޒިކާއި، ކުރެހުންތަކާއި، ސްކަލްޕްޗަރތަކާއި، ފިލްމުތަކާއި، ކޮމްޕިއުޓަރ ޕްރޮގްރާމްތަކާއި، ޑޭޓާބޭސްތަކާއި، އިޝްތިހާރުތަކާއި، މެޕްތަކާއި، ޓެކްނިކަލް ކުރެހުންތައް ވެސް ހިމެނެއެވެ.

ޓްރޭޑްމާކަކީ އެއް ވިޔަފާރިއެއްގެ މުދާ ނުވަތަ ޚިދުމަތް އެހެން ވިޔަފާރިތަކުގެ މުދާ ނުވަތަ ޚިދުމަތާ ތަފާތު ކުރުމުގެ ގޮތުން ބޭނުންކުރާ ނިޝާނެކެވެ. ޓްރޭޑްމާކްތަކަކީ ފިކުރީ މުދަލުގެ ޙައްޤުތަކުގެ ދަށުން ހިމާޔަތްކުރެވޭ އެއްޗެކެވެ.

ގާނޫނީ ގޮތުން ބަލާއިރު ސިނާއީ ފަރުމާ (އިންޑަސްޓްރިއަލް ޑިޒައިނިންގ) އަކީ އީޖާދީ އުފެއްދުމެއްގެ ޒީނަތްތެރި ސިފައެވެ. އޭގެތެރޭގައި އެއްޗެއްގެ ބައްޓަން ފަދަ ތިން ޑިމޭންޝަނަލް ފީޗާސް ނުވަތަ ޕެޓަރން، ލައިން ނުވަތަ ކުލަ ފަދަ ދެ ޑިމޭންޝަނަލް ފީޗާސް އެކުލެވިގެންވެދާނެއެވެ.

ޖިއޮގްރަފިކަލް އިންޑިކޭޝަން އަކީ ވަކި ޖިއޮގްރަފިކަލް އަސްލެއް ހުންނަ އަދި އެ އަސްލެއްގެ ސަބަބުން ޚާއްޞަ ސިފަތަކެއް ލިބިފައިވާ އުފެއްދުންތަކުގައި ބޭނުންކުރާ ނިޝާނެކެވެ. މިފަދަ އުފެއްދުންތަކަށް ލިބިގެންވާ ޚާއްޞަ ސިފަ ބިނާވެފައިވަނީ އުފެއްދުމުގެ ޖިއޮގްރަފިކަލް ތަނުގެ މައްޗަށެވެ.

ފިކުރީ މުދާ ހިމާޔަތްކުރުމަކީ ފިކުރީ މުދަލުގެ ޙައްޤުވެރިންނާއި، ޙައްޤުގެ ބޭނުންކުރާ ފަރާތްތައް ލިބިދެވޭ ރައްކާތެރިކަމެއްގެ އިތުރުން ޒިންމާދާރުކުރެވޭ ކަމެކެވެ. ފިކުރީ މުދަލުގެ ރައްކާތެރިކަމަކީ ބައެއް މުޖުތަމަޢުތަކުގައި އެހާބޮޑަށް ވަޒަންކުރެވޭ ކަމެއްނޫނެވެ. މިހެން ވުމުން ފިކުރީ މުދަލުގެ ހައްޤުވެރިންނަށް އެކަށީގެންވާ ޢާމްދަނީއެއް އެ މުދަލަކުން ނުލިބެއެވެ. އެހެން ނަމަވެސް ދުނިޔޭގެ ކުރިއަރާފައިވާ އިޤްތިޞާދުތަކުގައި ފިކުރީ މުދަލަކީ އެމީހުންގެ އިޤްތިޞާދުގައި ވަރަށް ބޮޑުބައެއް ހިއްސާކުރާ އެއްޗެކެވެ. އަދި ފިކުރީ މުދަލުގެ ޙައްގުވެރިންނަކީ ނުވަތަ އުފެއްދުންތެރިންނަކީ ވަރަށް ބޮޑެތި އާމްދަނީ ލިބޭ ބައެކެވެ.

ފިކުރީ މުދާ ރައްކާތެރިކުރުމަކީ ޤައުމުގެ ތަރައްޤީއަށް ވަރަށް މުހިންމު ކަމެކެވެ. ފަންނީ އަދި އަދަބީ މަސައްކަތްކުރާ ފަރާތްތަކުގެ އުފެއްދުންތަކުން ދެމެހެއްޓެނިވި ގޮތެއްގައި އެފަރާތްތަކަށް ނަފާ ލިބޭނީ ފިކުރީ މުދާ ރައްކާތެރިކުރެވިގެންނެވެ. ދިވެހިރާއްޖެއަކީ ފިކުރީ މުދާ އުފައްދާ ހުނަރުވެރި އެތައްބަޔަކު ޒަމާނުއްސުރެ ދިރިއުޅެމުން އަންނަ ޤައުމެކެވެ.

ޝެއަރކުރެއްވުމަށް