މި އާޓިކަލްގެ ފުރަތަމަ ބައިގައި ބްރިކްސްއަކީ ކޮބައިކަމާއި، ބްރިކްސް ވުޖޫދުވުމުގެ ކުރިން ދުނިޔޭގެ އިގުތިސާދީ އޯޑަރ ތަރުތީބުކުރެވިފައި އޮތް ގޮތާއި، އަދި ބްރިކްސް ވުޖޫދުވުމުން ދުނިޔެއަށް އަންނަން ފެށި ބައެއް ބަދަލުތަކާ ބެހޭގޮތުން ކޮންމެވެސް ވަރަކަށް އަލިއަޅުވާލާފައިވާނެއެވެ. އެހެންކަމުން، ދެން އިތުރަށް އަލިއަޅުވާލެވޭތޯ މި ގަސްތުކުރަނީ، ބްރިކްސް އުފެދުމުން ފޮރިން ކަރަންސީގެ ނުފޫޒާއި އިގުތިސާދަށް އަންނަމުންދާ ބަދަލުތަކާއި، ގްލޯބަލް ސައުތަށް އޭގެ ސަބަބުން ކުރާނެ އަސަރުތަކާ މެދުގައެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން، ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ، އަދި ދެކުނު އެފްރިކާއާ އެކު ބްރިކްސް ވުޖޫދުވެގެން އައި ހިސާބުން ފެށިގެން، 2026 ޖަނަވަރީއާ ހަމައަށް އައިއިރު، ބްރިކްސްއާ އިތުރު އިގުތިސާދީ ބާރުތައް ގުޅި، ދުނިޔޭގެ އިގުތިސާދީ އަދި ސިޔާސީ މަންޒަރު އަލުން ބައްޓަން ކުރުމުގެ ގާބިލުކަން ވަނީ ހޯދާފައެވެ. މިހާރު ބްރިކްސްގެ މެންބަރުންގެ ގޮތުގައި، މިސްރު، އިތިއޮޕިއާ، އީރާން، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އަދި އިންޑޮނޭޝިއާ ފަދަ އިގުތިސާދުތައް އޮތުމަކީ ދުނިޔޭގެ ގުދުރަތީ ވަސީލަތްތަކުގެ ބޮޑު އިންސައްތައެއް ބްރިކްސްގެ ތެރޭގައި އޮތްކަން ރަމްޒުކޮށްދޭ ހެއްކެކެވެ. އަދި، ދުވަހުންދުވަހަކަށް ބްރިކްސްގެ ނުފޫޒު ފުޅާވެ، ބާރުވެރިކަން އިތުރުވަމުންދާ ކަމުގެ ހެއްކެއް ވެސް މެއެވެ.
އެހެނީ، ތަފާސް ހިސާބުތަކަށް ބަލާއިރު، 2025ވަނަ އަހަރުގެ ނިޔަލަށް، ޕަރޗޭސިންގ ޕަވަރ ޕެރިޓީ (ޕީޕީޕީ)އިން މިންކުރާ ދުނިޔޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 39އާއި 41 އިންސައްތަ ހިއްސާކޮށްފައިވަނީ ފުޅާވަމުންދާ ބްރިކްސް ބްލޮކުންނެވެ. އަނެއްކޮޅުން، ބްރިކްސްއާ ވާދަވެރި، ޖީ7ގެ ހިއްސާ އޮތީ ގާތްގަނޑަކަށް 28އާއި 30 އިންސައްތައިގައެވެ. 2000ގެ އަހަރުތަކުގެ ކުރީކޮޅު ޖީ7އަކީ ދުނިޔޭގެ ޕީޕީޕީ ޖީޑީޕީގެ 45އަށް ވުރެ ބޮޑު އިންސައްތައެއް ހިއްސާކުރި ބައެކެވެ.
ފެންނަމުންދާ ހިސާބުތަކުން ސާފުކޮށް އެނގޭ ގޮތުގައި، ދުނިޔޭގެ ގްރޯވްތު ރޭޓިންގައި އެންމެ ބޮޑު ހިއްސާއެއް ވަމުންދަނީ ބްރިކްސް ބްލޮކުންނެވެ. 2025ވަނަ އަހަރު، އެ ބްލޮކަށް ނިސްބަތްވާ ގައުމުތަކުގެ އެވްރެޖް ޖީޑީޕީ ގާތްގަނޑަކަށް 3.8އާއި 4 އިންސައްތައާ ދެމެދު ފުޅާވެފައިވެއެވެ. އަދި، ބްރިކްސްގެ ގްރޯވްތު ރޭޓިންގ، 2026ވަނަ އަހަރު 3.7 އިންސައްތައިގައި ދަމަހައްޓަމުންދާނެ ކަމުގައި ލަފާކުރެއެވެ.
ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި (48.5 އިންސައްތަ) ތަމްސީލުކުރަނީ ބްރިކްސްގެ ގައުމުތަކުންނެވެ. އަދި، ދުނިޔޭގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ގުދުރަތީ ވަސީލަތްތައް ކޮންޓްރޯލްކުރާ ބަޔަކީ ވެސް ބްރިކްސްގެ ގައުމުތަކެވެ. ހަމައެހެންމެ، ބްރިކްސް ބްލޮކަށް ނިސްބަތްވާ ނިއު ޑިވެލޮޕްމަންޓް ބޭންކް (އެންޑީބީ) ފަދަ އިންސްޓިޓިއުޝަންތަކުން ވަނީ، އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް ޑޮލަރުގެ ބަދަލުގައި އެ ގައުމުތަކުގެ ލޯކަލް ކަރަންސީން ފައިނޭންސްކޮށްފައެވެ. އަދި، 2026ވަނަ އަހަރުގެ ނިޔަލަށް އެ ބޭންކުން ދޫކުރާ ލޯން ފައިސާގެ 30 އިންސައްތަ ޑޮލަރު ނޫން ކަރަންސީން ދޫކުރަން ވަނީ އަމާޒު ހިފާފައެވެ.
މި ބަދަލުތަކުން ފެންނަމުންދާ މަންޒަރަކީ، ގްލޯބަލް ރިޒާވްގައި 57-59 އިންސައްތަ ޑޮމިނޭޓްކުރަމުންދާ އަދި، ބައިނަލްއަގުވާމީ ޓްރާންސެކްޝަންތަކުގައި 80 އިންސައްތަ ހިއްސާކުރާ ޔޫއެސް ޑޮލަރަަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ބްރިކްސްއިން ސްޓްރެޓެޖިކް ފިޔަވަޅުތަކެއް ނަގަން ފަށާފައިވާ ކަމެވެ. އޭގެތެރޭގައި، 2025ވަނަ އަހަރުގެ ފަހުކޮޅު ގޯލްޑް-ބެކްޑް ސެޓްލްމަންޓް ”ޔުނިޓް“ (40 އިންސައްތަ ރަން، 60 އިންސައްތަ ބްރިކްސް ފައިސާގެ ބާސްކެޓް)ގެ ޕައިލެޓް ލޯންޗުކުރުމަކީ ފެންނަން ފެށި ބޮޑު ބަދަލެކެވެ. ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ، ބްރިކްސްގެ މަރުކަޒީ ބޭންކުތަކުގައި، 2025ވަނަ އަހަރުގެ ނިޔަލަށް 6000 ޓަނަށް ވުރެ ގިނަ ގޯލްޑް ރިޒާވް ބަހައްޓާފައި ހުރިކަމެވެ. މި ފިޔަވަޅުތަކުން ޖިއޮޕޮލިޓިކަލް ޕްރެޝަރު އެމެރިކާއާއި ހުޅަނގަށް ދަނީ އަންނަމުންނެވެ. އެހެނީ، އެމެރިކާއިން ރަޝިޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ބްރިކްސްގެ ގައުމުތަކާ ދެކޮޅަށް އެމެރިކާގެ ރައީސް ޓްރަމްޕް އެޅި ޓެރިފްގެ ފިޔަވަޅުތަކާއި އިގުތިސާދީ އިންޒާރުތައް އޭގެ ހެއްކަކަށް ފުދެއެވެ.
ހަމަމިއާއެކު، މިހާރު ވެސް ބޭނުންކުރަމުންދާ ޗައިނާގެ ސީއައިޕީއެސް (ކްރޮސް ބޯޑަރ އިންޓަބޭންކް ޕޭމަންޓް ސިސްޓަމް)އާއި ރަޝިޔާގެ އެސްޕީއެފްއެސް (ސިސްޓަމް ފޮރ ޓްރާންސްފަރ އޮފް ފައިނޭންޝަލް މެސެޖަސް) ފަދަ ގައުމީ ވިއުގަތައް ގުޅުވައިދޭ ބްލޮކްޗޭންއަށް ބިނާކޮށް ލާމަރުކަޒީ ޕޭމަންޓް ސިސްޓަމެއް ކަމުގައިވާ ”ބްރިކްސް ޕޭ“ އިތުރަށް ފުޅާކުރަން ވިސްނުމާއި، ބްރިކްސް ގައުމުތަކުގައި ހިންގާ ޓްރާންސެކްޝަންތަކުގައި ޑޮލަރު ބޭނުންކުރުން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މަދުކުރުމުގެ ގޮތުން ލޯކަލް ކަރަންސީން ވިޔަފާރިކުރުން އިތުރުކުރަން ނިންމުން ފަދަ ބަދަލުތަކުގެ މިސްރާބު ހުރީ ސީދާ ޑީޑޮލަރައިޒޭޝަންއާ ދިމާއަށެވެ. ޑީޑޮލަރައިޒޭޝަންއަކީ، ދުނިޔޭގެ ރިޒާވް ކަރަންސީއެއްގެ ގޮތުގައި، ނުވަތަ މީޑިއަމް އޮފް އެކްސްޗޭންޖްގެ ގޮތުގައި އެމެރިކާ ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ.
ދުނިޔޭގެ ރިޒާވް ކަރަންސީގެ ގޮތުގައި އެމެރިކާ ޑޮލަރުގެ މައްޗަށް ބަރޯސާވާން ޖެހުމަކީ އަދިވެސް ދުނިޔެއަށް އޮތް އެންމެ ބޮޑު އިގުތިސާދީ އެއް ގޮންޖެހުމެވެ. ހަތިޔާރެއްގެ ގޮތުގައި ޑޮލަރުގެ ނިޒާމް ބޭނުންކޮށްގެން ހުޅަނގުން ޒަމާނުއްސުރެ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ފަދަ ނުފޫޒުތަކަކީ، އެކަމަށް ހައްލުތަކެެއް ނުވަތަ ބަދަލުތަކެއް ހޯދަން ޖެހިފައި އޮތް ކަމެއްގެ ގޮތުގައި މާހިރުން ފާހަގަކުރެއެވެ. އެ ކަންކަމަށް ހައްލު ހޯދުމުގެ ގޮތުން ބްރިކްސްގެ ބައެއް ގައުމުތަކުން މިހާރު ވެސް ދަނީ އެ ގައުމުތަކުގެ އަމިއްލަ ފައިސާ ޓްރޭޑްކުރުމުގައި ބޭނުންކުރަމުންނެވެ. އެގޮތުން، ދުނިޔޭގެ ވިޔަފާރި ބާޒާރުގައި އެ ގައުމުތަކުގެ ފައިސާ ދައުރުކުރުން އިތުރުކޮށް، ޕޭމަންޓް ސިސްޓަމްތައް ތަރައްޤީކޮށް، ބްރިކްސްގެ ޚާއްޞަ ކަރަންސީއެއް ނުވަތަ ފައިސާއެއް އުފެއްދުމާ ގުޅޭގޮތުން ދަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުންނެވެ. ޔޫނިއަންއިން ޔޫރޯ ބޭނުންކުރާ ބީދައިން، ބްރިކްސްއިން، އެއް ކަރެންސީއެއް ބޭނުންކުރަން ފެށުމަކީ ކައިރި ހިސާބެއްގައި ފެނިގެންދާނެ އެންމެ ބޮޑު އިގުތިސާދީ ބަދަލުގެ ގޮތުގައި މާހިރުން ފާހަގަކުރެއެވެ.
